ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޔާސިން އާއި އާޒިމް ޕީއެންސީއަށް ސޮއި ކުރައްވައިފި

ޅ. ނައިފަރު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި ޔާސީން އަބްދުﷲ އާއި ވިލިނގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އާޒިމް އަބްދުލް އަޒީޒް ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.

ކުރިންވެސް ޕީއެންސީއާ އެކު މަސައްކަތް ކުރެއްވި މި ދެ ބޭފުޅުން އަލުން ޕީއެންސީއަށް ސޮއި ކުރެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށް އެނގިފައިވެ އެވެ.

ޔާސީން އާއި އާޒިމް އަކީ އެ ދެ ބޭފުޅުންގެ ދާއިރާއަށް ޕީއެންސީ އިން ކެންޑިޑޭޓުން ނެރެފައި ވަނިކޮށް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވައިގެން ކާމިޔާބު ހޯއްދެވި ދެ ބޭފުޅުންނެވެ.

ނައިފަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވީ ހައްސާން އަލިފުޅެވެ. އޭނާއަށް މިއިންތިހާބުގައި 880 ވޯޓު ލިބުނުއިރު ޔާސީން އިންތިހާބު ކާމިޔާބުކުރީ 1،038 ވޯޓުންނެވެ.

ވިލިނގިލި ދާއިރާގެ ގޮނޑި އާޒިމް ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓްގައި ކުރިމަތިލެއްވި ޔަޒްމީދު މުހައްމަދާ ވާދަކުރައްވައިގެން 1،170 ވޯޓު ހޯއްދަވައިގެންނެވެ. ޔަޒްމީދަށް ލިބިވަޑައިގަތީ 1،001 ވޯޓެވެ.

މިދިޔަ އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން 66 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވި އެވެ. ޔާސިން އާއި އާޒިމް ޕީއެންސީއަށް ސޮއިކުރެއްވުމާ ގުޅިގެން އެ އަދަދު 68 އަށް އިތުރުވާނެ އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ބޭފުޅުންގެ ތެރޭގައިވެސް ގިނައީ ޕީއެންސީގެ ބޭފުޅުންނެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ހޮވުނު އައްބާސް އަކީ ވެސް ޕީއެންސީއާ އެކު މަސައްކަތް ކުރައްވާނެ މެންބަރުންނަށް ވާތީ ސަރުކާރަށް ވަނީ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.