ރިޕޯޓް

ކްރައިސްޓްޗާޗްގައި އުޅޭ ދިވެހިންނަށް ވެސް ބިރުވެރި ދުވަހެއް

Mar 15, 2019
3

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗްއަކީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ވެސް މަންޒިލެކެވެ. އެ ސިޓީ މަޝްހޫރުވެފައި ވަނީ ބިރުވެރިކަމެއް ހާސްކަމުން ނެތް ފެހިކަމާއި އުފާވެރި ކަމުގެ ސަރަހައްދެއްގެ ގޮތުގަ އެވެ. ދީނެއް މިއްލަތެއް، ކުލައައަކަށް ތަފާތު ކުރުމެއް ނެތި އެންމެން ވެސް ދިރިއުޅެމުން ދިޔައީ އުފާވެރި ކަމުގެ ތެެރޭގަ އެވެ.

އެ ސަރަހައްދުގައި ކިޔަވާ ދިވެހި ޒުވާނެއް ކަމަށްވާ، އިބްރާހިމް މުހައްމަދު އޭނާ ކިޔަވަމުންދާ ކެންޓަބަރީ ޔުނިވަސިޓީއަށް ދިޔައީ މިއަދަކީ ވެސް އާދައިގެ ދުވަހެއް ކަމަށް ބަލައިގެން އެވެ. ހިނގާލާފައި ބަސް ސްޓޭންޑާ ހަމަޔަށް ގޮސް ބަހަށް އަރައިގެން އޭނާ ޔުނިވަސިޓީއަށް ދިޔައިރު އެއްވެސް ހާސްކަމެއް ނެތެވެ. އެކަމަކު މެންދުރުގެ އެ ވަގުތަކީ އެހަމަލާތަކުގެ ކަންތައްގަނޑު ހިނގައިގެން އުޅޭ ވަގުތެކެވެ. އެކަމަކު އެ ހަބަރު އޭރު ފެތުރިފައި ނެތުމުން، އިބްރާހިމްގެ އެއްވެސް ހާސްކަމެއް ނެތެވެ. އެއީ އޭނާއަށް ހަމަ ވަރަށް އާދައިގެ ދުވަހެކެވެ.

"ބަހުން ދިމާވި އެންމެން ވެސް އޭރު ހަމަ ހިނިތުންވެލާފައި ވަރަށް ހަމަޖެހިފައި ތިބީ،" އިބްރާހިމްގެ ތަޖުރިބާ "އަވަސް"އަށް ކިޔައިދެމުން އޭނާ ބުންޏެވެ.

އޭނާ ބުނީ ޔުނިވަސިޓީގެ ފުރަތަމަ ކްލާސް ފެށިގެން ކުރިއަށް ދަނިކޮށް ސަޕޯޓް ސްޓާފެއްގެ އިޝާރާތާ އެކު ލެކްޗަރާ ކްލާސް މެދުކަނޑާލި އެވެ. ވާހަކަތަކެއް ދެއްކުމަށް ފަހު ލެކްޗަރާ އެނބުރި ކްލާހަށް އައީ މާޔޫސްވެ ހުރެގެން އެވެ. އޭނާގެ މޫނުމަތިން އޭރު ހާސްކަން ފެނެ އެވެ. ލެކްޗަރާ އެންގީ އެއްވެސް ކުއްޖަކު ޔުނިވަސިޓީއިން ނިކުތުން މަނާކަމަށެވެ. އެތައް ގަޑިއިރަކު ޔުނިވަސިޓީ ތެރޭގައި އިބްރާހިމް ވެސް މަޑުކުރަން ޖެހުނެވެ. އޭނާ ސިފަކުރާ ގޮތުގައި އެއީ ހާސްކަމުގެ ގަނޑިއިރުތަކެކެވެ.

"ލެކްޗަރާ ބުނެފި ޓެރަރިސްޓް ހަމަލާއެއް ދީގެންނޭ އުޅެނީ. ވަގުތީ ގޮތުން ކްލާސްތައް މެދުކަނޑާލަނިއްޔޭ. އެއްްވެސް ކުއްޖަކު ޔުނިވަސިޓީގެ ކެމްޕަހުން ނިކުތުން މަނާވާނެ. އެ ހިސާބުން އެންމެން ވެސް ޕެނިކް ވެއްޖެ. އެންމެން ބެލީ ކިހިނެތްތޯ ވެގެން އުޅެނީ ބަލަން. އާއިލާތަކަށް ގުޅަން ފެށީ ކޮންމެ ކުއްޖެ ވެސް. ދެން ހަބަރުތައް އަންނަން ފަށައިފި ވަރަށް ބައިވަރު މުސްލިމުން މަރާލައިފިޔޭ. މިސްކިތެކޭ އެއީ. އެ ހިސާބުން އަދި މާބޮޑަށް އަހަރެން ވެސް ޕެނިކްވި،" މިއަހަރު ފެށުނުތަނާހެން ނިއުޒިލެންޑަށް ގޮސް، މާކެޓިންގެ ދާއިރާއިން ކިޔަވަން ފެށި އިބްރާހިމް ބުންޏެވެ.

