އަންހެނުން

އަބަދުވެސް އެންމެ ކުރީގައި ޑރ. ނަޒްލާ ރަފީގު!

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ދިއުމަށް ފުރުސަތު މި ލިބުނީ ކޮވިޑް-19 ރާއްޖެއަށް ލައްވާލިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެޕިސެންޓަރު ނޫނީ މައި ހަރުގެ ކަމުން މިއީ ކިހާ މުހިއްމު ތަަނެއް ކަމުގެ އިހްސާސް ކުރެވުނެވެ.

ރަންނަބަނޑޭރީ މާލަމުގައި އޮތީ ވަށާ ވަށާ މޭޒޫ ޖަހާ އެކި އެކި ބައިބަޔަށް ބަހާލާފައެވެ. ހީވީ ސްކޫލްގައި ގްރޫޕް ވޯކް ކުރަން މޭޒު އަތުރާލާފައި އޮތް ހެެންނެވެ. ކޮންމެ ގުރޫޕަކީ ވަކި މަސައްކަތެއް ކުރާ ބަޔަކެވެ. އަސްލުވެސް ގުރޫޕް މަސައްކަތެެެކެވެ. ގައުމީ މަސައްކަތެވެ.
މޭޒުތައް ކައިރީ މަސައްކަތާއި ގަޔާވެގެން ތިބީ ޒުވާނުންނެވެ. ރަސްމީ ގަޑި ނިމި ބުރާސްފައްޗެއްގެ ހަވީރު ހެނެެއް ހީއެއްނުވެއެވެ. އެތާކު "ވީކެންޑް މޫޑެެއް" ނެތެވެ.

އިރުކޮޅަކުން ޑރ. ފާތިމަތު ނަޒްލާ ރަފީގާ ބައްދަލުވެއްޖެ އެވެ. މި އިނދެވުނީ އެޗްއީއޯސީގެ ޕްރެސް ދޭ ތަނުގައިކަން ވެސް އެނގުނެވެ.
މީގެ އަހަރުތަކެއް ކުރިން ފެށިގެން ވެސް ޑރ. ނަޒްލާއަކީ ގާތް އަވަށްޓެރިއެކެވެ. އަދި އެކީގައި ސްކޫލަށް ހިނގި ހަނދާނެއް ވެސް ވެއެވެ.


އަލުން ބައްދަލުވި އިރު ކޮވިޑް-19 އިގެ މަގަތުސަަފުގައި ނަޒްލާ ރަފީގަކީ މެޑިކަލް އެންމެ ވަރުގަދަ ޑޮކްޓަރެވެ.

އޭނާ ސްޕެޝެލައިޒްވެވަޑައިގަތީ ޕަބްލިކް ހެލްތް ދާއިރާއިން އިންނެވެ. ކޮވިޑް ކަހަލަ ވައިރަހެއްގެ ސަަބަބުން އާއްމު ސިއްހަތަށް ނުރައްކާ އޮތް ދަންޑިވަޅެއްގައި މި ބަަލި ކޮންޓްރޯލް ކުރަން ތަޖުރިބާ ހުރި އެއް ބޭފުޅަކަށް ވެވަޑައިގަންނަވަނީ ނަޒްލާ ރަފީގެވެ. މިއީ ކިހާ ބޮޑު ފަހުރެއް ހެއްޔެވެ؟

ނަޒްލާ ރަފީގުގެ ކެރިއަރަށް ބަލާއިރު އެޗްޕީއޭގައި މަސައްކަތް ކުރައްވާތާ 10 އަހަރުވެފައިވެ އެވެ. ވޭތުވެދިޔަ ހަ އަަހަރުގެ މަސައްކަތަކީ ރާއްޖޭގައި ގައިންގައިން އަރާ ބަލިތައް ކޮންްޓްރޯލް ކުރެއްވުމެވެ.

އޭނާ ތައުލީމް ހާސިލް ކުރައްވާ އެމްބީބީއެސް ފުރިހަމަ ކުރެއްވީ ޕާކިސްތާނުގެ ފާތިމާ ޖިނާ ޔުނިވާސިޓީނެވެ. އެއަށްފަހު، ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓާސް ފުރިހަމަ ކުރެއްވީ އިނގިރޭސި ވިލާތުންނެވެ. އެއީ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިނުންނެވެ.

ތައުލީމަށް ފަހު ފެއްޓެވީ ގައިންގައިން އަރާ ބަލިތައް ކޮންްޓްރޯލް ކުރުމުގެ މަސައްކަތެވެ.

