ޓީޗަރުންގެ ދުވަސް

ބުރަ މަސައްކަތުގައި މިއަދު އުފަލުން

މިއަދަކީ ބައިނައްލަގުވާމީ ޓީޗަރުންގެ ދުވަހަށްވާތީ ދުވަހުގެ ހެޔޮ އެދުން ހުރިހާ ޓީޗަރުންނަށް ފޮނުވުމަވެ. ޔަގީނުންވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުމަކަށް ވާނީ ޓީޗަރުންގެ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ޓީޗަރުންގެ މަސައްކަތް ވަރަށް ފުރިހަމައަށް ބަލައިގެންފި އެވެ.

މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހަކީ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ ވަކިން ހާއްސަކޮށް ޓީޗަރުންގެ މުސާރަތައް ބޮޑުކޮށްދިން ދުވަހެވެ. މުސާރަ ބޮޑު ކުރުމުގެ ހުށަހެޅުމަކީ ޓީޗަރުންގެ އެންމެ ބޮޑު ހުށަހެޅުމެވެ. ސަރުކާރުން އެކަމަށް އިޖާބަދީ ޓީޗަރެއްގެ އެވްރެޖު މުސާރަ 20،000 ރުފިޔާއަށް އެވަނީ ބޮޑުކޮށްދީފަ އެވެ. މުސާރައަށް އައި ބޮޑު ކުރިއެރުމާ އެކު ފާހަގަކުރާ ފުރަތަމަ ޓީޗަރުންގެ ދުވަހު ޓީޗަރުންގެ ޝަކުވާތައް މަދެވެ. ލިބުނު ހިތްހަމަޖެހުން ބޮޑެވެ. ދުވަހާ ގުޅިގެން ޓީޗަރުންނާއި ޕްރިންސިޕަލުން ފާޅުކުރި ޝުއޫރުތަކުން އެމީހުންގެ އުފާވެރިކަން އިތުރަށް ހާމަވެ އެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާ -- ރައީސް ސޯލިހް ގަބޫލުކުރައްވާ ގޮތުގައި ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭ ވަރަށް ވުރެ މާމަތިވެރި ހިދުމަތެކެވެ. ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ޓީޗަރުންނަށް މިވަގުތަށް ހަމަޖައްސައިދީފައިވަނީ ރަނގަޅު މުސާރައެއް ކަމަށްވެސް ރައީސް ގަބޫލުކުރައްވަ އެވެ. ޓީޗަރުންނަށް މީގެކުރިން އިތުރު ގަޑީގެ ފައިސާ ހިމަނައިގެން ލިބޭ ވަރަށް ވުރެވެސް ބޮޑު މުސާރައެއް ދެވޭތީ އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ އެއް ބޭފުޅަކީ ވެސް ރައީސް ސޯލިހް އެވެ.

ކޮންމެ ގައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށް. ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަން ޔަގީން. ނަމަވެސް އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ އެބޭފުޅުން ކުރައްވާ މަސައްކަތަށް ހައްގުވާ މިންވަރަށްވުރެ މާދަށް އުޖޫރައެއްގައި.
އިބްރާހީމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުން ތަމްސީލް ކުރާ އެންމެ ބޮޑު ޖަމިއްޔާ އަކީ ޓީޗާސް އެސޯސިއޭޝަނެވެ. ޓީޗަރުންގެ ދުވަސް ފާހަގަކުރާއިރު ޓީޗަރުންނާ ގުޅޭ މައްސަލަތަކެއް ހައްލުކުރަން އަދިވެސް ހުރި ކަން އެ ޖަމިއްޔާ އިން ފާހަގަކުރެ އެވެ. އެގޮތުން އެކި ސްކޫލުތަކުގައި ޓީޗަރުން މަސައްކަތް ކުރަންޖެހޭ ޖުމްލަ ވަގުތުގައި ހުރި ތަފާތުގެ މައްސަލަ މިވަގުތުވެސް އެބައޮތެވެ. ޓީޗަރުން ރިޓަޔާކުރާއިރު އެލަވަންސް ލިބޭ އުސޫލަށް ގެންނަ ބަދަލާ މެދު ޓީޗަރުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. ބައެއް މާއްދާތައް ކިޔަވައިދޭ ޓީޗަރުންގެ މުސާރައާއި އާންމު އެހެން ޓީޗަރުންގެ މުސާރައިގައި ނައްތާލަންޖެހޭ ފަރަގުތަކެއް އަދިވެސް އެބަހުއްޓެވެ. ބައެއް ސްކޫލުތަކުގައި ވަސީލަތްތައް އަދިވެސް މަދުކަން ޓީޗަރުން ފާހަގަކުރެ އެވެ. ނަމަވެސް ސްކޫލުތަކުގައި ޖާގަ އިތުރުކޮށްގެން ވަސީލަތް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ޓީޗާސް އެސޯސިއޭޝަނާއި ޓީޗަރުން ގަބޫލުކުރެ އެވެ.

