މީހުން

މިހުރީ ވެސް ސާއިދެއް، ރިކޯޑް މާ އާދަޔާހިލާފު

އިހަކަށް ދުވަހުވެސް ސާއިދެއް އެ ވަނީ ދިވެހިންގެ ތެރެއިން އެތައް ބަޔަކު ފަހުރުވެރިކޮށް އެތައް ބަޔަކަށް ލިބުނު ހިތްވަރަކަށް އަދި ނަމޫނާއަކަށް ވެފަ އެވެ. މިވެސް ސާއިދެއްގެ ވާހަކަ އެވެ. ހަމަ ދިވެހިން ފަހުރުވެރިކޮށް އެތައް ބަޔަކަށް ހިތްވަރަކަށް ވާނެ ސާއިދެއްކަން ޔަގީނެވެ.

ނަމަވެސް މި ސާއިދަކީ އެންމެ ބާރު ދުވުންތެރިޔާއެއް ނޫނެވެ. ހިނގާލާފައި ތަންކޮޅަކަށް ދެވޭއިރު ވެސް އޭނާ އޮންނަނީ ލޮޑުވެ ނޭވާހާސްވެފަ އެވެ. ދުވާ ޓްރެކެއް ވަށައި "ވިދުވަރެއް" ހެން އެނބުރުމަކީ ވެސް އޭނާ އަށް ކުޅަދާނަ ކަމެއް ނޫނެވެ. އަދި ސިޑިއަކުން ދެ ފްލޯ މައްޗަށް އެރުމަކީ އޭނާ ބުނާ ގޮތުން ނަމަ ހަޔާތުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

މި ސާއިދެއް އަހަރެމެންނަށް މުހިންމު ވަނީ ނުވަތަ ހާއްސަވަނީ ކިހިނެތް ހެއްޔެވެ؟

އުމުރުން 20 އަހަރުގެ ސާއިދު އަލީ މުހައްމަދު ހާއްސަވަނީ އޭނާގެ 118 ކިލޯގްރާމުގެ ބަރުދަން އެންމެ ހަތް މަސް ދުވަސް ތެރޭގައި 65 ކިލޯގްރާމަށް ތިރި ކުރުމަށް ކުރި އާދަޔާހިލާފު ހިތްވަރަށާއި މަސައްކަތަށެވެ. އޭނާގެ މި ދަތުރު ވަރަށް ވެސް އާދަޔާހިލާފެވެ.

ކުރިން މުޅި މީހާ ވަރުބަލިކޮށް ހަލަބޮލިކޮށްލައިގެން އުޅުނު ބަރު ބިޔަ ހަށިގަނޑުން 53 ކިލޯގްރާމް އަންދާލުމަށް ފަހު ސާއިދަކީ މިހާރު މުޅިން ތަފާތު މީހެކެވެ.

އެހެންވީމަ 118 ކިލޯގައި ހުރެފައި 65 ކިލޯ އަށް ހިކުމުން މިހާރުގެ ދިރިއުޅުމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮބައިތޯ އަހާލީމެވެ:

"މިހާރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސިއްހަތު ރަނގަޅުވުން،" އިންޓަވިއު އަކަށް ގުޅާލައިގެން ޗީބޯ ކެފޭ އަށް އަރައި ގްރީން ޓީއަކަށް އޯޑަރުކޮށްލާފައި ސާއިދު ބުނެލީ މިހެންނެވެ.

އޭނާގެ ވާހަކަ ތަފާތުވާ އަނެއް ސަބަބަކީ މިއީ އެވެ. ގިނަ މީހުން ހިކެނީ ރީއްޗަކަށެވެ. ނުވަތަ ރީތި ހަށިގަނޑެއްގެ ދަހިވެތިކަމުގަ އެވެ. ނަމަވެސް ސާއިދުގެ ހުރިހާ ވެސް އަމާޒެއް ހިފީ ފުރިހަމަ ސިއްހަތަކަށެވެ. ސާއިދު ބުނާ ގޮތުން ނަމަ ފަލަ ނޫން ހަނދާނެއް އޭނާގެ ނެތެވެ. އަދި ފަލަކޮށް ތިބި މީހުންނާއި ފަލަވުމުގެ ސަބަބުން ދިމާވާ ސިއްހީ އެކި މައްސަލަތަކުގެ ހަނދާންތަކުން ވެސް އަރައިގަނެވުނު ދުވަހެއް ނެތެވެ.

