ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެން ބޮޑުކުރާނީ ސިއްހީ ދާއިރާގެ މުސާރަ: ރައީސް

މުސާރައިގެ ހެޔޮ ބަދަލު ދެން ގެންނާނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ ލ. ގަމުގައި މިހާރު ކުރިއަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ރަގަޅު ބަދަލެއް ގެނެސްފައިވާ ކަމަށާއި، މިނިމަމް ވޭޖް ކަނޑައެޅުމުން ވެސް މުސާރަތަަކަށް ރަގަޅު ބަދަލެއް އައިސްފައިވާ ކަމަށެވެ. ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ސަބަބުން ރަގަޅު ގާބިލް ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށް އޮތް ހުރަސް ނައްތާލެވިއްޖެ ކަމުގައިވެސް ރައީސް ދެކެވަޑައިގަންނަވަ އެވެ.

ރައީސް ވިދާޅުވީ އެކަހެރި ކުދި ރަށްތަކުގެ ސްކޫލްތައް މުޅި ދުނިޔެއާއި ވާދަކޮށް، ސިއްސައިގެންދާވަރުގެ މަތީ ނަތީޖާތަކެއް ވެސް މިއަދު ހޯދަމުންދާ ކަމަށެވެ. ލާމަރުކަޒީ ރާއްޖޭގެ ޖަޒީރާގެ ކުދި ސްކޫލްތަކުން ރަންވަނަތައް ހޯދަމުންދާ ކަމަށްވެސް ފާހަގަކުރެއްވެވި އެވެ.

މުސާރައަށް ގެންނަ ރަގަޅު ބަދަލުތަކުގެ ސަބަބުން ރަގަޅު ނަތީޖާއެއް ނެރެވޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދެން މުސާރައިގެ ހެޔޮ ބަދަލެއް ފެންނާނީ ސިއްހީ ދާއިރާގެ ތެރެއިން ކަމަށެވެ. އެ ނިޒާމަކީ ގޮންޖެހުންތަކާއިއެކު އަދިވެސް ފުރިހަމަކުރަން ޖެހިފައިވާ ނިޒާމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ސިއްހީ ނިޒާމް ފުރިހަމަކުރަން ކުރަންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނަ. އެޔާއެކުވެސް ރާއްޖޭގައި ސިއްހީ ހިދުމަތް ސަރުކާރުގެ ކޮންމެ ހިޔާ ވައްސަކަށް ބޭނުންވާ އިތުރު ބަދަލާ ފުރިހަމަކަން ގެނައުމަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޯބައިލް ލެބޯޓްރީގެ ހިދުމަތް އަމާޒުކޮށްފައިވަނީ އެ ހިދުމަތް ކުރިން ނެތް ރަށްތަކަށް ކަމަށެވެ.

މި ސަރުކާރުން މިހާތަނަށް ރަގަޅު ބަދަލެއް ގެނެސްދީފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވައިލަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ 70 ޕަސެންޓް ރަށްތަކުގައި ފެނާ ނަރުދަމާގެ ނިޒާމު ނެތް ކަމަށެވެ. އެމަނިކުފާނުގެ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކާއި ގެއަކަށް ފެނާ ނަރުދަމާގެ ހިދުމަތް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ބާވެ، އަޑުގަދަ އަދި ބޯދުންތައް އަރަމުންދިޔަ އިންޖީނުތައް ނިއްވާލައި، އާ އިންޖީނުގެތައް އެޅުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ. ދުރު އަދި މެދުރާސްތާގައި އިއާދަކުރަނިވި ހަކަތައަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާ މިއަހަރު ނިންމުމަށްފަހު އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވިދާޅުވެފައިވެ އެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްފައި ވަނީ ދިރާސާ ހެދުމަށްފަހު އެވެ.