ޞަފުހާ

ޝަހީމާ: ހިދުމަތުގައި 47 އަހަރު، ދުވަހަކުވެސް ގަޑި ނުޖެހޭ

ޝަ ހީމާ މުހައްމަދު ދިވެހި ދައުލަތުގެ ހިދުމަތް ފެއްޓެވީ އުމުރުން 15 އަހަރުގައި، އޮގަސްޓް 15، 1976 ގަ އެވެ.

އޭގެ ފަހުން 47 އަހަރުވެގެން ދިޔައިރު ޝަހީމާ އަދިވެސް ހުންނެވީ ގައުމީ ހިދުމަތު ގައެވެ. މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ހިދުމަތުގެ އަގު ވަޒަން ކުރައްވައި އިނާމު ދެއްވިއިރު އެ ޖަލްސާގައި އިނާމު ލިބުނު ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކަށްވެސްވީ ޝަހީމާ އެވެ.

ޝަހީމާ މުހައްމަދު، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއެކު -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

އެންމެ ފުރަތަމަ ޝަހީމާ އަދާކުރެއްވީ ސްޕޯޓްސް ޑިވިޝަންގައި ކާތިބާއެއްގެ ވަޒީފާ އެވެ.

"އޭރު ކިޔަވާ ނިމިގެން ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި އަޅުގަނޑުވެސް ވަޒީފާއަށް ކުރިމަތިލީ،" އޭރުގެ ހަނދާންތައް އާ ކުރަމުން ޝަހީމާ ބުންޏެވެ.

މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރި މަސައްކަތްތަކަކީ، އެކިއެކި އޮފީސްތަކަށް ފޮނުވާ ސިޓީތައް ލިޔުމާއި ފޮނުވުމުގެ މަސައްކަތާއި، ކުޅިވަރާ ބެހޭގޮތުން ކުލަބުތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ލިސްޓުތައް ކުލަބުތަކުން ފޮނުވުމުން ލިސްޓުތައް ޗެކްކުރުމާއި، ކޮންމެ މުބާރާތެއް ނިމުމުން އެ މުބާރާތް ހިނގައިދިޔަ ގޮތުގެ ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތެވެ.

ޝަހީމާ މުހައްމަދު އޭނާގެ އާއިލީ ބޭފުޅުންނާ އެކު -- ފޮޓޯ: އަހްމަދު އަޒާން | އަވަސް

އޭގެފަހުން ވަޒީފާއަށް އައި ބަދަލާ ގުޅިގެން އެސްޓީއޯ މެޑިކަލް ސަޕްލައިޒް ޑިޕާޓްމަންޓުގައި ވަޒީފާ އަދާކުރެއްވި އެވެ. އެތަނުގައި ކުރި މަސައްކަތްތަކުގެ ތެރޭގައި ބޭހުގެ ބިލުތައް ހަދައި، އެކިއެކި ބޭސްފިހާރަތަކަށް ބޭސް ދޫކުރުމާއި، ބޭސް ރައްކާކުރާ ގުދަންތަކުގެ ހިސާބު ބެލެހެއްޓުމާއި، ސްޓޮކުން މަދުވާ ބޭސްތަކުގެ ލިސްޓު ނަގައި، އޯޑަރު ކުރުމަށް ހަވާލުކުރުން ހިމެނެ އެވެ.

"ވަޒީފާ ލިބުނު ދުވަހުން ފެށިގެން އަޅުގަނޑު ހިތުގައި އަޒުމު ކަނޑައެޅީ ކޮންމެ ކަމެއް ދިމާވިޔަސް ފަރުވާތެރިކަމާއެކު ވަޒީފާ އަދާކުރަން. އެ އަޒުމުގައި އަޅުގަނޑު ވަޒީފާއަށް ކުރިމަތިލީވެސް،" ވަޒީފާއަށް ދޭ އިސްކަން ފާހަގަކޮށް ޝަހީމާ ބުންޏެވެ.