"އަންޕްރެޑިކްޓަބަލް އެންޑް އިންޓަރެސްޓިން ދާއިރާއެއް މިއީ. އައުޓްބްރޭކެއް އަންނާނެ އިރެއް ނޭގޭނެ، ކުއްލިއަކަށް އައުޓްބްރޭކެއް އަތުވެދާނެ. ރޫޓީންކޮށް އޮފީސްވޯކް އޮވެފައި އަދި އޮންނާނެ އެކަހަލަ އެތައް ކަމެއް. މިސާލަކަށް ޑެންގީ އައުޓްބްރޭކެއް އައިސްއިއްޔާ ވަރަށް މަސައްކަތް އޮންނާނެ. ނުވަތަ ސަސްޕެކްޓެޑް މީސިލްސް ކޭހެއް އަތުވެއްޖެނަމަ އޭގެ ކޭސް އިންވެސްޓިގޭޝަން އާއި ކޮންޓެކްްޓް ޓްރޭސިން އޮންނާނެ. ވެކްސިނޭޝަން ކެމްޕެއިނެއް ހިންގަންޏާ ދެމަސް ދުވަސް ވަރަށް ބިޒީކޮށް ދާނީ މަސައްކަތުގައި. އެޗްޕީއޭގެ ފަރާތުން ވީކެންޑްތަކުގައި އާއްމުންނަށް މައުލޫމާތު ދޭ ފެއާ ތަކުގައި ބައިވެރިވެ އެކަަހަލަ ގޮތަކަށް މަސައްކަތް ދާނީ،" ނަޒްލާ ރަފީގު ވިދާޅުވި އެވެ.


ކޮވިޑް-19 އާއެކު ނަޒްލާ ރަފީގުގެ މަސައްކަތުގެ ސްކޯޕާއި ވަގުތަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ވެއެވެ.

"މިހާރު 24 ގަޑިއިރު އަބަދު މަސައްކަތުގައި ދާހެން ހީވަނީ. ކުރީގެ ވެއްޖެއްޔާ ކޮންމެ ދުވަހަކު ހުރިހާ ވަގުތެއް މިހެނެއް ނޫން. އޭރުވެސް އެކްސްޕެކްޓް ކުރަން ކޮންމެވެސް ކަމެއް ޖެހިދާނެ ކަމަށް. ފިހާރައަކަށް ގޮސް ގޮސް ހުއްޓާ ފޯނުން އެޓެންޑްވާން ޖެހޭ ކަމެއް އައިސްދާނެ. ފިހާރައަށް ނުވަދެވި ފޯނުން އެކަމާ ޑީލް ކުރުމުގައި އުޅެނިކޮށް ފިހާރަ ބަންދު ކޮށްފާނެ. ކުރިންވެސް އެހެންވީމާ ބިޒީކޮށް ދިޔައީ. އެކަމަކު ކޮވިޑްގައި މަލްޓިޕްލް އިޝޫޒް އާއި މަލްޓިޕްލް އިމާޖެންސީސް އަންނަނީ."

ނަޒްލާ ރަފީގުގެ ޒިންމާއަކީ ހަމައެކަނި ސްޕޯކްސް ޕާސަންގެ ދަައުރެއް ނޫނެވެ. ކޮންޓެކްޓް ޓްރޭސިން އާއި ކޭސް އިންވެސްޓިގޭޝަން މަސައްކަތްތައް ވެސް ކުރައްވަ އެވެ. ކޮވިޑް ކޮންޓްރޯލް ކުުރުމަށް ކުރަންޖެހޭ އެހެން މަސައްކަތްތައް ވެސް ކުރައްވަ އެވެ. މަލްޓިޓާސްކް ކުރުމަކީ އޭނާގެ ވަޒީފާގެ ބަޔެކެވެ.

"ހެނދުނު އަށެއް ޖަހާިއރި އަންނަ ގޮތަށް ރޭގަނޑު ލަސްވާފަހުން މިހާރު ދެވޭނީ، ޕްރެސް އޮވެއްޖެއްޔާ... ދަރުބާރުގެއަކީ މިހާރު ދެވަނަގެ ކަހަލަ އިހްސާސެއް ވަނީ."

ނަަޒްލާ ރަފީގު ފެންނަނީ ވަރަށް ބޮޑަށް ސްޓޭންޑް ނަންގަވާ ބޭފުޅެއް ގޮތުގައެވެ. ފަރިތަކޮށް ކުރިމަތިލައްވާ ހުޝިޔާރު ކަމާއެކު ޕްރެސް ދެއްވާ ބޭފުޅެެއްގެ ގޮތުގައެވެ.

