( 17 ޑިސެމްބަރ 2024 އާ ގުޅޭ )
ހަފްތާއެއް ފަހެވެ. އެނދުގައި ނިދިފައި ތިބި އިޒީކިއަލްއާއި މިޔާ ހޭލެއްވީ ދެ މީހުންގެ ރިންގުވަމުން ދިޔަ ފޯނެވެ. އެއްފަހަރާ ކަހަލަ ގޮތަކަށް ދެ މީހުން ފޯނު ނަގައި ހެލޯ އޭ ބުނެލި އެވެ. އެ ފޯނުކޯލާއެކު ދެ މީހުންނަށް އެކަކުއަނެކަކަށް ބަލާލެވުނީ އެއްފަހަރާ އެވެ.
ފަތިހުގެ ހަމަހިމޭންވަގުތެވެ. އިރުގެ އަލިކަމެއް ނެތެވެ. މަގުތައް މަތީން މީހަކު ނުފެންނަތާ ދުއްވާ އެއްޗެއް ވެސް ނުފެނެ އެވެ. އިޒީކިއަލް ކާރު ދުއްވަމުން އައީ އާންމުކޮށް ދުއްވާ ވަރަށްވުރެ ބާރަށެވެ. އޭނާއާ ޖެހިގެން ކުރީ ސީޓުގައި މާޔާ އިނެވެ. އޭނާގެ މޫނުމަތީގައިވަނީ ކެތްތެރިކަން ކުޑަވެފައިވާ ކަމުގެ އަސަރެކެވެ. ކާރު އައިސް މަޑުކޮށްލީ ހޮސްޕިޓަލްގެ ގޯތިތެރެއަށެވެ.
"މިޔާ ދޭ. އަހަރެން މި އަންނަނީ ޕާކުކޮށްލާފައި." ކާރު މަޑުކޮށްލަމުން އިޒީކިއަލް ބުންޏެވެ.
ބޯ ޖަހާލާފައި މާޔާ ކާރުން ފޭބުމުން އިޒީކިއަލް ކާރު ދުއްވާލީ އެވެ. މާޔާ މަޑުކުރުމެއްނެތި އަވަސް ފިޔަވަޅުގައި ހޮސްޕިޓަލް ތެރެއަށް ވަދެގެން އައެވެ. އޭނާއަށް ދާންވީ މިސްރާބު އެނގެ އެވެ. އެހެންވެ ހަލުވިކޮށް އައީ ވިއްސާ ކޮޓަރިއާ ދިމާއަށެވެ. އޭނާއަށް ހާސްކަމުގައި ދެ އަތް އުރާލައިގެން ފާރު ކައިރީ މަޑުކޮށްލައިގެން ހުރި ޒާހިލް ފެނިއްޖެ އެވެ. އަދި އެތަނުގައި އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ކާފަ ވެސް ތިއްބެވެ.
"ވެއްދީތަ؟." މާޔާ އައިސް އަހާލީ ޒާހިލް ގާތުގަ އެވެ.
"އާން. މިކޮޅަށް ފަންނަ ގެނައިއިރު ވެސް ވޯޓާބްރޭކްވެއްޖެ. އެތެރެއަށް ވެއްދިފަހުން އިރުކޮޅެއްވެއްޖެ. އަދި ޚަބަރެއްނުވޭ." ޒާހިލް ބުންޏެވެ.
"ދަރިފުޅު އެކަނިތަ ތިއައީ؟. ކޮބާ އިޒީކިއަލް." ޒާހިލްގެ މަންމަ ތޫމާ އަހާލި އެވެ. އިޒީކިއަލްއާ ކައިވެނި ކުރީއްސުރެ ތޫމާމެން ވެސް މާޔާއާ މެދު ދެކެނީ ދަރިއެއް ފަދައިންނެވެ. ޒާހިލްއެކޭ އެއްފަދައިން އޭނާ ޤަބޫލުކުރަނީ އިޒީކިއަލްއަކީ ވެސް އޭނާގެ ދަރިއެއްގެ ގޮތުގަ އެވެ. ދެ ޢާއިލާގެ މެދުގައި އޮންނަނީ ވެސް އެފަދަ ގާތް ގުޅުމެއްވިއްޔާ އެވެ.
"އިޒިކް އެބައާދޭ. ކާރު ބާއްވާނެ ތަންކޮޅެއް ލިބޭތޯ ދިޔައީ. މި އައިއިރު މަންމަ ވެސް މިކޮޅަށް އަންނަން ރެޑީވަނީ." މާޔާ ބުންޏެވެ.