"ހިކިކޮށް ހުރި ހަނދާނެއް ނުވޭ އެއްގޮތަކަށް ވެސް. އާދައިގެ ބަރުދަނެއްގައި ހުރުމަކީ ކޮން ކަހަލަ ކަމެއްކަން މީގެ ކުރިން އިހްސާސްކުރެވިފައެއް ނެތް. އަދި ކިރިޔާ މިގޮތަށް ހިކިކޮށް މި ހުރެވެނީ،" އޭލެވެލް އަށް ފަހު ކުދިންނަށް ޓިއުޝަން ދީގެން އާމްދަނީއެއް ހޯދަމުން އަންނަ ސާއިދު ބުނެލި އެވެ.

"އާއިލާގައި ވެސް އުޅޭނީ ފަލަމީހުން ފުދޭވަރަކަށް. މަންމަ އާއި ބައްޕަ ވެސް. މަންމަ އާއި ބައްޕަ އަކީ ހަކުރު ބަލި ވެސް ހުންނަ ދެ މީހުން. އަޅުގަނޑުގެ މާމަ އާއި ކާފަ އަދި ބޮޑުބޭބެމެންނާއި ބޮޑުދައިތަމެންގެ ވެސް ހުރޭ ޑައިބެޓިކްސް"

"އެހެންވީމަ ހަކުރު ބަލީގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތީ އަޅުގަނޑަށް ވެސް ވަރަށް ބޮޑުކޮށް. އެއީ ހިކެން ބޭނުންވި އެންމެ ބޮޑު ސަބަބު. ހެލްތަށް ބަލާފައި."

ނަމަވެސް ހިކުންވީ އޭނާ އަށް އެއްގޮތަކަށް ވެސް ފަސޭހަކަމަކަށް ނޫނެވެ. ހިކޭނަމޭ ހިތަށް އަރުވައިގެން އޭނާ ޓްރެކަށް ދުވަން ވެސް ދިޔަ އެވެ. ކެއުން ވެސް މަދުކޮށްގެން އެކި ތަޖުރިބާތައް ކުރި އެވެ. އެކަމަކު ދެން ވެސް އޭނާއެއް ނުއެއް ހިކުނެވެ.

"އޭރު އެގޮތަށް އުޅެގެން އާންމުކޮށް ހިއްކާލެވެނީ އެއް ކިލޯ ނުވަތަ ދެ ކިލޯވަރު،" ސާއިދު ބުންޏެވެ.

"އެކަމަކު މިފަހަރު ވަރަށް ތަފާތު. މިފަހަރު މި ފެށީ ހަމަ ހިކެން ވެގެން ވަރަށް ބޮޑަށް ދިރާސާކޮށް ތައްޔާރުވެގެން. ނިކަން ވަރުގަދަ އަޒުމަކާ ވެސް އެކުގައި. އެއީ މިކަން ހުއްޓައެއް ނުލާނަމޭ މިފަހަރު."

ސާއިދު ބުނީ ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ ހަކުރު ބަލީގައި އުޅެމުން އަންނަ އޭނާގެ މަންމަ އާއި ބައްޕަގެ ފަރާތުން ލިބުނު ފިލާވަޅުތައް ކަމަށެވެ. އަދި ވަކި މީހެއްގެ ހަށިގަނޑު ހުންނަ ގޮތަކަށް ދަހިވެތިވެގެން އެފަދަ ހަށިގަނޑެއް ހޯދުމުގެ ބަދަލުގައި އަމިއްލަ މީހާގެ ސިއްހަތަށް ދެވުނު އިސްކަން ކަމަށެވެ.

"މިހާރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސިއްހަތު ރަނގަޅުވުން. ކުރިން އިރުއިރުކޮޅާ ހުންނާނީ ބޮލުގައި ރިއްސައިގަނެފައި. ބައެއް ފަހަރު ބްލަޑް ޕްރެޝާ ވެސް މަތިވެދާނެ. ހަކުރު ވެސް މަތިވެލާފާނެ. އަދި ބުރަކަށީގައި ވަރަށް ގަދަ އަށް ރިއްސާނެ އޭރު. އެއީ ބުރަކަށީގައި ވަރަށް ގަދަ އަށް މަސްޖަހާފައި ހުންނާތީ،" ސިއްހަތާ މެދު ވިސްނަށް ފެށުނު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސާއިދު ކިޔައިދިނެވެ.

އޭނާ ބުނީ އަމިއްލަ ސިއްހަތަށް ނުވިސްނައި އެހެން މީހެއްގެ ރީތި ހަށިގަނޑަށް ދަހިވެތިވުމަކީ ފަލަކޮށް ހުންނަ މީހާ އިތުރަށް ބަލިކޮށްލާނެ ކަމެއް ކަމަށެވެ. ސާއިދު ބުނީ އޭނާ އެހާ ވަރަށް ފަލަވެގެން ދިޔައިރު ވެސް ޑިޕްރެޝަން ފަދަ ބައްޔެއްގެ ޝިކާރައަކަށް ނުވީ ބޭރުފުށުގެ ރީތިކަމަށް އޭނާގެ ހިތުގައި އެއްވެސް އެއްޗެއް ނެތީމަ ކަމަށެވެ.

"މިފަދަ ސިއްހީ ގިނަ މައްސަލަތަކެއް ދިމާވިޔަސް ޑިޕްރެޝަންއަކަށް ނުދޭ އަޅުގަނޑު. ފަލަކޮށް ތިބޭ ގިނަ ކުދިން ޑިޕްރެޝަން އަށް ދަނީ އަމިއްލަ މީހާގެ ސިފައަށް މާ ބޮޑަށް ވިސްނޭތީ. އަޅުގަނޑު މިއީ އެއްވެސް އިރެއްގައި އަޅުގަނޑު ހުރި ސިފައަކަށް ވިސްނި މީހެއް ނޫން. ބޭރުފުށުން ފެންނަ ސިފައަކަށް އެހާ އަޅައެއް ނުލަން ދުވަހަކުވެސް،" ސާއިދު ބުންޏެވެ.

"އެކަމަކު ފަލަކޮށް ތިބޭ ގިނަ ކުދިންނަށް ވާ ގޮތަކީ އެހެން މީހުންނާ އެމީހުން ކޮމްޕެއާކުރެވެނީ. ހިތަށް މި އަރަނީ ތިމަންނަ މި ހުރީ ވަރަށް ހަޑިކޮށޭ. ހިކިކޮށް ތިބޭ ކުދިން ވަރަށް ރީއްޗޭ. އެމީހުންނަށް ރީތި ހެދުން ވެސް ލެވެޔޭ. މި ވިސްނުން އައީމަ މި ދަނީ ޑިޕްރެޝަން އަށް"

"އަޅުގަނޑު މިއީ ދުވަހަކު ވެސް އެ ވިސްނުން ގެންގުޅުނު މީހެއް ނޫން. އަޅުގަނޑު ހިކެން ބޭނުންވީ ވެސް ސިއްހަތަށްޓަކައި. އަނެއްހެން މާ ރީއްޗަށް ހުންނަން ބޭނުންވެގެނެއް ނޫން."

