ތަކަންދޫ އާނޯލްޑްގެ ބާރުގަދަ މެސެޖެއް!

އެންމެ އުތުރުގައި އޮތް ހއ. އަތޮޅުގެ ތަކަންދޫގެ އިސް ރަށްވެއްސަކު ވަރަށް "ބާރުގަދަ" މެސެޖެއް ސޯޝަލް މީޑިއާއަށް ވައްޓާލައި "ހާއަލިފުން ސީނާ" ހަމައަށް ފޮނުވާލައިގެން މީހުންގެ ސަމާލުކަން ހޯދާފައި ވެއެވެ. އުމުރުން މިހާރު 90 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ މޫސާ އަލީ އަކީ ތަކަންދޫގެ ދުވަސްވީ އިސް ރަށްވެހީންގެ ތެރެއިން އެކެކެވެ. މޫސާ އަލީ ކިޔަސް ތަކަންދޫ މީހުނާއި އުތުރުގެ ގިނަ ބައިވަރު މީހުން ވެސް އާއްމުކޮށް އޭނާއަށް ކިޔައި އުޅެނީ މޫސާ ކޮއި އެވެ. އެކަމަކު އުތުރުގައި ހާއްސަކޮށް ތަކަންދޫގެ ޒުވާނުންގެ މެދުގައި މޫސާކޮއިގެ ނަން ހިނގަނީ ބައެއް ފަހަރަށް "އާނޯލްޑް" އަނެއް ބައި ފަހަރަށް "އާނޯލްޑް ކާފަ" އިގެ ގޮތުގަ އެވެ.

ދުނިޔޭގައި ގިނަ ދުވަސް ހޭދަ ކުރެވުމަކީ ލައްކަ ގިނަ ތަޖުރިބާ ކުރެވޭނެ ކަމެކެވެ؛ އެ ތަޖުރިބާއާއެކު ތަކަންދޫގެ އާނޯލްޑްގެ ހާއްސަ މެސެޖް މި އައީ ތަކަންދޫ ޒުވާނަކު ފޭސްބުކްގައި ހިންގާ ޕޭޖެއް މެދުވެރިކޮށެވެ. އާނޯލްޑް ކާފަ ހިއްސާކޮށްލާފައި ވަނީ ވަރަށް އިބްރަތްތެެރި ވާހަކަކޮޅެއް ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ ޒުވާނުންގެ އާބާދީއަށް މުހިންމު މެސެޖެކެވެ.

ހއ. ތަކަންދޫ މޫސާ އަލީ (އާނޯލްޑް) ގެ ހާއްސަ މެސެޖް

އާނޯލްޑް ކާފަގެ މެސެޖުގައި ބުނާ ގޮތުން އޭނާ ގަދަވެ ސަލާމަތުން ދިރި ދުނިޔޭގައި އުޅޭތާ މިހާރު 90 އަހަރަށް ވުރެ ގިނަ ދުވަސް ވެެއްޖެ އެވެ. އަންހެނުން ނިޔާވެފައިވާ އިރު އޭނާގެ އުފަން ދަރިން ވެސް އުމުރުން ދުވަސްވެ ގައި ބާރު ދެރަވާހާ ދުވަސް ވެެއްޖެ އެވެ. އުމުރުގައި މިހާތަނަށް އާދެވުނު އިރު ލައްކަ ގިނަ އުފަލާއި ތަޖުރިބާތައް ލިބިފައި ވެއެވެ. އެކަމަކު އަދި ބޭނުންވާ އެއް ކަމެއް އެބައޮތެވެ. އެއީ ވަކިވެ ދިއުމުގެ ކުރީން މިހާރުގެ އާ ޒުވާނުންނަށް ބޭނުން ހިފިދާނެ މެސެޖެއް އާނޯލްޑް ކާފަގެ ފަރާތުން ފޯރުކޮށްލައި ދިނުމެވެ.