ނަސީބު ރަނގަޅު ކަމުން އިބްރާހިމް މިއަދު ސަލާމަތްވީ އެވެ. އޭނާ އާންމުކޮށް ހުކުރަށް ދަނީ މިއަދު ހަމަލާތައް ދީ 49 މުސްލިމަކު މަރާލި ކްރައިސްޓްޗާޗްގެ މައި މިސްކިތް "އަލް ނޫރު" މިސްކިތަށެވެ.

"މިއަދު ކްލާސްތައް މެންދުރު އޮތީމާ ހުކުރަށް ނުގޮސް ސީދާ ޔުނިވަސިޓީއަށް އައީ. އެ މިސްކިތަށޭ ހަމަލާދިނީ ބުނީމާ ނޭނގެ ވީގޮތެއް ވެސް. ކޮންމެވެސް ވަރަކަށް ފެނި ދަންނަ މީހުން ވެސް އެ މިސްކުތައް ދޭ. އެހެން ކުދިން ވެސް ހާސްވެގެން އުޅޭތަން ފެނުނީމާ އަހަރެންގެ ވެސް ހާސްކަން ބޮޑުވި. ދުވަހަކުވެސް މިކަހަލަ ތަޖުރިބާއެއް ނެތް. ލޮކްޑައުންގައި ތިބި ގާތްގަނޑަކަށް ގަޑިއެއްހާއިރު ހަމަ ވަރަށް ހާސްކަމުގައި ދިޔައީ،" އިބްރާހިމް ކިޔައިދިނެވެ.

ނިއުޒިލޭންޑަށް މެންދުރު ވަގުތުގައި ދިން މި ހަމަލާތަކުގައި ބަޑި ހިފައިގެން ތިބި ބަޔަކު ވަދެ ހަމަލާދިނީ އެ އަވަށުގެ މައި މިސްކިތަށެވެ. ހުކުރު ދުވަސްކަމުން ގިނަ މުސްލިމުން މިސްކިތައް ޖަމާވެފައި އޮތް އިރު، ބަޑި ޖެހުމުގެ ސަބަބުން، 49 މުސްލިމަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު އެހެން މިސްކިތެއްގެ ކައިރީ ބޮމެއް ގޮއްވާލަން އުޅެނިކޮށް އެ ގައުމުގެ ފުލުހުން ވަނީ އެކަން ހުއްޓުވައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި، މީހުންގެ އަދަދު 50ހާ ގާތްކުރެ އެވެ.

އިބްރާހިމް ބުނި ގޮތުގައި ޔުނިވަސިޓީގެ ކްލާސްތައް މެދުކަނޑާލާ ހުރިހާ ކުދިން ވެސް ގެޔަށް ފޮނުވާލި އެވެ. ބަހުގައި ގެއަށް އައި މަގުމަތީގައި ވެސް ހަތިޔާރު އެޅި ގިނަ އަދަދެއްގެ ސިފައިން މަގުތަކުގައި ހަރަކާތްތެރިވާންތަން ފެނެ އެވެ. މުޅި ގައުމަށް އޮތީ ބިރާއި ސިހުން ގެނުވައިފަ އެވެ.

އިބްރާހިމް ބުނި ގޮތުގައި އެއީ ކްރައިސްޓްޗާޗުން ފެންނަ މަންޒަރެއް ނޫނެވެ. އެ އަވަށުގެ މަގުތަކުން މީގެ ކުރިން ފެންނަނީ އުފާވެރިކަމާއި އެކުވެރިކަމުގެ މާހައުލެއް ކަމަށް އިބްރާހިމް ބުންޏެވެ. މަގުތަކުގައި އިންތިހާއަށް ޓްރެފިކް ބޮޑުވެ، ދަތުރުފަތުރު ކުރަން ވެސް އޮތީ އުނދަގޫވެފަ އެވެ. ގެޔާ އެންމެ ކައިރީ ބަސް ސްޓޭންޑަށް މަޑުކޮށް، އިބްރާހިމް އާންމުކޮށް ގެޔަށް ދަނީ ހިނގާފަ އެވެ. އެކަމަކު މިއަދު ގަންފައި ހުރި ބިރެއްގެ ބޮޑުކަމުން އޭނާ ގެޔަށް ވެސް ދިޔައީ ރަހުމަތްތެރިއަކަށް ގުޅައިގެން އޭނާގެ ކާރުގަ އެވެ.

