ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ވިޔަފާރި ބަނދަރުން ތިލަވި ތެލުގެ ވަގު ވިޔަފާރި

ކޮވިޑް-19 އާ ގުޅިގެން ގައުމު އޮތީ ލޮކްޑައުންކޮށް އެންމެން ގޭގައި ތިބީ ދޮރު ލައްޕައި ގެންނެވެ. ގޭ "ބަންދުގައި" ތިއްބަސް ވަގުން މަސައްކަތް ހުއްޓައެއް ނުލަ އެވެ. ވައްކަން ދިޔައީ ކުރަމުންނެވެ. ކޮވިޑް-19 ގެ ވައްކަންތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެންމަތިވީ ވެންޓިލޭޓަރުގެ ވައްކަމުގެ ވާހަކަ އެވެ. ކޮވިޑްގައި ހާލު ބޮޑުވާ މީހުން ނޭވާލައްވަން ބޭނުންކުރާ ވެންޓިލޭޓަރުތަކުން ވައްކަން ކުރި ވާހަކަ އެވެ. އޭގެ ފަހުން ވެސް ވައްކަމުގެ އެތައް ކަމެއް ފެންމަތިވި އެވެ. އެންމެ ފަހުން ތިލަވި ވައްކަމުގެ މައްސަލައަކީ މާލެ ވިޔަފާރި ބަނދަރުގައި ކުރި ތެލުގެ ވަގު ވިޔަފާރިއެއްގެ ވާހަކަ އެވެ. އެމްޕީއެލް ތެލުގެ ވައްކަމުގެ ހަގީގަތަކީ ކޮބާ؟ ކުއްލި އަކަށް މި މައްސަލަ ފެންމަތިވީ ކީއްވެ؟

މާލެ ވިޔަފާރި ބަނދަރަކީ ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއްގެ މުދާ ރާއްޖެ އަށް އެތެރެކުމުގެ ބޮޑު އޮޕަރޭޝަން ހިންގާ ތަނެކެވެ. އެހެންވެ މި ބަނދަރު އަބަދު ކަހަލަ ގޮތަކަށް އޮންނާނީ ބިޒީ ކޮށެވެ. މިތަނުގައި ބޭނުން ކުރާ ބޮޑެތި ވެހިކަލް ތަކަަށް ކޮންމެ ދުވަހަކު ވެސް އެތަށް ހާސް ލިޓަރެއްގެ ތެޔޮ އަޅަން ޖެހެ އެވެ. މި ތެލުގެ އަދަދު ފައިސާ އިން މިނާނަމަ އެތައް މިލިއަން ރުފިޔާއަކަށް އަރަ އެވެ. ލޮކްޑައުންގައި ރާއްޖެ އޮއްވާ ފެންމަތިވި ތެލުގެ ބޮޑު ވައްކަން ކުރީ އެގޮތަށް އެޅި ތެލުންނެވެ.

ތެޔޮ ހިފައިގެން އަންނަ ބައުޒަރުތަކުގެ މީހުނާއި ވެހިކަލަށް ތެޔޮ އަޅަން ތިބޭ މީހުނާއި ދެމެދެދުގައި "ކަޓް ބަހައި" ވިޔަފާރި ކޮށްލުމަކީ ދޭތެރެއިން ހިނގާ ވައްކަމެކެވެ. މީގެ ކުރިން އެފަދަ ވައްކަންތަކަށް ފިޔަވަޅު ވެސް އަޅާފައި ވެއެވެ. ތެޔޮ ބައުޒަރުން ނުވަތަ ލޮރީން އުޅަނދު ފަހަރަށް ތެޔޮ އަޅަން ގޮސް ތެޔޮ ފުލްކޮށް ތެޔޮ ނާޅައި ބައެއް ބާކީ ކޮށްލައި، ބޭރަށް ނުކުމެ މާކެޓުގައި ވިއްކާލަ އެވެ. މިކަން ކުރަނީ ތެޔޮ ގެންނަ ކުންފުނީގައި މިކަމުގައި އުޅޭ ފަރާތްތަކާ ވެސް ގުޅިގެންނެވެ. ތެލަކީ އަގު ބޮޑު އެއްޗަކަށްވާތީ މިގޮތަށް ބޭރުގައި ވިއްކާލާ މަދު ތެޔޮ ކޮޅުން ވެސް ބޮޑު "ކަޓެއް" މިކަން ކުރަން ތިބޭ މީހުން ހޯދަ އެވެ.

އެމްޕީއެލް ފަދަ ކުންފުނިތަކުގައި މިކަން ކުޑަކޮށް ހިނގި ނަމަވެސް ތެޔޮ އެޅުމުގެ ހިދުމަތް ދޭ އަމިއްލަ ކުންފުނިތަކުގައި މިކަން ކުރަނީ ވަރަށް ފުޅާކޮށެވެ. މިއީ ތެޔޮ އަޅާ ބޮޑެތި އަމިއްލަ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންގެ ކުރާ ބޮޑު ވައްކަމެވެ.

