ރާޅު ގުޑި އިވެންޓް

ކެލާގެ ވެލިމަލައިން ރާޅުގުޑިއަށް ހޫނު މަރުހަބާއެއް!

ކެލާއިން: ނާޒިމް ހަސަން
Jun 30, 2019

ހއ. ކެލާގެ ރީތި މޫދާއި ގޮނޑުދޮށަކީ މުޅި ރާއްޖެއަށް މަޝްހޫރު ކަމެކެވެ. ގިނަ ދިވެހިންގެ ޗުއްޓީގެ މަންޒިލެއްގެ ގޮތުގައި ވަރަށް ބާރަށް މަޝްހޫރުވަމުން އަންނަ ކެލާއަށް މިއަދު މިއީ ބޮޑު އީދެއް ކަހަލަ ދުވަހެކެވެ. ރަށުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ނަލަ ހެދިލައިގެން ބޭރަށް ނުކުތް ދުވަހެކެވެ. ކެލާއަށް "ރާޅުގުޑި" އައީ އެވެ.

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމުގެ ހަރަކާތް މިހާރު ނިމުމާ ގާތްވެފައިވާއިރު މިއަދުގެ މަންޒިލަކީ ކެލާ އެވެ. ކެލާއަށް ނައްޓާލީ އިއްޔެ ހދ. ކުޅުދުއްފުށީގައި މަޑުކޮށް އެ ރަށުން މިއަދު ހެނދުނުނެވެ. ކުޅުދުއްފުށިން ކެލާއަށް ކުރި ދަތުރުގައި ދެ ރަށެއްގައި ކައިޓް ސާފަރުން މަޑުކުރި އެވެ.

ހަތަރު އެތުލީޓުން ކައިޓް މިއަދު އެންމެ ފުރަތަމަ އެރީ ހއ. އުތީމަށެވެ. އެ ރަށުގެ ރީތި ގޮނޑުދޮށުގައި ކައިޓްތައް ބޭއްވުމަށްފަހު އެތުލީޓުން ދިޔައީ އުތީމު ގަނޑުވަރު ބަލާލާށެވެ. ގަނޑުވަރުގެ ޓުއާއަށްފަހު އެ ތަނުގައި ފޮޓޯ ނަގާ އެތުލީޓުން ހެދި އެވެ. އެ ގަނޑުވަރުގެ ވާހަކަތައް ހަތަރު އެތުލީޓުންނަށް ވެސްވީ ވަރަށް ޝައުގުވެރި ވާހަކަތަކަކަށެވެ.

އުތީމުން ފުރައިގެން ދިޔައީ އެ ރަށާ މާދުރު ނޫން މުރައިދޫއަށެވެ. މުރައިދޫގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ކެލާއަށް ނައްޓާލީ އެވެ. ކެލާއާ ކައިޓްތައް އަރާ ހަމަކުރިއިރު ރައްޔިތުން ތިބީ ބަނދަރު މަތީގަ އެވެ. ކުޑަކުދިންތައް ސަގާފީ ހެދުމުގައި ރީތިވެގެން ތިއްބެވެ. އަތުގައި މާބޮޑިތަކާއި ބޮލިން ހަދާފައިވާ ހާރުތައް ހުއްޓެވެ. އެތުލީޓުންނާއި މުޅި ކުރޫއަށް ބޮލިން ހަދާފައިވާ ރީތި ހާރުތައް ހަދިޔާކުރި އެވެ.

އެތުލީޓުން ރަށަށް އަރައިގެން ބަނދަރު މަތީ އެއްވެ ތިބި ހުރިހާ މީހުންނާ ސަލާމްކުރި އެވެ. އޭރު ރަށުގެ އަންހެންވެރިން ދިޔައީ މަރުހަބާ ކިޔުމަށް ދަނޑި ޖަހަމުންނެވެ. ކެލާގެ ދަނޑިޖެހުމަކީ ވެސް ތަފާތު މަޝްހޫރު ދަނޑިޖެހުމެކެވެ. މަރުހަބާއަށް ދަނޑި ޖަހައި ބެރު ޖަހައި ރަށު ތެރޭގައި އޮތީ ފޯރި ހިއްޕާލާފަ އެވެ. ކުރުނބާއަށްފަހު ރަށުގެ ރައްޔިތުންގެ ފަރާތުން މުޅި ކުރޫއަށް މީރު ހެދިކާތަކުން ސައި ދިނެވެ. އޭރު ވެސް އެތުލީޓުންނާއެކު ފޮޓޯ ނެގުމަށް ދިގު ކިއުއެއް ދަމާލާފައި އޮތެވެ.

ފޮޓޯ ސެޝަންއަށްފަހު، އެތުލީޓުން ވަނީ އަލުން މޫދަށް އެރި ކައިޓް ސާފިންގެ ހުނަރުތައް ދައްކާލާފަ އެވެ. އެތުލީޓުންގެ އުކުޅުތައް ދައްކަމުންދިޔައިރު ރަށުގެ ރައްޔިތުންގެ ފަރާތުން ހޫނު ތަރުހީބެއް ދެމުންދިޔަ އެވެ. ކުޑަކުދިންނަށް އެކަންވީ ވަރަށް ޝައުގުވެރި ކަމަކަށެވެ.

މިއަދު ކެލާއިން އެތުލީޓުންނަށް ހޫނު މަރުހަބާއެއް ކީއިރު ހަތަރު އެތުލީޓުންގެ ތެރެއިން ދިވެހި ތިން އެތުލީޓުންނަށް މިއަދު ވަރަށް ހާއްސަ އެވެ. ތިން އެތުލީޓުންގެ ވެސް އަނބިމީހާ މިއަދު ވަނީ އެތުލީޓުންގެ ދަތުރާ ގުޅިފަ އެވެ. ދަތުރުގެ ބާކީ ބައިގައި އެމީހުން ވެސް ލޯންޗު ކުރޫއާއެކު ދަތުރު ކުރާނެ އެވެ.

މިރޭ ކެލާގެ ފަރާތުން އެތުލީޓުންނާއި ދަތުރުގެ ކުރޫއަށް ހާއްސަ ބާބަކިއުއެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. މިރޭ ދަތުރުގެ ބައިވެރިން ކެލާގައި މަޑުކުރުމަށްފަހު ދަތުރު ފަށާނީ ހއ. ގެ އެހެން ރަށްރަށެވެ. މާދަމާ ނޫން އަނެއް ދުވަހަކީ ތާރީހީ ދަތުރުގެ ފަހު ދުވަހެވެ. ދަތުރު ނިންމާލަނީ ތުރާކުނަށެވެ.