ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެންބަަރުންގެ ކޮއްތު މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މުވައްޒަފުންތަކެއް އެކަހެރި ކުރަން ޖެހުމުން މެންބަރުންނަށް މަޖިލީހުގެ ހަރަދުގައި ކޮއްތު ދިނުން މެދުކަނޑާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެކަހެރިކުރި 22 މުވައްޒަފުްނެގ ތެރޭގައި ކޮއްތުގެ ކަންކަން ހަމަޖައްސާ މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ. އެހެންވެ، މެންބަރުންގެ ކޮއްތުގެ އިންތިޒާމު މަޖިލީހުން މަޑުޖައްސާލަފައިވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ މެމްބަރުންނަށް ގެއިން މަޖިލީހުގެ އިދާރާއަަށް ތަށިބަރި ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ ގޮތަށް ތަށިބަރި ގެންނަނަމަ، ރައްކާތެރިކަމުގެ ފިޔަވަޅަކަށް ޓަކައި ތަށިބަރިތައް ވެސް ޗެކް ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ޖަލްސާތައް ބާއްވަނީ ކޮވިޑް-19 ގެ ނުރައްކާތެރިކަން އޮތް ކަން އެނގިވަޑައިގެން ކަމަށެވެ. އެހެންކަމުން އަބަދުވެސް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް މަޖިލީހުގެ އިދާރާއިން އަޅަމުން ގެންދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ދުވަސްވަރު ވެސް މަޖިލީހުގެ ކޮއްތު މެދުކަނޑާލި އެވެ. އަލުން ކޮއްތު ދޭން ފެށުނީ މަޖިލީހުގެ އިދާރާއަށް މެންބަރުން އެއްވެ ޖަލްސާތަކާއި ކޮމިޓީތައް ބާއްވަން ފެށި ފަހުންނެވެ.