މޯލްޑިވްސް އިމިގްރޭޝަން

އެއްބާރުލުން ދެއްވާ، ނަތީޖާ ނެރޭނަން: ޝަމްއާން

ބި ދޭސީންގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށް ވެގެން ދިޔައީ ދިވެހިން އެފަދަ މީހުންނަށް ރާއްޖޭގައި ގާނޫނާއި ގަވާއިދާއި ހިލާފަށް އުޅެން އެ ފުރުސަތު ދިނުމުންނެވެ. މިއީ ފެންނަން އޮތް ހަގީގަތެވެ. އެހެންކަމުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ކާމިޔާބު ހޯދޭނީވެސް އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ކަމާ ގުޅޭ އިދާރާތަކަށް ލިބިގެންނެވެ.

އިމިގްރޭޝަން ކޮންޓްރޯލަ މުހައްމަދު ޝަމްއާން ވަހީދު ހުންނެވީ ބިދޭސީންގެ މައްސަލަ ހައްލުކޮށްފައި ނޫނީ ދޫދެއްވާ ގޮތަކަށް ނޫނެވެ. އަވަސްއިން އަލަށް ފަށާ އެޕޮއިންޓްމަންޓް ޕްރޮގްރާމަށް ޝަމްއާން ދެއްވި ހާއްސަ އިންޓަވިއުގައި ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތަކާއި މިކަމުގައި ހާލަތު ގޯސްވުމުގައި ދިވެހިންގެ ބައިވެރިވުން އޮތް ގޮތާއި އަދި މުއައްސަސާތަކުގެ އިހްމާލު އޮތް ގޮތާ ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަދައްކަވާފަ އެވެ.

އެއްވެސް މީހަކަށް ފިޔަވަޅު އަޅާކަށް ޖެހިލުމެއް ނުވޭ

ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަންތަކާ ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުގައި ތަކުރާރުކޮށް ދިވެހިންނަށް އިލްތިމާސް ކުރެއްވީ ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވުމަށެވެ. އިމިގްރޭޝަން ގާނޫނު ތަންފީޒު ކުރަން އެއްބާރުލުން ނުދޭ ދިވެހިންނަށް ފިޔަވަޅެއް އަޅަންޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ. ނަމަވެސް އިސްކަންދެއްވަނީ ދިވެހިންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި މައްސަލައިގެ ސީރިއަސްކަން ބުނެދީގެން ހައްލު ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

އެއަކަަށް [ފިޔަވަޅު އެޅުމަށް] އަޅުގަނޑު ފަހެއް ނުޖެހޭނަން. އެފަދަ ކަމެއް ކުރިމަތި ވެއްޖެއްޔާ ނުވަތަ އެފަދަ ކަމެއް ފާހަގަވެއްޖެއްޔާ އަޅުގަނޑުމެން އެކަމަށް ފިޔަވަޅު އަޅާނަން. އަޅުގަނޑަށް ފިޔަވަޅު އަޅަން ކެރޭނެ
މުހައްމަދު ޝަމްއާން ވަހީދު | އިމިގްރޭޝަން ކޮންޓްރޯލާ

އިމިގްރޭޝަން ގާނޫނާ ހިލާފުވާ ދިވެހިން 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކު ޖޫރިމަނާ ކުރުމާއި ވަކި މުއްދަތަކަށް ޕާސްޕޯޓް ހިފެހެއްޓުމަކީ އިމިގްރޭޝަން ކޮންޓްރޯލަރަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރެކެވެ.

އެކަމަކު އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން އަދި މިހާތަނަށް އެއްވެސް ދިވެއްސަކާ ދެކޮޅަށް ގާނޫނުގައި ހުރި ހަރުކަށި ފިޔަވަޅުތައް އަޅާފައެއް ނުވެ އެވެ.

މައްސަލައަށް އޮތް ހައްލަކީ ފަރުދީ ޒިންމާ އަދާކުރުން

ކޮންޓްރޯލާ ވިދާޅުވި ގޮތުގައި ގާނޫނު ތަންފީޒުކުރަން މަސައްކަތް ކުރާ އިދާރާތަކުންނާއި ސަރުކާރުން އެކަނި ކުރާ މަސައްކަތުން ބިދޭސީންގެ މައްސަަލައަކީ ހައްލުކުރެވޭނެ މައްސަލައެއް ނޫނެވެ. އެހެންވެ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ޝަމްއާން އެދިވަޑައިގެންނެވި އެވެ.