"ތެޅެމުންފޮޅެމުން އެ މަންޖެ ގޮވައިގެން އަންނަން ހަދައިގެން އެ ހާސްކަމުގެ ތެރޭ އެކަކަށް ވެސް ގުޅާކަށް ހަނދާނެއްނުވި. ނަސީބެއް ޒާހިލް ގުޅިކަން." ތޫމާ ބުންޏެވެ.
ގިނައިރުތަކެއްނުވެ އެމީހުންގެ ކައިރިޔަށް އިޒީކިއަލް އަތުވެއްޖެ އެވެ. އޭނާ އައިސް ޒާހިލްގެ ކައިރީ މަޑުކޮށްލައި އޭނާގެ ކޮނޑުގައި ޖަހާލި އެވެ. އަނބިމީހާ ވިހަން ވައްދާފައިވާއިރު ޒާހިލް ހުރީ ހާސްކަމެއްގެ ތެރޭ އެވެ. އަނބިމީހާއާ މެދު ކަންބޮޑުވެފަ އެވެ. ދަރިފުޅާއި އަނބިމީހާ ހެޔޮ ހާލުގައިވުމަށް ހިތާހިތުން ދުޢާކޮށްލަ ކޮށްލާ އެވެ. މިހާ ހިސާބަށް އައިއިރު ފައިނާނުގެ މައްސަލައެއް ހުރި ކަމަކަށް ޑަކްޓަރު ފާހަގަކޮށްފައެއް ނެތެވެ. އެހެންވިޔަސް ޒާހިލްއަށް ހިތްހަމަޖައްސައެއް ނުލެވުނެވެ. އޭނާ ހަމައަކަށް އެޅޭނީ އަނބިމީހާއާއި ދަރިފުޅު އެ ދެ ލޮލަށް ފެނުމުންކަން ޔަޤީނެވެ.
ފައިނާނު ނުނެރެނީސް ހޮސްޕިޓަލަށް ސަރީކާ އަތުވެއްޖެ އެވެ. ތޫމާގެ ނުތަނަވަސްކަން އެކުވެރިޔާއަށް ބަންޑުކޮށްލީ ދެނެވެ. އިޒީކިއަލްއާއި މާޔާ ކައިރީ ސަރީކާ އެ އައީ އާސިފްގެ ކޮޓަރިއަށް ހައިކް ލާފައިކަން ބުންޏެވެ. ގޭގައި ގެންގުޅޭ ކުއްޖަކާ ހައިކް ބަލަން ހަވާލުކުރުމަކީ ސަރީކާ ކުރާނޭކަމެއް ނޫނެވެ.
ދެ ގަޑިއިރުވާން ކައިރިވެފައިވަނިކޮށް ނަރުސްކުއްޖަކު ނުކުމެ އުފާވެރިކަމުގެ ޚަބަރު ޢާއިލާއަށް ދީފި އެވެ. ފައިނާނު ފިރިހެން ދަރިއަކު ވިހައިފިކަމެވެ. އަދި ދެމައިންގެ ހާލު ވެސް ރަނގަޅުކަމެވެ. ލިބުނު އުފާވެރިކަމަށް ތޫމާއާއި ނޫމާނު ޙަމްދުކުރި އެވެ. ގިނައިރުތަކެއްނުވެ ފައިނާނު ނެރުމުގެ ކުރީން އެ މީހުންނަށް ދައްކާލުމަށް ޓަކައި ކުޑަދަރިފުޅު ނެރުނެވެ. އެ ދަރިފުޅު އެންމެ ފުރަތަމަ ވެސް އުރާލީ ޒާހިލް އެވެ. އޭނާގެ ތުންފަތް ދެމިލިއިރު ދެ ލޯ ފެންކަޅިވެއްޖެ އެވެ.