ޓީޗާސް އެސޯސިއޭޝަންގެ ރައީސް އަލީ ނާޒިމް ވިދާޅުވީ ޓީޗަރުންނާ ގުޅޭ މައްސަލަތަކެއް ހައްލުކުރަން ހުރި ނަމަވެސް ޓީޗަރުންނަށް ކުރިން ލިބެމުންދިޔަ ކުޑަ މުސާރައަށް ގެނައި ބޮޑު ކުރިއެރުން އުފަލާ އެކު ބަލައިގަނެ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ. މުސާރައަށް ލިބުނު ހެޔޮ ބަދަލާ އެކު ޓީޗަރުންގެ ދިރިއުޅުމަށް އަދި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ހެޔޮ ބަދަލެއް އައުމަކީ ޓީޗަރުންގެ ދުވަހު ފާހަގަކުރަން ބޭނުންވާ ކަމެއް ކަމުގައި ނާޒިމު ވިދާޅުވި އެވެ.

"މިހާރު މި ދާއިރާއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ފެންވަރު ރަގަޅު ކުދިން މި ދާއިރާގައި ވަޒީފާ އަދާކުރަން ޝައުގުވެރި ނުވުން. މީގެ ހެއްކެއް ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލި ޓީޗިންގެ ހިލޭ ސްކޮލާޝިޕް ކޯސްތައް ހިންގޭ ވަރަށް ކުދިން ހަމަނުވުމަކީ ވެސް،" ނާޒިމް ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރަ މުސާރަ ބޮޑުވުމާ އެކު މަސްއޫލިއްޔަތާއި ޒިންމާ ވެސް ބޮޑުވެފައިވާ ކަމަށް ނާޒިމު ގަބޫލުކުރައްވަ އެވެ. ޓީޗަރުންގެ ދުވަހު އެފަދަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ދޭތެރޭ ހުރިހާ ބޭފުޅުން ވިސްނާލުމަށްވެސް ނާޒިމު އެދިވަޑައިގެންނެވި އެވެ.

ހިރިޔާ ސްކޫލުގެ ލީޑިން ޓީޗަރު ފާތިމަތު އިހުދާ އާދަމް މިއަދު އެންމެ އުފާވަނީ ޓީޗަރުންގެ ހިދުމަތުގެ އަގު ބަޔަކު ވަޒަންކުރާ ކަމުގެ އިހްސާސްވާތީ އެވެ. ޓީޗަރުންނަށް ރަނގަޅެއްވާ ކޮންމެ ކަމަކީ ގައުމުގެ ކުރިމަގު އުޖާލާވާނެ ކަމެއް ކަމަށް އިހުދާ ގަބޫލުކުރައްވަ އެވެ. މުސްތަގުބަލްގައި ގައުމު ހިންގަން ބޭނުންވާ ޒުވާނުން ތަރުބިއްޔަތު ކުރުމަށް ޓީޗަރުން ވަމުންދާ ބޮޑު ގުރުބާނީ ވީހާވެސް ގިނަ ބަޔަކު ބަލައިގަތުމަކީ މިފަދަ ދުވަހަކު އިހުދާ އެންމެ ބޮޑު އެއް އެދުމެވެ.

"އަޅުގަނޑުމެން ކިޔަވައިދިން ކުދިން ރަނގަޅު ވަޒީފާތަކުގައި އަދި އިސް މަގާމުތަކުގައި ތިބޭތަން ފެނުނީމަ ބުނެދޭން ވެސް ނޭނގޭ ކަހަލަ އިހުސާސެއް މިފަދަ ދުވަހަކު އެންމެ ބޮޑަށް ކުރެވެނީ. ގައުމަށްޓަކައި ކަމެއް ކޮށްދެވިއްޖެކަން މިފަދަ ދުވަހަކު ޔަގީންވަނީ އަޅުގަނޑުމެންގެ ދަރިވަރުން ރަނގަޅު ކުދިންގެ ގޮތުގައި ތަރުބިއްޔަތުވެ މުޖުތަމައުގެ ތެރެއަށް ނިކުތުމުން،: އިހުދާ ވިދާޅުވި އެވެ.

ށ. ބިލަތްފަހި ސުކޫލުގެ ޕްރިންސިޕަލް އަމްޖަދް ހުސައިން ވިދާޅުވި ގޮތުގައި ޓީޗަރުންގެ ދުވަސް މިއަދު ފާހަގަކުރާއިރު ޓީޗަރުންނަށް ދުވަހަކުވެސް ލިބިފައި ނެތް ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ގަބޫލުކުރަންޖެހެ އެވެ.

"ޓީޗަރުންގެ މުސާރައާއި އެލަވެންސްތަކަށް އައި ބޮޑު ބަދަލާއެކު ޓީޗަރުންގެ މަސައްކަތްތަކަށް މޯޓިވޭޝަނަށް ހެޔޮ ބަދަލެއް އަތުވެއްޖެ. މުސާރަ ބޮޑުވުމާއެކު އެޓެންޑެންސް އެލަވަންސް ތާރަފްކުރުމުން ޓީޗަރުންގެ ހާޒިރީ ރަނގަޅުވެ، މަސައްކަތުގައި ޝާމިލްވާ އިތުރުވެއްޖެ،" އަމުޖަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީޗަރުންގެ ތައުލީމީ ފެންވަރާއި ގާބިލްކަން އިތުރުކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން އިސްނަގައިގެން ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާ މިފަދަ ދުވަހެއްގައި ފާހަގަކުރަންޖެހޭ ކަމަށެވެ.