މާލެ ވިޔަފާރި ބަނދަރުގައި ތެލުގެ ވަގު ވިޔަފާރި ހިންގާފައި ވަނީ އެ ކުންފުނީގައި އާއްމުކޮށް އޮންނަ ސިސްޓަމް ތަކަށް ބަދަލު އައިސްފައި އޮތް ވަގުތެއްގަ އެވެ. ކޮވިޑުގެ ބަލި ފެތުރުމުގެ ބިރަށްޓަކައި މުވައްޒަފުން މަދުކޮށް ވިޔަފާރި ބަނދަރު ހިންގަމުން ދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑް ލޮކްޑައުން އަށް ލުއި ދޭން ފެށުމާއެކު އެމްޕީއެލް ތެލުގެ ބޮޑު މި ވައްކަން އެ ކުންފުނީގެ އިންޓާނަލް ސިސްޓަމް ތަކަށް ފާހަގަވެ، ތަހުގީގެއް އޮތީ ފެށިފައި އެވެ. އަދި އޮގަސްޓް މަހުން ފެށިގެން އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ފިޔަވަޅު އެޅުން ވެސް އޮތީ ފެށިފަ އެވެ.

"ތަހުގީގުތައް ކުންފުނިން ދިޔައީ ކުރަމުން. ތަހުގީގު ކުރަމުން ދިޔައީ ވައްކަމުގެ މުގޫ ހޯދަން. އެކަމަކު ކުއްލި އަކަށް މިގޮތަށް މައްސަލަ ހާމަވީމަ މައްސަލައިގެ ކޮޅު އެނބުރުން ގާތް،" މި މައްސަލައިގެ ކަންކަން އެނގޭ މީހަކު ކިޔައި ދިނެވެ.

ތެލުގެ ވަގު ވިޔަފާރީގެ، ތަހުގީގު ހިނގަމުން ދަނިކޮށް އެމްޕީއެލްގެ ޗެއާމަން، މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ޓުވީޓެއް ކުރައްވާ މައްސަލަ އާންމު ކޮށްލި އެވެ. އެ ޓުވީޓުގައި އެމްޕީއެލަށް ނުސީދާ ތުހުމަތު ތަކެއް ކުރައްވާފައިވެ އެވެ. މި ވައްކަމުގައި އަށް މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ވިދާޅުވެ އެއީ އެމްޕީއެލުން "ފޭރުން" ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތުހުމަތު ކުރެވޭ މީހުންނަށް ފިޔަވަޅު އަޅަން ބޯޑުގެ އަޣުލަބިއްޔަތެއް ނުލިބުނެވެ. އެމަކަކު މި ކަމުގައި ޗެއާމަން އަމަލު ކުރެއްވި ގޮތުން ސުވާލުތަކެއް ފެންމަތި ވެއެވެ.

ތަހުގީގު ނުނިމޭ މައްސަލައެއްގައި ގެއްލުމުގެ ފައިސާގެ އަދަދު އެނގުނީ ކިހިނެއް ހެއްޔެވެ؟ ފިޔަވަޅު ނޭޅުނު ކަމަށް ޗެއާމަން ވިދާޅުވަނީ ކޮން ބަޔަކާމެދު ހެއްޔެވެ؟ ކާކާ މެދު ހެއްޔެވެ؟ ތުހުމަތު ކުރެވޭ މީހަކަށް ފިޔަވަޅު އަޅަން ކުއްލި އަކަށް ބޯޑަށް ގެންނަން ޖެހޭ ހެއްޔެވެ؟ މި ބާވަތުގެ މައްސަލަތަކުގައި ފިޔަވަޅު އަޅަން ގެންދާ ކޮމެޓީތައް ހުރަސްކޮށް އެ މައްސަލަ ބޯޑުގެ ފްލޯއަށް ހުށަހެޅީ ކީއް ވެގެންތޯ އެވެ؟

އެކި މަސްދަރު ތަކުން އަވަސް އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ފިޔަވަޅު އަޅަން ޗެއާމަން ޒަކީ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ހަމައެކަނި އެ ކުންފުނީގެ ޕޮރޮކިއުމަންޓް ހެޑަށެވެ. ޗެއާގެ ޓުވީޓުގައި މައްސަލާގައި ފިޔަވަޅު އަޅަން އަޣުލަބިއްޔަތު ނުލިބުނު ކަމަށް އެ ވިދާޅުވަނީ އެހެންވެ އެވެ. ނަމަވެސް އެ ކުންފުނިން ކުރި އެއްވެސް ތަހުގީގަކުން ޕްރޮކިއުމެންޓުގެ ހެޑަށް އެއް ވެސް ތުހުމަތެއް ނެތެވެ. ޑިރެކްޓަރުންގެ ބޯޑުގެ އަޣުލަބިއްޔަތު ނުލިބުނީ އެހެންވެ އެވެ.