ހޮސްޕިޓަލްގެ ޕްރައިވެޓް ކޮޓަރިއަށް ފައިނާނާއި ދަރިފުޅު ބަދަލުކުރެވުނެވެ. ޢާއިލާއެއް ނެތް ފައިނާނަށް އެތަނުން ފެނުނީ ހުސް ވެސް އޭނާގެ ޢާއިލާ އެވެ. އޭނާދެކެ ލޯބިވާ މީހުންނެވެ. ތޫމާ އައިސް ލޯބިން ފައިނާނުގެ ގައިގާ ބައްދާލި އެވެ. ފައިނާނުގެ ނިތްކުރީގައި ބޮސްދިނެވެ. ފައިނާނުގެ ހާލު އޮޅުންފިލުވި އެވެ. އެއާއެކު ފައިނާނަށް ރޮވިއްޖެ އެވެ. ވީގޮތެއް ނޭނގި ފައިނާނު ކުއްލިއަކަށް ރޯން ފެށުމުން ތޫމާއެކޭ އެއްފަދައިން ސަރީކާ ވެސް ފައިނާނުގެ ގާތަށް އަވަހަށް ލެފިލައިފި އެވެ. ތަދުވަނީތޯ އެ މީހުން ސުވާލުކުރަން ފެށި އެވެ. ފައިނާނަށްވީ ގޮތަކީ ދަރިފުޅު ލިބުމުން ހުރިހާ ސަމާލުކަމެއް ހުއްޓިގެންދާނި އެ ދަރިފުޅަށޭ ހީކުރެވުނީ އެވެ. އެހެންނަމަވެސް ތޫމާގެ ޢަމަލުތައް ތަފާތެވެ. ދަރިފުޅާ އެއްވަރަށް ފައިނާނު ވެސް މުހިންމުކަން އެ މަންމަ އޭނާއަށް ބުނެދީފި އެވެ. ފައިނާނަށް ވީގޮތް އެނގުމުން ސަރީކާއަށް ހީނލެވުނެވެ. އަދި ނުހަނު ލޯބިން ފައިނާނުގެ ބޮލުގައި ފިރުމާލައިފި އެވެ.
"ދަރިފުޅުގެ ހިތްވަރަށް އެއްވަނަ ދޭހާވޭ." ފައިނާނުގެ ކޮނޑާއެކު އަތުގައި ފިރުމަމުން ތޫމާ ބުނެލި އެވެ.
"މިޔާ..." ޢާއިލާގެ މީހުން އެއްފަރާތަށް ޖެހިލީ ވަގުތު ފައިނާނު ގޮވާލި އެވެ. އެއާއެކު މާޔާ އަވަސްއަވަހަށް ފައިނާނުގެ ގާތަށް އަތުވެއްޖެ އެވެ. އެކުވެރިޔާގެ އަތުގައި ހިފާލީ ފުޅާ ހިނިތުންވުމަކާއެކު އެވެ.
"އަހަރެން މަރުނުވީ ކިރިޔާ." މަޑުމަޑުން ފައިނާނު ބުނެލި އެވެ. އެއާއެކު މާޔާއަށް ހީނލެވުނެވެ.
"ނާނުއަށް ޒާހިލް ފެނުނުނަމަ އަޖައިބުވާނެ. އެ ޚާއްޞަ ވަގުތުކޮޅު ކޮންމެހެން ވެސް އަހަރެން ވީޑިއޯ ކުރީން. ފޯނު އަތަށް އެރީމަ ބަލާލާތި. ފޮނުވާފަ އިންނާނީ." މާޔާ ބުންޏެވެ.
"އަހަރެން ހިޔެއްނުކުރަން ޒާހިލް އަހަރެންދެކެ އެހާ ލޯބިވެދާނޭ. އޭނާ ވަރަށް ރަނގަޅު. އަހަރެން އެންމެ ކަންބޮޑުވެ ހާސްވީ އެ ދަރިފުޅަށް ވާނެ ގޮތެއް ނޭނގޭތީ. އެކަމަކު މިހާރު ޔަޤީން. ޒާހިލް އެ ދަރިފުޅު ރައްކާތެރިކުރާނެ. އެ ކުއްޖާއަށް ބައްޕައެއްގެ ލޯބި އެންމެ ފުރިހަމައަށް ދޭނެ. މިޔާ... ތެންކިޔު... އަހަރެން ހީކުރި ގޮތަށް ނޫނަސް އަހަރެންގެ ދިރިއުޅުން ބަދަލުވީ މިޔާއާ ބައްދަލުވީ ހިސާބުން. ތީ ވަރަށް ވަރަށް ރަނގަޅު އެކުވެރިޔެއް." ފައިނާނުގެ އިޙްސާސްތައް ބޭރުކޮށްލި އެވެ.
