ހަބަރު

ސުޕްރީމް ކޯޓަށް އައްޔަން ކުރަން ދެ ބޭފުޅެއްގެ ނަމަށް ލަފާ ހޯދަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަމާމެދު މަޝްވަރާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު، ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ނިންމަވާފައިވަނީ، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލީ ރަޝީދު ހުސައިންނެވެ.

އެ ބޭފުޅުންނާމެދު ޖޭއެސްސީއަށް ފެންނަ ގޮތެއް ރައީސްއަށް އެންގެވުމުން ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާނެ އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. ގާނޫނަށް ފަހުން ގެނައި އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ. މީގެކުރިން ރައީސް ސޯލިހު އެ މަގާމަށް އައްޔަން ކުރައްވަން މަސައްކަތް ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު ރައޫފެވެ. ނަމަވެސް އެ ބޭފުޅުންނާމެދު ތަފާތު މައްސަލަތަކެއް ފެންމަތިވެ، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީއިން އެ ދެ ބޭފުޅުންނާ ގުޅޭ ގޮތުން ލަފާއެއް ނުދިނެވެ.

މިހާރު، ރައީސް ސޯލިހު ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޑރ. މުހައްމަދަކީ ޕްރިމިއާ ޗެންބާސް ލޯ ފާމްގެ އެއް ޕާޓްނަރެވެ.