ރިޔާސީ ބަޔާން

ތައުލީމީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުކުރަނީ

ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒިފުންގެ މުސާރަ ބޮޑުކުރަން ނިންމާ ރައީސުލްޖުމްހޫރިއްޔާ އެކަން އިއުލާނު ކުރައްވައިފި އެވެ. އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ މަޖިލީސް އައު ދައުރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށާ އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އަންނަ މޭ
މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

"މިބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ.

ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން. އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ އަޅުގަނޑުމެންގެ ވައުދެއް. އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މި ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރު ގަޑި ނުލާ 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | ރިޔާސީ ބަޔާން

ރައީސް ވިދާޅުވީ ނިމިދިޔަ އަހަރު 4،082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން ދީފައިވާ ކަމަށެވެ. އަދި ُ20
ޕްރިންސިޕަލަކަށް މާސްޓާސް ފެންވަރަށް ތަމްރީނުވުމަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދާދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްސީލުވެސް ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތް ސަރުކާރުން
ބިނާ ކުރަމުން ގެންދާ ކަމަށެވެ. މި ދައުރުގާ 23 ސްކޫލެއް އެއްދަން ފަޅިއަށް މުޅިން އަލަށް ބަދަލު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު 22 ސްކޫލެއްގާ 117 ކްލާސް ރޫމާ ހަ މަލްޓިޕާޕަސް ހޯލް އިމާރާތްކޮށް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިތުރު 55 ސްކޫލެއްގާ 473 ކްލާސްރޫމާ 27 މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަށް ޖުމްލަ 941 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުގާ ޓިވެޓް ސެންޓަރު ތަކާ ޖޫނިއާ ކޮލެޖް އަދި ޕޮލިޓެކްނިކް ގާއިމު ކުރުމުގެ މަސައްކަތް ހިންގަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހއ. ދިއްދޫ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީ ޓިވެޓް ސެންޓަރު ބިނާކުރުމުގެ މަސައްކަތް މި އަހަރު ހިނގާނެ ކަމަށެވެ. ކެނދިކުޅުދޫ ޖޫނިއާ ކޮލެޖާއި ތުލުސްދޫގެ ޕޮލިޓެކްނިކް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު އިއުލާނުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ގައުމަށްޓަކާ ބިނާކުރެވޭ އެންމެ ވަރުގަދަ އުސް ބިނާ އަކީ ބިނާ ކުރެވޭ ހެދިހުރި ދިވެހި އިންސާނާ،"

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ކުޑަ ރަށެއްގެ ދަރިވަރަކަށްވުމަކީ ހަމަހަމަ ފުރުސަތުން މަހްރޫމް ވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އެގޮތުން ބ. ފެހެންދޫ އާއި ވ. ތިނަދޫގެ ދަރިވަރުންނަށް ސެޓެލައިޓް ސްކޫލްގެ ހިދުމަތް މުޅިން އަލަށް މިއަހަރު ލިބެން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ ސަބަބުން ބ. ފެހެންދޫ އައިމިނަތު އާސިފާގެ ދަރިން ބޮއްކުރައެއްގާ 12 އަހަރު ވަންދެން ބ. ގޮއިދޫ ސްކޫލަށް ކުރި ބުރަ ދަތުރު ނިމިއްޖެ،" ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.