ހަބަރު

ފާޑުކިޔަސް ނަޝީދު ދޫކޮށްލުމުގެ ބޭނުމެއް ނެތް: ދުންޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ އެ މަނިކުފާނު ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާއިރު އެބޭފުޅާ މިނިވަންކުރުމަށް ގޮވާލާ ބައިނަލްއަގުވާމީ ފަރާތްތަކުގެ ފާޑުކިޔުން ދިވެހި ސަރުކާރަށް އަމާޒުވެފައިވާ ކަމަށާއި އެހެން ނަމަވެސް އެ ފާޑުކިޔުންތަކަށް ދީލައިލައި ނަޝީދު މިނިވަންކުރުމުގެ ބޭނުމެއް ފެނިވަޑައިނުގަންނަވާ ކަމަށް ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ވޮއިސް އޮފް އެމެރިކާގެ ކޮރެސްޕޮންޑެންޓް، ސްޓީވް ހާމަން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދުންޔާ ވިދާޅުވީ ނަޝީދަކީ ކުށެއް ކުރައްވައި އެ ކުށަށް އިއުތިރާފު ވެސް ވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

"ބައިނަލްއަގުވާމީ ފާޑުކިޔުން އެބައޮތް، އެކަމަކު ކުރީގެ ރައީސަކަށް ވިޔަސް އަދި އެނޫން މީހަކަށް ވިޔަސް ކުށެއް ކޮށްފި ނަމަ އެމީހަކަށް އަދަބު ލިބެން ޖެހޭނެ ކަމަށް ރާއްޖޭގެ އާންމުންގެ ގިނަ މީހުން ގަބޫލުކުރޭ. ބޭއިންސާފު ކުރުމެއް ނެތި ގާނޫނުގެ ކުރި މައްޗަށް އެންމެން ހާޒިރު ކުރެވެން ޖެހޭނެ ކަމަށް ހުރިހާ ދިވެހިން ވެސް ގަބޫލުކުރޭ،" ނަޝީދުގެ މައްސަލައާ ގުޅިގެން ސަރުކާރަށް އަމާޒުވެފައިވާ ބައިނަލްއަގުވާމީ ފާޑުކިޔުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވި އެވެ.

"ދުނިޔެ އިން ގޮވާލަނީ [ނަޝީދު] މިނިވަންކުރާށޭ. އެކަމަކު ކުށެއް ކޮށްފައިވާ މީހަކު އަދި އެ ކުށަށް އެއްބަސްވެފައިވާ މީހަކު މިނިވަންކުރަނީ ކީއްކުރަންތޯ؟ ހަގީގަތަކީ މިނިވަންކޮށްފި ނަމަ އެ ކުށަށް އަލުން އަރައިގަންނާނެ ކަމަށް ވެސް [ނަޝީދު] އެ ވަނީ ވިދާޅުވެފައި."

މި މޭރުމުން ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ދިވެހިންނަށް މިފަދަ މައްސަލައެއްގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމެއް މިވަގުތަށް ބޭނުން ނުވާ ކަމަށެވެ.

"ކުށެއް ކޮށްފައިވާ މީހަކު ދޫކޮށްލަން ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލާތީ އަޅުގަނޑުމެންގެ އާންމު ރައްޔިތުންނަށް ވަނީ އޮޅުންއަރާފައި،" ދުންޔާ ވިދާޅުވި އެވެ.

"ދުނިޔެ އިން ކަންބޮޑުވުން ފާޅުކުރަމުންދާ އަސްލު މައްސަލަ އަކީ ކޮބައި ކަމެއް ދިވެހިންނަކަށް ނޭނގޭ. ދިވެހިން ބުނަން ބޭނުން ވަނީ އަޅުގަނޑުމެންގެ އަމިއްލަ މައްސަލަތައް އަމިއްލަ އަށް ހައްލުކުރަން ދޫކޮށްލާށޭ. ޑިމޮކްރަސީއެއްގެ ގޮތުގައި ހަގު ގައުމަކަށް އަޅުގަނޑުމެން ވެދާނެ. އެކަމަކު އަޅުގަނޑުމެންގެ އެބަހުރި މިފަދަ މައްސަލަ ހައްލުކުމުގެ ގާބިލުކަން."

އެފަދަ ގާބިލުކަމެއް ނެތް ދުވަހެއް ނުވަތަ މިފަދަ މައްސަލައެއް ހައްލުކުރަން ނޭނގިއްޖެ ދުވަހެއްގައި ބައިނަލްއަގުވާމީ މުޖުތަމައަށް އެކަން ދިވެހި ސަރުކާރުން އަންގާލާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"މީގެ މައްސަލައެއް ހައްލުކުރާނެ ގޮތް ނޭނގިއްޖެ ނަމަ އަޅުގަނޑުމެން ބައިނަލްއަގުވާމީ މުޖުތަމަ އަށް އެކަން އަންގާލާނަން. އެއީ ދިވެހިން ބުނެލަން ބޭނުންވާ ވާހަކަ އަކީ،" ދުންޔާ ވިދާޅުވި އެވެ.

ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ވެރިކަމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަވާއިދާ ހިލާފަށް ހައްޔަރުކޮށް ބަންދުކުރި މައްސަލައެއްގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ.

"އެ މައްސަލަ އަކީ އޭރު ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ކުށްވެރިކުރި މައްސަލައެއް،" އެވަރުގެ ކުށަކާ ގުޅިގެން ނަޝީދަށް އަދަބު ލިބިފައިވާއިރު މިހާރު ދުނިޔެ އިން އެ ބޭފުޅާ ދޫކޮށްލުމަށް ގޮވާލަމުން ގެންދާތީ އެކަމާ ސުވާލު އުފައްދަވަމުން ދުންޔާ ވިދާޅުވި އެވެ.

މި އިންޓަވިއުގައި އިތުރަށް ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ނަޝީދުގެ ޝަރީއަތުގެ ވާހަކަ ބައިނަލްއަގުވާމީ މުޖުތަމަ އަށް ބޭރުކޮށްފައި ވަނީ އޭގައި ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ވެސް ހިމަނައިގެން ކަމަށްވާތީ ކަމުގެ ހަގީގަތް ދުނިޔެ އަށް ވެސް އޮޅިފައިވާ ކަމަށެވެ. އަދި މި ވަގުތު ގައުމު އޮތީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ބުނާ ވާހަކަ ވެސް އެކަމަނާ ދޮގުކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ނިންމިދާނެ ކަމަށާއި އެހެން ނަމަވެސް ވަކި މީހެއްގެ ބޮލުގައި ޒިންމާ އަޅުވަން އަދި މާ އަވަސް ކަމަށެވެ.

މިފަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސް އިސްލާމީ ހަރުކަށި ފިކުރު ނައްތާލުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.