ހަބަރު

ބިދޭސީންގެ މައްސަލަ: ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމުގެ އިންޒާރު

Jul 13, 2020
3

ޒަމާނުއްސުރެ ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލަ ހައްލުނުކުރެވި، މި ފަހުން ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، މި މައްސަލަ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ހިނގައިދާނެކަމުގެ ކަންބޮޑުވުން ފުލުހުން ފާޅުކޮށްފި އެވެ.

ބިދޭސީންގެ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ފުލުހުން ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ބޮޑުފިނޮޅުގެ އިތުރުން މިއަދު ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން ފުލުހުންނަށް ހަމަލާދީ، އާއްމުންގެ އިތުރުން ފުލުހުންނަށް އަނިޔާވެ، ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"މިހާ ހިސާބަށް ކަންކަން ދާން އަމިއްލަ ކުންފުނިތަކުގެ އިތުރުން ދައުލަތުގެ މުއައްސާތަކުން ހައްލު ނުކުރެވުމުގެ ސަބަބުން މެދުވެރިވި ބައިވަރު ސަބަބުތައް އެބަހުރި. ކުދި އަދި ބޮޑެތި މައްސަލަތަކަށް އެޓެންޑު ނުވެވުނީމާ މި ހާ ހިސާބަށް މި ދިއައީ. މިކަންކަން ހައްލު ނުކުރެވިއްޖެނަމަ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، މިފަދަ ހަމަނުޖެހުންތަކުގެ ތެރެއިން ބިދޭސީންނާމެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭކަމީވެސް ފުލުހުންނަށް ދިމާވަމުންދާ އިތުރު ގޮންޖެހުމެއް ކަމަށެވެ.

"ދިވެހިންނަށް ހުއްދަ ނޫން ކަންކަން ބިދޭސީންނަށް މިހާރު ހުއްދަވާ ކަހަލަ ގޮތަކަށް ކަންކަން މި ދަނީ. އެ މީހުނާމެދު ފިޔަވަޅެއް ނޭޅެ. ފިޔަވަޅު ނޭޅޭތީ މިހާ ހިސާބަށް އަންނަންޖެހުނީ،" ޝަރީފް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ބުނީ މި ފަހުން މި ހިނގާ އިހުތިޖާޖުތައް މުސާރަ ނުލިބިގެން ކުރަމުން ދިއަ ނަމަވެސް، ދުރާލާ ރޭވިގެން ކުރާ މުޒާހަރާތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ހާއްސަކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތޮޅު ތެރޭގައިވެސް ގިނަކަމަށްވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ މީހުން މުޒާހަރާކޮށް، ހަމަނުޖެހުން ހިންގަން ފަށައިފިނަމަ، އެކަންކަން ކޮންޓްރޯލް ކުރަން ފުލުހުންނަށްވެސް ވަރަށް ދަތިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މުސާރަ ނުދިނުން ފަދަ ބިދޭސީންނަށް ކުރިމަތިވެފައިވާ މައްސަލަތައް ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން އިތުރަށް ހޫނުވެފައިވާ ކަމަށެވެ.

ނަމަވެސް، ފަހަކަށް އައިސް މަގުމަތީގައި ހިނގަމުންދާ ބިދޭސީންގެ މުޒާހަރާތަކަކީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް އޮވެގެން ހިންގަމުންދާ ކަމެއް ކަމަށް ފައްޔާޒް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ފައްޔާޒު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެ ތުހުމަތު ކުރައްވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަން ނުވަތަ ވާދަވެެރި އެހެން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް ނޫން ކަމަށެވެ.

"މައްސަލަތައް ނުކުންނަނީ މިކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރާތީ. އެކަން ހުއްޓުވަން ބަޔަކު ކުރާ މަސައްކަތެއްކަމަށް އަޅުގަނޑުމެނަށް ފާހަގަ ކުރެވިފައިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ފުލުހުން ބުނީ މީގެ ކުރިން ވެސް މުސާރަ ނުދޭ މައްސަލަތަކެއް އުޅޭ ނަމަވެސް، ހަމަނުޖެހުން ހިންގުންފަދަ ކަންކަން މީގެ ކުރިން ހިނގާފައިނުވާ ކަމަށެވެ.

އަދި މިހާރު އެފަދަ ކަންކަން ހިނގަނީ ބަޔަކު ހިތްވަރުދީގެންކަމަށް ބެލެވޭތީ، އެކަން އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މިއަދު ބުންޏެވެ.

ނަމަވެސް، އެފަދަ ކަމެއްގެ ހާއްސަ އިންޓެލިޖެންސް ރިޕޯޓެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އިންޒާރާއެކު މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން ހޯމް މިނިސްޓްރީން ބުނީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އަމަލުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.