"ފަރުދީ ޒިންމާ އަދާކުރަން އެބަޖެހޭ. ދިވެހިންގެ ކަންކަމުގައި ގާނޫނާ ހިލާފަށް [ބިދޭސީން] ބޭނުންކުރުން އެއްކޮށް ހުއްޓާލަންޖެހޭ. އެއިރުން އަޅުގަނޑަށް ހީވަނީ މީގެން ފުރިހަމަ ހައްލެއް ލިބޭނީ. އެމީހުންގެ ކަންކަމަށް ސަޕޯޓު ދީ، އެމީހުން އެކަމާ އެންގޭޖް ކުރާހާ ހިނދަކު އެމީހުން އެކަންކަން ކުރާނެ،" ޒުވާން ކޮންޓްރޯލަރު ވިދާޅުވި އެވެ.

އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައިވެސް ދިވެހިންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީކޮށް، އެކަމަކު މުޅި އެ ވިޔަފާރި ހިންގާ އަދި ބޮޑު މަންފާއެއް ހޯދާ ފަރާތަކީ ބިދޭސީންކަން އެނގިގެންދާ ކަމަށް ޝަމްއާން ވިދާޅުވި އެވެ. އެއީ ރާއްޖެއަށް އަދި ޖުމްލަކޮށް މުޅި ގައުމުގެ އިގްތިސާދަށް ލިބޭ ގެއްލުމެއް ކަމަށްވާތީ އެގޮތަށް އަމަލުނުކުރަން ކޮންޓްރޯލާ އިލްތިމާސް ކުރެއްވި އެވެ.

ޝަމްއާން ވިދާޅުވީ ކޮންމެ ކަމެއްގައި ފިޔަވަޅު އެޅުމަކީވެސް ހައްލެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، އެ އޮންނަ އުސޫލަކުން ގާނޫނުގެ ތެރެއަށް ވެއްދުމަށް ނުވަތަ އެމީހުން އިމިގްރޭޝަނާ ހަވާލުކުރުމަށް ކޮންޓްރޯލަރު ހުރިހާ ދިވެހިންނަށް ނަސޭހަތްތެރިވި އެވެ.

އޮޕަރޭޝަނަށް ގޮންޖެހުމެއް، ނުފޫޒެއް ނެތް

ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މީގެ ކުރިން ހިންގި އޮޕަރޭޝަންތައް ވަކި ހިސާބަކުން ހުއްޓި އަލުން އެ އޮޕަރޭޝަން ފެށި ނަމަވެސް މާއާރުލާ ގޮތެއް ނުހުރެ އެވެ. އެގޮތަށް ދިމާވާ ސަބަބުތައް އިމިގްރޭޝަނުން ބުނަން ބޭނުން ނުވި ނަމަވެސް އެކަމުގެ ފަހަތުގައި އޮތީ ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައެއް އިދާރާތަކުން އެއްބާރުލުން ނުދިނުމުގެ މައްސަލަ އެވެ. ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބޭނުންކޮށްގެން މަސައްކަތް ކުރާ ގިނަ މީހުންނަކީ ބާރުހުރި ނުފޫޒު ހުރި ބަޔަކަށް ވާތީ އެފަދަ މީހުންގެ ނުފޫޒާ ހެދިވެސް އިމިގްރޭޝަންގެ ކުރީގެ އޮޕަރޭޝަންތައް ހުއްޓިފައިވެ އެވެ.

ނަމަވެސް އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ދެއްވާ ޔަގީންކަމަކީ މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން މެދުކަނޑާލާނީ ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާފައި ކަމެވެ. އޭނާގެ މައްޗަށް ނުފޫޒެއް ހިންގޭނޭ އެއްވެސް ބޭފުޅަކު ނުހުންނާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާ އެއްގޮތަށް ގާނޫނު ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ޝަމްއާން ދެއްވި އެވެ. މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ނެތް ކަމަށާއި ކަމާ ގުޅޭ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މީގެ ކުރިން އިމިގްރޭޝަނުން ބޭނުންވާ ދުވެލީގައި މަސައްކަތް ކުރުމަށް ކުރިމަތިވި ގޮންޖެހުންތައް މިހާރު ކުޑަކުރެވިއްޖެ،" ކޮންޓްރޯލާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ވަރުގަދަ މަސައްކަތްތަކެއް ފެށުމުން ބިދޭސީން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކުންވެސް ޕްރެޝަރެއް، ނުފޫޒެއް އަދި ކަންބޮޑުވުމެއް ނެތްތޯ އެހުމުން ޝަމްއާން ވިދާޅުވީ އެމްބަސީތަކުގެ އެއްބާރުލުން ލިބޭ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނަ ބިދޭސީން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝް އެމްބަސީން އޮޕަރޭޝަނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމުގައި ވިދާޅުވި އެވެ.