ޝަހީމާ މުހައްމަދު އަވަސްއަށް އިންޓަވިއު ދެނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

ޝަހީމާ މިހާރު ވަޒީފާ އަދާކުރާ ޝަރުއީ ދާއިރާއަށް ވަޒީފާ ބަދަލުކުރެވުނީ ޖެނުއަރީ 1، 1994 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކޯޓުގައި ޝަހީމާ ކުރަމުން ގެންދާ މަސައްކަތަކީ، ކޯޓުން ދޫކުރެވޭ ޝަރުއީ އެކިއެކި ލިޔުންތައް ޗެކްކޮށް ދޫކުރުމާއި، ޝަރީއަތުން ނިމޭ މައްސަލަތަކުގެ ހިސާބު ބެލެހެއްޓުމާއި، ކޯޓުން ނެރޭ އަމުރުތަކުގެ ހިސާބު ބެލެހެއްޓުމާއި، ނިމޭ މައްސަލަތަކުގެ ލިސްޓު ތައްޔާރުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.

"ޝަރީއަތުގެ އެކިއެކި މައްސަލަތައް ނިމުނީމަ އެ ހުރިހާ މައްސަލަތަކެއްގެ ރިޕޯޓް ޗެކްކުރުމާއި އެ އެއްޗެހި ދޫކުރުމާއި އެކަންތައްތައް ބެލެހެއްޓުން. މުޅި ކޯޓުގެ ޝަރުއީ ހުރިހާ މައްސަލައެއް އަޅުގަނޑު އަތް މަތިން ނިމިގެންދާނީ. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޝަހީމާ ވިދާޅުވި އެވެ.

ޝަހީމާ މުހައްމަދަށް ލިބުނު ބައެއް ހަނދާނީ ފިލާ އާއި ހަނދާނީ ލިޔުން -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

ޝަހީމާގެ މަސައްކަތަށް ގާޒީންވެސް އިތުބާރުކުރައްވާ ކަމުގެ އެއް ހެއްކަކީ ޝަހީމާ އެ ރިޕޯޓްތައް ޗެކްނުކޮށް ނުނެރުމަށް އަންގާފައިވުމެވެ.

ސިވިލް ކޯޓުގައި 17 ގާޒީން 34 ސެކްޝަންގައި މަސައްކަތް ކުރައްވާއިރު އެ ހުރިހާ ސެކްޝަނެއްގެ ހިސާބު ބަލަހައްޓަނީ ޝަހީމާ އެވެ.

ޝަހީމާ މުހައްމަދު

ޝަހީމާ މަސައްކަތަށް ފަރުވާތެރިވާކަން ހާމަވެގެންދާ އެއް ކަމަކީ ދިވެހި ދައުލަތުގެ ހިދުމަތުގައި 47 އަހަރު ހޭދަކުރެއްވިއިރު ދުވަހަކުވެސް ގަޑި ޖެހިފައި ނުވުމެވެ.

"އަޅުގަނޑު މިވީ 47 އަހަރުގައި ދުވަހަކުވެސް ގަޑިއެއް ނުޖެހޭ. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އޮފީސް ހުޅުވާ މީހުން ފިޔަވާ އެންމެ ކުރީގައި ހުންނަނީ އަޅުގަނޑު،" އުމުރުން 63 އަހަރުގެ ޝަހީމާ ބުންޏެވެ.

މާމާ ދަރިފުޅާ އެކު ޝަހީމާ މުހައްމަދު -- ފޮޓޯ: އަވަސް

ޝަހީމާ ދޭން ބޭނުންވާ މެސެޖަކީ ގަޑިއަށް ފަރުވާތެރިވުމެވެ. ވަޒީފާގައި ޝަހީމާ ހިފަހައްޓާ އުސޫލެއް އޮވެ އެވެ. އެއީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމެވެ.

ޝަހީމާ އަދި މިވަގުތު ހުރީ 65 އަހަރުވުމުން ރިޓަޔާ ކުރުމަށް ނިންމައިގެންނެވެ.

ދިގު މުއްދަތަކަށްފަހު ހިދުމަތުން ރިޓަޔާ ކުރައްވާއިރު ޝަހީމާގެ އެދުމެއް އެބަ އޮތެވެ. އެއީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރާ ބޭފުޅުންނަށް ހާއްސަ އިނާޔަތެއްގެ ދަށުން އިސްކަންދީގެން ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910