އަހުމަދު މަހްލޫފު

ވަރުބަލިވެއްޖެ، އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ: މަހުލޫފް

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި މައްސަލާގައި ފުރަތަމަ ފަހަރަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވާހަކަ ދައްކަވައިފި އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ހިޔާނާތުގެ ތުހުމަތުކޮށް ކަތިލިޔަސް އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީ ކަމަށް ރައްޔިތުން ނުދެކޭނެ ކަމަށެވެ. އަދި ތަކުރާރުކޮށް ތުހުމަތު ކުރާއިރު މަޑުން ދެން ނުހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

މަހުލޫފް އެ އިޝާރާތް ކުރައްވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މީގެ ކުރިންވެސް ސަސްޕެންޝަނުގައި ބެހެއްޓި ބެހެއްޓުމަށެވެ. އެއީ ފެބްރުއަރީ 14، 2019 ގައެވެ. ނަމަވެސް އޭސީސީ އާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކޮށް ދިނުމުން އޭޕްރީލް 16، 2019 ގައި މަހުލޫފްގެ ސަސްޕެންޝަން ނިމުމަކަށް ގެނެސް މަގާމުގެ މަސްއޫލިއްޔަތުތައް އަލުން ހަވާލު ކުރެއްވި އެވެ.

"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީ ކަމަށް ރައްޔިތުން ދެކޭނެ ކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދު ކޮށްގެން ނުހުރެވޭނެ،" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި އޭނާއާ މެދު އަމަލުކުރަނީ ވަރަށް ޒާތީކޮށް ކަމަށާ އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއްކަން އެނގިވަޑައިގަަންނަވާ ކަމަށެވެ. އަދި އޭގެ ބޭނުމަކީ މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

ފެށުނީއްސުރެވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި އަޅުގަނޑާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން
އަހުމަދު މަހުލޫފް | ޔޫތު މިނިސްޓަރު

މަހުލޫފް ވިދާޅުވީ އޭނާ ހުންނެވީ މަގާމުގައި ބަނގުޑި ބައްދައިގެން ހުންނަން ނޫން ކަމަށެވެ. އޭސީސީން ކޮށްފައިވާ ތުހުމަތުއް ދޮގުކުރައްވާ ވިދާޅުވީ އެސްއީޑެޒް ބިލަށް ވޯޓް ދެއްވީ އޭޭރު ނިސްބަތް ވަނީ ޕީޕީއެމްގެ މެންބަރަކަށް ވާތީ ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތުމުން ކަމަށެވެ.

"އޭސީސީ އަށް ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް މި މައްސަލައިގައި ލިބިގެން ނުވޭ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފު. މީގެކުރިން ދައުވާ އުފުލި އެންމެންގެ މައްސަލަތަށް ވެސް ފޮނުވީ ކޮމިޝަނުން،" މަހުލޫފް ވިދާޅުވިއެވެ.

އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށް ފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް ތިން އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ؟
އަހުމަދު މަހުލޫފް | ޔޫތު މިނިސްޓަރު

މަހުލޫފް ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން އަދި ކޮމިޝަނާއި ފުލުހާއި ޕީޖީ އޮފީސް އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ގެންދާނަމަ އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ މަހްލޫފްގެ މައްސަލާގައި ތަހުގީގަށް ފާހަގަކުރެވުނު ކަންކަން ހާމަކޮށްފަ އެވެ. އެގޮތުން ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ.

ބިލް ފާސްކުރަން ވޯޓު ދެއްވުމަށްޓަކައި އޮގަސްޓް 27، 2014ގައި މަހްލޫފް މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވީ މެލޭޝިޔާގައި ހުންނެވުމަށް ސީދާ ވޯޓަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ބިލް ފާސްކުރަން މަހްލޫފް ވޯޓު ދީފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"އެ ވޯޓަށް ފަހު އަހްމަދު އަދީބު އަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި އަހްމަދު މަހްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ." ބަޔާނުގައިވެ އެވެ.

އޭސީސީ ބުނީ މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އަކީ، ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް މަހްލޫފް ފަރާތުން އޭސީސީ އަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ތަހުގީގުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގެން ނެތް ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެ ފައިސާ އަކީ އަދީބުގެ ކިބައިން ރިޝްވަތުގެ ގޮތުގައި މަހްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހްގީގަށް ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަންވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

މަހްލޫފަށް ލިބުނު ޑޮލަރަކީ ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއް ކަން ދެއްކުމަށްޓަކައި އޭސީސީއަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން މަހްލޫފް އޭސީސީ އަށް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމާއި، ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފްއާ ހަވާލުކޮށްފައިވާނެ ކަމަށް ވިދާޅުވެ މަހްލޫފް އޭސީސީއަށް ފޮނުވާފައިވާ ސިޓީއާއި ދެއްވާފައިވާ ބަޔާނަކީ ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށް ދެއްވާފައިވާ ބަޔާނެއް ކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ތަހުގީގަށް އެނގެން އޮތް ކަމަށް ނިންމާ، ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން މަހްލޫފްގެ މައްޗަށް ދެވަނަ ދައުވާ ދައުވާއެއް ކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

މަހުލޫފް ވިދާޅުވީ ހެކި ކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެތި އަދި ބަޔާނަކީ ރާއްޖެ އާއި ލަންކާގެ ގާނޫނުތަކާއި ހިލާފަށް ހޯދާފައިވާ އަދި ނަގާފައިވާ ހެކިތަކެއް ކަމަށާ އެއީ ކޯޓަށް ބަލައިގަންނާނެ ހެކިތަކެއް ނޫން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަށް ދާން މިވަގުތު އަދި ބޭނުން ނުވާ ކަމަށެވެ.