ހަބަރު

ބަދަލު ހޯދަން ނާޒިމް ހުށަހެޅި މައްސަލަ ބަލައިނުގަތް

ސުޕްރީމް ކޯޓުގެ ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ނާޒިމްގެ ގޮނޑި ގެއްލުނީ މަކަރާއި ހީލަތުގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އެ ހުކުމް ހަމަ އެ ކޯޓުން ވަނީ ރިވިއުކުރުމަށްފަހު ބާތިލްކޮށްފަ އެވެ. ހުކުމް ބާތިލްކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމުމާއެކު އެވެ.

އެހެންވެ ނާޒިމް ވަނީ ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާއި ޕެޝަން އަދި ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އޭގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލަ މިދިޔަ ފެބުރުއަރީ މަހު އެ ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާ ނިންމާފައިވަނީ ޝަރުއީ ކޯޓުތަކުން ނިންމާ އެއްވެސް ނިންމުމަކާ ގުޅޭ ގޮތުން ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގެ އިހްތިސޯސް އެ ކޯޓަށް ނޯންނަ ކަމަށެވެ.

ނަމަވެސް ނާޒިމް ވަނީ ރަޖިސްޓްރާގެ އެ ނިންމުން އަލުން ބަލައިދިނުމަށް އެދިފަ އެވެ. އަލުން ބެލުމަށްފަހު ވެސް ސިވިލް ކޯޓުން ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ. އެގޮތަށް ނިންމީ ޝަރީއަތަކުން ކުރާ ހުކުމެއް އެ ނޫން ގޮތަކަށް ކަނޑަނާޅާ ދެމި އޮތްވާ އެ ހުކުމެއް ތަންފީޒުކުރާ ކަމެއްގައި ތަހައްމަލު ކުރި ކަމެއް، އެ ހުކުމެއް ބާތިލްވުމުން އޭގެ ބަދަލެއް ހޯދުމަށް ދައުވާ ކުރެވޭނެ ގޮތަށް ގާނޫނު އަސާސީގައި ނެތް ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.

އެ ނިންމުން ނިންމާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ނިންމެވުމަކީ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ނިންމެވުމެކެވެ.

ބަދަލު ހޯދަން ނާޒިމް ކޯޓުގައި ދައުވާކުރެއްވިއިރު ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުންނަވަ އެވެ. އަހުމަދު ފާރިސް މައުމޫން އެ މަގާމަށް ވަޑައިގެންނެވީ ނާޒިމްގެ ގޮނޑި ގެއްލުމާއެކު އެވެ. ނާޒިމް އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް އަލުން ވާދަކުރައްވަ އެވެ.