"ދެން މާގިނަ ވާހަކަނުދައްކާ އަރާމުކުރޭ. ހޮސްޕިޓަލުން ދޫކޮށްލީމާ ނުލިބޭނެ ތިހެން އޮންނާނޭ ފުރުޞަތެއް. އެ ފުށްގަނޑު ނުދޭނެ ތި ދެ މީހުން ނިދިޔަ ވެސް." މަޖާ ހިންޏެއް އައިސްފައި މާޔާ ބުންޏެވެ.
"ކޮންއިރަކުން ދެން މިޔާ ދެވަނައެއް ހޯދާނީ." ފައިނާނު އަހާލި އެވެ. އެއާއެކު މާޔާގެ ނަޒަރު ޒާހިލްއާއެކު ހުރި އިޒީކިއަލްއަށް ދަތުރުކޮށްލި އެވެ. އޭނާގެ ހިތުގެ ހިނގުން މަޑުޖެހިލީ އިޒީކިއަލްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވާތީ ފެނިފަ އެވެ. އަވަސްއަވަހަށް މާޔާ ނަޒަރު ވަކިކޮށްލައިފި އެވެ.
"އަދި ނޭނގެ." ފައިނާނަށް ބަލާލަމުން މާޔާ ބުންޏެވެ.
"ތި ދެ މީހުން އޯކޭތަ؟." ފައިނާނު އަހާލި އެވެ.
"ހޫމް. އިޒިކް މުޅިން ބަދަލުވެއްޖެ. ބައެއްފަހަރު ހިތަށް އަރާ ހަމަ އެއީ އަހަރެންނާ އެންމެ ފުރަތަމަ ބައްދަލުވީ އިންސާނާބާއޭ. ހެ ހެ ހެ... ހީނުކުރާހާ ލޯބިން އުޅެނީ. ވަރަށް ކެއާ ކުރޭ." މާޔާގެ ތުންފަތުން ފާޅުވި ހިނިތުންވުމުގައި އޭނާ ދެއްކި ވާހަކައިގައިވާ ތެދުކަން ހާމަވެ އެވެ. ފައިނާނަށް ވެސް ހިނިތުންވެވުނީ އެހެންވެ އެވެ.
މާޔާއާއި އިޒީކިއަލް ހޮސްޕިޓަލުން އެނބުރި ގެއަށް އައީ ސަރީކާ ވެސް އެ މީހުންނާއެކު ގޮވައިގެންނެވެ. ހައިކްއަށް ހެނދުނު ސައިދީފައި އެކުއްޖާ ގޮވައިގެން ފަހުން އަންނާނަން ކަމުގައި ފައިނާނު ކައިރީ މާޔާ ބުންޏެވެ. ހޮސްޕިޓަލުން ދޫކޮށްލަންދެން ވެސް ފައިނާނު ގާތުގައި މާޔާ ހުންނަން ވާނޭކަން ޚުދު ފައިނާނުވަނީ ބުނެފަ އެވެ. މާޔާ ހޮސްޕިޓަލަށް ގެނެސްދޭންވާނޭކަން އިޒީކިއަލްއަށް ވެސް ފައިނާނު އަމުރުކުރި އެވެ. އެ މަންޒަރު ބަލަން އެންމެން ހިނިއައިސްފައި ތިއްބެވެ.
* * * * *
މެންދުރުގެ ވަގުތެވެ. މާޔާ ކާގެއިން ނުކުމެގެން އައީ ސަރީކާއާއެކު އެވެ. މެންދުރުގެ ކެއުމަށްފަހު އެވެ. އިރުކޮޅަކުން ހައިކް ގޮވައިގެން ހޮސްޕިޓަލަށް ދާން ގަސްދުކުރާކަން މާޔާ ބުނީ ސަރީކާ ވެސް ދާން ބޭނުންތޯ ބަލަމުންނެވެ.
"ތޫމާ ބުނި މިރޭ އޭނާއޭ އިންނާނީ. މަންމަ ދާނީ މިރޭ." ސަރީކާ ބުންޏެވެ. މާޔާ ލައިގެން ހުރި ހަރުވާޅުގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތެވެ. އޭނާ ފޯނު ނަގަމުން ހިނގައިގަތީ ކޮޓަރިއަށް ދާށެވެ.
"ހެލޯ." މާޔާ ފޯނުކޯލު ނެގުމާއެކު ވާހަކަދެއްކި އެވެ.
"ކިހިނެއްތަ؟." ފޯނުން އިވުނީ ރާހިންގެ އަޑެވެ.
