ހަބަރު

ބޮޑުފިނޮޅު މައްސަލަ: ފަސް އިދާރާއެއް ކޮމިޓީއަށް ހާޒިރުކުރަނީ

ބ. ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކަކަށް މުސާރަ ނުދީގެން އެ ރަށުގައި ހިންގި ހަމަނުޖެހުމާއި، އެ ރަށުގެ މަސައްކަތް ކުރަމުންދާ ރިޒް ކުންފުނިން ހިއުމަން ޓްރެފިކިންއަށް ފެތޭ ގޮތަށް މަސައްކަތް ކުރުވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި ފަސް އިދާރާއެއް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މި މައްސަލަ ދިރާސާ ކުރަން ބޭއްވި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ، ހޯމް މިނިސްޓްރީ އާއި، އިކޮނޮމިކް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި، ފުލުހުންގެ އިތުރުން ލޭބާ ރިލޭޝަންސް އޮތޯރިޓީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.

ކޮމިޓީން އެ ގޮތަށް ފާސްކުރުމުން އެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެ ފަސް އިދާރާއާއި މަޝްވަރާކޮށް، މަޖިލީހުގެ ކޮމިޓީގައި އެ ބައްދަލުވުން ބޭއްވޭނެ އަވަސް ތާރީހަކަށް ތާވަލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ބިދޭސީންނަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސާރަ ނުދިން މައްސަލައިގައި އެ މީހުން ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީނުކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. މުސާރަ ނުދެވުނީ އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު ސީލް ކުންފުނިން އެކަމަށް އިންކާރު ކުރެ އެވެ.