AVAS PHOTO ESSAY

ފުވައްމުލަކު، އެހާރާއި މިހާރު

"ބަލާލަ. އަލަ ދަޑި އެ އޮތީ އަަފުންގެ މަންމާ، ދޮގޭ؟" މިއީ މި ފޮޓޯ ފެނުމުން ދެ ކުއްޖަކު ތިބެގެން ދެއްކި ވާހަކަ އެކެވެ. ފޮޓޯއިން ފެންނަނީ އެ ކުދިންގެ މަންމަ، ފުވައްމުލަކު ދަަޑިމަގު ފިނިހިޔާގެ، އައިމިނަތު ހުސައިން ދީދީ އެވެ. ފޮޓޯ އަށް ޒޫމް ކޮށްގެން ބަލަން ނުވެސް ޖެހުނެވެ. އެއީ އެކުދިންގެ މަންމަ ކަން ހަމަ ޔަގީނެވެ. އެ ކުދިންނަށް މި ފޮޓޯ ފެނުނީ ސޯޝަލް މީޑިއާގައި އެނބުރެނިކޮނެވެ. މަންމަ އެ ހުރީ އަރުވާ ޖަހާލައިގެން ފުވައްމުލަކުގެ ޗަލަ އަލަ އޮޅުގަ އެވެ. އަަލަ ކަނޑާން އޮޅަށް ފައިބާ އެވެ. މަންމަގެ ޅަ ޒަމާނެވެ. ވަރަށް ރީއްޗެވެ.

އަލަ ދަނޑުގައި ފުވައްމުލަކު އައިމިނަތު ހުސައިން ދީދީ -- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

މިއީ ކޮން ފޮޓޯތަކެއް ހެއްޔެވެ؟ މި ފޮޓޯތަކަކީ ގްރެފިކްސް ޑިޒައިނަރު އަހްމަދު ޝާރިފް ސޮބުރީ ނަގާފަައިވާ ހަ ފޮޓޯ އެވެ. ޝާރިފްް އަަކީވެސް ފުވައްމުލަކަށް ނިސްބަތްވާ ކުއްޖެކެވެ. ފުވައްމުލަކުގެ އިހު މި ފޮޓޯތައް ޝާރިފް ހޯދީ ތާރީހު ދިރާސާ ކުރައްވާ، އަލާ ދީދީގެ އަތުންނެވެ. އަަލާ އަތުން ފޮޓޯތައް ނަގައިން ޕްރިންޓުކޮށް މިސްރާބު ޖެހީ އުފަން ރަށަށެވެ.

ރަށަށް ގޮސް ފަހަރަކު މީހެއް ކައިރީ އަހައިގެން އެ ފޮޓޯ އެއް ނެގި ސަރަހައްދަަކަށް ޝާރިފް ދިޔަ އެވެ. "ފޮޓޯތައް ހޯދައިގެން ރަށަށް ދިޔައީ ހަމަ ރީކްރިއޭޓް ކުރަން ބޭނުންވެގެން. މިގޮތަށް ފޮޓޯ ނަގާފަ ހުންނާނެ ބޭރު މީހުން. އެގޮތަށް އައިޑިއާ ލިބުނީ" ޝާރިފް ބުންޏެވެ.

ދެން މި ފޮޓޯތައް ބަލާލަބަލާށެވެ. ޝާރިފް ހުރީ މި ފޮޓޯތައް ހިފައިން ގޮސް ލައްކަ މަސައްކަތް ކޮށްފަަ އެވެ.

މާނެރެ ބޮޑު އަތިރި

މާނެރެ ބޮޑު އަތިރި-- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

އެއީ އެދުވަސްވަރު ފުވައްމުލަކުގެ މައި ނެރެވެ. އެ ރަށުގައި ބަނދަރު އެޅުމުގެ ކުރިން ބޭނުން ކުރި ސަރަހައްދެވެ. ފޮޓޯ އިންވެސް އެ ފެންނަނީ ރަށު ރައްޔިތުންް ވެގެން ބޮއްކުރަައެއް އެހެލައިގެން އެއްގަމަށް އަަރުވާ މަންޒަރެވެ. އިހު ޒަމާނުގައި ދޯންޏާއި ބޮއްކުރާ ފަދަ އުޅަނދުތައް އެހެލުމުގައި ރަށު ރައްޔިތުން ބައިވެރިވާނެ އެވެ. މުސްކުޅި ބޮޑު ލަވަ އާއި ފަރިހިވެސް މިކަހަލަ ވަގުތުތަކުގައި ކިޔާ އުޅެ އެވެ.

ރަސްގެފަންނު

ރަސްގެފަންނު-- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

މިވެސް ފުވައްމުލަކުގައި ލަފާ ފުރުމަށް ބޭނުން ކުރި ސަރަހައްދެކެވެ. އެހެންނަމަވެސް، މި ސަރަހައްދުގައި ތާރީހީ ހާދިސާއެއްވެސް ހިނގި އެވެ. ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ފާދިއްޕޮޅުގައި ވަކިން ރަސްކަމެއް ހިންގި، ސާމިޔާ ފާށަނާ ކިލަގެ ކިޔާ ވެރިއެއް މުލަކަށް އަރުވާލި އެވެ. އެ ރަސްގެފާނު މުލަކަށް އަރުވާލާ ޗޭނު ޖަހާ މި ސަރަަހައްދަށް ދޫކޮޮށްލާފައި އޮވެ، "ރަސް ގެ އޮތް ފަންނު" އެހެން ގޮސް އެންމެ ފަހުން މި ސަރަހައްދަށް "ރަސްގެފަންނު" އެ ނަަން ދެވުނީ އެވެ.