"ރަނގަޅު. އެނގޭތަ. ނާނު ވިހައިފި. ފިރިހެން ކުއްޖެއް. މިއަދު ފަތިހު. ރާހިން ކިހިނެއް." މާޔާ އަވަސް އަވަހަށް ވާހަކަދެއްކި އެވެ.
"ކޮންގްރާ... ނާނުއަށް ހަދިޔާއެއް ފޮނުވާނަން. އަހަރެން ވެސް ރަނގަޅު. މެއިލް ޗެކްކޮށްލައްޗޭ. އިންވިޓޭޝަން ފޮނުވާފައި އޮންނާނެ." ރާހިން ބުންޏެވެ.
"އަސްލަށް ވެސް މެރީ ކުރަނީތަ." މާޔާއަށް ބުނެވުނެވެ.
"އާން. ބުނީމެންނު... މާޔާ ހީކުރީ އަހަރެން ސަމާސާ ކުރީ ކަމައްތަ. ސަލީންއާ ސީރިއަސްކޮށް ވެސް އިންނަން މިއުޅެނީ. ބައްޕަ ވެސް ވަރަށް ސަލާމްބުނި މާޔާއަށް. މިކޮޅަށް އައުމުގެ ހުރިހާ ޚަރަދެއް އޮތީ އަހަރެމެން ފަރާތުން. މާޔާ ހަމަޖެހިގެން މިކޮޅަށް އަންނަނިކޮށް އަހަރެންނަށް އޯކޭ." ރާހިން ބުންޏެވެ.
"ޚަރުދުތަކެއް ނުކުރިޔަސް އޯކޭ. އިޒީކިއަލް ހިޔެއްނުވޭ އެގޮތާ އެއްބަސް ވާނޭހެން. ޔަޤީނުން ވެސް އަހަރެމެން ތިކޮޅަށް ދާނަން. ހަމަ މިހާރު މިދަނީ މެއިލް ޗެކްކުރާން. ކޮންގްރާ ޑިއާ... އުފާވޭ ދިރިއުޅުމެއް ފަށަން އުޅޭތީ. އެންމެ އުފާވަނީ ރާހިންއަކީ ވިސްނޭ މީހަކަށްވީމަ. ހުއްޓި ހުރުމުގެ ބަދަލުގައި ކުރިޔަށްދާން މަސައްކަތް ކުރާތީ. ﷲ ރާހިންއަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ދެއްވުން އެދި ދުޢާ ކުރާން. އަހަރެންނާ ސަލީން ބައްދަލު ނުވިޔަސް އަހަރެންނަށް އެނގޭ ރަނގަޅު އަންހެންކުއްޖަކަށް ސަލީން ވާނޭކަން. ރާހިންގެ ހޮވުން ދުވަހަކުވެސް ގޯހެއްނުވާނެ." މާޔާގެ ހިތުގައި ރާހިންއާ މެދު އަބަދުވެސް ވަނީ ޝުކުރުން ފުރިފަ އެވެ. އެ އެކުވެރިޔާއަށް ރަނގަޅު ގޮތް މިންވަރުވުން އެދެ އެވެ.
"ތިވަރަށް އަހަރެންނަށް ކޮމްޕްލިމެންޓް ނުކުރިޔަސް އޯކޭ. މާޔާ އަންނަންވާނެ. ސަލީންއާ މީޓުކޮށްދޭނަން އައީމަ." ހީނލާފައި ރާހިން ބުންޏެވެ.
ހިނިއައިސްފައި ފޯނުގައި ހުރެ މާޔާ އައިސް ކޮޓަރިއަށް ވަންތަން އިޒީކިއަލްއަށް ފެނި އަނބިމީހާގެ ފަހަތުން އޭނާ ވެސް އައިސް ކޮޓަރިއަށް ވަނެވެ. މާޔާގެ ކޯލު ނިމެންދެން މަޑުކޮށްލުމަށްފަހު ކާކުތޯ ގުޅީ އިޒީކިއަލް އަހާލައިފި އެވެ.
