ހަބަރު

"އޮޅިގެން" މާ މައްޗަށް!

ކޮވިޑް-19 އިގެ ދަތި އުނދަގުލުގައި "ގަނަތެޅެމުން" އައި އެތަައް ދިވެހިންނަށް މިދިޔަ ދެތިން މަހު ތެރޭ ލިބުނު އެންމެ އުފާވެރި ހަބަރަކަށްވީ އަންނަ މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓުތައް ދޫކުރަން ފަށާނެ ކަމުގެ ހަބަރެވެ. އިގްތިސޯދީ ހާލަތު ދަށްވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި، މާލޭގައި ކުއްޔަށް އުޅޭ އެއް ބަޔަކު ގެތަކުން ނެރެ، އަނެއް ބަޔަކު ކުލި ދައްކާނެ ގޮތެއް ނެތިފައި ހުރި މާޔޫސްކަމުގެ ތެރެއިން ނެރެ އުންމީދު އާ ކުރުވި ކަމެކެވެ. އެކަމާ ހެދި އުފަލުން ފޮޅި އެތައް ބައެއްގެ ޝުއޫރުތައް ސޯޝަލް މީޑިއާއަށް ފާޅުކޮށް ހެދި އެވެ.

އެހެން ނަމަވެސް އެ ހުރިހާ އުފަލެއް ލިބި، ދަތިތަކުން އަރައި ގަނެވޭނެ ކަމަށް އެތައް ބަޔަކަށް އުންމީދު ކުރެވުނީ ސަރުކާރަށް އެރި "އޮޅުމަކުން" ނެވެ. ފްލެޓް މައްސަލާގައި ކޮމިޓީއަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން އަންނަ މަހު ފްލެޓު ދޭނެ ކަމަށް ހައުސިން މިނިސްޓަރަށް އައިމިނަތު އާތިފާއަށް ވިދާޅު ވެވުނީ "އޮޅިގެން" ކަމަށް ބުނެ ރޭ އެ މިނިސްޓްރީން ބަޔާން ނެރެފައިވާއިރު އެ ބަޔާނުގައި ކުޑަމިނުން ރައްޔިތުން ކިބައިން މާފަށް ވެސް އެދިފައި ނުވެ އެވެ. އެ މައްސަލާގައި އެތަައް ބައެއްގެ ރުޅި ފަޅައިގެން ގޮސް ވަރަށް ބޮޑަށް ފާޑު ކިޔަން ވަނީ ފަށައިފަ އެވެ.

"ވޯޓު ހޯދަން އައިއިރު އޮޅުމަކުންތޯ ފްލެޓު ދޭނެ ކަމަށް ބުނީ؟ އޮޅުމަކުންތޯ ހުރިހާ ވައުދެއްވީ؟" އެ ހަބަރަށް ކޮމެންޓް ކުރި މީހަކު ބުންޏެވެ. "ސަރުކާރުން އޮޅިގެން ދެން ކުރާނީ ކޮން ކަމެއް. މިވަރުގެ ބޮޑު ދެރައެއް ދޭންވާނެތަ. ދެން އޮޅުމަކުން ވެސް މި ސަރުކާރަށް ވޯޓެއް ނުދޭނަން،" ޓުވިޓާގައި މީހަކު ލިޔުނެވެ.

އެހެން ނަމަވެސް ބޯހިޔާވެހިކަމުގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އަދި އެތައް ބަޔަކާ ގުޅިފައި އޮންނަ ކަމެއް ކަމާއި މި ހުރިހާ ދުވަހެއްވީއިރު އެކަން ހައްލު ކުރަން ސަރުކާރުތަކުން ނުކުޅެދިފައިވާ ކަމީ އެއްވެސް ބަޔަކަށް އޮޅިފަައި އޮތް ވާހަކައެއް ނޫނެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މީހުންގެ އާމްދަނީއަށް އައި ހީނަރުކަމާއި ދިރިއުޅުމަށް އައި ބަދަލުތަކާއެކު އެ މައްސަލަ ވަނީ އެތައް ގުނައެއް ބޮޑުވެފަ އެވެ. އެކަމާ ގުޅޭ ޝަކުވާތައް ވެސް މަދެއް ނޫނެވެ.

"ޖުލައި މަހު ފްލެޓު ދޭނެ ކަމަކަށް ބުނީމަ މުޅި އާއިލާ ވަރަށް އުންމީދާއެކު އެތައް ވާހަކައެއް މަޝްވަރާކޮށްފިން، މިހާރު މި ދައްކާ ބޮޑު ކުލި ދައްކަން ނުޖެހެންޏާ އެތައް ހަރަދުތަކެއް ސަލާމަތްވެ އެތައް ކަމެއް ދިރިއުޅުމުގައި ފަސޭހަ ވާނެ، މި ވަރުގެ ބޮޑު އޮޅުމެއް އަރަން ހެޔޮ ނުވާނެ،" އަވަސްއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިއީ މި ފަހުން ސަރުކާރުގެ ޒިންމާދާރު މަގާމެއް އަދާ ކުރާ ފަރާތަކަށް "އޮޅިގެން" މިވަރު ކަމެއް ކުރެވުނު ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ސަރުކާރަށް ފާޑު ކިޔައިގެން ކަމަށް ބުނެ އައްޑޫ ސިޓީ، ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޗިޓް ފޮނުވުނީ އިދާރީ އޮޅުމަކުން ކަމަށް ދާދި ފަހުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ދާދި ފަހުން ވިދާޅުވި އެވެ.

އެހެން ނަމަވެސް ކޯޑް އޮފް ކޮންޑަކްޓް އާ ހިލާފުވި ކަމަށް ބުނެ ލިޔަން އުޅުނު ސިޓީގައި ދެ ރައީސުންނަށް ފާޑުކީ ކަމަށް ބުނާ އެތައް ވާހަކަތަކެއް ލިޔެ މުއައްޒަފަކު ވަކި ކުރެވޭ ވަރުގެ ބޮޑު "އޮޅުމެއް" އަރާނަމަ ދެން އަރާނީ ކޮން ފަދަ އޮޅުމެއް ކަމާމެދު ވިސްނާލަން ޖެހެ އެވެ.