ހަބަރު

ރާއްޖެއަށް އަލުން ކޮމަންވެލްތާ ގުޅެވޭނީ އަންނަ އަހަރު

Mar 13, 2019
3

ރާއްޖެ ކޮމަންވެލްތްގެ މެންބަރެއްގެ ގޮތުގައި އަލުން ބަލައި ގަންނާނީ، އަންނަ އަހަރުގެ ޖުލައިމަހު ރުވަންޑާގަ ބާއްވާ ކޮމަންވެލްތު އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ކެބިނެޓުން ނިންމައި މަޖިލީހުން މިހާރު ރުހުން ދީފައިވާތީ އެކަމާ ގުޅޭ ގޮތުން، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، އެއްވެސް ގައުމަކަށް ކޮމަންވެލްތްގެ މެންބަރަކަށް އަލުން ވެވޭނީ އެ ޖަމާއަތުގައި ކަނޑައަޅާފައި އޮންނަ އުސޫލުތަކުގެ ތެރެއިން ކޮމަންވެލްތް ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއްގައި އެ ގޮތަށް ނިންމައިގެން ކަމަށެވެ.

ކޮމަންވެލްތްގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއް އެންމެ އަވަހަށް އޮތީ ވެސް އަންނަ އަހަރު ޖުލައި މަހު ރުވަންޑާގަ އެވެ. ރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގައި ބައިވެރިވީ 9 ޖުލައި 1982 ގައެވެ.

ޝާހިދު ވިދާޅުވީ، ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ހިލާފަށްކަމަށް ވާތީ އެކަން އެ ޖަމާއަތުގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އެހެން ކަމުން އަންނަ އަހަރު ބާއްވާ އިސްވެރިންގެ ބައްދަލުވުމުގެ ކުރިން ވެސް ރާއްޖެއަށް އަލުން ކޮމަންވެލްތުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖަނަރަލްގެ އަރިހުގައި ދަންނަވާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އިނގިރޭސި ވިލާތާއި، ކޮމަންވެލްތް މެންބަރު ބައެއް ގައުމުތަކުގެ ސަރުކާރުތަކާއެކު ކުރެއްވި މަޝްވަރާތަކުގައި، ކޮމަންވެލްތުގެ މެންބަރުކަން ރާއްޖެއަށް އަވަހަށް ލިބެންޖެހޭކަން އެގައުމުތަކުންވެސް ގަބޫލުކުރައްވާ. އެކަމުގެ މަޝްވަރާތައް ކުރިއަަށްދޭ،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. "ކޮމަންވެލްތުގެ ވަފުދުން ރާއްޖެއައިސް އެކުލަވާލި ރިޕޯޓް މިހާރުވަނީ ސެކްރަޓަރީ ޖެނަރަލް އަތްޕުޅަށް ލިބިފައި. ދެން ކޮމަންވެލްތުގެ އުސޫލުތަކުގެ ތެރެގައި މިކަން ހިނގާކަމަށް ވިއަސް މިއަންނަ އަހަރުގެ ޖުލައިމަހު ރުވަންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ރަސްމީގޮތުން މެންބަރަކަށްވާނެ"

ޝާހީދު ވަނީ ރާއްޖެ ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން، ތައުލީމީ ދާއިރާއިން ލިބޭ ސްކޮލަޝިޕްތަކާއި ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތައް ގެއްލިފައިވާކަމަށް ވިދާޅުވެފަ އެވެ. ޝާހިދު މީގެ ކުރިން ވިދާޅުވި ގޮތުގައި، ކޮމަންވެލްތުއަކީ ވަރަށް ގިނަ ދާއިރާތަކުން މެންބަރު ގައުމުތަކަށް އެހީވެދޭ ޖަމިއްޔާއެކެވެ. އެގޮތުން މީހުން ބިނާކުރުމާއި، ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރުމުގެ އިތުރުން ކޮމަންވެލްތު ގައުމުތަކަށް ދިވެހިން ދަތުރުކުރުމުގައި ލިބޭ ލުއިތައް ވެސް ކޮމަންވެލްތުން ވަކިވުމުން ރާއްޖެއަށް ގެއްލިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ ކޮމަންވެލްތުން ވަކިވީ، 13 އޮކްޓޫބަރު 2016ގަ އެވެ. ކޮމަންވެލްތާ ރާއްޖެ އަލުން ގުޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.