ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓެކްނޮލޮޖީއާއި ޒަމާނީ އުކުޅުތަކަށް ޓީޗަރުން އަހުލުވެރިވުމަށް އެދިވަޑައިގެންފި

Oct 5, 2022
1

ޒަމާނީ ޓެކްނޮލޮޖީއަށާއި ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތަކަށް ޓީޗަރުން އަހުލުވެރިވުން މިއަދު ވަރަށް މުހިއްމުވެފައި ބޭނުންތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިތާބުގައި ރައީސް ވަނީ ޒަމާނާއިއެކު ތައުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. މިގޮތުން ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ ބަދަލުވެ ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައި ކަމަށް ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ އަމާޒަކަށް ހަދަންވީ ކުރިމަތިލާން ޖެހިފައިވާ ބޮޑު ބަދަލާ އެއްހަމައެއްގައި ގައުމު ތަރައްގީކޮށް ކުރިއެރުވޭ ވަރުގެ ތައުލީމީ ދަރިންތަކެއް އުފެއްދުން ކަމަށެވެ.

އިންސާނީ މުޖުތަމައަށް އަންނަ ކޮންމެ ރަނގަޅު ބަދަލަކާއި ނުރަނގަޅު ކޮންމެ ބަދަލެއް ވެސް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެންމެ ބޮޑަށް ގުޅިފައި އޮންނަނީ އެ މުޖުތަމަޢެއްގެ ތައުލީމީ ދާއިރާއަށް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"މުޖުތަމައު އިސްލާހުކޮށް ރަނގަޅުކުރުމަށް އެދޭ ކޮންމެ ބަޔަކުވެސް، އެ މަސައްކަތް ފަށަނީ ތައުލީމީ ދާއިރާއިން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މުޖުތަމައަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެންމެ މުހިއްމު ދައުރު އަދާކުރަނީވެސް ތައުލީމީ ދާއިރާއިން ކަމަށެވެ.

ރައީސްގެ ހިތާބުގައި ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުންނަށް ދުވަހުގެ ހެޔޮ އެދުންތަކާއި ތަހްނިޔާވެސް ފޮނުއްވާފަ އެވެ. އަދި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާފައިވެ އެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރަކީ "ދަ ޓްރާންސްފޮމޭޝަން އޮފް އެޑިޔުކޭޝަން ބިގިންސް ވިތް ޓީޗާ" ނުވަތަ "ތައުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން" އެވެ.