ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ކޮވިޑުގެ ދެވަނަ ރާޅު ބިންދާލަނީ!

މިދިއަ މަހުގެ 15 ވަނަ ދުވަހު ލޮކްޑައުން އުވާލީ، ރާއްޖޭން ކޮވިޑް-19 ނައްތާލެވިގެން ނޫންކަން އެއްވެސް ދިވެއްސަކަށް އޮޅިފައެއް ނޯންނާނެ އެވެ. އޭގެ ބަރާބަރު ދެ މަސް ދުވަސް ކުރިން މާލޭން އެ ބައްޔަށް މީހަކު ޕޮޒިޓިވްވި ފަހުން، ލޮކްޑައުން އުވާލުމާ ހަމައަށްވެސް، ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުން ދިއައީ ފެންނަމުންނެވެ. އެކަމަކު ލޮކްޑައުން އުވާލީ، އެކަން ނުކޮށް ބޯޑަރުތައް ބަންދުކޮށްގެން އެންމެ ދުވަހަކު ވެސް ތިބެވެން ނެތިގެނެވެ. ޓޫރިސްޓުން ނުގެނެވި، ރިސޯޓުތައް ފަޅުވުމާއެކު، ގައުމުގެ އިގުތިސޯދު އޮތީ އެކީގައި ހުއްޓިފަ އެވެ. ލޮކްޑައުނަށް އިތުރުވި ކޮންމެ ދުވަހަކާއެކު، ބަނގުރޫޓުވި ކުންފުނިތަކާއި، ވަޒީފާ ގެއްލި މަގުމަތި ވަމުން ދިއަ މީހުންގެ ލިސްޓު ދިއައީ ދިގުވަމުންނެވެ. ބަލި ފެތުރުން ކޮންމެވެސް މިންވަރަކަށް ކޮންޓްރޯލް ކުރެވުމާއެކު، ލޮކްޑައުން އުވާލީ ސަރުކާރަށް ވެސް މަޖުބޫރުވެފައިވާ ހާލަތެއްގަ އެވެ.

އެކަމަކު، މީގެ ދެ މަހެއްހާ ދުވަސް ކުރިން މުޅި ގައުމުގެ ނާރެސް ކަމުގައިވާ މާލެއަށް އިއުލާނުކުރި ލޮކްޑައުން އުވާލުމުގެ ކުރިން ސިއްހީ މާހިރުން ރައްޔިތުންގެ ކިބައިން އާދޭހެއް ކުރި އެވެ. ރާއްޖޭގެ އާބާދީގެ ދެ ބައި ކުޅަ އެއް ބައެއްހާ މީހުން ދެ މަސް ދުވަހަށް ގޭ ބަންދަށް ފޮނުވާލަން މަޖުބޫރުކުރުވި ނުރައްކާތެރި ހާލަތު، ތަންފުކެއްވެސް ކުޑަ ނުވާކަމަށް ބުނަމުންނެވެ. ލޮކްޑައުންގެ ހާލަތަކަށް ދާންޖެހުނު ސަބަބު ތަކުރާރުވިއަ ނުދިނުމަށް، ޑޮކްޓަރުންގެ އިރުޝާދުތަކަށް ތަބާވުމަށް އާދޭހާއެކު އޭރު އިލްތިމާސްކުރި އެވެ. ގޭ ބަންދުން ވީއްލުމާއެކު، ކުރީގެ ދިރިއުޅުމަށް އަނބުރާ ހިނގައްޖެނަމަ، ބަލި އަނެއްކާ ވެސް ފެތުރިގެންދާނެކަމުގެ އިންޒާރު ދިނެވެ.

ނަމަވެސް، ދޮޅު މަހެއްހާ ދުވަސް ކުރިން ލޮކްޑައުން އުވާލުމާއެކު، އެންމެން ގެއިން ނުކުމެގެން ދުއްވައިގަތީ އެވެ. ލޮކްޑައުން ލުއި ކުރި އެހެން ގައުމުތަކުން ފެންނާންހުރި ފިލާވަޅު ލިބިގަންނަން ބޭނުމެއް ނުވި އެވެ. މިދިއަ ޖެނުއަރީ މަހުން ފެށިގެން ދުވާލަކު ދެ އިރު ރައްޔިތުންނަށް ކުރި އިލްތިމާސްތައް ހަނދާންހުރި މީހަކު ނެތެވެ. ކުރިން ފެނުނު ބައެއް ރަނގަޅު އާދަތައް ވެސް މިހާރު ދަނީ ނެތެމުންނެވެ. މަގުތައްމަތީ މީހުން ފުރި ބަންޑުންވެފަ އެވެ. މާސްކު ވެސް އަޅައިގެން އުޅެނީ ހަމައެކަނި ނަމަކަށެވެ. ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދެނީ ވަރަށް މަދު މީހެކެވެ. ކެފޭތައް ވެސް ހަމަ ފުރިފަ އެވެ. ގައުމު އަދިވެސް މިއޮތީ ނުރައްކާތެރި ސިއްހީ ކާރިސާއެއްގެ ތެރޭގައި ކަމެއް މީހުންގެ އަމަލުތަކުން ހަމައެއްގޮތަކަށް ވެސް ނުފެނެ އެވެ.