އަންނަވި އިބާރާތްތަކުން އަނޯލްޑް ކާފަގެ މެސެޖް ކިޔަމުން ގެންދާށެވެ:

"އޭ ޒުވާނާ އެވެ! ބޭބެވެސް ތިޔަ ޒުވާނުން ފަދައިން ހަށިގަނޑުގައި ބާރު ހުރި ދުވަސްތަކެއް ފާއިތުވެ ގޮސްފި އެވެ. ބޭބެވެސް ތިޔަ ޒުވާނުން ފަދައިން ލޮލުގެ ފެނުން ރަނގަޅަށް ހުރި ދުވަސް ތަކެއް ދިޔަ އެވެ. މިހާރު މިވަނީ ލޮލުގެ ފެނުމުގެ ބާރު ކެނޑި، އައިނު އަޅައިގެން ވެސް ކިރިޔާ ފެންނަ ހިސާބައް ގޮސްފަ އެވެ،

"އޭ ޒުވާނާ އެވެ! މި ދުވަހަކީ ތިޔައިން ކޮންމެ ކުއްޖަކު ވެސް ދުނިޔޭގައި ހުރިނަމަ ބައްދަލު ކުރަން ޖެހޭނެ ދުވަހެއް ކަމާމެދު ޝައްކެއް ނެތެވެ. ތިޔައިން ހަމަ ކޮންމެ ކުއްޖަކު ވެސް މި ދުވަސް ދެކޭނެ އެވެ. ބޭބެ ދެން މާ ގިނަ ދުވަހަކު މި ދުނިޔޭގައި ހުންނާނެ ކަމަކަށް އުންމީދެއް ނުކުރަމެވެ!،

"އޭ ޒުވާނާ އެވެ! ލިބިފައިވާ ޒުވާންކަން ހެޔޮގޮތުގައި ހޭދަ ކުރުމަށް އަޒުމު ކަނޑަ އަޅާށެވެ. ޒުވާން އުމުރަކީ އަބަދު އުޅެވޭނެ އުމުރެއް ކަމަށް ނުދެކޭށެވެ. އުމުރުގެ ދުވަސްތައް އުފަލައި މަޖަލުގައި ހޭދަ ކުރުމުގެ ބަދަލުގައި ހެޔޮ އަމަލު ކުރުމުގައި ހޭދަ ކުރާށެވެ. ބޭބެމެންގެ ޒަމާން މި ޒަމާނާ ވަރަށް ވެސް ތަފާތެވެ. މިހާރު ހުރިހާ ކަމެއްވެސް ހާދަހާ ފަސޭހަ އެވެ... އުނގެނެން ބޭނުން މީހަކަށް ފަސޭހަ ކަމާއެކު އެކަން ކުރެވެ އެވެ. އެކަމަށް މަގު ވަނީ ތަނަވަސް ވެފައެވެ. ދީނީ އިލްމު ފަސޭހަ ކަމާއެކު ލިބެން ހުރެއެވެ،

އޭ ޒުވާނާ އެވެ! މި ދުވަހަކީ ތިޔައިން ކޮންމެ ކުއްޖަކުމެ ދުނިޔޭގައި ހުރިނަމަ ބައްދަލު ކުރަން ޖެހޭނެ ދުވަހެއް ކަމާމެދު ޝައްކެއް ނެތެވެ. ތިޔައިން ހަމަ ކޮންމެ ކުއްޖަކު ވެސް މި ދުވަސް ދެކޭނެ އެވެ. ބޭބެ ދެން މާ ގިނަ ދުވަހަކު މި ދުނިޔޭގައި ހުންނާނެ ކަމަކަށް އުންމީދެއް ނުކުރަމެވެ!
މޫސާ އަލީ | ހއ. ތަކަންދޫ

"އޭ ޒުވާނާ އެވެ! ފަސް ވަގުތުގެ ފަރުލު ނަމާދު ގާއިމް ކުރާށެވެ. އެ ފަސް ނަމާދު ހުޝޫއަތްތެރި ކަމާއެކު ކުރެވޭތޯ ބަލާށެވެ. އެހެން ހުރިހާ ކަމެއްވެސް އޭރަށް ފަހިވާނެކަން ކަށަވަރެވެ.... ތިޔަ ޒުވާނާގެ ދިރިއުޅުން އުޖާލާވެ ތަނަވަސް ވާނެ އެވެ. ބޭކާރު ގޮތުގައި މި އަގުހުރި ދުވަސްތައް ބޭކާރު ވެގެން ދިޔަ ނުދޭށެވެ. ދުނިޔެއިން ފާއިތުވެގެން މިދާ ކޮންމެ ދުވަހަކީ އަޅުގަނޑާއި، ތިޔަ ޒުވާނާއަށް ވެސް މަރާއި ކައިރިއަށް ދަތުރުކުރާ ދުވަހެކެވެ. މި ކަންކަމާމެދު ވިސްނައި ފިކުރު ކުރާށެވެ."