"ކުރިންވެސް މީޑިއާއަށް ފުރުސަރު ލިބޭ. އެކަމް މިހާރު ވަރަށް ބޮޑަށް އާއްމުން ދަންނަ މީހަކަށް ވެއްޖެ. ފިހާރައަކަށް ވަނަސް މިހާރު ރެކޮގްނައިޒްވޭ. މިއީ ކުރިން ނުވާކަމެއް. ވަރަށް އޮޑް ކަމެއް އަޅުގަނޑަށް މިއީ. ޕްރެސް އަށް ދެންޏާ ވަރަށް ބޮޑަށް ތައްޔާރުވެގެން ދަނީ. ބައެއް ޕްރެސް ހުުންނާނެ ވަރަށް ދުރާލާ ތައްޔާރުވެފައި ވެސް. ކޮންކަހަލަ ސްޓެޓްސް އެއްތޯ ދައްކާނީ. ގްރާފްސް ދައްކާ އިތުރު މެޝާޒްގެ ވާހަކަ ދައްކާ ޕްރެސްތައް އެއީ. ކުރީބައިގައި މަޝްވަރާ ކޮށްފައި އަންނަނީ"

ވަޒީފާގެ އެންމެ ބޮޑު އެއް ޗެލެންޖަކީ މަންމައަކަށް ވުމެވެ. އޭނާއަލީ 11 އަހަރާއި ހަތަރު އަހަރު ދެ ކުދިންގެ މަަންމައެކެވެ. ލިބޭ ކުޑަ ވަގުތު ކޮޅު ކުދިންނަށް ދެވޭތޯ އެނާ މަސައްކަތް ކުރައްވަ އެވެ. އެކަމަކިު މިހާރު ކަންކަން އޮތް ގޮތުން ވޯކް ލައިފް ބެލެންސެއް ނެތެވެ.

"ކިރިޔާވެސް ވަގުތެއް ވެއްޖެއްޔާ ބަލަން ކުދިން އަށް ވަގުތު ދެވޭތޯ. މަންމަ އަދި ކޮއްކޮ ރަސްމީގަޑީގައި ކުދިންގެ ކަންކަން ބެލެހެއްޓުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ. ރަސްމީ ގަޑި ނިމުމުން ފިރިމީހާ ކުދިންގެ ކަންކަމުގައި އުޅޭނެ. ކުރަންޖެހޭ ކަންކަން ކުރުމަށް ދެމީހުން ކުރެ އެކަކު ކުރާނީ. ވަރަށް ގިނަ ކަންކަން ކޮށްދޭތީ މިގޮތަށް އުޅެވެނީ،"

ނަޒްލާ ރަފީގުގެ ދެމަފިރިންގެ ހިއްސާ އެއްވަރަކަށް އާއިލާ ބެލެހެއްޓުމުގައި އޮވެ އެވެ. ދިރިއުޅުން ބައްޓަން ކޮށްފައިވަނީ ދެމީހުން އެއްކޮށް ކުރަންޖެހޭ ކަންކަން ކުރާށެވެ. ނަޒްލާ ރަފީގު ވިދާޅުވާ ގޮތުގައި މަސައްކަތުގެ މައިދާނަށް ނިކުންނަ އަންހެނުން އަށް އެންމެ ބޮޑު އެއް ޗެލެންޖަކީ ވެސް އެއީ އެވެ.

"ރޯލް މޮޑެލްއެއްގެ ގޮތުގައި މަންމަ ދެކެނީ. މަންމަ އަކީ ގިނަ ދުވަހު މަސައްކަތުގައި އުޅުނު މީހެއް. އާއިލާގެ ހަތަރު ބެއިންގެ އެއްވެސް ކަމަކަށް ދަތި ނުވާ ގޮތަކަށް ހުރިހާ ކަމެއް ހުންނަނީ ކޮށްދީފައި. ސަރުކާރުގެ ހިދުމަތުގައި ހުންނެވީ. އެއީ އިންސްޕިރޭޝަން އަކީ"

ނަޒްލާ ރަފީގުގެ މަންމަ، ޝަފީގާ މޫސާއަކީ ފިނޭންސް މިނިސްޓްރީގައި ދިގު މުއްދަތަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. ބައްޕަ ރަފީގު މޫސާ އަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ނަޒްލާ ރަފީގު ވެސް ހިދުމަތުގަ އެވެ. އޭނާ އިންނަވާ ގޮނޑީގައި ބައިވަރު ޗެލެންޖިންއާ ކުރިމަތިލާން ޖެހި ވަޑައިގަންނަވަ އެވެ.