ހަބަރު

ޖަލުތަކުގެ ވެރިން ދުރުކޮށްގެން ނޫނީ އެތަން ރަނގަޅެއް ނުކުރެވޭނެ: މުހުތާޒު

މާފުށީޖަލުގެ ވެރިންގެ ވާހަކަ އަބަދަކު ނުދައްކާ ނުތިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖަލުގައި ގިނ ދުވަސްތަކެއް ހޭދަކުރެއްވި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މުހުތާޒު އެގޮތަށް ވިދާޅުވެފައިވަނީ ހޯމް މިނިސްޓްރީން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. ހޯމް މިނިސްޓްރީން ކުރި ޓުވީޓްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވި ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅެކެވެ. އެ ޓްވީޓްގައި ބުނެފައިވަނީ މީހެއްގެ އަސާސީ ހައްގުތަކާއި އިންސާނީ ކަރާމާތް ނަގައިލުމަކީ، އެމަނިކުފާނު ގަބޫލުކުރާ ހަމައެއް ނޫން ކަމަށާއި، ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން، އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.

އެޓުވީޓް ރީޓްވީޓް ކުރައްވާ މުހުތާޒު ވިދާޅުވީ، އެ ވާހަކަ ޓުވީޓް ކުރެއްވުމުގެ ބަދަލުގައި ރައީސް ސޯލިހުގެ އިލްތިމާސާއި އެއްގޮތަށް، ޖަލުގެ ކަންކަން ރަނގަޅު ކޮށްދިނުން އަވަހަށް އެދޭ ކަމަށެވެ. ހާއްސަކޮށް މާފުށީ ޖަލުގެ ކަންކަން ރަނގަޅު ކޮށްދިނުމަށް އެދޭކަމަށް މުހުތާޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ކުރެވޭނީ އެޖަލު ހިންގާ އިސްވެރިން ބަދަލުކޮށްގެން ކަމަށާއި، އަބަދަކު އެތަނުގެ ވެރިންގެ ވާހަކަ ނުދައްކާ ނުތިބޭނެ ކަމަށް ވިދާޅުވި އެވެ.

މުހުތާޒު ކުރެއްވި ޓުވީޓް

ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ސައްޙަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން އެމަނިކުފާނު ހައްޔަރު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މުހުތާޒުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، 2016 ވަނަ އަހަރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން އޮންނެވުމަށްފަހު މުހުތާޒު މިނިވަންވީ ހައިކޯޓުން އޭނާގެ ހުކުމް ބާތިލް ކުރުމުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.