ހަބަރު

ޑރ. ޖަމީލުގެ ހަމަލާތަކެއް އަދީބަށް: ކަތިލަންވާނީ ތަޖުވީދަށް ވެސް ކިޔަވާފައި!

މާ ދުރުގައި، އެ އޮތް ލަންޑަނުގައި ހުންނެވި ކަމުގައި ވިޔަސް، ރާއްޖޭގެ ސިޔާސީ އޮއި ދެމެމުންދާ ގޮތް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގެންދަވަނީ ނިކަން ރަނގަޅަށް، ނިކަން ގާތުން ބައްލަވަމުންނެވެ. ރާއްޖޭގެ ސިޔާސީ އޮޔާއި ވައި ހުރި ގޮތަށް ބަލާއިރު މި ތޫފާނެއް އަރައިގެން އެންމެ ބޮޑަށް އުފާކުރައްވާނެ ބޭފުޅަކީ ވެސް ޑރ. ޖަމީލްކަން ޔަގީނެވެ.

ކޮންމެއަކަސް މި ހަލަބޮލިކަމެއްގެ ތެރެއިން ނައިބު ރައީސް އަހުމަދު އަދީބު މިރޭ ދި ޓީވީގެ "ޚަބަރު ތެރެއިން" ދެއްކެވި ވާހަކަތަކާ ގުޅުވައިގެން ޑރ. ޖަމީލު މި ވަނީ ނިކަން ވަރުގަދަ އަށް އަދީބަށް ރައްދު ދެއްވައި ފުލުފުލުން ހަމަލާތަކެއް ފޮނުއްވާލައްވައިފަ އެވެ. އެއީ މަލާމާތާއި ފުރައްސާރައިގެ ހަމަލާތަކެކެވެ.

މިއަދުގެ ސިޔާސީ މައިދާނުގައި އަދީބަކީ ކަތިލަން ތައްޔާރުކޮށްފައި ހުންނެވި ކުކުޅަކާ އެއްވަރުގެ މީހެއް ކަމަށް ވިދާޅުވެ އެ ބޭފުޅާ މިރޭ ދެއްކެވި ވާހަކަ ޚަބަރުތަކުން ވިދާޅުވުމަށް ފަހު ޑރ. ޖަމީލުގެ ވެރިފައިޑް ފޭސްބުކް ޕޭޖުގައި ޕޯސްޓްކުރައްވާއިވާ ފާޑުކިޔުމެއްގައި ވިދާޅުވެފައި ވަނީ (އަދީބު ކަތިލާ ނަމަ) އެކަން ކުރަން ޖެހޭނީ ނިކަން ރަނގަޅަށް ތަޖުވީދަށް ވެސް ކިޔެވުމަށް ފަހުގައި ކަމަށެވެ.

"ތަޖުވީދަށް ރަނގަޅަށް ކިޔަވާފައި ތިކަން ވެސް ކުރާނީ،" ޑރ. ޖަމީލްގެ ފޭސްބުކް ޕޭޖުގައި މީގެ ގަޑިއެއްހާ އިރުކުރިން އަދީބަށް އަމާޒުކޮށް ވިދާޅުވެފައިވެ އެވެ.

އެއަށް ފަހު އަދީބަށް އަމާޒުކުރައްވާފައިވާ އެހެން ހަމަލާއެއްގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ރޭވުމާއި ހީލަތްތެރިކަމުގެ ތެރެއިން ބަޣާވާތްކޮށް ވެރިކަން ފޭރިގަންނައިރު އެކަކަށް ޖައްސާ ނިކަމެތި ހާލު އެނބުރި އެމީހަކަށް އަންނަކަން އިހްސާސްވަނީ ކިހާވަރަކަށް ތޯ އެވެ؟

އެއަށް ފަހު ދެން ކުރީގެ ނައިބު ރައީސް ކުރެއްވީ ޓްވީޓެކެވެ. އެ ފޮޓޯއިން ފެންނަނީ ރިއާސީ ކެމްޕޭންގެ ދުވަސްވަރު ކެމްޕޭން ދަތުރުފުޅެއްގެ ތެރެއިން ޑރ. ޖަމީލު އާންމުންގެ ބަޔަކާ ސަލާމްކުރައްވަމުން ގެންދަވާ މަންޒަރެވެ.