"ބައެއް ފަހަރު އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވޭ ބައެއް މީހުން ޔަގީން ކުރުމާއި، ޕާސްޕޯޓު ނެތް ކަމުގައިވާނަމަ ޓްރެވަލް ޑޮކިއުމެންޓް ހެދުމާއި، މިކަހަލަ ބައިވަރު ކަންކަމުގައި އެމްބަސީތަކާއި ވަރަށް ގުޅިގެން މި މަސައްކަތް މިކުރަނީ،" ޝަމްއާން ވިދާޅުވި އެވެ.

މިސަރުކާރުން 1900 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކުރުން

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު އެބަ ފެނެ އެވެ. އިމިގްރޭޝަން ކޮންޓްރޯލަ ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގާނޫނާއި ގަވައިދާ ހިލާފުވެގެން މިހާތަނަށް 1،900 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓްކޮށްލާފަ އެވެ. މީގެތެރެއިން 710 ބިދޭސީންނަކީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، ޑިޓެންޝަން ސެންޓަރުގައި ބެހެއްޓުމަށްފަހު ޑީޕޯޓް ކުރި މީހުންނެވެ.

އިމިގްރޭޝަނުން މިހާރު ފަށާފައިވާ އޮޕަރޭޝަންގައިވެސް 100 އަށް ވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
މި މީހުން ރާއްޖެއިން ޑިޕޯޓްކޮށްލުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަވުމާ އެކު މި މީހުންވެސް ޑިޕޯޓްކޮށްލާނެ ކަމަށް ކޮންޓްރޯލަ ވިދާޅުވި އެވެ.

ފުރިހަމަ ހައްލެއް ގެންނާނަން

އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ދެއްވާ އެންމެ ބޮޑު ޔަގީންކަމަކީ ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަމެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާންގެ ބެއްލެވުމުގެ ދަށުން އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބު ލިބޭނެ ކަމުގައި ވިދާޅުވި އެވެ.

ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މިހާރު މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އަތޮޅު ތެރެއަށް އަދި ހަދަމުންދާ ރިސޯޓުތަކަށް ފުޅާކުރެއްވުމަށް އިމިގްރޭޝަނުން މިހާރު ތައްޔާރުވަމުންދާ ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ. އަތޮޅު ތެރެއަށް އޮޕަރޭޝަން ފުޅާކުރެވޭނީ ބިދޭސީންގެ އާ ޑޭޓާބޭސް އެކުލަވާލުމަށް ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަންގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތިން އަހަރަކީ މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ތިން އަހަރު. އަޅުގަނޑުމެންގެ އޮޕަރޭޝަން މިއަހަރު ތެރޭގައި ޑޭޓާ ކަލެކްޓްކޮށް ނިމޭ ހިސާބުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަމަށް ޓެކަލް ކުރެވެމުން ދާނެ
މުހައްމަދު ޝަމްއާން ވަހީދު | އިމިގްރޭޝަން ކޮންޓްރޯލާ

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން މިހާރު ފަށާފައިވާ ވަރުގަދަ އޮޕަރޭޝަނާ އެކު ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބިރުގަނެ ފަސްޖެހިއްޖެ ކަން މާލެ ތެރެއިން ފެންނަމުން އެބަދެ އެވެ. ބިދޭސީން ގާނޫނާއި ގަވައިދާ ހިލާފަށް މާލޭގެ އެތަން މިތަނުގައި ހިންގަމުން ދިޔަ އެތައް ވިޔަފާރިއެއް އެމީހުން އަމިއްލައަށް ބަންދުކޮށް ގާނޫނުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރާ މަންޒަރުވެސް ފެންނަމުން އެބަދެ އެވެ. އަދި ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީން ބައެއް ކުންފުނިތަކަށް ގުޅާ ގާނޫނީ އިމުގެ ތެރެއަށް ނުވަތަ އެ މީހުން ލީގަލައިޒްކޮށްދިނުމަށް އެދޭތީވެސް އެބަފެނެ އެވެ. އެހެންކަމުން އިމިގްރޭޝަންގެ ވަރުގަދަ އޮޕަރޭޝަންގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް ދެންނެވިދާނެ އވެެ.