އަބްދުއްރަހީމް އަބްދުﷲ

ރައީސްއާ ބައްދަލުކުރަން އެދޭތާ ތިން މަސް، ޖަވާބެއް ނުލިބޭ: އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުވާން އިދިކޮޅު ޕީޕީއެމް / ޕީއެންސީން ބައްދަލުވާން އެދެމުން ދާތާ ތިން މަސް ދުވަސް ވެއްޖެ ކަމަށާއި މިހާތަނަށް ވެސް އެކަމާ ގުޅޭ ގޮތުން ޖަވާބެއް ދެއްވާފައި ނުވާ ކަމަށް އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ ވާދަވެރި ސިޔާސީ ޕާޓީތަކުން ސަރުކާރާއެކު މަސައްކަތް ފެށުމުގެ މަޝްވަރާއަށް ރައީސް ސޯލިހް ދެއްވި ދައުވަތާ ގުޅިގެންނެވެ. ރައީސް އެ ގޮތަށް ވިދާޅުވީ، ރާއްޖޭގެ 55 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގަ އެވެ.

އަދުރޭ ވިދާޅުވީ، ރައީސް ސޯލިހް ދައުވަތު ދެއްވި ސިޔާސީ މީހުނަކީ ކޮން ބައެއް ކަން އޭނާއަށް ސާފު ނުވާ ކަމަށާއި އިދިކޮޅު ވާދަވެރިންގެ ގޮތުގައި އޮތީ ޕީޕީއެމްއާއި ޕީއެންސީ ކަމަށެވެ. އެ ދެ ޕާޓީން ބައްދަލުވާން އެދިފައި އޮންނަތާ ތިން މަސް ވެގެން ދިޔައިރު ވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.

ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާ ބައްދަލު ކުރަން އެދިފައި އޮންނަތާ ވެސް ތިން މަސް ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައީސް ސޯލިހާ ބައްދަލު ކުރަން ސިޓީއެއް ފޮނުވައިގެން އުޅޭތާ ތިން މަސް ދުވަސް ވެއްޖެ، ޖަވާބެއް ނުދެއްވާ. ހޯމް މިނިސްޓަރާ ސިޓީ ފޮނުވައިގެން އުޅޭތާ ތިން މަސް ވެއްޖެ، ޕޮލިސް ކޮމިޝަނަރާ ބައްދަލު ކުރަން އެދިގެން އުޅޭތާ ތިން މަސް ދުވަސް ވެއްޖެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލު ކުރަން އެދިގެން އުޅޭތާ ހަމަ އެހާ ދުވަސް ވެއްޖެ. ޖަވާބެއް ނުދެއްވާ!" އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިވަން ދުވަހާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލާއި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވުމުން އަދުރޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަދުރޭ ވިދާޅުވީ، މިއީ ވަރަށް އަނިޔާވެރި ސަރުކާރެއް ކަމަށެވެ. މީގެ ކުރިން މި ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިބި އިރު، ރައީސް ސޯލިހް ވެސް ވިދާޅުވަނީ އެއްވެ އުޅުމުގެ ގާނޫނަށް އަމަލު ކުރަން ނުޖެހޭ ކަމަށާއި މުޒާހަރާ ކުރެވޭނެ ކަމަށެވެ. އެކަމަކު މިއަދު މުޒާހަރާތަކަށް ހުރަސްއަޅައި މުޒާހަރާ ކުރާ މީހުނަށް ޗިޓް ފޮނުވަމުން ގެންދަވާ ކަމަށެވެ.

އަދުރޭ ވިދާޅުވޭ، އިދިކޮޅު ކޯލިޝަންގެ އިސް ލީޑާޝިޕްއަށް ކިތަންމެ ބިރު ދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށާއި އެ ކޯލިޝަންގެ މުޒާހަރާތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.