މިއީ ބާރު ގަދަ އަސަރު ހުރި އިބުރަތުން ފުރިގެންވާ މެސެޖެއް ނޫން ހެއްޔެވެ؟ ވަރަށް މާނަ ފުން ކިހާ ބުއްދިވެރި ވާހަކަތަަކެއް ހެއްޔެވެ؟ ވިސްނާ ފިކުރުކޮށްފި މީހަކަށް އިސް ރަށްވެއްސެއްގެ ކިބައިން އަގުހުރި އެތައް އެތައް ފިލާވަޅެކެވެ.

މި ދިވެހި ރާއްޖޭގައި ހަތަރުލައްކައިން މައްޗަށް ދިވެހި އަބާދީ އުފުލިފައިވާއިރު އާނޯލްޑް ކާފަގެ މި ހާއްސަ މެސެޖް ވަނީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް ވައިރަލްވެފަ ވެއެވެ. އޭގެ ބޭނުން ހިފައިފި ދިވެއްސަކަށް އޮތީ ހާދަ ގިނަ ރަނގަޅެކެވެ. ހާދަ އުފާވެރި ދުވަސްތަކެކެވެ.

ހޮލީވުޑުގެ ބިޔަ ހަށިގަނޑުވެރިޔާ އޮސްޓްރިއާ-އެމެރިކާގެ އޯނޯލްޑް ސުވެޒްނިގާގެ ޝަހުސިއްއްޔަތުގެ ވަރުގަދަ ނަން ކާފައަށް މި ކިޔަނީ ކީއްވެ ކަމާއި އެ ކާފަ އާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދާލަން ކުޑަ ކުޑަ މަސައްކަތެއް ކޮށްލާން ޖެހުނެވެ. ތަކަންދޫ މީހަކަށް ގުޅައިގެން އެ ފޯނު ކަނޑައި ނުލައި ކާފައާ ހަމައަށް ފޯނު ގެންދަން ބެލި އިރު ހަވީރު ވަގުތު ހިތްފަސޭހައަށް އަތިރިމަތީގެ ޖޯއްޔެެއްގައި ވައި ޖައްސަލަން އާދަވެ އިންނަ ގޮތަށް އިއްޔެ ހަވީރު ވަގުތުގައި އާނޯލްޑް ކާފައެއް ނެތެވެ. އެހެންޏާ ވިއްޔާ ހަވީރު ވަގުތު ތަކަންދޫ އަތިރިމަތީގެ އެހިސާބުން ކާފައާ ދިމާ ވާނެ އެވެ. މިއަދު އެހެން ނުވީ އެވެ. ހޯދައި ބަލައިލި އިރު އާނޯލްޑް ކާފަ ހުރީ ގޭގަ އެވެ.

ސޯޝަލް މީޑިއާއިން ފެނުނު މެސެޖްގައި އަޅައިގަތް، ދެކުނުގެ އައްޑޫ މީހާ އާއި އުތުރުން އެ ހާއްސަ މެސެޖް ހިއްސާކުރި އާނޯލްޑާ ފޯނުން ގުޅިއްޖެ އެވެ.

ވާހަކަ ފަށައިފި އެވެ؛ އުމުރުން 90 އިން މަތިވެއްޖެ ކަމުގެ ހަބަރު ފޯނުން ދިނެވެ. ތިން ކުދިންނާއި އެތައް ބައިވަރު ކާފާ އަދި މުނި ކާފާ ކުދިން އެބަތިބި ކަމަށް ބުނެލައިފި އެވެ. ޒުވާން އުމުރު، ގައިގަވަރު ހުރި ދުވަސްވަރު އާނޯލްޑް ކާފައަކީ މަހަށް ގޮސް އުޅުނު މީހެއް ކަމަށް ބުނެލީ ފިސާރި، ފިސާރި ފަހުރުވެރިކަމާއެކު އެވެ. ކާފަގެ ރިހި، ރަން ޒަމާނުގައި ސަރުކާރުން ނެރުނު ފުރަތަމަ ޖީލުގެ ފިޝަރީސް ދޯންނެއް ދުއްވި ވާހަކައެއް ވެސް ބުނެލި އެވެ. އެއީ ކާފަގެ ޒުވާންއިރު ދިރިއުޅުމުގައި އާމްދަނީ ހޯދަން ކަނޑުފަޅާއި އެއް ގަމުގައި ކުރި މަސައްކަތެވެ. މި ހުރިހާ ވާހަކައެއް ފޯނުން އައީ ސަލާމަކުން ހާލު އަހުވާލު އަހާލުން ފިޔަވައި މާގިނަ ވާހަކައެއް ނާހަނީ ހެވެ.

