ބިދޭސީން

ބިދޭސީންނަށް ހަރުކަށި އަދަބު ދޭން މަސައްކަތް ކުރާނަން: ފުލުހުން

މިއަދު ހުޅުމާލޭގައި ފުލުހުންނާ ކުރިމަތިލައި އޮށްގަލުން ހަމަލާދީ، ހަމަނުޖެހުން ހިންގި ބިދޭސީންނާމެދު ގާނޫނާއި ގަވައިދުތަކުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގައި ފުލުހާ ކުރިމަތިލައި ހަމަނުޖެހުން ހިންގާފައި ވަނީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ލޭބަރުންތަކެކެވެ. އެއީ މުޅިން ވެސް ބަންގްލަދޭޝް މީހުންނެވެ. އެމީހުން ވަނީ "ވީ ނީޑް އަވާ ސެލެރީ! [އަހަރެމެންގެ މުސާރަ ބޭނުމެވެ] ވީ ނީޑް އަވާ ޓިކެޓް! [އަހަރުމެންގެ ޓިކެޓް ބޭނުމެވެ]" ފަދަ ޝުއޫރުތައް ފާޅުކޮށްފަ އެވެ.

އެމީހުންނަށް މުސާރަ ނުލިބޭ ކަމަށް ބުނެ، ކުރަމުން ދިޔަ މުޒާހަރާ ކޮންޓްރޯލް ކުރަން ވަރަށް މަދު ފުލުހުންތަކެއް އުޅުނު އިރު އެމީހުން ވަނީ ފުލުހުންނަށް ޖިސްމާނީ އަނިޔާ ލިބޭ ފަދަ ގޮތަކަށް ކުރިމަތިލާފަ އެވެ. ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ވެހިކަލަށް ގެއްލުންވެފައިވެސް ވެއެވެ.

ގާ އުކައި ހަމަނުޖެހުން ހިންގަމުން ދިޔަ ބިދޭސީން ފަހަތަށް ޖައްސައި މައިތިރި ކުރީ އެތަނަށް އެސްއޯ ފުލުހުން ގޮހެވެ. އެސްއޯ ފުލުހުންގެ ހާއްސަ ޓީމެއް ގޮސް ހަމަނުޖެހުން ހިންގި 41 މީހަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން މުސާރަ ނުލިބުން ފަދަ މައްސަލަތައް ހައްލު ކުރުމުގައި އެ ކަންކަން ހައްލު ކުރުމަށް އެކަށައަޅާފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ވަނީ ފުލުހުން އިލްތިމާސް ކޮށްފަ އެވެ. އަދި، ކުރިއަށް އޮތް ތަނުގައި މިއަދު ހިނގައިދިޔަ ފަދަ ހަމަނުޖެހުންތައް ހިނގައި ނުދިޔުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މިއަދު މުޒާހަރާ ކުރި ބިދޭސީން މީގެ ކުރިން ވެސް ހުޅުމާލޭގައި މުޒާހަރާކުރި އެވެ. އެ މުޒާހަރާއާ ގުޅިގެން އެ ބިދޭސީންއާ ވާހަކަ ދައްކައި އެއް މަހުގެ މުސާރަ ހަމައަށް ދީފައިވާ ކަމަށް އައިލެންޑް އެކްސްޕާޓް ކުންފުނިން ބުނެފައިވެ އެވެ. އަދި އިތުރަށް ހަމަނުޖެހުން ނުހިންގާނެ ކަމަށް އެއްބަސްވެ، ފުރަން ބޭނުންވާ ބިދޭސީންނަށް އެކަންކަން ހަމަޖައްސައި ދެމުން ދިޔަ ކަމަށް ވެސް ކުންފުނިން ބުނެފައިވެ އެވެ.

ކުންފުނިން މިއަދު ބުނި ގޮތުގައި ބިދޭސީން ހަމަނުޖެހުން ހިންގީ މުސާރައިގެ މައްސަލަ ކަމުގައި ކަމެއް ގަބޫލެއް ނުކުރެވެ އެވެ. މިއަދު ބިދޭސީން ހިންގީ ޖަރީމާއެއް ކަމަށާއި އޭގެ ޒިންމާ ކުންފުނިން ނަގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ބިދޭސީންގެ މިފަދަ މުޒާހަރާތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ތިލަފުށީގައި ވަރަށް ބޮޑު މުޒާހަރާއެއް ބިދޭސީން ކޮށްފައި ވަނިކޮށް، ބ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި އެވެ. އެ މައްސަލާގައި 19 ބިދޭސީއަކު ހައްޔަރުކުރި އެވެ. އޭގެ ފަހުން މާލޭ އާޓިފިޝަލް ބީޗްގައި ވެސް ބިދޭސީންތަކެއް މުޒާހަރާއެއް ކުރި އެވެ.