ދިވެހި ޕްރެމިއާ ލީގް

ދިވެހި ފުޓްބޯޅައިގެ "އޮފްސީޒަން" އިހްމާލު ކޮށްގެން ނުވާނެ!

މިއީ، ރާއްޖޭގެ ފުޓްބޯޅައިގެ އޮފް ސީޒަނެވެ. ރާއްޖޭގައި ސްކޫލް ބޮޑު ޗުއްޓީވެސް ދިމާވަނީ މި ދުވަސް ވަރަށެވެ. އަމިއްލަ ފަރާތްތަކުން ރާއްޖެ ތެރޭގައި ބާއްވާ ކޮމިޔުނިޓީ ފުޓްބޯޅަ މުބާރާތްތައް ވެސް ފޯރިއާ އެކު މިދުވަސް ވަރު ކުރިއަށް އެބަދެއެވެ. ގައުމީ ޓީމުގެ ކުޅުންތެރިނާއި ފުރަތަމަ ޑިވިޝަންގައިވެސް ކުޅޭ ބައެއް ކުޅުންތެރިން އެފަދަ މުބާރާތްތަކުގައި ކުޅޭ ޚަބަރުތައް ޖަހައި ދިނުމަށް އެކި ފަރާތްތަކުން ގުޅަމުން އެބަ ގެންދެ އެވެ.

މިއީ، ރާއްޖޭގެ ފުޓްބޯޅައިގެ އޮފްސީޒަންގައި ހާލަތު އޮތް ގޮތެވެ، ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަންގެ ބައެއް ކުޅުންތެރިންވެސް އެތިބީ މި ދުވަސްވަރުގައި ކުރިއަށްދާ މުބާރާތްތަކަށް ފޫގަޅައިލައިގެންނެވެ. ފަހަރަކު އަތޮޅެއް ނިންމަމަމުން، ފަހަރަކު މުބާރާތެއް ކުޅެމުންގޮސް މުބާރާތްތައް ނިމޭއިރު އޮންނަނީ، އަނެއްކާ އާ ސީޒަން ބޯމަތިވެފަ އެވެ. މިއީ މިދިޔަ އަހަރުވެސް އަޅުގަނޑު ދެއްކި ވާހަކަ އެވެ. އޮފް ސީޒަނަކީ ކުރިއަށް އޮތް ސީޒަން ތާޒާ ކަމާއެކު ފެށުމަށް ލިބޭ ވަގުތެވެ. ނަމަވެސް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިމޭތާ ހަފުތާއެއް ފަހުން ގޮސް މުބާރާތްތައް ކުޅެން ފަށައިގެން އާ ސީޒަނަށް އެންމެ ފުރިހަމައަށް ތައްޔާރު ވެވިދާނެ ހެއްޔެވެ.

ކުރިން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ފިޒިކަލް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރި، މިހާރު ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ)ގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވި ގޮތުގައި ދުރާލައި ޕްލޭން ކޮށްފައިވާ ޕްރީ ސީޒަން ޕްލޭނަކުން، އަހަރުގެ ދިގު ސީޒަންގައި ވެސް ކުޅުންތެރިން ފިޒިކަލީ އެއްވަރެއްގައި ހުރުމަށް ބާރު އަޅައިދޭނެ އެވެ.

"ޕްރީ ސީޒަނަކީ، ކުޅުންތެރިންނާއި ކުލަބުތަކަށް ވަރަށް މުހިންމު އެލެމެންޓެއް، މުބާރާތުގެ ކުރިން ކުޅުންތެރިންގެ ފެންވަރާއި ހާލަތު ދެނެގަނެވޭނެ އަދި ސީޒަންގެ މުބާރާތްތަކާ ކުރިމަތިލާއިރު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެވޭނެ މަރުހަލާއަކީ ޕްރީ ސީޒަން،" އޭނާ ވިދާޅުވި އެވެ.

"ދުރާލައި ޕްލޭންކޮށްގެން ރަނގަޅަށް އެކުލަވާލާފައި އޮންނަ ޕްރީ ސީޒަން ޕްރޮގްރާމެއްގެ ދަށުން ކުރިއަށް ގެންދެވިއްޖެނަމަ އަހަރު ތެރޭ އަންނަ ދިގު ސީޒަނާ ކުރިމަތިލާއިރު ކުޅުންތެރިންނަށް ފިޒިކަލީ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ފިޓްކޮށް ހުރުމަށްޓަކައި."

ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ޕްރީ ސީޒަން ޓްރެއިނިން ފަށާއިރުވެސް، ބައެއް ދިވެހި ކުޅުންތެރިން ތިބެނީ ލޮޑުވެފަ އެވެ. އޭނާ ބުނީ ކުޅުންތެރިން އަމިއްލައަށް އެކަމާ ވިސްނަން ޖެހޭ ކަމަށާއި، އާ ސީޒަން ތާޒާ ކަމާއެކު ފެށުމަށް ކުޅުންތެރިންވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ.

"ރަށްރަށުގައި ބޮޑު ޗުއްޓިގައި އޮންނަ މުބާރާތް ކުޅެން ގޮސް އަންނަ އިރު ކުޅުންތެރިން ތިބެނީ ލޮޑު ވެފައި، އެހެންވެ ސައިކޮލަޖިކަލީ ވެސް ތައްޔާރެއް ނުވޭ،" އޭނާ ބުންޏެވެ. "އޮފް ސީޒަންގައި ވަރަށް މުހިންމު ކަމެއް ރަނގަޅު ޗުއްޓީއެއް ހޭދަ ކުރުން، ނަމަވެސް ރަނގަޅު ޗުއްޓިއެއް ހޭދަ ކުރަނީވެސް މަދު ކުޅުންތެރިޔެއް."