"މިއަދު ގެއަށް ވެސް އާދެވުނީ ދޮޅުގަނޑިއިރުން. ކުރިން 30 ހަކަށް މިނެޓުް އާދެވޭނެ. އެކަނި ހިނގާފައި ދާން ފާޑަކަށް ހުރީ ބިރުގެންފައި. މިއިން ދުވަހަކު މިކަހަލަ ކަމެއް ނުވޭ. މުޅި ހިސާބުގައި ވެސް ފެންނަނީ ފަޅުކަން. އެހާ އަވަހަށް ތަންތަން ވެސް ހުރީ ބަންދުކޮށްފައި. ވަރަށް ބިރުން މިއަދު މި ހުރީ. އެހާބައިވަރު މީހުން މަރާލީމާ އަސްލު ޝޮކްގައި މި ހުރީ. ހިތައް އަރާ މިހާރު އެކަނި ހިނގާ އުޅެވޭ ވަރަށް މިތަން ސޭފް ހެއްޔޭ ވެސް. ކުރިން އެކަނި ރޭގަނޑުވެސް ހިގާލާފައި ތަންތަނަށް ވެސް ދަން. ގޭން ނުކުންނަން ވެސް ބިރުން މިހުރީ މިއަދު،" އިބްރާހިމް ބުންޏެވެ.

ފޮރިން މިނިސްޓްރީ އިން ޔަގީންކަން ދޭން ގޮތުގައި އެ ހަމަލާ ދިން ވަގުތު އެއްވެސް ދިވެއްސަކު މިސްކިތުގައި ނެތެވެ. ފޮރިން މިނިސްޓްރީ އިން ބުނީ، އެއްވެސް ދިވެއްސަކަ އެ ހާދިސާގައި އަނިޔާއެއް ނުވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެ ހަމަލާއިން ސަލާމަތްވި ބައެއް މީހުން އެކަން ސިފަކުރި ގޮތުގައި، ހެލްމެޓެއް އަޅައިގެން ހުރި މީހާ މިސްކިތް ތެރެއަށް ވަދެ ތަނެއް ދޮރެއް ބަލައި ނުލައި އެކި ދިމަ ދިމާލަށް ބަޑި ޖެހި އެވެ. އަދި ފެނުނު މީހެއްގެ ގަޔަށް ދިޔައީ ބަޑި ޖަހަމުން އެވެ. އަދި އަންހެނެއް، ކުޑަކުއްޖެއް ބެލުމެއް ނެތި ބަޑިޖަހަމުން ދިޔައިރު މީހުންގެ ގައިން އޮހޮރެމުން ދިޔަ ލޭން ތަޅުންމަތީގައި ކޯރު ހެދެމުން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އަދި ބައެއް އަންހެނުންނާއި ކުޑަކުދިން އެހީއަށް އެދި ހަޅޭލައްވައި ރޮމުން ދިޔަ ކަމަށް ވެސް ސަލާމަތްވި މީހުން ބުންޏެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު އެ ހާދިސާ ސިފަކުރެއްވީ އެ ގައުމަށް ކުރިމަތިވި ކަޅު ދުވަހެއްގެ ގޮތުގަ އެވެ. އަދި އެއީ ދަށު ދަރަޖައިގެ ރަހުމަތް ނެތް ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި އެކަން އޭނާ ސިފަކުރެއްވި އެވެ. އެ ހަމަލާތަކާ ގުޅިގެން، 20 އަހަރުގެ އޮސްޓްރޭލިޔާ ރައްޔިތެއް ހައްޔަރުކޮށް، ދައުވާ އުފުލަން ވަނީ ނިންމައިފަ އެވެ. އަދި އިތުރު ދެ މީހަކާއި އަންހެނަކު ވެސް ވަނީ މިހާރު ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

އެ ހަމަލާ ދިން އެކަކު ގެންދިޔައީ، ނިތްކުރީގައި ހަރުކޮށްފައި ހުރި ކެމެރާއެއް ބޭނުންކޮށްގެން އެ ހަމަލާތައް ދިން ވަގުތު ފޭސްބުކް މެދުވެރިކޮށް ލައިވްކުރަމުން އެވެ. ނިއުޒިލެންޑް ސަރުކާރުން ވަނީ އެ ވީޑިއޯ ޝެއާކޮށް ނުހެދުމަށް އިރުޝާދު ދީފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ އެ ހަމަލާތައް ކުށްވެރި ކުރައްވައި އާއިލާތަކަށް ތައުޒިޔާ ދަންނަވައިފަ އެވެ.