"މިއީ އަޅުގަނޑު އިންތިހާބު ކުރެވިގެން ދިޔަ ގޮތަކީ. ބުރަ މަސައްކަތުގެ ތެރެއިން. އެއްގޮތަކަށް ވެސް ކޮރަޕްޓް އެމްޕީންނަށް ރިޝްވަތު ދީގެނެނއް ނޫން،" އަދީބަށް އަމާޒުކުރައްވައި ދެއްވި ތިން ވަނަ ހަމަލާގައި ޑރ. ޖަމީލު ވިދާޅުވެފައި ވަނީ މިހެންނެވެ.

އެއަށް ފަހު ލަންޑަނުގައި ހުންނަވައިގެން ޑރ. ޖަމީލުގެ ރާޑަރަށް ދެން އަރުއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ.

"ޔާމީން، ތިބޭފުޅާ ތި ވަނީ ދާ އޮހޮރުވައިގެން ޖާނާއި މާލުން ގުރުބާންވި އާންމުންނަށް ބޭވަފާތެރިވެ ވަޑައިގެންފައި. އަދި ބަލިވެ ވަޑައިގެންފައި،" ޑރ. ޖަމީލު ވިދާޅުވަނީ މިހެންނެވެ.

ޔަގީނަށް ވެސް ރާއްޖޭގެ ސިޔާސީ އޮއިވަރެއް ހުރި ގޮތް ފެނިވަޑައިގެން ޑރ. ޖަމީލް އެ ވަނީ ޖަޒުބާތެއްގައި ޖެހިވަޑައިގެންފަ އެވެ. މިހެން ކަންތައް ނުވާންވީ ސަބަބެއް ވެސް ނެތެވެ.

ޑރ. ޖަމީލުގެ މައްޗަށް މަޖިލީހުގައި، އިތުބާރު ނެތް ކަމުގެ މައްސަލައެއް ފެންމަތިކޮށް އެކަން ސާބިތުކޮށް އެ ބޭފުޅާ މަގާމުން ބޭރުކޮށްލެއްވިއިރު އެކަމާ އެންމެ ބޮޑަށް އުފާފާޅުކުރި އެއް ބަޔަކީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ. ސަބަބަކީ ޑރ. ޖަމީލް ވެސް އިސްކޮށް ހުންނަވައިގެން އެމްޑީޕީގެ ސަރުކާރު ވައްޓާލެއްވުމަށް ކުރެއްވި ކެމްޕޭނާއި ކުރެއްވިހައި މަލާމާތަކާއި ފުރައްސާރައެއްގެ ހިތި ނިކަން ރަނގަޅަށް އެމްޑީޕީގެ މެމްބަރުންގެ އަރުތެރޭގައި ވެސް ހަރުލާފައިވުމުންނެވެ.

ހަމަ އެގޮތަށް ނައިބު ރައީސްކަން ގެއްލި ވަޑައިގެންނެވި ގޮތުގެ ހިތި ރަހައިން ޑރ. ޖަމީލް ވެސް އެ އުޅުއްވަނީ ސަލާމަތްވެ ވަޑައިނުގެންނެވިގެންނެވެ. އެފަދަ ހާލަތެއްގައި އިންނަވަނިކޮށް، ޑރ. ޖަމީލަށް ފަހު ނައިބުކަން ތަބަކަށް ލާފައި ދެއްވި ބޭފުޅާ ސިޔާސީ ގަދަކަނޑެއްގައި ޖެހި ހާސްވެވަޑައިގަތުމުން ޑރ. ޖަމީލަށް މަޑުން އިންނެވޭނެތޯ އެވެ.

ނުއިންނެވޭނެ އެވެ. ވެފައި މި އޮތީ އެކަހަލަ ކަމެކެވެ.

ނައިބު ރައީސްކަން އަދީބަށް ގެއްލޭ ކަމަށް ވަނީ ނަމަ އެކަމާ އެންމެ ބޮޑަށް އުފާފާޅުކުރައްވާނީ ޔަގީނަށް ވެސް ޑރ. ޖަމީލެވެ.