ސުކޫލުތަކުގެ ތަރައްގީއާއި ޓީޗަރުންގެ ކުރިއަރުވަން ސްކޫލުތަކުން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާ ކަންކަން ހަމަޖެއްސައިދިނުމުގައި މިނިސްޓްރީގެ އެއްބާރުލުން ކުރިއަށް ވުރެ ރަނގަޅުކަންވެސް އަމުޖަދު ފާހަގަކުރައްވަ އެވެ.

"ޓީޗަރުންނާއި ދަރިވަރުންނަށް ބައެއް ރަށްރަށުގައި މިވަގުތު އޮތް އެންމެ ބޮޑު ދައްޗަކީ ދެ ދަންފަޅިއަކަށް ސްކޫލް ހިނގުން. ގިނަފަހަރު އިތުރު ހަރަކާތްތަކާ ކްލާސްތައް ކުރިއަށް ގެންދިއުމުގައި އެބަ ދަތިވޭ ދެ ދަންފަޅިއަށް ކިޔަވައިދޭ ތަންތަނުގައި. އެކަމަކު ސްކޫލުތަކުގައި އެއްދަންފަޅިއަށް ކިޔެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސްކޫލުތަކުގައި ޖާގަ އިތުރުކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް އެބަކުރޭ. ޓީޗަރުންގެ ދުވަހު މިކަން އަޅުގަނޑު ފާހަގަކުރަން،" ތައުލީމީ ދާއިރާގައި 12 ވަރަކަށް އަހަރު މަސައްކަތް ކުރައްވާފައިވާ އަމުޖަދު ވިދާޅުވި އެވެ.

ޓީޗަރުންގެ ދުވަހާ ގުޅިގެން އަވަސްއަށް މަައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދް އަލީ ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށްފަހު ޓީޗަރުންގެ ކުރިއެެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރިއަށް ވެސް ރޭވިފައި ހުރި ކަމަށެވެ. ޓީޗަރުންނަކީ ވަރަށް މުހިއްމު ބައެއް ކަމުގައި ދެކިގެން ޓީޗަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގައި މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ވެސް އަހްމަދު ދެއްވި އެވެ.

"ޓީޗަރުންގެ ޑިވެލޮޕްމަންޓަށް ވަރަށް ގިނަ ތަމްރީން ޕްރޮގްރާމްތައް އެބަ ކުރިއަށް ގެންދެވޭ. ރޭވިފައިވެސް އެބަހުރި. އޮންލައިންކޮށް އަދި ހަމަ ފިޒިކަލީ ހާޒިރުވެގެން ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ކޮވިޑަށް ފަހު ހާއްސަ ސަމާލުކަމެއް ދީގެން އެބަ ކުރިއަށްދޭ. ޓީޗަރުން ރާއްޖޭން ބޭރަށް ފޮނުވައިގެންވެސް މިފަދަ ބައެއް ޕްރޮގްރާމުތައް އެބަ ކުރިއަށް ގެންދެވޭ،" އަހްމަދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކޮށްދޭ އަދި ނަތީޖާ ނެރެދިނުމުގައި އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ ވެސް ޓީޗަރުން ކަމަށެވެ. އެހެންވެ ޓީޗަރުންގެ މަސައްކަތުގެ އަގު ސަރުކާރުން އަބަދުވެސް ވަޒަންކުރާނެ ކަމުގައި އަހްމަދު ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވެސް ގަބޫލުކުރައްވާ ގޮތުގައި މުސާރަ ބޮޑުކުރި ނަމަވެސް ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަކީ އަގު އަދާކުރެވޭނެ މަސައްކަތެއް ނޫނެވެ. އެކަމަކު ބޮޑުކުރި މުސާރައާއި އެކު ޓީޗަރުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދެވިއްޖެ ކަމަށް މިނިސްޓަރު އުއްމީދުކުރައްވަ އެވެ.

ތައުލީމީ ދާއިރާގައި މިހާރު ތިބި ރަނގަޅު ޓީޗަރުން ދެން އެހެން ވަޒީފާތަކަށް ނުދިއުމަކީ ކުރާ އުއްމީދެއް
ޑރ. އައިޝަތު އަލީ | އެޑިޔުކޭޝަން މިނިސްޓްރީ

ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ސްކޫލުތަކުގައި ޖާގައާއި ވަސީލަތްތައް އިތުުރުކޮށްދީގެން ޓީޗަރުންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް މިނިސްޓަރުގެ ޓީމު އޮތީ ތައްޔާރަށެވެ. ޓީޗަރުންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއަހާ ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުންދެ އެވެ. ޓީޗަރުންގެ ދުވަހު ހުރިހާ ޓީޗަރުންނަށް އޮތީ ހައްގު ޝުކުރެވެ.