ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަހަރެންގެ ދަރިފުޅު ގައުމާ ހަވާލު!

މަންމައަކު ރޮމުން ބުނީ މިހެނެވެ؛ "ފަސޭހަކަމެއް ނޫން، އެކަމަކު އަހަރެންގެ ހަގު ދަރިފުޅު ގައުމާ ހަވާލު،"

ފާތިމަތު ނަސީރު، އޭނާ ފޭސްބުކްގައި އިހުސާސްތައް ބަންޑުންކޮށްލީ އޭނާގެ ހަގު ދަރިފުޅު އަދާ ކުރަމުންދާ ގައުމީ ވާޖިބު ފެނި އުފަލުންނެވެ. ހަމައެއާއެކު ލިބެމުންދާ ފުރައްސާރަތަކަށް ހިތަށް އަސަރުކޮށްގެންނެވެ.

އޭނާގެ ދަރިފުޅު ރީއަތު ހަމީދަކީ ގައުމީ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަމުންދާ ދަރިވަރެކެވެ. އަދި ފުރަތަމަ އަހަރެވެ. އެކަމަކު ގައުމަށް ދިމާވެފައި އޮތް ބަލިމަޑުކަމުގައި އޭނާއަށް މިހާތަނަށް ވެސް ލިބިފައިވާ އިލްމެއްގެ ބޭނުން ހިފުމަށް ވަނީ ވޮލެންޓިއަރަކަށްވެފަ އެވެ.

ކިޔެވުން މެދުކަނޑާލާފައި ހުރި ރިއަތު މިހާރު މަސައްކަތް ކުރަމުންދަނީ ފްރޮންޓްލައިނުގަ އެވެ. މީހުންގެ ސާމްޕަލް ނެގުން ފަދަ ކަންކަމުގައި އޭނާ ވަރަށް ހަރަކާތްތެރިކޮށް އުޅެ އެވެ. އޭނާ ނެގި ބައެއް ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެސްވެފަ އެވެ.

"އަހަރެން މިއަދު ލޯބިވާ ދަރިފުޅު ގައުމާ ހަވާލުކޮށްފިން، މިއީ ފަސޭހަ ކަމެއް ނޫން، މި ވަގުތު ބަލަންވީ ތިމާއަށް ގައުމަށްކޮށްދެން އޮތީ ކޮން ކަމެއްތޯ،" ފާތިމަތު ފޭސްބުކުގައި ލިޔެފައިވެ އެވެ.

ފާތިމަތު ލިޔެފައިވާ އަސަރުގަދަ ޕޯސްޓްގައި އޭނާ ބުނީ ދަރިފުޅަކީ އަބަދުވެސް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކުއްޖެއް ކަމަށެވެ. އޭނާ ގައުމަށްޓަކައި ދަރިފުޅު ކުރިއަށް ނެރެފައިވަނީ ބަދަލުގައި އެއްޗެހިތަކެއް ލިބޭތީ ނޫން ކަމަށެވެ.

"ނަމަވެސް ބައެއް ގޭގެއަށް ގޮސް ހަތްވަނަ ފްލޯއަށް ހަޒުމަތު ސްއިޓް ލައިގެން އަރާއިރު އެހެން ފްލޯތަކުގެ މީހުން އެ ކުދިންނާ ދިމާލަށް ހަޅޭލަވަމުން އަންނައިރު އެ ކުދިން މައިނޭވާލަމުން އަރާއިރު ވެސް ބަލާލުމެއް ނެތި މިގޮތަށް ކަންތައްތައް ކުރުމަކީ ހިތާމަހުރި ކަމެއް،" ހިތުގައި ޖެހިފައިހުރި ފާތިމަތު ބުންޏެވެ.

އެ ހުރިހާ ފުރައްސާރަތަކާއި ތަކުލީފެއް ދަރިފުޅު އުފުލަމުންދާއިރު ވެސް އެ މަސައްކަތުގައި ދަރިފުޅަށް ހިތްވަރު ދެނީ ބަލިވާނީ ހަމަ ކޮންމެވެސް މީހެއްގެ މަންމަ، ބައްޕަ، ބޭބެ، ދައްތަ، ކޮއްކޮ ނޫނީ ދަރިފުޅު ކަމަށްވާތީ އެވެ. އެފަދަ ހާލެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ނުވެއްޖެނަމަ އެމީހުންނަށް ކުރާނެ އަސަރުތައް ވިސްނޭތީ ކަމަށް ފާތުމަތު ބުންޏެވެ.

ހިތުގައި ޖެހިފައި އެހެން ނަމަވެސް ފަހުރުވެރިކަމާއެކު ހުރި އެ މަންމައާ ލޯބިވާ ދަރިފުޅާ، މިކަން ފެށުނު ފަހުން ބައްދަލުވީ އަދި އެންމެ ފަހަރަކު އެވެ.

"އަހަރެން ދަރިފުޅަށް ލެޕްޓޮޕް ހަވާލު ކުރަން ކަރިވާން އުޅުނީމަ ބުނީ ދަބަސް ތިރީގަ ބައިންދާފަ މަންމަ ކައިރި ނުވާށޭ، ވަރަށް އަސަރު ކުރި، މިއަދު ކޮންމެވެސް ރަށަކަށް ޓެސްޓް ނަގަން ވެސް ދޭ، ދެން ނޭންގެ ދިމާވާނެ ދުވަހެއް،" އެތައް ބަޔަކު ޝެއާކޮށްފައިވާ ޕޯސްޓްގައި ފާތިމަތު ބުނެފައިވެ އެވެ.

އެންމެ ހަގު ދަރިފުޅު ދުނިޔެ ވެކިވެ ގޮސްފައިވާ ކަމުގެ ހިތާމަ އަރުތެރޭގައި އަދިވެސް ތާޒާކޮށް ހުރި ފާތިމަތު އޭނާގެ މިހާރު ދުނިޔޭގައި ހުރި އެންމެ ހަގު ދަރިފުޅާމެދު ފަހުރުވެރިވާ ހާލު އެދެނީ މި ބަލިމަޑުކަމުން އަވަހަށް ސަލާމަތްވުމެވެ.

"ދަރިފުޅު އެކުރާ ބުރަ މަސައްކަތުގައި ﷲ ބަރަކާއި ލެއްވުން އެދެން، އަހަރެންގެ ލޯބިވާ ދަރިފުޅު ރީއަތު ހަމީދުގެ ފާފަ ފުއްސަވާ ދެ ދުނިޔޭގެ ބާއްޖަ ވެރިކަން ލިބުމަށް ދުއާ ކުރަން،" ދަރިފުޅާ ބައްދަލުވާނެ އިންތިޒާރުގައި ހުރި ފާތިމަތުގެ ދުއާއަކީ މިއީ އެވެ.

ރީއަތުގެ އިތުރުން މި މަސައްކަތުގައި ހިލޭ ސާބަހަށް ގިނަ އަދަދެއްގެ މެޑިސިން ކިޔަވާ ދަރިވަރުންނާއި ނަރުސްކަން ކިޔަވާ ދަރިވަރުން ބައިވެރިވަމުންދެ އެވެ. ގައުމީ ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ކޮންމެ ދިމާއަކުން ވެސް ފެންނަނީ ގައުމީ ލޯބި އޮތް އެތައް ދިވެހި ދަރިންނެކެވެ.