ދިވެހި މަސްވެރިއެއްގެ ހަށިގަނޑަކީ ވަރަށް ފިޓްކޮށް. ވަރަށް ބިލްޑްކޮށް ހުންނަ ހަށިގަނޑެއް ކަމުން ތަކަންދޫ ކުދީން ކާފައަށް އާނޯލްޑް ކިޔަން ފެށީ އެވެ. އުމުރުން ދުވަސްވެ ގައި ބާރު ދެރަވެފައި ވިޔަސް ކާފާއަށް ރީތި ތާހިރު ދިރިއުޅުމަކާއި އުފާވެރި ހަނދާންތައް ހިމެނޭ ދިގު މާޒީއަކާއެކު އާނޯލްޑްގެ ނަން އެބައޮތެވެ. މާތް ﷲ ގެ ރަހުމަތުން އަޑުގައި ފިސާރި ޖޯޝް އެބަހުއްޓެވެ. ހަށިގަނޑުގެ ގަދަ ބާރާއި ޖާނު ނެތަސް އާނޯލްޑްގެ ކާފަގެ ބަހުގައި ވަރުވެސް ބާރު ވެސް އެބަހުއްޓެވެ. ބުނި ކޮންމެ ބަހެއްގައި އެހާ އޮއްޓަރު ހެވެ.

"މިހާރު ކާފައަށް ކިރިޔާ މި ހިނގެނީ، މޫދަށް ވެސް އެކަނި ނުދެވޭ" އާނޯލްޑް ކާފަ ބުނެލި އެވެ. އެކަމަކު ކާފަ ބުނި ގޮތުގައި އާއްމުކޮށް އުމުރުން ދުވަސްވާ މީހުންގެ ހަކުރު މައްޗަށް ގޮސް، ލޭ މައްޗަށް ދިއުން ފަދަ ކަންކަން ދިމާވި އަސް އެކަހަލަ އެއްވެސް ކަމެއް އަދި ނެތެވެ.

"ކެއުމަށް އަބަދުވެސް ބަލަން. މާގިނައެއް ކޮށް ނުކަން. މިހާރު ދެން މުށެއްވަރު ބަތް ކޮޅެއް ކާލަނީ" ބުންޏެވެ. ފަހަރުގައި އެއީ އާނޯލްޑް ކާފަގެ ދުޅަހެޔޮ ސިއްހަތުގެ ސިއްރު ކަމުގައި ވެސް ވެދާނެ އެވެ. "ބައްޔަކީ ހަމައެކަނި ބަނޑުގައި ހިލަ ހުރުން... ދެން އަނެއް ކަމަކީ އެކަނިވެ ފޫހިވާ މައްސަލަ، އެ ނޫން ކަމެއް ނެތް،"

ހުރިހާ ކުދީން ވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތައިގެން ރަނގަޅަށް ދިރި އުޅޭތި މަރުގެ ދުވަހަކީ ހުރިހާ އެނެމްނަށް ބައްދަލު ކުރާނެ ދުވަހެއް. ހެޔޮކޮށްހިތާ!
އާނޯލްޑް ކާފަ | ހއ. ތަކަންދޫ

ފޯނު ބޭއްވުމުގެ ކުރީން ޒުވާނުންނަށް އޮތް އެންމެ ފަހުގެ ނަސޭހަތަކީ ކޮބައިތޯ ވެސް އަހާލެވުނެވެ. ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ނަސޭހަތާއި ފޯނުން އާނޯލްޑް ކާފަ ބުނެލައި ދިން ނަސޭހަތުގައި ކުޑަ ތަފާތެއް ވެއެވެ. މިފަހަރުގެ އެހެން ނަސޭހަތެކެވެ.

"ހުރިހާ ކުދީން ވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތައިގެން ރަނގަޅަށް ދިރި އުޅޭތި މަރުގެ ދުވަހަކީ ހުރިހާ އެންމެނަށްވެސް ބައްދަލު ކުރާނެ ދުވަހެއް. ހެޔޮކޮށް ހިތާ!"

އަނޯލްޑް ކާފަގެ ނަސޭހަތް އަޑު އަހައިފީމު އެވެ. ހިތްހެޔޮ ކޮށްފީމު އެވެ. އެދެވެނީ ކާފައަށް އުފާވެރި ބާއްޖެވެރި ހަޔާތަކަށެވެ. -- އަލްވަދާއު