ހަވިއްތަ

ހަވިއްތަ -- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

ހަވިއްތަ އަކީ ދިވެހިން ބުދަށް އަޅުކަން ކުރި ޒަމާނުގައި އެ ސަރަހަައްދުގައި ހުރި ބުދިސްޓު ސްޓޫޕާ އެކެވެ. މީގެ އަސްލު ފޮޓޯ ނަގާފަައިވަނީ ރާއްޖެ އަަށް ކުރި ދަތުރުގައި އެޗްް.ސީ.ޕީ ބެލް އެވެ. އޭނާގެ ފޮތުގަައި ބުނެފަައިވާ ގޮތުގައި، މި ސްޓޫޕާ އާއި ސްރީލަންކާ އިން ފެނުނު ދާގަބާ ތަކަކާ ވައްތަަރު ގޮތެއް ހުރެ އެވެ. ގަދީމީ މި ސަރަހައްދަކީ މީގެ 1500 އަހަރު ކުރިން ބޭނުން ކުރި ސަރަހައްދެއް ކަމަށްވެސް ތާރީހީ ބޭފުޅުން ވިިދާޅުވެ އެވެ. ބެލް މި ފޮޓޯ ނެންގެވީ، 1920ގެ އަހަރުތަކުގެ ތެރޭގަ އެވެ.

ސޯސަން ވިލާ ކުރިމަތި

ސޯސަން ވިލާ ކުރިމަތި-- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

މާ ކުރީގެ ތާރީހީ ކަމަކާ މި ފޮޓޯ ގުޅިފައި ނެތަސް ކުރީގެ ފޮޓޯ އިން އެ ފެންނަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު ފުވައްމުލަކަށް ވަޑައިގެންނެވުމުން މަރުހާބާ ދެންނެވުމަށް ސޯސަން ވިލާގެ ކުރިމަތީގައި ބަހައްޓާފައި ހުރި ގިޑިގެ އާއި ތަރިއެއްގެ ސިފަ އަށް މަތީގައި ދަމާފައި ހުރި ދިދަތަކެވެ. ފުވައްމުލަކު މީހުން ބުނަނީ މި ގެއަކީ އެރަށު ކުރީގެ އަތޮޅު ކަތީބު، ކެންނާރީ އިބްރާހިމް ދީދީގެ ގޯއްޗެވެ. މި ގެއަށް ކިޔާ އުޅުނީ "މެދެ ކެންނާރި" އެވެ.

ކެޑޭރެ މިސްކިތް

ކެޑޭރެ މިސްކިތް -- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

މި މިސްކިތަކީ ފުވައްމުލަކުގެ މާދަޑު އަވަށުގައި 1555 އަަހަރުތަކުގައި އަލީ އަޑަފި ކަލޭގެ އިމާރަތްކުރެއްވި މިސްކިތެކެވެ. ހިރިގަލުން ހަދާފަައި ހުރި މި މިސްކިތުގެ ސަހަރާގައި ފުވައްމުލަކުގެ ތާރީހާ ގުޅޭ އެތައް ބަޔަކު ވަޅުލާފައިވާ ކަމަށްވެ އެވެ. އެގޮތުން، މިސްކިތް އެޅުއްވި އަލީ އަޑަފި ކިލޭގެ އިތުރުން 40 ހާފިޒުން ވަޅުލާފައިވެ އެވެ. ފުވައްމުލަކު މީހުން ބުނާ ގޮތުގައި މި މިސްކިތަށް މިހާރު 450 އަހަރު ވެދާނެ އެވެ.

ފޮޓޯތަކުގައިވާ ސަރަހައްދުތައް ހޯދަން އެ ރަށު ބަހާރުގެ ހުސައިން ޝަރީފް ކައިރީ ޝާރިފް އަަހަނީ ފޮޓޯ: ޝާރިފް --

މި ހަ ފޮޓޯ ސޯޝަަލް މީޑިއާ އަށް ދޫކޮށް ލުމާއެކު އެތައް ބަޔަކަށް ކަމުދިިޔަ އެވެ. ކޮންމެ ފޮޓޯ އެއް ހިފައިން ގޮސް އަތުން ދަައްކާލާ ފޮޓޯ ނަގާފައި ހުރި ގޮތާއި ގުޅުވާފައި ހުރި ގޮތުންނެވެ. ކިތަންމެ ދުވަސް ވިޔަސް ބައެއް ފޮޓޯތަކުގައި އެ ތަނެއް ފާހަގަވާނެ ހެން ހުރި ބައެއް އެއްޗެހި ހުއްޓެވެ. ބައެއް ރުއްތަކާއި ގަސްތައްވެސް ހަމަ އެ ހުރި ގޮތަށް އެ ސަރަހައްދުތަކުގައި ހުއްޓެވެ. ބަދަލެއް ނާދެ އެވެ. ފުވައްމުލަކު މި ފޮޓޯތަކަށް އަލުން ދިރުމެއް ލިބުނު ކަހަލަ އެވެ.