އެހެންވީމަ އޭނާ އަކީ ފަލަވެދާނެ ކަމުގެ ބިރަށް އޭރު ނުކައި ހުރި މީހެއް ނޫނެވެ. ކެއުންވެފައި އޮތީ އޭނާ ޖެހި އެންމެ ބޮޑު ސަކަރާތަށެވެ. ޖަންކު ފުޑާއި ޕިއްޒާ އަކީ އޭނާގެ ފެވަރިޓެވެ.

"ކުރިން އެންމެ މީރުކޮށް ކެއި އެއްޗަކީ ޕިއްޒާ. ހަމަ އެކި ތަންތަނުން ޕިއްޒާ އޯޑަރުކޮށްގެން ކެއުން އޮންނާނީ. ދެ ދުވަހުން އެއް ދުވަހަކީ ޕިއްޒާ ކެވޭ ދުވަހެއް. އަޅުގަނޑަށް ކެވިދާނެ ޕިއްޒާއެއް އެއްކޮށް އޭގެ އަށް ފޮތި ވެސް،" އެންމެ މީރީ ތަންދޫރީ ޗިކަން ޕިއްޒާ ކަމަށް ބުނެ ވާހަކަ ދައްކަމުން ސާއިދު ބުންޏެވެ.

"ޖަންކް ފުޑްސް ވެސް ވަރަށް ގިނައިން ކެވޭ އޭރު. އަބަދު ޖަންކް ފުޑްސް ކާތީ މަންމަމެން އޮންނާނީ ފުދޭވަރަކަށް އެކަންތައް ރިސްޓްރިކްޓް ވެސް ކޮށްފައި. އެކަމަކު މަންމަމެންނަށް ވަގަށް ވެސް ޖަންކް ފުޑް ގަނެގެން ކާލެވޭނެ އޭރު."

ސާއިދު ބުނީ އޭރު އޭނާގެ ކެއުމުގައި ވެސް ތަރުތީބެއް ނެތް ކަމަށާއި ކަމުން ދިޔައީ ޙިތުހުރި ގޮތަކަށް ކަމަށެވެ.

"ހެނދުނު ހޭލައިގެން އޭރު ކާލާނީ ބިސްގަނޑަކާ ހަތަރު ފޮތި ޕާނާ ދެ ތިން ސޮސެޖާ ދެން މިހެން ގޮސް މި ލިސްޓެއް ނުނިމޭނެ. މައިލޯ ފަދަ ހަކުރު ގިނަ ބުއިންތައް ބޮވޭނީ އެވަރަށް. ސޭންޑް ވިޗް ވެސް ވަރަށް ކެވޭ. ކެއުމަށް ވަރަށް ގިނަ ވަގުތު ދެވޭ އޭރު،" ސާއިދު ބުންޏެވެ.

"އޭރު އެންމެ ގަދަ އަށް ކެވުނު އެކައްޗަކީ އަދި ބަތް. ބަތަކީ ވަރަށް ގިނައިން ކާބޯހައިޓްރޭޓްސް އޭގައި ހިމެނޭ އެއްޗެއް. ކާބޯހައިޑްރޭޓްސް ހަށިގަނޑުގެ އެތެރޭގައި އެންމެފަހުން މި ބަދަލުވަނީ އަނެއްކާވެސް ހަކުރަށް. ދެން އެ ޝުގާ މި ބަދަލުވަނީ ފެޓްސް އަށް"

"އެހެންވީމަ ހިކެން ބަލާއިރު ބަތަކީ ވެސް އެހާ ގިނައިން ކެއުން ރަނގަޅު އެއްޗެއް ނޫން."

"ޖިމަށް ދާން ފެށި ފުރަތަމަ ދުވަހުން ފެށިގެން ވެސް ކެއުމަށް ބަދަލު ގެނެސްފިން އަޅުގަނޑު. އަޅުގަނޑަށް އެނގިފައި އޮތީ ހަށިގަނޑު ފަލަކޮށްލާ އެންމެ ބޮޑު ދެ މާއްދާ އަކީ ހަކުރާއި ކާބޯހައިޑްރޭޓްސްކަން،" ސައިންސްގެ މާއްދާތަކަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ސާއިދު ބުންޏެވެ.

