ހަބަރު

ރައީސް ޔާމީން އެދިވަޑައިގެން ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލާގައި މާދަމާއަށް ތާވަލުކޮށްފައިވާ އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފި އެވެ.

މާދަމާގެ އަޑުއެހުމަކީ މި މައްސަލާގައި އެންމެ ފަހުގެ އަޑުއެހުމެކެވެ. މީގެ ކުރިން ބޭއްވި އަޑު އެހުމަކީ ވެސް އެންމެ ފަހުގެ އަޑުއެހުން ކަމަށް ނިންމައި ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް އިތުރު އަޑުއެހުމެއް ތާވަލު ކުރީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިތުރު ފުރުސަތަކަށް އެދިވަޑައިގަތުމުންނެވެ.

މައްސަލަ އިތުރަށް ލަސްވެގެން ގޮސްދާނެ ކަމަށް ފަނޑިޔާރުން ފާހަގަ ކުރެއްވުމުން ވެސް ރައީސް ޔާމީން ބޭނުންފުޅުވީ އިތުރު އަޑުއެހުމެއް ތާވަލުކޮށްދިނުމަށެވެ. އެއީ އެމަނިކުފާނަށް ވަކީލުންނާ، ބައްދަލު ނުކުރެވޭތީ އެވެ. އަދި ދައުލަތުގެ ޖަވާބަށް އެމަނިކުފާނު ފުރިހަމައަށް ތައްޔާރުވާން ބޭނުންވާތީ އެވެ.

އެ ފުރުސަތު ދިނުމަށް ފަނޑިޔާރުން ނިންމައި މާދަމާއަށް އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް ރައީސް ޔާމީންގެ ވަކީލުން ވަނީ ކޯޓަށް ސިޓީއެއް ފޮނުވައި އަޑުއެހުން ފަސްކޮށްދިނުމަށް އެދިފަ އެވެ. އެގޮތަށް އެދިފައިވަނީ ކޮވިޑް-19ގެ ހާލަތު މުޖުތަމައުގެ ތެރޭގައި އޮތް ގޮތުންނާއި ރައީސް ޔާމީންގެ ސިއްހީ ހާލަތު ހުރި ގޮތުން މި ވަގުތު ކޯޓަށް ވަޑައިގެންނެވުމަށް ބޭނުންފުޅު ނުވާތީ އާއި އަދިވެސް އެމަނިކުފާނަށް ވަކީލުންނާ ބައްދަލު ނުކުރެވޭތީ އެވެ.

ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް މިހާރު ވަނީ އަޑުއެހުން ކޯޓުން ކެންސަލްކޮށްފަ އެވެ. މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ހައިކޯޓުގެ އަޑުއެހުންތައް ކުރިއަށްދާނެ އެވެ. މިއަދު ވެސް ހައިކޯޓުގައި ޝަރީއަތްތައް ކުރިއަށް ދިޔަ އެވެ.

މާފުށީ ޖަލުގައި ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު މިހާރު އެއްވެސް ގައިދީއަކަށް ނޯވެ އެވެ. އެއީ މާލެ ލޮކްޑައުންގައި އޮތުމުން، އެހެން ރަށްރަށަށް މާލެއިން މީހުން ދަތުރުކުރުން މަނާވީމަ އެވެ. ނަމަވެސް ވަކީލުންނާ ފޯނު ބައްދަލުކުރުން ކަރެކްޝަނަލް ސާވިސްއިން ހަމަޖައްސައިދެ އެވެ.

ކަން އެހެން ހުރުމުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ ރައީސް ޔާމީން އަނބުރާ ޖަލަށް ގެންދިޔުމުގެ ކުރިން ހައިކޯޓުގެ ތެރޭގައި ވަކީލުންގެ ބައްދަލުވުން ބޭއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ފަނޑިޔާރުންގެ އަރިހުން އެދިފަ އެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރެއްވި އެވެ. އެ ވަގުތު އެފަދަ ބައްދަލުވުމަކަށް ފަސޭހަފުޅު ނޫން ކަމަށް ވިދާޅުވެ އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވެފައިވަނީ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދާނީ ރައީސް ޔާމީން ބޭނުންފުޅުވާ ހުރިހާ ފުރުސަތުތަކެއް ވެސް ފަހިކޮށްދީގެން ކަމަށެވެ. މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިސްތިއުނާފުގެ މައްސަލަ މިހާރު ވެސް ވަނީ އެކި ސަބަބުތަކާހުރެ ދިގުލައިގެން ގޮސްފަ އެވެ.