އެމްޕީއެލް ޗެއާމަން މުހައްމަދު ޒަކީގެ ޓުވީޓް

"މައްސަލާގައި އެމްޑީ ވެސް ހުންނެވީ ޝޮކުގައި! ފުރަތަމަ ވެސް ޕްރޮކިއުމެންޓް ހެޑު ބޯޑަށް ގެންގޮސް ބަވަން ފެށީ، ދެން އުޅުނީ ސަސްޕެންޑް ކުރަން ވޯޓު ނަގަން. އެކަމަކު ކުންފުނީގައި ހުންނާނެ ފިޔަވަޅު އެޅޭނެ އުސޫލު ތަކެއް. އެހެންވެ އެއްވެސް ވަރަށް ޒިންމާ ވާން ޖެހޭ ކަމަށް ތަހުގީގުން މިހާތަނަށް ނުފެންނަ މީހަކަށް ފިޔަވަޅު އަޅަން ބޯޑުގެ އަޣުލަބިއްޔަތު ނުލިބުނީ،" މައްސަލައިގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.

ބޯޑު ބައިބައިވުމާއި ކުންފުނީގެ ރައްދު

މި މައްސަލައިން ފެންނަ އެހެން މަންޒަރެކެވެ؛ އެއީ އެމްޕީއެލް ޑިރެކްޓަރުންގެ ބޯޑު އެތުރިފައިވާ ގޮތާއި އެތެރެއަށް ވަދެ ބަލައިލުމުން ފެންނަ މަންޒަރެވެ. އެމްޕީއެލް ބޯޑުގެ "ކޭކު ފޮތި" ސަރުކާރުން ބަހާއި ވަނީ ކޯލިޝަން ޕާޓްނަރުންގެ މެދުގަ އެވެ. ޗެއާމަން ނަޒާކީ ޒަކީ ނިސްބަވްތެ ވަޑައި ގަންނަވަނީ އަދާލަތު ޕާޓީ އަށެވެ. އަދި އެމްޑީ ޝާހިދު އަލީ އާއި ޑީއެމްޑީ ކެޕްޓަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ފަދަ ބޭފުޅުންނަކީ އެމްޑީޕީގެ ރުހުމާއެކު ބޯޑު ތަމްސީލް ކުރައްވާ ބޭފުޅުންނެވެ. މި މައްސަލާގައި ބޯޑުގައި އޮތް މައްސަލަތަކެއް ފެންމަތިވެ އެވެ. "އިންޓާނަލް ޕޮލިޓިކްސް" އޮތްވަރު ފެނެ އެވެ. ޒަކީގެ ޓުވީޓުން ފެންނަ އެއް މަންޒަރަކީ އެއީ އެވެ.

އެކަމަށް ބާރު ދެނީ މި މައްސަލައާ ގުޅިގެން އެމްޕީއެލް އިން ފުރަތަމަ ނެރުނު ނޫސް ބަޔާނާ ހަވާލާދީ ދެވަނަ ފަހަރަށް ނެރުނު ބަޔާނުންނެވެ. އެ ބަޔާނުގައި އެމްޕީއެލްގެ ޗެއާމަނަށް އެ ކުންފުނިން ވަނީ ނުސީދާކޮށް ފާޑު ކިޔައި އޭނާގެ ވާހަކަތައް ދޮގު ވެސް ކޮށްފަ އެވެ.

އެ ބަޔާނުގައި ބުނާ ގޮތުގައި މި މައްސަލާއާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތަކަށް ފިޔަވަޅު އަޅައި ވަޒީފާގެ މަސްހޫލިއްޔަތުން ވަނީ ދުރުކޮށްފަ އެވެ. އަދި އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން މިހާތަނަށް ލިބުނު މައުލޫމާތުތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި ތަހުގީގު ވަރަށް ފުޅާކޮށްފައި ވެއެވެ.

"މިހާރު ސަސްޕެންޑް ކުރި މީހުންނަށް ފިޔަވަޅު އަޅާފައިވަނީ ބޯޑު މީޓިން ބޭއްވުމުގެ ކުރިންނެވެ،" އެމްޕީއެލް އިން ބުނެފައިވެ އެވެ.

ކޮވިޑް-19 ގެ ލޮކްޑައުންގެ ބޮޑު އިތުރު ވައްކަމެއް ފެންމަތި ވެފައިވާއިރު، މި މައްސަލައިގެ އަޑި އެނގެން އަދި ދުވަސް ނަގާނެ އެވެ. ނަމަވެސް އެނގޭ ކަމަކީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު އެމްޕީއެލް ބޯޑު އޮތީ ބައިބައިވެފައި ކަމެވެ. މި ފޮތިފޮތިވުންތަކުގެ ތެރެއިން މި މައްސަލައާ ގުޅުންހުރި އިތުރު ކުރިތަކެއް ފެޅުމުގެ ފުރުސަތު އެބައޮތެވެ.