ފިނިޕޭޖް

ކްރިސްޓިއާނޯ ރޮނާލްޑޯގެ ދިރިއުޅުން ވަރަށް އެކަނިވެރި: ޕްރޮޑިއުސަރު

ޕޯޗުގަލް އާއި ރިއަލް މެޑްރިޑްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދިރިއުޅުމަކީ އެކަނިވެރި، އެކުވެރިން މަދު ދިރިއުޅުމެއް ކަމަށް އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ޑޮކިއުމެންޓްރީ ފިލްމު "ރޮނާލްޑޯ" ގެ ޕްރޮޑިއުސަރު ޖޭމްސް ގޭއި-ރީސް ބުނެފި އެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ރީސް ބުނެފައި ވަނީ ފަހަރެއްގައި ރޮނާލްޑޯގެ ހަޔާތުގައި އެހާ އެކުވެރިން މަދީ އޭނާ މިއަދު ހޯދާފައިވާ ކާމިޔާބީ އަށް ހާސިލުކުރުމަށް އެކުވެރިންނާއި އެހެން މީހުން ގުރުބާންކޮށްފައިވާތީ ކަމަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެ ލެވެލްގައި ހަރަކާތެރިވެ ކާމިޔާބު ހޯދަން ގުރުބާންކުރަން ޖެހޭ ކަންކަމާއި އެއްޗެހި އަހަރެމެންގެ ހިޔާލަށް ވެސް ނާންނާނެހެން،" ރީސް ބުންޏެވެ.

"ރޮނާލްޑޯގެ ތިބެނީ ވަރަށް މަދު އެކުވެރިންތަކެއް. ދެން އޭނާ އުޅެނީ އޭނާގެ އަމިއްލަ އާއިލާ ތެރޭގައި."

ރީސް އާއި އޭނާގެ ޓީމުން "ރޮނާލްޑޯ" އުފައްދާފައި ވަނީ ރޮނާލްޑޯގެ ޕްރޮފެޝަނަލް ދިރިއުޅުމާއި ޒާތީ ދިރިއުޅުމުގެ މަންޒަރުތައް ޝޫޓްކުރުމަށް އޭނާއާ އެކު އަހަރު ދުވަސް ހޭދަކޮށްގެންނެވެ. މި މުއްދަތުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު އާދަޔާހިލާފު ސިފަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރީސް ބުނީ އެންމެ ހައިރާންވީ ލިބިފައިވާ މަޝްހޫރުކަމާ އެކު ދިރިއުޅުމަށް ރޮނާލްޑޯ ގެންގުޅޭ އުސޫލުތައް ފެނިގެންނެވެ.

"މިއީ ވަރަށް ބޮޑު ގުރުބާނީއަކާއި އަޒުމެއް އެކަމަކަށް ދެވިގެން ކުރެވޭނެ ކަމެއް. އޭނާގެ އެބައޮތް ހިޔާލެއް. އޭނާ ބޭނުންވޭ ލެގަސީއެއް ދޫކޮށްފައިދާން. އޭނާ ބޭނުން ވަނީ ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ނިމިގެންދާން. އެކަން ހާސިލުކުރުމަށް އުޅެން ޖެހޭ ގޮތް ވަރަށް ވެސް އެކަނިވެރި،" ރީސް ބުންޏެވެ.

ރޮނާލްޑޯގެ ގުރުބާންތަކުގެ ވާހަކަ ދައްކާއިރު އޭނާގެ ޒާތީ ދިރިއުޅުން ފާހަގަކޮށްލެވޭ އެންމެ އާދަޔާހިލާފު ސިފައަކީ އޭނާގެ ހުސްހަށިބައި ލައިފްސްޓައިލެވެ. ކުރިން ލޯބިވެރިއެއް ގެންގުޅުނު ނަމަވެސް މީހަކާ ކައިވެނިކުރުމުގެ ވިސްނުމެއް ވެސް ރޮނާލްޑޯގެ އަދި ނެތް ކަމަށް ބުނެވެ އެވެ.

އޭނާ ދަރިއަކު ވެސް ހޯދާފައި ވަނީ "ސަރޮގޭޓް" ނުވަތަ "ސިއްރުކޮށްފައިވާ މަންމައެއް" މެދުވެރިކޮށެވެ. ރޮނާލްޑޯގެ ދަރި ބަލަނީ ރޮނާލްޑޯގެ މަންމަ އެވެ. އަދި ކުރިން ލޯބިވެގެން އުޅުނު މަޝްހޫރު ސުޕަމޮޑެލް އިރީނާ ޝައެކް ވެސް ރޮނާލްޑޯ ވަނީ އޭނާގެ އާއިލާއަށްޓަކައި ދޫކޮށްލައިފަ އެވެ.

"ރޮނާލްޑޯ" ގެ ޕްރޮޑިއުސަރު ބުނީ ރޮނާލްޑޯ އަށް ފިލްމު ވަރަށް ކަމުގޮސްފި ކަމަށާއި އެތައް ފަހަރަކު މިހާރު ވެސް އޭނާ އެ ފިލްމު ބަލައިފި އެވެ.

ރޮނާލްޑޯގެ "ބޮޑާކަމާއި ކިބުރުވެރިކަމާ" ބެހޭ ގޮތުން ވާހަކަ ދައްކަމުން ރީސް ބުނީ ރޮނާލްޑޯގެ އަސްލު ދިރިއުޅުން އެނގޭ ކަމަށް މީހުން ހީކުރިޔަސް އެއީ ކުށް ހީއެއް ކަމަށެވެ.

"މީހުންނަށް ހީވަނީ އެމީހުންނަށް ރޮނާލްޑޯ އެނގޭހެން. އެކަމަކު ހަގީގަތަކީ އެމީހުންނަށް ހަމަ އެކައްޗެއް ވެސް ނޭނގޭކަން."

"ރޮނާލްޑޯ" ވޯލްޑްވައިޑްކޮށް ޕްރިމިއާކުރަނީ މިއަދު އެވެ. މި ފިލްމުގެ ފަހަތުގައި އޮތް ޓީމަކީ ތައުރީފު އޮހުނު ޑޮކިއުމެންޓްރީ، އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިޔާ އޭމީ ވައިންހައުސްގެ ހަޔާތުގެ މައްޗަށް އުފެއްދި "އޭމީ" އާއި ބްރެޒިލްގެ މޮޓޯ ރޭސިން ޗެމްޕިއަން އައިޓޮން ސެނާގެ ހަޔާތުގެ މައްޗަށް އުފެއްދި މަޝްހޫރު ޑޮކިއުމެންޓްރީ "ސެނާ" ގެ ފަހަތުގައި ވެސް އޮތް ޓީމެވެ.