ގައުމު ގެންދާން ބޭނުންވާ މިސްރާބު އަމާޒުކުރާ ފަރާތަކީ މުދައްރިސުން ކަމަށްވާތީ މުދައްރިސުން ނަމޫނާ ދެއްކުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެދިވަޑައިގެންފި އެވެ.
އެކަމަނާ މިކަމަށް އެދިވަޑައިގަތީ މިއަދު ފާހަަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން އާންމުކުރެއްވި ހިތާބެއްގަ އެވެ.
ޓީޗަރުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ދަ ޓްރާންސްފޮމޭޝަން އޮފް އެޑިޔުކޭޝަން ބިގިންސް ވިތް ޓީޗަރ" އެވެ.
މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ ބޮޑު ޒިންމާއެއް އޮތް ބައެއް ކަމަށާއި ޓީޗަރުން ކްލާސްރޫމުގައި ކިޔަވައިދޭ ފިލާވަޅުތަކުގެ އިތުރުން ޓީޗަރުންގެ އުޅުމާއި ސުލޫކު އަދި މުއާމަލާތް ކުރާ ގޮތްތަކުން ދަރިވަރުން ދަސްކުރާ އަދި ނަމޫނާ ހޯދާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. ޓީޗަރުންނަކީ ދަރިވަރުންނަކީ ދަރިވަރުންގެ އުޅުމާއި ގުޅުންތަކަށް ބޮޑު ނުފޫޒެއް ފޯރުވޭނެ ބަޔަކަށްވާތީ ދަރިވަރުންނަށް ނަމޫނާ ބަޔަކަށްވެ ދަރިވަރުން ހެޔޮގޮތުގައި ބައްޓަން ކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
"ދީނާއި ގައުމު ދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިހްތިރާމްކުރުމާއި އިގްތިސާދު ކުރުން ކަހަލަ މަކާރިމުލްއަޚްލާގުގެ އުޅުންތަކުން ފޭރާންލުން [ދަސްކޮށްދޭންޖެހޭ]. ތިޔަ މުދައްރިސުން ދެއްކި ނަމޫނާ ނޫން އެހެން އުޅުމެއް އެކުދީންގެ ފަރާތުން ފަހަކުން ނުފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ކިޔަވައިދިނުމުގެ ވައްޓަފާޅި ޒަމާނާ އެއްގޮތަށް މިއަދު ބަދަލުކުރަންޖެހޭ ކަމުގައިވެސް އައިޝަތު އަލީ ވިދާޅުވި އެވެ. ދުނިޔެ ހަލުވި ދުވެލީގައި ތަރައްގީވަމުންދާއިރު ތައުލީމީ ދާއިރާއަށް ޒަމާނީ ބަދަލު ގެނެސްގެން ނޫނީ ބަދަލުތަކާ އެއްގޮތަށް ދަރިވަރުން ބިނާ ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ޗޯކާއި ބޯޑު ބޭނުންކޮށްގެން ކުރީ ޒަމާނުގައި ކިޔަވައިދިން ނަމަވެސް ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަރިވަރުންނަކީ އުފެއްދުންތެރި ބަޔަކަށް މިއަދު ހަދަންޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"ދަރިވަރުންނަށް އުޅެމުން ދަނީ ޓެކޮނޮލޮޖީގެ ވެއްޓެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އައިޝަތު އަލީ ވިދާޅުވީ ތައުލީމީ ދާއިރާއަށް ގެންނަ އިންގިލާބީ ބަދަލުތަކުގެ ފަހަތުގައި ތިއްބެވީ ޓީޗަރުން ކަން ކޮވިޑް 19އާއި ގުޅިގެން ސްކޫލުތައް ބަންދުކުރި ދުވަސްވަރު ސާބިތުކޮށްދީފައިވާ ކަމަށެވެ. ކޮވިޑްގެ ދުވަސްވަރު ދަރިވަރުންގެ ކިޔެވުން ނުހުއްޓި ކުރިއަށް ގެންދެވުނީ ޓީޗަރުންގެ ބުރަ މަސައްކަތުން ކަމުގައިވެސް ވިދާޅުވި އެވެ. މިއަހަރުގެ ޝިއާރު ހާއްސަކޮށްފައިވަނީ ވެސް ކޮވިޑްގައި ޓީޗަރުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމުގައިވެސް ވިދާޅުވި އެވެ.