"ފުރަތަމަ ދުވަސްކޮޅު (ކެއުން ބަދަލުކޮށް) އެޖަސްޓްވާން ވަރަށް އުނދަގޫވި. އެއީ ޝުގާ އާއި ކާބޯހައިޑްރޭޓަށް ވަރަށް ބޮޑަށް އެޑިކްޓިވްވެފައި ހުރީމަ. ދެން ދިރާސާތަކުން ވެސް އެނގިފައި ވަނީ ޝުގާ އަކީ ޑްރަގަށް ވުރެން ވެސް ނުރައްކާތެރި އެއްޗެއް ކަމަށް. އެހެންވީމަ ޝުގާއާ ދުރުވާން އެހާ އުނދަގޫވާނެޔޭ އަދި ދުރުވެއްޖެ ނަމަ އޭގެ ވިތްޑްރޯވަލް ސިމްޕްޓަންސްވެސް ވަރަށް ބޮޑަށް ފެންނާނޭ."

މާލޭ ފިޓްނަސް ކްލަބަށް އޭނާ ދާން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ވަކި ހާއްސަ ކްލާސްތަކެއް ނުވަތަ މާ މޮޅު އިންސްޓްރަކްޓަރެއްގެ ލަފައެއް ނަގަނީކީއެއް ނޫނެވެ. ހަފުތާއެއްގެ ދެ ތިން ހަތަރު ދުވަހު ޖިމަށް ގޮސް އެކި ކަހަލަ ކަސްރަތުކުރަނީ އެވެ.

"ޖިމަށް ގޮސް އެމީހުން ގާތު ކުޑަކޮށް އަހާލީ ކަސްރަތުކުރާ މެޝިންތައް މަސައްކަތްކުރާ ގޮތާއި ބޭނުންކުރާނެ ގޮތް،" ސާއިދު ބުންޏެވެ.

"ކަސްރަތުކުރާނެ ގޮތްތައް އަމިއްލަ އަށް ކަނޑައަޅާފައި އަޅުގަނޑު ހުންނަނީ. އިންޓަނެޓުންނާއި ފޮތް ފޮތުން ބަލައި ކިޔައިގެން. އެގޮތަށް އަމިއްލަ އަށް ދިރާސާކޮށްގެން އަޅުގަނޑަށް އެނގުނީ ފަލަވެފައި ހުންނަ މީހަކު ހިކެން ބޭނުން ނަމަ އެންމެ މޮޅު ގޮތަކީ ކާޑިއޯ ޖެއްސުން ކަމަށް"

"ދެން ހަފުތާއަކު ހަތަރު ދުވަހު ޖިމަށް ގޮސް 60 މިނިޓްސް ކާޑިއޯ ޖައްސަނީ. އެއީ 20 މިނެޓް ބައިސިކަލްގައި. 40 މިނެޓް ޓްރެޑްމިލްގައި. އެއީ ފުރަތަމަ ފަށައިގަތް ގޮތް. މިހާރު ވެއިޓް ވެސް ކޮންމެވެސް ވަރަކަށް ލިފްޓްކުރަން މަސްތައް ވަރުގަދަކުރަން."

މިހާރު އޭނާ ޗިޕްސް އެއް އަދި ޕިއްޒާއެއް ވެސް ނުކަ އެވެ. ކުރީގެ އާދަތަކާއި މީރު ކެއުންތަކާ ވެސް ދުރުވެއްޖެ އެވެ.

"ޑައެޓް ފެށި ފަހުން އަދި ޕިއްޒާއެއް ނުކަން އެއްގޮތަކަށް ވެސް. މިހާރު ހަތް މަސްވީ. ޗީޓް މީލްއެއް (ޑައެޓްގައި ނުހިމެނޭ ކެއުމެއް) ވެސް ނުނަގަން އަދި،" ސާއިދު ބުންޏެވެ.