"ރާހިން. ބުނީމެންނު ރާހިން މެރީ ކުރާ ވާހަކަ ދެއްކިއޭ. އެ ގުޅީ އިންވިޓޭޝަން މެއިލް ކުރި ވާހަކަ ބުނަން." މާޔާ އޮޅުންފިލުވައި ދިނެވެ. އޭނާ ފޯނު ބާއްވާފައި އުޅުނީ ލެޕްޓޮޕް ހުޅުވާށެވެ. ރާހިން ފޮނުވި މެއިލް ބަލާށެވެ. އިޒީކިއަލް ވެސް އައިސް މާޔާގެ ގާތުގައި އެނދުގައި އިށީނދެއްޖެ އެވެ. އޭނާ ވެސް އެބުނާ ދަޢުވަތު ކާޑެއް ދުށުމަށް ޝައުގުވެރިވެފައި އިން ކަހަލަ އެވެ. ރާހިން އެހާ އަވަހަށް ކައިވެނި ކުރާނޭކަމަށް ޚުދު އޭނާއަށް ވެސް ޤަބޫލުކުރާން ދަތިވެފައި އިން ކަހަލަ އެވެ. އެހެންވިޔަސް މާޔާގެ މެއިލްއަށް އައިސްފައިވާ ދަޢުވަތު ކާޑު ފެނިފައި އެއީ ދޮގު ޚަބަރެއްނޫންކަން ޔަޤީންކުރާން ޖެހުނެވެ.
"އަހަރެން ބުނިން ދާނަމޭ." ކައިވެނީގެ ދަޢުވަތު ކާޑަށް ބަލަން އިނދެފައި މާޔާ މިހެންބުނެ އިޒީކިއަލްއަށް ބަލާލި އެވެ.
"ހަމަ ދާންވީ. ޓިކެޓް ހަމަޖައްސަންވީ ދޯ." އިޒީކިއަލް ބުންޏެވެ.
"ނެކްސްޓް ވީކްގަ. ރާހިން ބުނި އެކޮޅުން ހުރުން ހަމަޖައްސައިދޭނަމޭ. އަންނަމުން ގުޅައްޗޯ ބުނީ." މާޔާ ބުންޏެވެ.
"އެކޮޅުން ތަނެއް ހަމަޖައްސާފައި ފުރާނީ. ރާހިންއަށް އެކަން ޖައްސާނެކަމެއްނެތް." އިޒީކިއަލް ބުންޏެވެ. އޭނާ އެހެން ބުނާނޭކަން މާކުރިން ވެސް މާޔާއަށް އެނގެ އެވެ.
* * * * *
ފާއިތުވަމުން ދިޔަ ދުވަސްތަކާއެކު އެންމެން ވެސް ދިރިއުޅުމުގައި ކުރިޔަށްދާން މަސައްކަތް ކުރަމުން ދިޔަ އެވެ. ފައިނާނުގެ ހާލު ރަނގަޅުކަމަށް ފެންނާތީ ޑަކްޓަރުން އޭނާއާއި ދަރިފުޅު ގެއަށް ދޫކޮށްލީ އެވެ. ޒާހިލްއާއި ފައިނާނުގެ ދިރިއުޅުން ހަޤީޤީ ސިފައެއްގައި ފެށުނީ ދެނެވެ. ދެމަފިރިންގެ ހަޔާތުން އާ ބާބެއްގެ ފެށުމާއެކު އެވެ. ޒާހިލްއަކީ ކުރީގެ ޒާހިލްއެއް ވެސް ނޫނެވެ. މާޒީގެ އެ އުޅުން ބަދަލުކޮށްލައި ހަރުދަނާ ވިސްނުމަކަށް އޭނާ ގެނައީ ފައިނާނެވެ. ކައިވެނި ކުރާން ޖެހުނު ހިސާބުންނެވެ. މިއަދު އޭނާގެ ހަޔާތުން ހިތުގެ އެންމެ ޚާއްޞަ މަޤާމް ދެވިފައިވަނީ ފައިނާނާއި ދަރިފުޅަށެވެ.
މާޔާއާއި އިޒީކިއަލް ޑުބާއީއަށް ފުރީ ހައިކް ވެސް ގޮވައިގެންނެވެ. ރާހިންގެ ކައިވެނީގައި ބައިވެރިވާށެވެ. ރާހިންއާ ބައްދަލުވީ ހިސާބުން އޭނާގެ ޢާއިލާގެ ގާތަށް މާޔާމެން ގެނަ އެވެ. ކުރިޔާ ޚިލާފަށް މާޔާއާ މިފަހަރު ބައްދަލު ކުރި ހުމައިރާގެ ޠަބީޢަތް ތަފާތެވެ. އޭނާ ހިތްހެޔޮކަމާއެކު މާޔާގެ ޢާއިލާ ބަލައިގަތެވެ. އަލުން ބައްދަލުވީތީ އުފާވެއްޖެކަމުގައި ބުންޏެވެ. މާޔާއާއި ސަލީން ބައްދަލުވީ އެގެއިންނެވެ. ސަލީންއާއެކު ހޭދަކުރެވުނު މަދު ވަގުތުކޮޅު ތެރޭ ވެސް މާޔާއަށް ފާހަގަވީ ސަލީންގެ ހުންނަނީ ރާހިންގެ ހުންނަ ފަދަ ހިތްހެޔޮ މީހުންނާ ގުޅޭ ފަދަ މިޒާޖެއް ކަމެވެ. މާޔާއާ ބައްދަލުވުމުން ސަލީން އުފާވެފައި ހުރިވަރު ޚުދު އޭނާއަށް ވެސް ފެނުނެވެ.
