މީހުން

އާދަޔާ ހިލާފު ހިތްވަރަކާއެކު ކެންސަރާއި ހަނގުރާމަ

ނަޒީރު އަހުމަދު އަވަސް އޮންލައިން އަށް އިނޓަވިއު ދެނީ

ރާއްޖޭގެ އާބާދީގައި 84 ޕަސެންޓް މީހުން ދުނިޔެ ދޫކޮށް ދަނީ ނޮން ކޮމިއުނިކަލް ޑިސީސް ނުވަތަ ގައިންގަޔަށް ނާރަ ބޮޑެތި ބަލިތަކުގަ އެވެ. ބޮޑެތި ބަލިތަކާއި ކުރިމަތިލާ އެ ބަލިތަކާއި ކޮންމެ ދުވަހަކު ހަނގުރާމަ ކުރާ އެތައް ބަޔަކު އެބަތިއްބެވެ. ބަލީގެ ސަބަބުން ތަފާތު އެކި އެކި ގޮންޖެހުންތަކާއި ކުރިމަތިލާ އާދަޔާ ހިލާފު ހިއްވަރެއް ނެރިގެނެވެ.

ކެންސަރަކު ފަދަ ބޮޑެތި ބަލި ތަހައްމަލު ކުރާ މީހުން ދިރިހުރުމަށް ހަށިގަނޑުގައި ނުހަނު ވޭނާއި ރިހުން އަޅާ ފަރުވާ ހޯދަން މަޖުބޫރުވެއެވެ. ބާރުގަދަ ތަޑު ކަނޑުވާ ބޭސް ކައިގެން ކޮޅަށް ތެދުވާ އެތައް ބަޔަކު އެބަތިއްބެވެ. ކޮވިޑް-19 ފަދަ ބަލިން އެމީހުންނަށް އޮތް ރިސްކު ބޮޑެވެ.

ގދ. ތިނަދޫ އަށް އުފަން ނަޒީރު އަހުމަދު، 62 އަކީ އުމުރުގެ ބޮޑު ބައި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. އެންމެ ދިގު މުއްދަތަށް އޭނާ ހިދުމަތް ކުރީ މިފްކޯގަ އެވެ. އެއަށްފަހު އަމިއްލަ ވިޔަފާރިއާގެން އޭނާ ކުރިއަށް ދިޔައެވެ.

ދިރިއުޅުން ބަދަލުކޮށްލަން މަޖުބޫރުވީ ކެންސަރާއި ކުރިމަތިލާންޖެހުމުންނެވެ. އޭނާ ކުރަމުން އައި ވިޔަފާރި ހުއްޓާލަން ޖެހުނެވެ. ބައްޔާއެކު ކުރިއަށްދެވޭ ވަރަށްވުރެ އޭނާގެ ހާލަތު ސީރިއަސްއެވެ. ޕްރޮސްޓްރޭޓް ކެންސަރު ޖެހި ޑޮކްޓަރު އުއްމީދު ކަނޑާލި އެވެ. ޑޮކްޓަރުން އުއްމީދަކީ އެންމެ ގިނަވެގެން އަހަރެކެވެ. އާދައިގެ ފަރުވާއެއް ދީގެން ސަލާމަތްވާނެ ގޮތަކަށް ނޫނެވެ.

"ދުނިޔޭގެ ހުންނާނެ ކަމަށް ލަފާކުރަނީ އަހަރެއް ކަމަށް ޑޮކްޓަރު ލަފާދެއްވި ނަމަވެސް މަރަކީ ﷲ ތައާލާގެ އިރާދައިގައިވާ ކަމެއް" އޭނާ ބުންޏެވެ.

"މިފްކޯގައި ގިނަދުވަހު މަސައްކަތް ކޮށްފައި ހުރީމައި އެދާއިރާއިން އަޅުގަނޑު ތަޖުރިބާ ހުރީ. މަސްވެރިކަން ދާއިރާއިން ކުރިއަށް ދާން ގަސްދުކޮށް ފައިބަރު ދޯނިތަކެއް ބަންނަން ފެށީ. މަސައްކަތުގައި އުޅެނިކޮށް ބުރަކަށީގައި ރިއްސުމާއި ނިދުމަށް އުނދަގޫވެ، އާދަޔާ ހިލާފު ކަންތައް ތަކެއް ދިމާވެ އިންޑިއާއަށް ދިޔައީ. އެހިސާބުން އިނގުނީ އަޅުގަނޑަށް ހުރީ ޕްރޮސްޓްރޭޓް ކެންސަރު ޖެހިފައިކަން އަދި ކެންސަރު ހުރީ މުޅި ހަށިގަނޑަށް ފެތުރިފައިކަން."

