ރިޕޯޓް

އިންކަމް ޓެކްސް ރާއްޖޭގައި ވަށާޖެއްސޭނެތަ؟

ދެހާސް ނުވަ ވަނަ އަހަރު ޓެކްސް ނިޒާމު ރާއްޖޭގެ ހަފޮޅުން ވަދެގެން އައީ އުންމީދާ އެކުގަ އެވެ. އޭރު އުންމީދަކަށްވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ރައްޔިތުންގެ ފުދުންތެރިކަން މަތިވެ، މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަވުމެވެ. އެކަމަކު ޓެކްސް ނިޒާމު ދިހަ އަހަރަށް ވުރެ ދޮށީ ވެގެންދާއިރު ވެސް އެ މަގުސަދު ހާސިލެއް ނުވެ އެވެ. ޓެކުހުން ގިނަ ހިދުމަތް ތަކެއް "ހިލޭ" ކުރެވުނެއް ކަމަކު މި ފަރަގުވީ ބޮޑެވެ. މިއާއެކު ސަރުކާރުގެ މިހާރުގެ އަމާޒަކީ ޓެކްސް ލިސްޓުން އަތް ނުލެވި އޮތް "އިންކަމް ޓެކްސް" ނަގަން ފަށާށެވެ. މިއީ ވަކި ފަރުދުންގެ އާމްދަނީ އިން ނެގޭ ޓެކުހެކެވެ. ޓެކްސް ލިސްޓުގެ އެންމެ ފުލުގައި އޮތް މި ޓެކުސް ދުނިޔޭގެ ގިނަ މީހުން ދަންނަނީ ވަށާޖެހޭ ޓެކުހުގެ ގޮތުގައި އެވެ. ސަބަބަކީ މި ޓެކުހުގެ ސަބަބުން މުއްސނދިންނާއި ފަގީރުންގެ ފަރަދު ކުޑަވާތަން ބައެއް ގައުމު ތަކުން ފެނުމެވެ. ރާއްޖޭގައި މިކަންވާނެ ހެއްޔެވެ؟ މި ޓެކްސް ރާއްޖޭގައި ވަށާޖެހޭނެ ހެއްޔެވެ؟

"އިންކަމް ޓެކުހުގެ ވާހަކަ އަޅުގަނޑުމެން މާ ކުރިން އެކި ބޭފުޅުންގެ ކައިރީ ދައްކަމުން ގެންދިޔައީ. މި ޓެކްސް ނަގަން އަޅުގަނޑު ވަރަށް ތާއީދު ކުރަން. އާސަންދަ އާއި ސްކޫލް ނާސްތާ ފަދަ ގިނަ ކަންކަން އެބަ ކުރޭ. މިކަންކަން ކިހިނެއް ކުރާނީ ފައިސާ ނެތިއްޔާ؟ އެހެންވީމަ މިއީ ވަރަށް ރަނގަޅު ކަމެއް،" އިންކަމް ޓެކްސް ނެގުމާބެހޭ ގޮތުން، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު އަވަސްއަށް ވިދާޅުވި އެވެ.

ސަރުކާރުން އަންނަ އަހަރު މި ޓެކްސް ނަގާނެ ކަމަށް ވަނީ ބެލެވުފަ އެވެ. އެމްޑީޕީ ސަރުކާރުގެ "އެޖެންޑާ 19" ގައި ވެސް ހިމަނާފައިވާ މުޅިން އާ މި ޓެކްސް ނަގާ ސަބަބެއް ކަމަށް ސަރުކާރުން ބުނަނީ މުއްސަނދިން ނުވަތަ ތަނަވަސް މީހުންގެ ހިއްސާ އާމްދަނީ މަދު މީހުންނަށް ބެހުމެވެ. ނުވަތަ ހިއްސާ ދިނުމެވެ.

ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ސީލިންގެއްގެ ގޮތުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާ ދީފަދިނީ 10،833ރ. އެވެ. ނަމަވެސް ސަރުކާރުން އައިއެމްއެފްގެ ބުނި ގޮތް ގަބޫލު ނުކޮށް ނިންމާފައިވަނީ މަހެއްގެ މައްޗަށް 40،000ރ. ގެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ކުރުމަށެވެ. އަދި މި ޓެކްސް ނަގާ އެންމެ މަތީ ރޭޓްއަކީ 15 ޕަސެންޓުގެ ގޮތުގައި ހަދަން ވެސް ވަނީ ނިންމާފަ އެވެ.

އިންކަމް ޓެކްސްގެ ސީލިން 40،000 ރުފިޔާގައި މުގުރު ޖަހައި ޓެކްސް ޕަސެންޓޭޖް 15 ޕަސެންޓުގައި ބެހެއްޓުމުން ސަރުކާރުން ބޭނުންވާ ލަނޑު ދަނޑި ހާސިލްވާނެ ހެއްޔެވެ؟ މިއިން ކުރާނެ ފައިދާ އާއި ގެއްލުމަކީ ކޮބައި ހެއްޔެވެ؟ ދުނިޔޭގެ އެހެން ގައުމުތަކުގައި މި ޓެކްސް ނަގަނީ ކޮން ރޭޓް ތަކެއްގައި ހެއްޔެވެ ؟

ސިންގަޕޫރެއް ނޫން، މިސާލަކީ މޮރިޝަސް

އިންކަމް ޓެކްސް އަށް ރާއްޖެ ދާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓެކްސް ނަގަނީ ކުޑަ ރޭޓުތަކެއްގަ އެވެ. ނަމަވެސް އެ ގައުމުތަށް މި ހިސާބަށް އައިސްފައި ވަނީ ލައްކަ ދުވަހުންނެވެ. މި ބަދަލު ގެނެސްފައިވަނީ ބަދަލު ކުރުން ތަކަށްފަހު އެވެ. ފިނޭންސް މިނިސްޓްރީން އާއްމުކުރި މައުލޫމާތު ތަކެއްގައިވާ ގޮތުން ސްރީލަންކާގައި އިންކަމް ޓެކްސް ނަގަނީ 9،203ރ. ގެ އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. އަދި އިންޑިއާގައި 4،536ރ. ގެ އާމްދަނީ ލިބޭ މީހުންގެ އަތުން ނަގާއިރު އެންމެ ބޮޑުކޮށް މި ޓެކްސް ނަގަނީ ދިވެހިން މިސާލެއްގެ ގޮތުގައި ބަލާ ސިންގަޕޫރުގަ އެވެ. އެ ގައުމުގައި އިންކަމް ޓެކްސް ނަގަނީ 27،955ރ. ލިބޭ މީހުންގެ އަތުންނެވެ. ޓެކްސް ބްރެކެޓް ރޭޓް ތަކަށް ބަލާއިރު ގިނަ ގައުމުތަކުގައި ފަރުދުންނާއި ކޯޕަރޭޓް ޓެކްސް ރޭޓުގައި ބޮޑު ތަފާތެއް އެބަހުއްޓެވެ.

ސްރީލަންކާގައި ފަރުދުންގެ އަތުން އާމްދަނީގެ ޓެކްސް ނަގަނީ 24 ޕަސެންޓެވެ. ކޯޕަރޭޓް ޓެކްސް ނަގަނީ 28 ޕަސެންޓެވެ. އަދި އިންޑިއާގައި ވަކި ފަރުދުންގެ އަތުން 30 ޕަސެންޓް ނަގަ އެވެ. އަދި ކޯޕަރޭޓް ޓެކްސްގެ ގޮތުގައި ދަައްކަން ޖެހެނީ 35 ޕަސެންޓެވެ. ސިންގަޕޫރުގައި 22 ޕަސެންޓް ވަކިވަކި ފަރުދުންގެ އަތުން ނަގާއިރު، ކުންފުނި ތަކުން ނަގަނީ 17 ޕަސެންޓެވެ. މާނައަކީ ރާއްޖޭން ވިޔަފާރިތަކާއި ވަކިވަކި ފަރުދުންނަށް ވެސް ދައްކަން ޖެހޭނީ 15 ޕަސެންޓުގެ ޓެކްސް އެކެވެ.

ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސެލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ނެގުމުގައި ރާއްޖެ އެންމެ ބޮޑަށް މިސާލެއްގެ ގޮތުގައި ބެލީ މޮރިޝަސް ކަމަށެވެ. ސަރުކާރުން "ޕްރޮގްރެސިވް ޓެކްސް" އުސޫލަށް އަމަލު ކުރަން ނިންމީ ވީހާ ވެސް ފަސޭހަ އުސޫލަކުން ޓެކްސް ނަގަން ކަމަށެވެ. އަދި ޕްރޮގްރެސިވް ޓެކްސް އަކީ ދުނިޔޭގެ އެންމެ ގިނަ ގައުމު ތަކުން އިންކަމް ޓެކްސް ނަގާ އުސޫލުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

6،000 މީހުން: ސުވާލެއް؟

ރާއްޖޭން އިންކަމް ޓެކްސް ކިތައް މީހުން ދައްކަން ޖެހޭނެ ހެއްޔެވެ؟ ރާއްޖޭގައި މި ޓެކްސް ދައްކަން ޖެހޭ ކިތައް މަހުޖަނުން އެބަތިބި ހެއްޔެވެ؟ އިންކަމް ޓެކުހަށް ރާއްޖެ ދާއިރު މިކަމަށް ބޭނުންވާ ވަރަށް ތަފާސް ހިސާބު އެބަހުރި ހެއްޔެވެ؟

އިންކަމް ޓެކްސް ނަގަން، ސަރުކާރުން ޑާޓާއެއްގެ ގޮތުގައި ބަލަނީ ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިން ކޮށްފައިވާ ގޭބިސީ އާމްދަނީ އާއި ހަރަދުގެ ދިރާސާ އެވެ. މި ދިރާސާ އިން މި ފަދަ ބޮޑު ޓެކުހެއް ނަގަން އެންމެ އެކަށީގެންވާ ޑާޓާ ލިބޭނެ ހެއްޔެވެ؟

ފިނޭންސް މިނިސްޓްރީން ވާހަކަ ދެއްކެވި، އަރުޝަދު ވިދާޅުވި ގޮތުގައި އިންކަމް ޓެކުހަށް ދާއިރު ފަރުދުންގެ އާމްދަނީއާ ބެހޭ ގޮތުން އެކަށީގެންވާ ޑާޓާ ނެތުމުން ދަތިވި ކަމަށެވެ.

"ހިސާބު ކުރުމުގައި އާމްދަނީގެ ޑާޓާ ހޯދަން ވަރަށް، ވަރަށް ދަތި. އެންމެ ބޮޑަށް ބަލަނީ ހައުސް ހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭ. ގިނަ މީހުން އާމްދަނީ ސީދާ ސީދަލަށް ކިޔައެއް ނުދޭނެ. ހާއްސަކޮށް އެންމެ މުއްސަނދިން ސުވާލު ކުރަން ވެސް މި ސާވޭގައި ނުދެވޭ،" އަރުޝަދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޓެކުހުގެ އަދަދު ކަނޑައެޅުމުގައި ދެން ބަލާފައިވާނީ، ސަރުކާރުގެ ތެރޭގައި ހުރި އެހެން މައުލޫމާތު ތަކެވެ.

"ސަރުކާރު ކުންފުނިތަކާއި ޖޮއިންޓް ވެންޗާތަކުގެ މައުލޫމާތު ހުރި. ދެން ބެލީ ރިސޯޓުތަކުގެ މުސާރަތައް ހުރި ގޮތް. ޓޫރިޒަމް މިނިސްޓްރީ އާއި ރިސޯޓުތަކުގައި އަހައިގެން. ބައެއް ރިސޯޓު ތަކުން މައުލޫމާތު ހޯދައިގެން އެހެންވެ ވަރަށް ދަތިވި،" އަރުޝަދު ވިދާޅުވި އެވެ.

