ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ މާލެއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެއަށް 136.5 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
މާލެއަށްފަހު ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑްކުރެވިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 117.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ރަށްތައް
- މާލެ - 136.5 މިލިމީޓަރު
- ހުޅުލެ - 117.4 މިލިމީޓަރު
- ބ. ދަރަވަންދޫ - 111.5 މިލިމީޓަރު
- ކ. ގާފަރު - 70.7 މިލިމީޓަރު
- ހުޅުމާލެ - 62.2 މިލިމީޓަރު
- އއ. ތޮއްޑޫ - 61.2 މިލިމީޓަރު
- ކ. ކާށިދޫ - 58.7 މިލިމީޓަރު
- ބ. ގޮއިދޫ - 56.6 މިލިމީޓަރު
- ކ. ދިއްފުށި - 52.1 މިލިމީޓަރު
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ.
ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ދަނީ މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.