ފަރުވާގައި ހިތްވަރު

މީގެ ހަތް އަހަރު ކުރިން އޭނާ އާއި ކުރިމަތިވި ބައްޔާއި ކުރިމަތިލާ ހިއްވަރާއި އެކު ނަޒީރު އެނާގެ ބޭސްފަރުވާ އާއި އެކު ދިޔައީ ކުރިއަށެވެ.

"ކީމޯތެރަޕީ އަކީ ވަރަށް ހިތްދަތި ތަޖުރިބާއެކެވެ. ބަލިން ޝިފާ ހޯދުމަށް ހިތާއި ދެކޮޅަށް ވިޔަސް ކެންސަރާއި ކުރިމަތިލުމަށް ކުރަންޖެހޭ ކަމެއް ކަމުން ކީމޯތެރަޕީ ނަގަނީ. ކީމޯތެރަޕީގެ ސައިޑް އިފެކްސްޓް ވަރަށް ގިނަ. ބޮލުން އިސްތަށި ފޭބުމާއި މީހާ ވަރަށް ގިނަ ބަދަލުތަކެއް އާދެ. ކާއެއްޗެއްސާއި ދުރުވޭ. ހޮޑުލެވޭ. އުފާވެރި މޫޑެއް ނުހުރޭ. ބަލި އެނދުގައި އޮންނަ އިރު އައިވީ ގުޅާގޮތަށް ކީމޯތެރަޕީ ދޭން ހަށިގަނޑަށް އެ ފޮނުވާ ކެމިކަލް ފޮނުވާއިރު އިހްސާސް ކުރެވެނީ އެއީ ކަރުނަހެން...ކޮންމެ ތިއްކަކީ ލޮލުން ފައިބާ ކަރުނަ ތިއްކެއް ހެން..ވަރަށް ފުން އަސަރެެއް ކުރޭ. އެކަމާއި ކުރިމަތި ނުލާ މީހަކަށް ކިޔައިދިނަސް އެ އިހްސާސްތަކެއް ބުނެދޭކަށް ނޭގެ. ވަރަށް ހިތްދަތި އަސަރެއް ކުރޭ. ﷲ އާއި ވަކީލު ކޮށްފައި ކުރިއަށް ދިޔައީ".

ނަޒީރުގެ ކެންސަރު މިވަގުތު ހުރީ އޭނާގެ ހަށިގަނޑުގެ ކަށިތަކަށް ފެތުރިފަ އެވެ. ޓްރީޓްމަންޓްތައް ނަގަނީ އޭނާގެ ފުރަމޭ އަދި ފުއްޕާމޭ ފަދަ ގުނަވަންތައް ކެންސަރުން ސަލާމަތް ކުރުމަށެވެ. އެ ގުނަވަންތަކަށް ކެންސަރު ފެތުރުމުން ފުރަނާއަށް ނުރައްކާވާ ވަރު ބޮޑުވެއެވެ. ނަޒީރު ބުނާގޮތުން ފަރުވާއާއެކު އިރާދަކުރެއްވީތީ އެކަން ކޮންޓްރޯލްވެފައި އެވެ.

"އެހެން ނަމަވެސް، އަޅުގަނޑުގެ ކަނާތުގައި ފައިގެ ފަލަމަސްގަނޑުގެ މައިކަށިގަނޑަށް ކެންސަރު ފެތުރި އެ ކަށިގަނޑު ހަލާކުވީމަ އެހެރީ ބަދަލުކޮށްފައި، ޓައިޓޭނިއަމް ލައްވާފައި އުކުޅުވަޅު ހުޅާއި. މިހާރު ވާތް ފަރާތަށް ވެސް އެ ގޮތަށް ބަދަލު ކުރުން."

ނަޒީރެކޭ އެއްގޮތަށް ކެންސަރާއި ކުރިމަތިލާ އެތައް ބައެއް ރާއްޖޭގައި އެބަތިއްބެވެ. ކެންސަރު ސޮސައިޓީގެ ފަރާތުން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބުނާގޮތުން ރާއްޖޭގައި މިދިޔަ އަހަރު އެކަނިވެސް 200 އަށް ވުރެ ގިނަ މީހުންނަށް ކެންސަރަށް ޑައަގްނޯސް ކޮށްފައި ވެއެވެ.

