އަލީ ހަމީދު

ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންވެއްޖެ

ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ތަންފީޒު ކުރައްވަމުން ގެންދެވި ހުކުމްގެ މުއްދަތު ހަމަވެ އޭނާ މިނިވަން ވެއްޖެ އެވެ.

ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަލީ ހަމީދު ތަންފީޒު ކުރައްވަމުން ގެންދެވި ހުކުމްގެ މުއްދަތު ހަމަވީ މިދިޔަ ސެޕްޓެންބަރު މަހުގައި ކަމަށެވެ. ނަމަވެސް ހުކުމްގެ މުއްދަތު ހަމަވެ، އަލީ ހަމީދު މިނިވަންވި ސީދާ ދުވަހެއް ވިދާޅުވެއް ނުވި އެވެ.

އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ. އެ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ. އެ ހުކުމަށް ހައިކޯޓާއި، ސުޕްރީމް ކޯޓުންވެސް ތާއީދު ކޮށްފައި ވެއެވެ.

އަލީ ހަމީދު ޖަލަށް ލުމަށް ހުކުމް ކުރުމާއެކު، އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލް ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އަލީ ހަމީދުގެ މައްޗަށް އިއްވި ހުކުމްގެ އެއްބައި ތަންފީޒު ކޮށްފައި ވަނީ ޖަލުގަ އެވެ. އަދި ފަހުން އޭނާ ހުންނެވީ ގޭގައެވެ. އެހެންކަމުން ހުކުމްގެ ބާކީ ބައި ތަންފީޒު ކުރެއްވީ ގޭ ބަންދުގައި ހުންނަވައިގެނެވެ.

އަލީ ހަމީދުގެ މައްޗަށް މި ނޫން އިތުުރު ދައުވާތައް ވެސް އުފުލައި ހުކުމް ކުރި އެވެ. އޭގެ ތެރޭގައި އެކެއް ފެބްރުއަރީގައި ސުޕުރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ތަހުގީގަށް އޭނާގެ ފޯނު ދޭން ދެކޮޅު ހެއްދެވި މައްސަލައާއި ގުޅިގެން އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ އުފުލި އެވެ. އެ ދައުވާ ސާބިތުވާ ކަމަށް ނިންމާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ވަނީ އިއްވި އެވެ. ނަމަވެސް ފަހުން ހައިކޯޓުން ވަނީ އެ ހުކުމް ބާތިލް ކޮށްފަ އެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރިޝްވަތުގައި ހިފި ކަމަށް ބުނެ، ރިޝްވަތުގެ ދައުވާއެއް ވެސް އުފުލި އެވެ. ނަމަވެސް އެ ދައުވާ ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

މިދިއަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ޖަލުގައި އޭރު ތިއްބެވި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރަން އަމުރު ކޮށްފައި ވެއެވެ. ނަމަވެސް އެ އަމުރަށް އޭރުގެ ސަރުކާރުން ތަބާވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އަމުރު ނެރުުނު ފަނޑިޔާރުންގެ ތެރެއިން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށް ދައުވާ އުުފުލީ އެވެ. އަދި އެ ދައުވާތައް ސާބިތުވުމުން އެ ދެ ބޭފުޅުންނަށް މަގާމު ވެސް ގެއްލި ވަޑައިގަތީ އެވެ.

ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުން ނެރުނު އަމުރުގެ އެކި ބައިތައް ވަކިވަކިން ބާތިލްކުރަމުން ގެންގޮސްފަ އެވެ.