ޓެކްސް ދައްކާނެ މީހުންނާއި މުސާރަ

  • 40،000ރ. އާއި 60،000ރ. އާ ދެމެދުގެ އާމްދަނީ ( 2،621 މީހުން)
  • 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީ ( 2،285 މީހުން)
  • 100،000ރ. އަށް ވުރެ ބޮޑު އާމްދަނީ (960 މީހުން)

އިންކަމް ޓެކްސް ދައްކަން ޖެހޭ އަަދަދު ޕަސެންޓޭޖު މަތިވެގެން ދާނީ އާމްދަނީގެ ނިސްބަތުންނެވެ. ކުޑަ މުސާރަ ލިބޭ މީހާ ދައްކަން ޖެހޭ ޕަސެންޓޭޖު ކުޑަވެ އެވެ. ސަރުކާރު މުވައްޒަފުން މި ޓެކްސް ދައްކަން ޖެހޭ ބުރެކެޓުގެ ތެރެ އަށް ފައިބާނީ ސްޓޭޓް މިނިސްޓަރުން ފެށިގެން މަތީގެ މަގާމު ތަކަށް ދިއުމުންނެވެ. އެހެންވެ ސިވިލް ސާވިސްގެ އާއްމު މުވައްޒަފުންނަކަށް މި ބުރައެއް ނެތެވެ.

އެހެން މިސާލު ތަކެކެވެ.. ފައިނޭންޝަލް ކޮންޓްރޯލާ އަކަށް 55،000ރ. ލިބޭނަމަ އެމީހަކު ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނީ އެންމެ 1،200ރ. އެވެ. އަދި 82،000ރ. ލިބޭ މަޖިލީހުގެ މެންބަރުގެ 2،200ރ. ދައްކަން ޖެހެ އެވެ. އަދި ބޮޑެތި މަތިންދާ ބޯޓު ފަހަރު ދުއްވާ 180،000ރ. ގެ އާމްދަނީއެއް ލިބޭ ޕައިލޮޓެއްނަމަ ޓެކްސްގެ ގޮތުގައި 17،600ރ. ދައްކަން ޖެހެ އެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެގްޒެކެޓިވް ޝެފަކަށް ބަލާނަމަ އެ މީހެއްގެ މުސާރައަކީ 88،000ރ. ވަރުނަމަ 3،850ރ. ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. ޓެކްސް ދައްކަން ޖެހޭ އަދަދު ދާނީ 15 ޕަސެންޓުން ފެށިގެން ދަށަށެވެ.

ބިދޭސީންގެ ބައިވެރިވުން އިތުރުވާނެ

މި ޓެކްސް ނެގުމުގައި ބޭރު މީހުންނާއި ދިވެހިން ތަފާތެއް ނެތެވެ. ނަމަވެސް މީގައި ބޭރު މީހުންނަށް އިންކަމް ޓެކްސް ނަގާނީ ޓެކްސް އަހަރުގެ 183 ދުވަހު ރާއްޖޭގައި ހުންނަ ނަމަށެވެ. ވަޒަންވެރިވުން ކަމުގައި ބަލަނީ ދާއިމީކޮށް ރާއްޖޭގައި ދިރިއުޅޭ ނުވަތަ މި މުއްދަތުގައި ރާއްޖޭގައި ހުރުމުންނެވެ. މިއީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބައިވެރިވުން އިގްތިސާދުގައި ބޮޑު ވެގެންދާނެ ކަމެކެވެ. މި ބަދަލު ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ބޮޑެތި މުސާރަ ލިބޭ ރިސޯޓުތަކުގެ ވެރިން އާއި ސީނިއަ ލެވަލްގައި މިހާރު ތިބި މީހުންގެ ހިއްސާ ރާއްޖޭގައި އިތުރު ކުރަން ލިބޭނެ ފުރުސަތަކަށެވެ. ޓޫރިޒަމް ސިނާއަތުގެ ބޮޑެތި ވަޒީފާތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ތިބިއިރު، މިހާރު ހަމައެކަނި އެމީހުން މުސާރަކޮޅު ބޭރު ކުރުންނޫން ކަމެއް ނުކުރެ އެވެ.