ސަލީންއާއި ރާހިންގެ ކައިވެނި އޮތީ ޑުބާއީގެ މަޝްހޫރު ބޮޑު ހޮޓަލެއްގަ އެވެ. އެ ޙަފުލާގައި ބައިވެރިވުމަށްފަހު އެއް ހަފްތާ ޑުބާއީގައި މަޑުކުރާން އިޒީކިއަލް ވިސްނި އެވެ. ނަމަވެސް އެކަން ނުވީ މާޔާ މާލެ އަންނަން ޖެހުނީމަ އެވެ. މާޔާގެ ބައްޕަގެ ކުންފުނީގެ މައްސަލައިގައި ކޯޓަށް މާޔާ އަންނަން ޖެހޭކަން އަރްޙަމް އެންގީމަ އެވެ. އެހެންވެ ކައިވެނި ޙަފުލާ ނިންމާލާފައި އޭގެ އަނެއް ދުވަހު އެ ޢާއިލާ މާލެ އައީ އެވެ.
ކޯޓުގައި ހިނގަމުންދިޔަ މައްސަލަ ނިމުމަކާ ހަމައަށް އަންނަން މަހެއްހާ ދުވަސް ނެގި އެވެ. އާމިލްއާއި ޖާހިދާގެ ހުރިހާ ރޭވުމެއް ފަޅާއެރީ އެވެ. އެންމެފަހުން މާޔާ ކޯޓަށް ހާޟިރުވާން ޖެހުނު ދުވަހު އާމިލް ވަނީ މާޔާގެ ގާތުން މަޢާފަށް ވެސް އެދިފަ އެވެ. ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ޖާހިދާއާ އެއްބައިވެވުނީތީ އޭނާ ދެރަވާކަން ބުނެފަ އެވެ. ނަމަވެސް މާޔާގެ ހިތަށް އާމިލްއާ މެދު ހަމްދަރުދީއެއް ނުވަނެވެ. ކޯޓުން ޖާހިދާއާއި އާމިލްގެ މައްޗަށް ވެސް ހުކުން އިއްވި އެވެ. މިއަދު ޖާހިދާއަށް ލިބުނު މޮޅެއް ނެތެވެ. އޮޅުވާލައިގެން ހޯދި މުއްސަނދިކަމުން މާގިނަ ދުވަހަކު ފައިދާއެއް ނުވި އެވެ. އޭނާއާއި އަޖުލާ އަނެއްކާ ވެސް މަގުމަތިވެ ހާލުގައި ޖެހުނީ އެވެ. އަމިއްލަ އެދުން ބޮޑުކުރުމުގެ ސަބަބުން މިއަދު މާޔާ ވެސް އެމީހުންނަށް އެހީވާކަށް ބޭނުމެއްނުވެ އެވެ. މަޒީދުގެ ހުރިހާ އެއްޗެއް މިއަދު މާޔާއަށް އަނބުރާ ލިބިއްޖެ އެވެ. އޭނާ އެކަމަށް ނޭދުނުނަމަ ވެސް އިޒީކިއަލް އެކޮށްދިނީ ބޮޑުކަމެކެވެ. އެކަމަށް މާޔާ އަބަދުވެސް ޝުކުރުވެރިވާނެ އެވެ.
