އަހުމަދު ރިލްވާން

ރިލްވާން މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުވަނީ އަޒްލިފަށް، ނާޒިމާވެސް ސުވާލުކޮށްފިން: އުމަރު

Nov 26, 2015
1
ނާޒިމް އާއި އަޒްލިފް: ރިލްވާން ގެއްލުވާލި މައްސަލައިގެ އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އަޒްލިފަށް. -- އަވަސް ފޮޓޯ
0%
0%
0%

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގުގައި އެންމެ ބޮޑަށް ޝައްކު ކުރެވޭ މީހަކީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ތުހުމަތު ކުރެވުނު އަޒްލިފް ރައޫފް ކަމަށާއި، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ވެސް އެ މައްސަލައިގައި ފުލުހުން ސުވާލުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން މިނިސްޓަރު އުމަރު މިއަދު ވީ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ޝައްކު ކުރެވޭ މައްސަލައިގައި އެންމެ ބޮޑަށް ޝައްކު ކުރެވެނީ އަޒްލިފް ރައޫފަށް ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާ އާއި އޭނާގެ އެކުގައި އުޅުނު މީހުން ހައްޔަރުކޮށް ޖަލުގައި ވެސް ގެންގުޅުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ މީހުން ދޫކޮށްލަން ޖެހުނީ އެކަށީގެންވާ ވަރަށް ހެކިތައް ނެތުމުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މީހުން މެރުމުގެ އެންމެ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ އަޒްލިފް ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ. އަދި އޭނާ ސީރިއާއަށް ގޮސް އައިއެސްއައިއެސްއާ ގުޅިގެން، ހަނގުރާމަ ކުރަނިކޮށް މަރުވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. އެހެން ނަމަވެސް އެކަން ކަށަވަރެއް ނުވެ އެވެ. ދާދި ފަހުން އަޒްލިފްގެ އެއްބަޑު އެއްބަފާ ކޮއްކޮ ވެސް ހައްޔަރުކޮށްފައިވެ އެވެ.

އޭނާ ވިދާޅުވީ ރިލްވާން މައްސަލައިގައި ބަލަން ޖެހޭ އެކި ގޮތްގޮތަށް އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި ރިލްވާން ގެއްލުމާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅުން އޮންނަ ކަމަށް ބުނެ އަޑުތައް ފެތުރިފައި ވާތީ އެކަން ވެސް އެ މައްސަަލައިގެ ތެރެއިން ބަލައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރިލްވާން ގެއްލުނު ދުވަސްވަރު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާ ރިލްވާން މުއާމަލާތްތަކެއް ކުރި ކަމަށް ބުނާތީ އެކަން ވެސް އަންނަނީ ބަލަމުންނެވެ. އަދި ފުލުހުން ނާޒިމްއާ ސުވާލުކޮށްފައިވަނީ ވެސް އެކަން އޮޅުން ފިލުވަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު މިއަދު ވީނިއުސްއަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ހޯމް މިނިސްޓްރީ

އަޑުތައް ފެތުރިފައިވާ ގޮތުގައި ރިލްވާން ބަޔަކު ރާވައިގެން ގެއްލުވާލީ، ފަޅު ރަށެއް ކަމަށްވާ ދ. މާގައު ބަޔަކަށް ކުއްޔަށް ދިނުމުގައި އަދީބު ހިންގެވި ކޮރަޕްޝަންތަކަކާއި އެހެން ވެސް މައްސަލަތަކެއްގެ ލިޔުންތަކެއް އޭރުގެ މެންބަރު ނާޒިމް ރިލްވާން އަތަށް ދީފައި ވާތީ އެތަކެތި މީޑިއާއަށް ފަޅާއަރުވާލަފާނެތީ އެވެ.

އުމަރު ވިދާޅުވީ މިފަދަ މައްސަަލަތަކުގެ ހަގީގަތް ހޯދުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އުނދަގޫވެ، އެފަދަ ތަހުގީގުތަކަށް ގިނަ ދުވަސް ނަގާފައިވެ އެވެ. އަދި އޭގެ ހަގީގަތް ހޯދޭނެ ކަމަށް ފުރިހަމަ ޔަގީން ކަމެއް އެއްވެސް ތަހުގީގީ އިދާރާއަކަށް ނޯންނާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަމުގެ ހަގީގަތް ހޯދުމަށް ފުލުހުންނަށް ކުރެވުނު އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން ތަހުގީގަށް ތިލަވާ މައުލޫމާތުން އިތުރު ބަޔަކާ ސުވާލު ކުރަން ޖެހޭ ނަމަ އެކަން ކުރާނެ އެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރަން ޖެހޭ ބަޔަކު ތިބި ނަމަ އެކަން ވެސް ކުރާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345