ހޮޓެލް އެންޑް ރިސޯޓްސްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި ރިސޯޓުތަކުގެ ބިދޭސީން އިންކަމް ޓެކްސް ދައްކަން ޖެހޭ ބްރެކެޓުގެ ތެރެއަށް ގެނެސްފައިވާތީ އެކަމަށް ތާއީދު ކުރާ ކަމަށާ، އެ މީހުންގެ ބައިވެރިވުން އިތުރު ކުރަން ޖެހޭ ކަމަށެވެ.

"ރިސޯޓުތަކުގެ މަތީ މަގާމުތަކުގައި ތިބޭ ބޮޑެތި އާމްދަނީ ލިބޭ ބިދޭސީންގެ ބައިވެރިވުން މިހާރު އިކޮނޮމީގައި ކުޑަ.މިހާރު އެމީހުންނަށް ފާޑު ކިޔަނީ ބޮޑެތި ވަޒީފާތަކުގައި މުސާރަ ނަގައިގެން ތިބޭ ވާހަކަ. އެކަމަކު އިންކަމް ޓެކްސް ނަގަން ފެށުމުން އެ މީހުންގެ ބައިވެރިވުން ވެސް އިތުރު ވެގެންދާނެ. މިއީ ވަރަށް ރަނގަޅު ބަދަލެއް،" ޖަނާހު ވިދާޅުވި އެވެ.

ތާއީދާއެކު ކަންބޮޑުވުން ކުޑައެއް ނޫން

އިންކަމް ޓެކްސް ނެގުމާ މެދު ރާއްޖޭގެ ގިނަ ވިޔަފާރިވެރިން ތާއީދު ކުރެ އެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި އިންކަމް ޓެކްސް ނަގަން ފެށުމުގެ ކުރިން މުހިންމު ގިނަ ބަދަލު ތަކެއް ގެންނަން ޖެހެ އެވެ. އެއް ބަދަލަކީ ރާއްޖޭގެ ޓެކްސް ނިޒާމުގައި އަދުލުވެރިކަން ގާއިމް ކުރުމެވެ. ކުދި/ މެދުފަންތީގެ ވިޔަފާރި ތަކަށް އެކަށީގެންވާނެ މާހައުލެއް ގާއިމް ވާނެ ގޮތަށް ޓެކްސް ނިޒާމު އިސްލާހު ކުރުމެވެ. އެހެންނޫނީ މި ޓެކުސް ވެގެންދާނީ ގިނަ ބަޔަކު "މަޅި" ބެދޭ ދަންތުރައަކަށެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޔުނިވާސަލްގެ ވެރިޔާ މުހައްމަދު އުމަރު މަނިކު ވަނީ އިންކަމް ޓެކްސް ނެގުމަށް ތާއީދު ކުރައްވާފަ އެވެ

"މީހުންނަށް ހީވެފައި އޮންނަނީ އަޅުގަނޑުމެން އިންކަމް ޓެކްސް ނެގުމަށް އިދިކޮޅުވާނެއޭ. އަޅުގަނޑު ގައިމު އިދިކޮޅެއް ނޫން. އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެއާ އިދިކޮޅު ހެނެއް،" އަވަސް އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އެމްޔޫ މަނިކު ވިދާޅުވި އެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަމްސީލް ކުރައްވާ ޖަމިއްޔާ އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުލް ލަތީފު ވިދާޅުވި ގޮތުގައި އިންކަމް ޓެކްސްގެ ބިލް މިހާރު އޮތް ގޮތް ގޯސްނޫން ކަމަށާ، އިންކަމް ޓެކުހަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް އެސްއެމްއީ ތަކަށް މިހާރަށް ވުރެ ފުރުސަތު ބޮޑުކޮށްދީ، ބޮޑެތި ވިޔަފާރިތަކާއި ދެމެދު އޮތް ފަރަގު ކުޑަ ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނަ ބޮޑެތި ފިހާރަތައް ހިންގާ ރެޑްވޭވް ކުންފުނީގެ ވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެފައިވާ ގޮތުގައި އިންކަމް ޓެކްސް ނެގުމުގެ ކުރިން ބައެއް މުދަލުގެ ޑިއުޓީ ކުޑަ ކުރަން ޖެހެ އެވެ.