ކުރިން ބްރޭކްފާސްޓަށް ހިތުހުރި ގޮތަކަށް ކެއި ސާއިދު މިހާރު އާންމުކޮށް ނަގާ މޯނިން މީލް އަކީ އޯޓްސް އެވެ. މެންދުރަށް ކަނީ ބްރައުން ރައިސް އެވެ. އޮލިވް އޮއިލްގައި ނޫން އެހެން ތެލެއްގައި ކާ އެއްޗެހި ބޭނުމެއް ނުކުރެ އެވެ.

"ދެން އޯޓް މީލް އަކަށް ފަހު ގްރީން ޓީ ބޯލައިގެން ދެން ދަނީ ޖިމަށް. ޖިމުގައި 60-80 މިނެޓްސް ހޭދަކޮށްފައި ގެއަށް އައިސް (މަސައްކަތުގައި) އުޅެފައި މެންދުރު މި ކަނީ ބްރައުން ރައިސްކޮޅެއް،" ސާއިދުގެ މިހާރުގެ އެއް ދުވަސް ކިޔައިދެމުން ކުރިއަށް ދިޔަ އެވެ.

"ބްރައުން ރައިސްއާ އެކު ބޭނުން ކަހަލަ ރިހައެއް ނުވަތަ ގަރުދިޔަ. ކޮންމެ ކަހަލަ މަހެއް ވެސް ރަނގަޅުވާނެ. މަސް ހެދިދާނެ އޮލިވް އޮއިލްގަ ވެސް. އެ ތެލަކީ ސިއްހަތަށް ވަރަށް ރަނގަޅު ތެލެއް"

"ބައެއް މީހުން ހިތަށް އަރާފާނެ އޮއިލްވީމަ އެއީ ވަރަށް ސަކަރާތް އެއްޗެކޭ. އެކަމަކު އޮލިވް އޮއިލް އަކީ އޭގެ އެއް ސައިސަމުސާ ތެޔޮ ބޯލަން ވެސް ޑޮކްޓަރުން ރިކޮމެންޑްކުރާ އެއްޗެއް."

އޭނާ ބުނީ ރޭނގަނޑު ވެސް ނަގަނީ މެންދުރުގެ ކެއުން ކަމަށެވެ. އަދި ރޭގަނޑުގެ ކެއުމަކީ ހިކެން ކުރިމަތިވާ ހުރަހެއްކަމަށް ބުނާ ވާހަކަ ވެސް އޭނާ ގަބޫލެއް ނުކުރެ އެވެ.

"ހިކެން މަސައްކަތްކުރާއިރު ރޭގަނޑު ކެއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނާ ވާހަކަ އަކީ ހަމަ ފޭކް ތިއަރީއެއް. އެއީ ހަމަ މީހުން ދައްކާ އޭގައި އެއްވެސް ކަހަލަ ހަގީގަތެއް ނެތް ވާހަކައެއް. އަޅުގަނޑަށް ކެވިފައި ހުންނާނެ ރޭގަނޑު 10 އެއްގެ ފަހުން ވެސް،" ސާއިދު ބުންޏެވެ.

އޭނާ ބުނީ ބުއިމަކަށް މިހާރު އެންމެ ގިނައިން ނެގެނީ ގްރީން ޓީ ކަމަށެވެ. ސްނެކަކަށް ނަގަނީ މޭވާގެ އެކި ވައްތަރުތަކެވެ.

"ފުރަތަމަ ކަމަކަށް އެންމެ މުހިންމު ކަމަކީ ތިމަންނަގެ ސެލްފް އެހެން މީހުންނާ ކޮމްޕެއާނުކުރުން. އަބަދުވެސް ބަލަންވީ ކުރިން ދުވަހަށް ވުރެ ތިމަންނަ މިހާރު ހުރި ސްޓޭޓަސް ރަނގަޅުކުރުމަށް. ކޮންމެހެން އެހެން މީހަކަށް ވުރެ މާ ރަނގަޅުވުމަށް މަސައްކަތްކުރާނެ ކަމެއް ނެތް،" ސާއިދުގެ ނަސޭހަތަކީ މިއީ އެވެ.

