ހަބަރު

ދެ މުއާޒުގެ ކޯޅުމެއް: ފިލްމީ ތަރި، ތަރުޖަމާނަށް ބިރު ދެއްކީ!

ނެޝެނަލް ސެންޓަ ފޯ ދި އާޓްސްގެ ކޯޑިނޭޓަރުކަމުގެ މަގާމުން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ވަކިކޮށް މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ އަށް ފޯނުން ގުޅައި ބިރު ދެއްކި މައްސަލައަކާ ގުޅިގެން ކަމަށް ކަށަވަރުވެއްޖެ އެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުން މިހާރު އެ މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށެވެ.

މި މައްސަލާގައި ގައި ތަރުޖަމާނު މުއާޒާ ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް ފިލްމީ މުއާޒްގެ ބަހެއް ހޯދަން އެ ބޭފުޅާގެ ފޯނަށް ގުޅާލުމުން ވިދާޅުވީ މި މައްސަލާގައި އެއްވެސް އެއްޗެއް ވިދާޅުވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ފިލްމީ މުއާޒަކީ ކޯޑިނޭޓަރެއްގެ މަގާމުގައި ހުންނަވައިގެން ފިލްމީ ދާއިރާ އަށް މިފަހުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވުމުގައި މުހިންމު ރޯލެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން ވަޅުޖެހިފައި އޮތް އޮފީސް ތަކުގެ ޓެލެ ޑްރާމާ މުބާރާތާއި ގައުމީ ފިލްމު އެވޯޑްސް އަލުން ތައާރަފްކުރީ މުއާޒް ބުރަކޮށް މަސައްކަތްކުރައްވައިގެނެވެ.

އޭނާ ކޯޑިނޭޓަރުގެ މަގާމުން ވަކިކޮށްފައިވާ ސަބަބު ރަސްމީ ފަރާތަކުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.


އެއް އަތޮޅަށް ނިސްބަތްވާ މި ދެ މުއާޒުގެ ތެރެއިން ފިލްމީ މުއާޒަކީ ވެލިދޫ ބޭފުޅެކެވެ. ތަރުޖަމާނު މުއާޒަކީ ފޮއްދޫ ބޭފުޅެކެވެ.