މި ނަގަނީ ދެވަނަ ރާޅު

ގިނަ ބައެއް ފަރުވާ ކުޑަކުރުމުގެ ނަތީޖާ މިހާރު ވެސް ވަނީ ފެންނަން ފަށައިފަ އެވެ. ފާއިތުވި ތިން ދުވަހުގެ ތެރޭގައި އަލަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އެގޮތުން، މި ތިން ދުވަހު އައި ކޭސްތައް އުޅެނީ ގާތްގަނޑަކަށް 200 ގަ އެވެ. ލޮކްޑައުން އުވާލި ފަހުން، މިދިއަ ހޮނިހިރު ދުވަހު ފެނުނު 77 ކޭހަކީ ވެސް ރެކޯޑެކެވެ. އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ކުރީގެ ހާލަތާ ހިލާފަށް މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ފަހަކަށް އައިސް ބަލި ޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވެފައި ވާތީ، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ނަޒްލާ އަވަސް އަށް ވިދާޅުވި ގޮތުގައި މިހާރު ބައްޔަށް ޕޮޒިޓިވްވާ ގިނަ މީހުނަކީ ކުރީގެ ކޭސްތަކާ ގުޅުމެއް ނެތް މީހުނެވެ. އެއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ހާލަތެކެވެ.

އަދި ކޮންޓެކްޓް ޓްރޭސިން ހަދާއިރު، ޕޮޒިޓިވްވާ މީހުންނާ ސީދާ ބައްދަލުވާ މީހުންގެ އަދަދުވެސް އެވަރެޖަށްވުރެ އިތުރުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރައްވަ އެވެ.

"މީގެ މާނައަކީ ގިނަ ބައަކު ބައްޔަށް ހުށަހެޅެމުންދާކަން. އަދި ގިނަ ދިވެހިންނަށް މިހާރު ބަލި ޖެހެމުންދާތީ، އުމުރުން ދުވަސްވީ މީހުން ފަދަ ހައި ރިސްކު މީހުނަށް ބަލި ޖެހުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑު. އެފަދަ މީހުނަކީ މި ބަލީގައި އެންމެ ބޮޑަށް ފުރާނައަށް ނުރައްކާވާ މީހުން. އެހެންވީމާ މަރުގެ އަދަދު ވެސް އިތުރު ވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" ނަޒުލާ ވިދާޅުވި އެވެ.

މިހާރު ރާއްޖެ އޮތް ބިރުވެރި ހާލަތު ވަޒަން ކުރެވޭނީ، ކޮވިޑުގެ ތަފާސް ހިސާބުތައް ވަރުން އަޅުވާލުމުންނެވެ. އެގޮތުން ބަލާއިރު، މިދިއަ މަހުގެ ނިޔަލަށް ރާއްޖޭގައި ކޮވިޑު ޖެހުނު ޖުމްލަ އަދަދު ހުރީ 2،367 ގަ އެވެ. ނަމަވެސް، އިއްޔެ އާ ހަމައަށް އެ އަދަދު ވަނީ 3،292 އަށް އަރައިފަ އެވެ. މިއީ އެންމެ މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ހާހެއްހާ ކޭހުގެ އިތުރުވުމެކެވެ.

ނަޒްލާ ވެސް އެކަން ފާހަގަކުރެއްވި އެވެ. ރާއްޖެ ދެކެން ބޭނުންނުވާ ފަދަ ދުވަހެއްގެ ބިރުވެރި އިންޒާރަކާއެކު އެވެ.

"މިދިއަ ޖޫން މަހުގެ ނިޔަލަށް ހުރި އަދަދުތަކާ އަޅާބަލާއިރު، މިހާރު މި ފެންނަނީ ވަރަށް ބޮޑު އިތުރުވުމެއް. އެހެންވީމާ، މިހާރު މި ފެންނަނީ ދެވަނަ ރާޅެއްކަމަށް ބުނުމުގެ ފުރުސަތު ބޮޑު،" ނަޒްލާ ވިދާޅުވި އެވެ.