ކެންސަރާއެކު ކޮވިޑްގެ ތަޖުރިބާ

ކެންސަރަކީ ގައިން ގަޔަށް ނާރާ ބައްޔެއް ކަމުގައިވާއިރު އަހަރުމެން މިއުޅެނީ ސިއްހީ ބޮޑު އެހެން ކާރިސާއެއްގަ އެވެ. ކޮވިޑް-19 އިގެ މި ބަލި ނުރައްކާވަނީ ވައިރަހުގެ ކުރިން ސިއްހަތު ރަނގަޅަށް ތިބި އެކި އުމުރު ފުރައިގެ މީހުން ވެސް މިބަލީގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭތީ އެވެ.

"ލޮކްޑައުން ތެރޭގައި އަޅުގަނޑު ރޭޑިއޭޝަން ތެރަޕީ ނަގަން އިންޑިއާ އަށް ދިޔައިން. ހަށިގަނޑުގައި ހުންނަ ކެންސަރު ސެލްތައް ނައްތާލަން ރޭޑިއޭޝަންގެ އެހީ ބޭނުންކުރާ ފަރުވާއެއް މިއީ. މި ޓްރީޓްމަންޓް ނަގަން ހުންނަނީ އެކަހެރި ކޮޓަރިއެއްގައި. އެއްވެސް މީހަކަށް ބައްދަލު ނުވާނެ. ފާހަނާއަށް ވަނަސް ހިޔަނި ހުންނަނީ ކެމެރާއަށް އަރާ ގޮތަށް. ކާ އެތިކޮޅެއް ދޭނީ ފާރުގައި ހުންނަ ލޯވަޅަކުން. ވަރަށް ހިތްދަތި ފަރުވާ އެއް އެއީ. ވަރަށް އެހެން ކަހަލަ އިހްސާސެއް ކުރެވޭ. މިގޮތަށް ފަސް ދުވަސް އޮންނަން ޖެހުނީ މި ފަރުވާ ހޯދުމަށް. އެ ހާލުގައި މީހާ ވަރަށް ބަލިކަށިވޭ އަދި ﷲ އާއި ކުއްތަންވެ އީމާންތެރިކަން ވަރުގަދަވޭ،"

ގިނަ މީހުނެކޭ އެއްގޮތަށް ނަޒީރު އަށް ލޮކްޑައުންގައި ބޭރަށް ނުނިކުމެވުމުން އެއީ ވަރަށް ދަތި އުދަނގޫ ތަޖުރިބާއެއް ކަމުގައި އޭނާ ބުންޏެވެ. ބޮޑެތި ބަލިތަކުގެ މީހުން ގޭގައި ތާށިވެފައި ހުންނަން ޖެހުމާއި ގާތް ރަހުމަތްތެރިން ކޮވިޑް އަށް ޕޮޒިޓިވް ވުމުގެ ހާސްކަމާއި އޭނާ ކުރިމަތިލިއެވެ.

"ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީގެން ވީހާވެސް ސާފުތާހިރުކޮށް އުޅެވޭތޯ ބެލީ. އަޅުގަނޑު 50 އަށް ވުރެ ގިނަފަހަރަށް ކޮވިޑް ޓެސްޓް ހަދަން ޖެހުނު. ހޮސްޕިޓަލަށް ޓްރީޓްމަންޓް ހޯދަން ދެވޭނީ ކްލިއަރ ވެގެން."

ބޮޑު ބައްޔަކާއި އެކު މުޖުތަމައުއަށް ނިކުމެ އުފަލުގައި ކޮންމެ ދުވަހަކު އުޅެން އެންމެ ބޮޑު ހިއްވަރަކީ އޭނާގެ އާއިލާގެ އެއްބާރުލުންނެވެ. ހިތްހަމަޖެހުން ލިބޭނީ އާއިލާއިގެ ފަރާތުން ކަމުގައި ނަޒީރު ބުންޏެވެ.