"އެހެންމީހަކާ ވާދަކުރަން ހަދައިގެން މިކަމެއް ނުވާނެ."

"ދެ ވަނަ ކަމަކަށް ވަރަށް މުހިންމު ބަނޑުހައި ނުވެ ޑައެޓްކުރުން. ބަނޑުހައިވެއްޖެއްޔާމު ވަރަށް އުނދަގޫވާނެ އެ ޑައެޓަކަށް ފޮލޯކުރަން. އެގޮތަށް ބަނޑުހައިނުވެ ހުރުމަށް ދޭތެރެދޭތެރެއިން ސްނެކަކަށް ފުރުޓްސްކޮޅެއް ނަގާލީމަ ރަނގަޅުވާނެ."

"ހިކެން މަސައްކަތްކުރާއިރު މެންދުރާއި ރޭގަނޑު ވެޖިޓަބްލް ސެލަޑެއް ނެގުމަކީ ވެސް ރަނގަޅު ކަމެއް. ގްރީން ސެލަޑެއް. ލެޓިއުސް ސެލަޑެއް. ތަރުކާރީ ސެލަޑެއް ބްރޮކޯލީއާ އެކު. އަޅުގަނޑަށް ވަރަށް ކެވޭ އޮލިވް އޮއިލްގައި ހަދާލާފައި ހުންނަ ކަންކުން ސެލަޑް ވެސް."

ސާއިދު ބުނީ މީރު ކެއުންތައް ދޫކޮށް ހިކެން މަސައްކަތްކުރުމަކީ ބޮޑު ގުރުބާނީއަކަށްވިޔަސް ސިއްހަތު މަތިން ހަނދާންކޮށްލުމުން ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ގުރުބާނީއެއް. އެކަމަކު ސިއްހަތަށް ވިސްނާލީމަ އެ ކަންތައް އެހާ ބޮޑު ސެކްރިފައިސް އަކަށް އަޅުގަނޑަކަށް ނުވޭ،" ސާއިދު ބުންޏެވެ.

"ދެން ވެއިޓް މެއިންޓެއިންސް ކުރުމަކީ ވެއިޓްލޫސްކުރުމަށް ވުރެ އުނދަގޫކަމެއް. އަސްލު ވާގޮތަކީ އެއް ޑައެޓެއް މާ ގިނަ ދުވަސް ވަންދެން ނަގަންވެއްޖެ ނަމަ ފޫހިވާން ފަށަނީ. އެހެންވީމަ ދޭތެރެދޭތެރެއިން ޗީޓް މީލްއެއް ވެސް ނެގިދާނެ ހަށިގަނޑަށް ހިތްހަމަޖެހުމެއް ހޯދައިދޭން."

ކޮންމެއަކަސް ސާއިދު އޭނާގެ އަމާޒު ކާމިޔާބުކޮށްފި އެވެ. ދެން އޭނާގެ އޮތީ ކެމިކަލް އިންޖިނިއަރިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރުމުގެ އަޒުމެވެ.

ސާއިދާ މެދު ފަހުރުވެރިވާން ޖެހޭ އަނެއް ސަބަބު މި އަންނަނީ އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ޓޮޕް ސެކަންޑްގައި ހިމެނުނު ދަރިވަރެކެވެ. ތްރީ އޭ ސްޓާ ލިބިގެން އިންޓަނޭޝަނަލް އެވޯޑް ވެސް ލިބިފައިވާ ދަރިވަރެކެވެ.

އެހެންވީމަ މި ސާއިދެއްގެ ވާހަކަ ދައްކައި ނިންމާލެކޭކަށް ވެސް ނެތެއް ނޫން ހެއްޔެވެ؟