ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މިއަދު ދެ މަރު، ދެ މަރުވެސް ށ އަތޮޅުން

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ދެވަނަ ކޮވިޑް މަރެވެ.

މިއަދު ފުރަތަމަ މަރުވީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ށ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

އެ މީހާ މަރުވީ 3:22 ގައެވެ. މިއީ ރާއްޖޭގެ 295 ވަނަ ކޮވިޑް މަރެވެ.

އޭގެ ފަހުން 4:55 ގައިވެސް މީހަކު މަރުވިއެވެ. އެއީވެސް ށ އަތޮޅު ކޮވިޑް ފެސިޓީގައި ފަރުވާ ހޯދަމުން އައި ދޮށީ އުމުރުގެ މީހެކެވެ.

އެއީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު ވަނީ 296 އަށް އަރާފައެވެ.

މި ބަލީގައި މިއަހަރުވެސް ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަދި މިދިޔަ ދޮޅު މަހެއްހާ ދުވަހު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރެއްގައެވެ. ނަމަވެސް މި ފަހުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ދަނީ ދަށްވަމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް މަދެވެ.

އެޗްޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެންބަރު ފުރަތަމަ ދުވަހު މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ތިން ޕަސެންޓްގައެވެ. އަދި ޖަނަވަރީ ފެށުނުއިރު އެ އަދަދު ހުރީ ހަތަރު ޕަސެންޓްގައެވެ.

ނަމަވެސް ޖަނަވަރީ 12 އިން ފެށިގެން މާލެ ސަރަހައްދުން ޕޮޒިޓިވިޓީ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެ މަހުގެ 12 އިން 18 އަށް މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 18 ޕަސެންޓްގައެވެ.

މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 45 ޕަސެންޓްގައެވެ. ނަމަވެސް އެ އަދަދު ފެބްރުއަރީ ނުވަވަނަ ދުވަހުން ފެށިގެން ދިޔައީ ދަށްވަމުންނެވެ.

އަތޮޅުތަކުގެ ހާލަތު ގޯސް

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެންބަރު ފުރަތަމަ ދުވަހު އަތޮޅުތަކުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 12 ޕަސެންޓްގައެވެ. އަދި ޖަނަވަރީ ފެށުނުއިރު އެ އަދަދު ހުރީ 12 ޕަސެންޓްގައެވެ.

ނަމަވެސް ޖަނަވަރީ 12 އިން ފެށިގެން އަތޮޅުތަކުންވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެ މަހުގެ 12 އިން 18 އަށް ޕޮޒިޓިވިޓީ ރޭޓް ހުރީ 23 ޕަސެންޓްގައެވެ. އަދި ޖަނަވަރީ 19 އިން ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 43 ޕަސެންޓަށް އުފުލިގައެވެ.

އަތޮޅުތަކުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން އަދިވެސް އަތޮޅުތަކުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 50 ޕަސެންޓްގައެވެ.

މުޅި ރާއްޖެއަށް ބަލާއިރު ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 20 ޕަސެންޓްގައެވެ. ރާއްޖޭގެ ހާލަތު މި މުއްދަތުގައި އެންމެ ގޯސްވީ ޖަނަވަރީ 26 އިން ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ. އެ ދުވަސްތަކުގައި ޕޮޒިޓިވިޓީ ރޭޓް ހުރީ 36 ޕަސެންޓްގައެވެ.