ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަނޑުވެރިކަން

މެންދުރަށް ފެނުކެއްކި ބަރަބޮލާ ކަޅޯއް ގަރުދިޔަ!

Apr 23, 2020
3

ޗައިނާގެ ވޫހާން އިން އުފަންވި ކޮރާނާ ވައިރަހުގެ ހަބަރުތައް ރާއްޖެއާ ހަމައަށް، އަހަރު ފެށުނު ތަނާހެން "ވޫހާން ވައިރަސް" ގެ ނަމުގައި އަތުވެއްޖެ އެވެ. އޭ ދުވަސްކޮޅެއް ފަހުން މުޅި ރާއްޖެއަށް މަޝްހޫރު ދަނޑުވެރިޔާ، ގަމީރާ އާދަމް ވާހަކައެއް ބުނެލަން "އަވަސް" އަށް ގުޅި އެވެ. އޭނާ ބުނި ވާހަކައަކީ މި ކޮރާނާ ވައިރަސް މިދާ ގޮތަށް ދަންޏާ ދިވެހިން ބޮޑު ތަދުމަޑުކަމަކާ ކުރިމަތިލާން ޖެހޭނެއޭ އެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ގޯތިތަކުގައި ހުސް ބިންކޮޅެއް އޮތަސް އެއިން ބިން ކޮޅެއްގައި އެކަކު އެއްޗެއް ވެސް ހައްދާކަށް ނޫޅެ އެވެ. ގަމީރާގެ ނަޒަރުގައި ގޯތި ތެރޭގައި އޮންނަ ހުސް ބިންކޮޅުގައި ކުރާ "ދަނޑުވެރިކަމަކުން" އާއިލާއެއްގެ ތިން އިރުގެ ކޮއްތު ޔަގީން ކުރެވެ އެވެ.

އޭރު އެ ވާހަކަ ގަމީރާ ދެއްކީ ދުނިޔެ ދައްކަމުން ދިޔަ ހަގީގަތުން މިސާލު ނަގައިގެންނެވެ. ކޮރޯނާ ވައިރަސް ޗައިނާ އިން ނުކުމެ ދުނިޔެއަށް ފެތުރެން ފެށުމާއެކު ރާއްޖެއަށް ކާނާގެ ޔަގީކަން ބޭނުންވާތީ އެވެ. އޭރުވެސް އޭނާ އޮތީ މަސައްކާތް ފަށާފަ އެވެ. ގަމީރާ މިހާރު ދިރިއުޅޭ ގދ. ހޯޑެއްދޫގެ ގޭގެ ދޮރުމަތީގައި ގަސް އިންދި އެވެ. އިއްޔެ އޭނާގެ މެންދުރުގެ ކެއުމަކީ ފެނު ކެއްކި ބަރަބޮލާއި ކަޅުއޮށު ގަރު ދިޔަ އާއި ލެޓިއުސް ސަޓަންޏެވެ. މިހާރު މުޅީންހެން ކެއުމުގެ ހާއްސަ ބައިތައް ގަމީރާ ފުއްދަނީ އޭނާގެ ގޯތީގައި ހައްދާ އެ ބާވަތް ތަކުންނެވެ.

"މިއީ ވަގުތަކީ ރެޑްބުލް ބޮއެ، ފުރައިޑް ރައިސް ކާންވީ ވަގުތެއް ނޫން. ރެޑްބުލް ފަހުން ވެސް ބޮވި ދާނެ. މިހާރު އަމިއްލައަށް ގޯތިތެރެ އާއި ބެލްކަނީގައި ގަހެއް ހެއްދޭތޯ އުޅެންވީ. މާލެއިން ރަށަށް ދާ ކާޑު އެރުވި ނާލު ބޯޓު އަންނާނެ ދުވަހަކަށް އިންތިޒާރު ކޮށްގެން މިހާރު ތިބެވޭކަށް ނެތް،" ބ. އަތޮޅު އަންހެނުން ފުށީގައި ފުޅާ ދާއިރާއެއްގައި ދަނޑު ހައްދާ ގަމީރާ ބުންޏެވެ.

ކޮވިޑް-19 ގެ ބަލާއާފާތް ދުނިޔޭގައި ފެތުރެން ފެށުމާއެކު ދުނިޔޭގެ ގިނަ ގައުމު ތަކެއް ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު އދ. ގެ ކާބޯތަކެތީގެ ޖަމިއްޔާ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ދުނިޔެއަށް ދިނީ އިއްޔެ އެވެ.

ޑަބްލިޔުއެފްޕީގެ އިންޒާރު އައިއިރު މިހާރު ވެސް ގިނަ ގައުމުތަކަށް ވަނީ ތަދުމަޑުކަން ލައްވާލައި ދަތި ތަހަމަލް ކުރަން ފަށާފަ އެވެ. އަދި މުޅި ދުނިޔެ ގުޅިފައިވާ "ސަޕްލައި ޗެއިން" އަށް ހެސްކިޔާފައި ބުރޫ އަރައިފައި ވެއެވެ.