"ކުރިން ޖީއެސްޓީ ނެގިއިރު ޑިއުޓީ ކަނޑާލި ބާވަތްތަކުން ނިމިދިޔަ ސަރުކާރުން ވަނީ ޑިއުޓީ ނަގަން ފަށާފަ. އެހެންވެ މިއީ މައްސަލައަކީ. ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ ދޮންނަ މެޝިނާއި ޓީވީ ފަދަ ތަކެތިން އެބަ ނަގާ 25 ޕަސެންޑް ޑިއުޓީ. އެހެންވެ މި ފަދަ ތަކެތިން އެބަޖެހޭ ޑިއުޓީ ކަނޑާލަން،" ސަލީމް ވިދާޅުވި އެވެ

އެހެން ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ޓެކްސް ނެގުމަށްވުރެ އޭނާއަށް ކަންބޮޑުވުމަކީ މިގޮތަށް ލިބޭ ފައިސާ ރަނގަޅު ގޮތުގައި ހޭދަ ނުކޮށް "ވޭސްޓް ބޮޑުވުން" ކަމަށެވެ.

"ޓެކްސް ނެގުން މައްސަލައެއް ނޫން. އެކަމަކު ލިބޭ ޓެކްސްގެ ފައިސާ ޖެހޭނެ އެންމެ ރަނގަޅު ގޮތަށް ހޭދަކުރަން. ޓެކްސްގެ ފައިސާ ބަދަލު ދިނުމާއި މިފަދަ ކަންކަމުގައި ހޭދަ ކުރުމަކީ މައްސަލައަކީ. ޓެކްސްގެ ފައިސާ އިޝްރާފު ކުރާތީ މިހާރުވެސް ދެކޮޅު ނުޖެހެނީ. ޓެކްސް ނަގަން ފެށުމުގެ ކުރިން އާމްދަނީއަކީ އެއް ބިލިއަން ރުފިޔާ. މިހާރު އެބަލިބޭ 10 ބިލިއަން ރުފިޔާ. އެކަމަކު ވެސް ހަމަ ދެކޮޅު ނުޖެހޭ. މިކަން ރަނގަޅު ކޮށްގެން ނޫނީ ކުރިއަކަށް ނުދެވޭނެ،" ނަން ނުޖެހުމަށް ޝަތުރުކޮށް ވިދާޅުވި އެވެ.

ޓެކްސް ބޮޅުގައި އޮތް އެންމެ ފަހު ޓެކްސް ރާއްޖޭގެ ޓެކްސް ނިޒާމާ ގުޅާލަން ތައްޔާރުވާއިރު މިކަން ވެގެންދާނީ ތާރީހީ ބަދަލަކަށެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޓެކުހުން އަހަރަކު ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ލިބޭނެ އެވެ. އާމްދަނީއާއެކު ސަރުކާރުގެ އުންމީދަކީ މަހުޖަނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް އިގްތިސާދުގައި އިތުރު ވެގެން ދިއުމެވެ. ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަ ކުރުމެވެ. ޓެކްސް މިއާއެކު ނިޒާމަކީ ވަށައި ޖެހޭ އެއްޗަކަށް ވުމެވެ. މިކަން ވާނެ ހެއްޔެވެ ؟ ރާއްޖޭގައި މި ޓެކްސް ވަށައި ޖެހޭނެ ބާ އެވެ؟ ހަގީގީ ސުވާލަކީމިއީ އެވެ.