ކުޅުންތެރިންނަށް ރަނގަޅު ޗުއްޓިއެއް ހޭދަ ކުރަން ފުރުސަތު ދިނުމުގައި ކުލަބުތަކުގެ ޒިންމާ ބޮޑެވެ. އެހެންނަމަވެސް ކުޅުންތެރިންގެ ހައްގުތަކާ މެދު ކުލަބުތަކުން އިހުމާލުވެފައިވާއިރު ރަނގަޅު ޗުއްޓިއެއް ކުޅުންތެރިންނަށް ހޭދަ ކުރެވޭނެ ގޮތެއް އެބައޮތް ހެއްޔެވެ. ސީޒަން ނިމިގެން ދިޔައިރުވެސް ބޮޑެތި ކުލަބުތަކުން ކުޅުންތެރިންނަށް މުސާރަ ނުދެ އެވެ. ކުޅުންތެރިންނަށް މުސާރަ ނުލިބޭ ކަމަށްވާނަމަ ރަނގަޅު ޗުއްޓިއެއް ހޭދަ ކުރެވޭނެ ގޮތެއް ނެތެވެ.

މި އަހަރު އެންމެ ހާލުގައި ޖެހުނު ކުލަބަކީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އެ ޓީމުގެ އޮފިޝަލަކު ބުނީ ޓީމުގެ ކުޅުންތެރިޔަކު ރަށަށް ދާން ޓިކެޓެއް ގަންނާނެ ގޮތް ނެތުމުން، އެކި މީހުން އަތުން ދަރަންޏަށް ފައިސާ ނަގައިގެން ޓިކެޓް ފައިސާ ހަމަކޮށްގެން ރަށަށް ދިޔަ ކަމަށެވެ. މިއީ ރަނގަޅަށް ޗުއްޓި ހޭދަ ކުރަން ބޭނުންވި ކުޅުންތެރިޔާއަށް ޖެހުނު ހާލެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން، ކޮންމެ އަހަރަކުވެސް ދިގެވެ. މި އަހަރު ފެބްރުއަރީގައި ފެށި ސީޒަން އެކި ސަބަބުތަކާހުރެ ނިމުނީ، ޑިސެމްބަރު މަހު ފަހު ކޮޅު އެވެ. އަދި އެއީ އެންމެ މުހިންމު ދެ މުބާރާތް ކަމަށްވާ، އެފްއޭ ކަޕާއި ޕްރެޒިޑެންޓް ކަޕު ކެންސަލު ކުރުމަށް ފަހު ވީވަރެވެ. ނުވިތާކަށް، ސީޒަން ހުޅުވާ މެޗުވެސް މި އަހަރު ކެންސަލް ކުރި އެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑު ޖުލައި މަހު ހަލާކު ވުމުން މެޗުތައް ކެންސަލް ކުރަން ޖެހުނެވެ.

އަދި އަންނަ އަހަރު އޮތްގޮތެއް ވެސް ނޭންގެ އެވެ. އޮފް ސީޒަން ޕްލޭން ކޮށްގެން، އާ ސީޒަނަށް ތައްޔާރުވުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ ފުޓްބޯޅައިގެ ހިނގުމުގެ އޮނިގަނޑު އޮތްގޮތެވެ. އެފްއޭއެމް އާއި ކުލަބުތަކުގެ ހިންގުމުގެ ނިޒާމު އޮތް ގޮތެވެ. އަންނަ އަހަރު ފުޓްބޯޅަ ކަލަންޑަރު އޮތް ގޮތެއް އަދި އެފްއޭއެމުން ހާމައެއް ނުކުރެ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ އެއްވެސް ޓީމަކަށް ފުރުސަތެއް ނުލިބެ އެވެ. ރާއްޖޭގެ ސީޒަން ފެށުން ޖޫން އަށް ބަދަލު ކުރަން ބޭނުންވާ ކަމުގެ ވިސްނުމެއް އެފްއޭއެމުން އެބަ ގެންގުޅެ އެވެ. ކުލަބުތަކާއެކު އެކަން ހިއްސާ ކުރެވި ހިޔާލު ބަދަލު ކުރެވިއްޖެ އެވެ. މިހާރު އޮތީ ދެފެން ދޭތެރޭގައެވެ. އެއަށް އަމަލު ކުރާނެ ކަމެއް ނުވަތަ ނުކުރާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

އޮފް ސީޒަންގެ އެންމެ ބޮޑު ބޭނުމަކީ އާ ސީޒަނަށް ތައްޔާރު ވުމެވެ. ނަމަވެސް އާ ސީޒަންގެ ކަލަންޑަރު އޮތްގޮތް ނޭންގި އާ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވެވޭނެ ގޮތެއް އެބައޮތް ހެއްޔެވެ. ކުޅުންތެރިންގެ ފޯކަސް އެކަމަށް ސަމާލުކަން ލިބޭނީ ސީޒަންގެ ކަލަނޑަރު ދުރާލައި އެނގިފައި އޮންނަނަމަ އެވެ.

އާ ސީޒަނަށް ތައްޔާރު ވުމަށް އޮފް ސީޒަން ރަނގަޅަށް ގެންދެވޭނެ ގޮތަކަށް އެފްއޭއެމް އާއި ކުަލބުތަކުން ވިސްނަން ޖެހެ އެވެ. އަދި ކުޅުންތެރިން އެކަމަށް ވަކިން ބޮޑަށް އިސްކަންދޭން ޖެހެ އެވެ. އާ ސީޒަން ތާޒާ ކަމާއެކު ފެށުމަށް އޮފް ސީޒަނަކީ އިހްމާލު ކޮށްލެވެން ނެތް ދާއިރާ އެކެވެ.