ހިތްހަމަޖެހުމާއި އުފާ

"އަޅުގަނޑަށް އަންހެނުންގެ ފަރާތުން ލިބުނު ފުރުސަތަކަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅުނީ. އެއީ ވަރަށް ބޮޑު ހިއްވަރެއް. ބައްޔާއި ކުރިމަތި ލީ އިރު ކުދިން ސްކޫލް ނުނިމޭ. ގޭގެ ކުލި ދައްކަން ޖެހޭ. ވިސްނަންޖެހޭ ވަރަށް ބައިވަރު ކަންތައްތައް ހުރޭ. ބޭންކް އޮފް މޯލްޑިވްސްގައި ބައިވަރު ދަރަނިތަކެއް ހުރި. އަޅުގަނޑުވެސް އޮށޭވެ ތެދުވާ ހިތެއް ނުވި. އެހެންނަމަވެސް އެ ހިއްވަރު ހޯދީ އާއިލާގެ ތެރެއިން އަދި ކެންސަރ ސޮސައިޓީ އަޅުގަނޑަށް ދިން ހިއްވަރާއި އެކު. އެމީހުން އެ ކުރާ މަސައްކަތް ބަލައިގަންނަން. ބޭރު ތެރެއަށް ނިކުމެ ހީ ސަމާސާކޮށް އުޅެނީ ބަޔަކު އަޅުގަނޑުމެންގެ ބެކްގްރައުންޑް މަސައްކަތް ކުރާތީ. އެމީހުންނަށް އަޅުގަނޑު ޝުކުރު އަދާ ކުރަން ބޭނުން."

"މިހާރުވެސް އަޅުގަނޑު މި ހުންނަނީ ޕެއިން ކިލަރ ޕެޗްތަކެއް ކޮނޑުމަތީގައި ތަތްކޮށްގެން ހަށިގަނޑުއަޅާ ވޭން ކޮންޓްރޯލް ކުރުމަށް. މޯފީން އަސްލު ބޭނުން ކުރަން ޖެހެނީ. އެކަމް ބާރުގަދަ ޑޯޒެއްގެ މޯފީން ބޭނުންކުރާ ނަމަ މަސްތުގެ ހާލަތަކަށް ގޮސް އަޅުކަމާއި ދުރުވޭ. އަޅުގަނޑު ބަލާފައި މީހަކަށް ހީނުވެދާނެ އަޅުގަނޑުމީ ބޮޑު ބައްޔެއްގައި އުޅޭ މީހެއް ހެނެއް. އެއީ އަޅުގަނޑަށް ކެންސަރ ސޮސިއިޓީ އިން ލިބުނު ހިއްވަރުގެ ސަބަބުން"

ކެންސަރާއިއެކު ފަޔަށް ޓައިޓޭނިއަމް ލައްވާ ހިނގުމަށް އެހީތެރިކަން ހޯދަންޖެހިފައިވީ ނަމަވެސް ބަރާބަރަށް ކަސްރަތަށް މޫދަށް ދިއުމަކީ ނަޒީރު ކުރާ ކަމެކެވެ. ނަޒީރު ދެކޭ ގޮތުގައި މުޖުތަމައުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ބޭނުންވާ ލޯއްބާއި އަޅާލުން މިހާރަށްވުރެ ބޮޑަށް ދޭންވެއެވެ.

"ސާފު ވައި ލިބި ކަސްރަތަށް ނިކުތުން އެއީވެސް ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮކޮށް ހުރުމަށް ކުރާކަމެއް. ކީމޯ ނެގުމަށް ފަހު ރަނގަޅީ 45 މިނެޓަށް ފަހު ހިނގާލުން. ނުވަތަ މޫދަށް ދިއުން. ކަސްރަތަށް ދާކަމަށް ވާނަމަ ނަފްސާނީ މައްސަލަތައް ލުއިވޭ. ބަލިވެއްޖެޔޭ ކިޔާ އެނދުގައި އޮށޭވެ އޮންނަނަންޔާ އިތުރަށް ޑައުންވޭ. ޓްރެކް ސަރަރަހައްދަށް މޫދަށް އެރިލާ ގަޔަށް ފެން އެޅުމަށް މިހާރު ހަދާފައި އެހަރަ ޕްލެޓްފޯމްއަކީ ނޯމަލް ގަދަފަދަ މީހުންއަށް ހަދާފައި ހުރި ތަނެއް. ހާއްސަ އެހީ ބޭނުންވާ މީހަކަށް ފަސޭހައިން ބޭނުންކޮށްލެވޭ ގޮތަށް އެކްސަސް ލިބޭ ގޮތަކަށް ނޫން އެހެރީ. ސިޑިތަކެއް ލާފައި ހުރުމުން ވަރަށް ދަތިވޭ،"