މީގެ ދެ މަސް ކުރިން ގަމީރާ އިޝާރާތް ކުރި ކަންކަން މިއޮތީ ރާއްޖޭގެ ގޮނޑުދޮށުން އެއްގަމަށް އަރާފަ އެވެ. އެހެން ކަމުން ގަމީރާގެ އެ ވާހަކަ ވަރަށް ތިލަ އެވެ. އެކަމަކު މާނާ ވަރަށް ފުނެވެ. ދިވެހިން ވިސްނާލައިފި ނަމަ އެއްޗެއް އެނގޭވަރު ވާނެ އެވެ.

އެ ދުވަހުން ފެށިގެން ރަހުމަތްތެރިންގެ ގާތުގައި ވެސް ގަމީރާ ދައްކަމުން އައީ މިއަދު މިއޮތް ހާލަތު ރާއްޖެއަށް އަތުވެދާނެ ވާހަކަ އެވެ. ގަމީރާގެ ފަހަތުން އެ ދުވަހު މަސައްކަތް ފެށި މީހުން މިހާރުގެ މިހާލަތުގައި ތިބީ ނޭވާ ހައްޓަށް ފެތިގެނެވެ. ކާޑު ހުސްވިޔަސް އެ މީހުންގެ ހާސްކަމެއް އަދި ނެތެވެ.

"ގޭދޮށު ހުސް ބިންކޮޅުގަ ދަނޑު ހައްދާށޭ ބުނީމަ ބައެއް މީހުން އެކަން މާ ބޮޑުކޮށް ނަގަނީ. މުޅިން ވެސް މި ފެންނަނީ މިރުސް ނުހެއްދިގެން އުޅޭތަން. މިހާރު ހައްދަން ޖެހެނީ މިރުހެއް ނޫން. ކާނެ ގޮތެއް ހޯދަން ޖެހޭނީ. ކިތަންމެ ފައިސާ ހުއްޓަސް މިހާރު އެއިން ކުރެވޭނެ މާ ބޮޑުކަމެއް އޮތް ހެނެއް މަށަކަށް ހިއެއް ނުވޭ. ތިމާގެ ސިކުނޑިން ކުރި ކަމެއް ފެންނާނީ،" ދަނޑުވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމާއި އަންހެނުންގެ އެވޯޑު އަދި، އެފްއޭއޯގެ އެވޯޑު ވެސް ލިބިފައިވާ ގަމީރާ ބުންޏެވެ.

އެހެންވީއިރު މިހާރު ހައްދަންވީ ކޮން އެއްޗެއް ހެއްޔެވެ؟ ހެދެނީ ކޮން ބާވަތްތަކެއް ހެއްޔެވެ؟ ދާދި ފަހުން ދަނޑުވެރި ވަޒީރަކު ޕްރެސް އަށް އަރައި ވިދާޅުވި ގޮތުގައި ހައްދަން ވީ ބަނބުކޭލެވެ. އެކަމަކު ބަނބުކެޔޮ މިހާރުގެ މި ހާލަތުގައި ހައްދަން ދިމާކޮށްގެން ވާނީ ކިހިނެއް ހެއްޔެވެ؟ އަދި އެހެން ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ހައްދަންވީ ހަނޑުލެވެ. ރަށް ރަށުން ހަނޑޫ ހައްދާއިރަށް ގަންނަން ތައްޔާރެވެ. ވީމާ ހައްދަން ވީ ބަނބުކޭލާއި ހަނޑޫ ހެއްޔެވެ؟ މިއީ މި ހާލަތުގައި ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟

މި ވަގުތު ރާއްޖޭގައި މާބޮޑު މަސައްކަތެއް ނެތި ހެއްދޭނެ ކަމަށް ގަމީރާ ކިޔައިދޭ ލިސްޓުގައި ހިމެނޭ ގިނަ ބާވަތްތަކެއް ވެއެވެ. ގަމީރާއަށް ގުޅައިލުމުން އޭނާގެ މުޅި ލިސްޓް ކިޔައިދޭނެ އެވެ. އެއީ ތަޖުރިބާކާރެކެވެ.

އެ ލިސްޓުގައި މުޅިންހެން ހިމެނެނީ ފަލަމަޑީގެ ބާވަތް ތަކެވެ. އޭގެ އެއްބާވަތަކީ ބަރަބޮލެވެ. އަނެއް ބާވަތަކީ ބަޓާނާ އެވެ. ދެން އެކި ބާވަތުގެ ކައްޓަލަ އެވެ. ގަމީރާ ގަބޫލު ކުރާ ގޮތުގައި ކޮވިޑުގެ "ތާށިކަމުގައި" ވާނީ ކިތައް ދުވަސް ކަމެއް ނޭނގެ އެވެ.

"އެއް ބަޔަކު ބުނޭ މި ކަމުގައި [ކޮވިޑް-19] ގައި ވާނީ ތިން މަހޭ. އަނެއް ބަޔަކު އެބަ ބުނޭ ހަ މަހޭ. އެހެންވެ، މި ޖެހެނީ ތައްޔާރަށް ތިބެން. ބަޓާނާ އާއި ބަރަނޯ ފަދަ އެއްޗިއްސަކީ ކުޑަ ބިން ކޮޅެއްގައި އަވަހަށް ހެއްދޭނެ އެއްޗިހި. ކައްޓަލައަކީ ގިފިލި ތެރޭގައި ވެސް ހެއްދޭނެ އެއްޗިހި. މިހާރު ޖެހެނީ ބަނޑު ފުރާނަ މުއްތި ކުރާނެ އެއްޗެއް ހައްދަން،"