ދެވަނަ ލޮކްޑައުނެއް އުފުލޭނެ ވަރެއް ނެތް

މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިއަ އާދީއްތަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ހައްސާސީ ވާހަކައެއް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބަލީގެ ހިޔަނި ނޭޅޭ އެންމެ އާއިލާއެއް މި ރާއްޖޭގައި ނެތެވެ. މިއީ ބަލިމަޑުކަމެއް ކަމަށްވިޔަސް، މިބަލީގެ ޖަރާސީމު ހަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަކަށް ނޫނެވެ..

"ކޮވިޑް-19 ގާދޫކޮލުން އެތެރެވެ، އަޅުގަނޑުމެންގެ ވައިގެ ބަނދަރުތައް ބަންދު ކުރަން މަޖުބޫރުކުރުވި. އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލު ކޮށްފި. ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިއްޖެ. ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި. އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިގުތިސޯދު ކަރުތާފެނަށް ގަންބާލައިފި،" ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް ސިފަކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

މިދިއަ މަހުގެ 15 ވަނަ ދުވަހު ބޯޑަރުތަކާއެކު ރިސޯޓުތައް ހުޅުވާލީ، މިކަމުން އަރައިގަނެވޭނެ މަގެއް ކޮށުމުގެ އަމާޒުގަ އެވެ. ނަމަވެސް އޭގެ ފަހުން ދެ ހަފުތާ ފާއިތުވެގެން ގޮސްފައިވާއިރު، އަދި މަރުހަބާ ކިއުނީ އެންމެ ހާހެއްހާ ޓޫރިސްޓުންނަށެވެ. މިއީ މިކަން އޮންނަންޖެހޭ ގޮތް ނޫނަސް، މުޅި ގައުމު ބަރޯސާވެފައި އޮތީ ފަތުރުވެރި ކަމަށެވެ. ޑޮލަރުގެ އަގު ކަޅު ބާޒާރުގައި މިހާރު ވެސް އަތް ނުފޯރާ ފަށުގައި ހުރި އިރު، ބޭރުން ފައިސާ ފޮއްޗެއް ވަންނަން އޮތް ހަމައެކަނި ދޮރަކީ އެއީ ކަމީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ.

ރައީސް ވެސް ވިދާޅުވި ފަދައިން، ޓޫރިސްޓުން އަންނާނީ ރާއްޖެއަކީ ކޮވިޑުން ރައްކާތެރި ގައުމެއްކަމުގެ އިތުބާރާއި ޔަގީންކަން އޮވެގެނެވެ. ނަމަވެސް އެކަމެއް ސަރުކާރަކަށް ނޫނީ ރިސޯޓުތަކަށް އެކަނި ނުކުރެވޭނެ އެވެ. ގުދުރަތީ ގޮތުން ވަކިވެފައި އޮތް ގައުމެއް ކަމަށްވީ ނަމަވެސް، މުޖުތަމައުގައި އިންތިހާއަށް ބަލި ފެތުރޭ ގައުމަކަށް އަންނަން ކޮންމެ މީހަކު ވެސް ޖެހިލުންވާނެ އެވެ.

"އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް އަމަލުކޮށް، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން،" މިއީ މިނިވަން ދުވަހު ރައީސް ރައްޔިތުންނަށް ކުރެއްވި އިލްތިމާސެވެ.

ނަމަވެސް، އެހާ ފުންކޮށް ގައުމާއި އަދި އިގުތިސޯދާމެދު ފަރުދީ ގޮތުން ވިސްނާލަން ގިނަ ބައަކަށް އުނދަގޫވެދާނެ އެވެ. ސީދާ ތިމާއަށް ފައިދާއެއް ކުރާ ކަން އިހުސާސް ނުވާނެތީ އެވެ. އެހެންކަމަށްވާނަމަ، ނަޒްލާ ދެއްވި އިންޒާރާމެދު ފިކުރު ހިންގާލަން މުހިއްމުވެ އެވެ.

މިހާރު ފެންނަމުންދާ އަދަދުތަކުގެ އިތުރުން، އެހެން އިންޑިކޭޓަރުތައް ވެސް ސިއްހީ މާހިރުން ވަރަށް ގާތުން ދަނީ ބައްލަވަމުންނެވެ.

"އެ އިންޑިކޭޓަރުތައް އިތުރަށް ގޯސްވެއްޖެނަމަ، ބަލި ފެތުރުން ހުއްޓުވަން ކުރިން އެޅި ބައެއް ފިޔަވަޅުތައް އަލުން އިއާދަކުރަންޖެހިދޭނެ،" ނަޒްލާ ވިދާޅުވި އެވެ.