މިނިސްޓްރީ އޮފް އެޑިއުކޭޝަން

ފުންކޮށް ފުޅާކޮށް ވިސްނަން ދަސްކޮށްދޭން ޖެހޭ: މިނިސްޓަރު

ފުންކޮށް ފުޅާކޮށް ވިސްނުމުގެ ހުނަރު -- ކްރިޓިކަލް ތިންކިން ކުދިން ގައިގައި އަށަގަންނުވަން ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކެޝަނުން ބާއްވާ ހަވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ސިނާއީ ހަތަރުވަނަ އިންގިލާބަށް ކުރިމަތިލުމަށް ދަރިވަރުންނަށް ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ގާބިލުކަން އަށަގެންނެވުމަށްޓަކައި ދަރިވަރުންނަށް ދެވޭ މައުލޫމާތު ފުޅާކުރަންޖެހިފައިވާ ކަމުގަ އެވެ.

"ހަތަރުވަނަ އިންގިލާބަށް މުހިއްމީ ވިސްނުމުގެ ހުނަރު ތަކާއި އިންސާނާގެ ޝަޚުސީ ސިފަތައް. ލިޔަންކިޔަން ދަތުމާއި، ހިސާބުގެ ހުނަރުގެ އިތުރުން ފެންނަ މަންޒަރުތަކާއި އަޑުތަކާއި އިވޭ އަޑުތައް ބުއްދީގެ ތަރާދުން ވަޒަންކޮށް ބަލައިގަތުމުގެ ނުވަތަ ބަލައި ނުގަތުމުގެ ހުނަރު. ތިމާގެ ޝައުގުވެރިކަން ދަމައިގަތުމަށް އެކި ކުލަތަކާއި އަޑުތަކުން ޒީނަތްތެރިވެގެން ތިމާއާއި ދިމާއަށް އަންނަ ފޭކު މެސެޖުތަކުން ރެކިގަތުމުގެ ހުނަރު. ކުރުގޮތަކަށް ދަންނަވަނީނަމަ ކްރިޓިކަލް ތިންކިންގެ ހުނަރު،" އައިޝަތު އަލީ ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެކި ކަންކަމުގެ މައުލޫމާތު އިންޓަނެޓް މެދުވެރިކޮށް ހޯދާއިރު ސައްހަ ނޫން މާއުލޫމާތު ހުންނާތީ، އެފަދަ ކަންކަމުން ކުދިން ކުރިމަތިލާން ޖެހިދާނެ ކަންކަމުން ސަލާމަތް ވާން އެކުދިންގެ ވިސްނުން ފުޅާކުރަން ޖެހެ އެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މެޑަމް ފަޒްނާ އަހްމަދު ވިދާޅުވީ، ހިތުދަސްކޮށްގެން ކިޔެވުމުގެ ބަދަލުގައި ކަންކަމާމެދު ވިސްނައި، ދިރާސާކުރާ ދަރިވަރުންތަކެއް އުފައްދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމުގަ އެވެ.

މީގެއިތުރުން ގަޑިއަށް ފަރުވާތެރިވުމާ އަނެކާގެ އިހުސާސްތައް ދެނެގަތުން ފަދަ ކަންކަން ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށްވެސް ފަޒްނާ ވިދާޅުވި އެވެ،

"ނިންމުންތައް ނިންމާއިރު ހިކުމަތު އަމަލީ ބޭނުންކުރުމާއި ހުނަރުވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި މީހުންނަށް އެންމެ ފަސޭހައިން ފަހުމުވާނެ ގޮތަށް ސާފު ސީދާކޮށް މުއާމަލާތުކުރުމާއި ތަފާތު ހިޔާލުތަކަށް ޖާގަ ދިނުމާއި އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމާއި، އެކި ނަޒަރިއްޔާތަކުން ވިސްނުމާއި، ޖަޒުބާތީ ތޫނުފިލިކަން ފަދަ ކަންކަމީ ކުރިއަށްވުރެވެސް ބޮޑަށް މުދައްރިސުންނާއި ދަރިވަރުން ސަމާލުކަން ދޭންޖެހޭނެ ކަންކަން ކަން އަޅުގަނޑު ގަބޫލުކުރަން،" ފަޒްނާ ވިދާޅުވި އެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ ހަވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ އިލްމީ 43 ދިރާސާ ކަރުދާސް ހުށަހަޅާނެ އެވެ. މި ކޮންފެރެންސަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސެކެވެ. އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައިވަނީ 2019 ވަނަ އަހަރު، އައްޑޫ ސިޓީގަ އެވެ.