ހަބަރު

ޕެޓްރޯލް ޝެޑްތައް 24 ގަޑި އިރަށް ބަދަލުކޮށްފި

ޕެޓްރޯލް ޝެޑްތަކާއި ޑީސަލް އަޅައިދޭ ތަންތަނުން 24 ގަޑިއިރު ހިދުމަތްދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދާށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން، މިއަދުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑި އިރަށް ހުޅުވާފައި ބެހެއްޓިދާނެ އެވެ.

އެ އިސްލާހު މިއަދު ގެޒެތްކޮށްފައިވާތީ، މިއަދުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފަށާނެ އެވެ. ޕެޓްރޯލް ޝެޑްތައް މިހާރު ހުޅުވަނީ، ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ހުކުރު ދުވަސްދުވަހު ހެނދުނު ވަގުތުތަކުގައި އެތަންތަން ހުންނަނީ ބަންދުކޮށްފަ އެވެ.

ވިޔަފާރީގެ ހިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އަމާޒްތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. ޕެޓްރޯލް ޝެޑުން ހިދުމަތްދޭ ވަގުތުތައް ކުޑަވެ، ޕެޓްރޯލް އެޅުމަށް ދިގު ކިޔުތަކެއް އޮންނަ މައްސަލައިގައި އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.