* * * * *
ހަވީރުގެ ފިނިފިނި ރޯޅިތައް އަތިރިމަތީގައި ހެދިފައި ހުރި ރުއްތަކުގެ ފަނާ ކުޅެމުންދިޔަ އެވެ. އިރުއޮއްސުމާ ކައިރިވާން އުޅޭކަމުގެ އަސަރުތައް އުޑުމަތިން ފާޅުވެ އެވެ. ރަތުރަނުގެ ކުލަތަކުން ޖަރީވެފައިވާ އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ބީއްސަމުންދިޔަ ރާޅުތަކުން މާޙައުލުގައި ހިތްގައިމު ރާގެއް ކުޅެމުންދާ ފަދަ އެވެ. ރާޅުފަށުން ދެފައި ތެތްމާލި ގޮތަށް މާޔާ އެނބުރި ބަލާލި އެވެ. އަތިރިމަތީގައި ހެދިފައި ހުރި ކަކުނި ހޮރެއް ކައިރިޔަށް އުނޑުފައިން ތިރިވެ ހައިކް އިނެވެ. އެ ދަރިފުޅު ގާތުގައި އިޒީކިއަލް ހުއްޓެވެ. ލާފައި ހުރި ސޯޓުގެ އަރިމަތީ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން ހުރިއިރު އޭނާގެ ނަޒަރުވަނީ މާޔާއަށް ހުއްޓިފަ އެވެ. ދެމަފިރިންގެ ނަޒަރު ސީދާވެލި ހިނދު އެކަކުއަނެއްގެ ތުންފަތަށް ވެސް ވެރިވީ ލޯބިވެތިކަމުގެ ހިނިތުންވުމެކެވެ. އިޒީކިއަލް ކަނާއަތްތިލަ ޖީބުން ނަގައި އެ އަތް މާޔާއާ ދިމާއަށް ދަމާލި އެވެ. އެއާއެކު މަޑު ހިނގުމުގައި މާޔާ އައިސް އެ އަތުގެ ތެރެއަށް ވަދެއްޖެ އެވެ. އެހިނދު މާޔާގެ ނިތްކުރީގައި އިޒީކިއަލް ގުދުވެލައި ބޮސްދީފި އެވެ.
މިއަދު މާޔާގެ ހުރިހާ ހުވަފެނެއްގައި ކުލަޖެހިއްޖެ އެވެ. ބައްޕަގެ މަރާއެކު ދުނިޔެ އޭނާ ނިކަމެތިކޮށްލީ ނަމަވެސް އެ ވަގުތާއި ހާލަތު މުޅީން ބަދަލުވެއްޖެ އެވެ. މިއަދު އުފާވެރިކަން އޭނާ އައިސް ވަށާލައިފާ ވެއެވެ. އެ ހިތަށް މިލްކުވާނޭ ހީނުކުރި ހިތް މިއަދު މާޔާއަށް ޓަކައި ޤުރުބާން ހުރީ ތައްޔާރަށެވެ. އެ ހިތާއި އެ ހިތުގެ ލޯބި މާޔާއަށް މިލްކުވެއްޖެ އެވެ. މިހާރު އޭނާއަކި އަމިއްލަ ކުންފުންޏެއްގެ ވެރިޔާ އެވެ. ބައްޕަގެ ކުންފުނި ބެލެހެއްޓުމަށް ޓަކައި އޭނާ ރާހިންގެ ވަޒީފާއިން ވަކިވީ އެވެ.
"އައި ލަވް ޔޫ." މާޔާގެ ކޯތާފަތުގައި ބީހިލި އިޒީކިއަލްގެ ދެ ތުންފަތުން ބޭރުވެލި އެވެ.
"އައި ލަވް ޔޫ ޓޫ." މާޔާ ވަގުތުން ޖަވާބުދިނެވެ.
"މުޅި އުމުރަށް ވެސް ތީ އަހަރެންގެ މިލްކެއްކަން ހަނދާން ކުރައްޗޭ." އިޒީކިއަލް ބުނެލި އެވެ. ހީނލަމުން މާޔާ ބޯޖަހާލީ އިޒީކިއަލްއަށް ބަލަން ހުރެ އެވެ.
އެ ދެމަފިރިންގެ ދެމެދަށް ވަންނާކަށް މިއަދު ސޫޒަންއެއް، އަފްރާހެއް ނެތެވެ. އަދި ޖެއްސުން ކުރާނޭ ހަތޫނަކާއި އޭނާއާ އެއްބައިވާނޭ ލުހާމެއް ވެސް ނެތެވެ. މާޔާއަށް އޭނާގެ ހިތާއި ހަށިގަނޑު ފަތަޙަކުރި ލޯބިކަމުގައިވާ އިޒީކިއަލް އުމުރަށް ލިބި މިލްކުވެއްޖެ އެވެ. އެ ދިރިއުޅުމުގައި އުފާވެރިކަމާއި ހަމަޖެހުން ނޫނީ މިހާރު ނުވެ އެވެ. އަދި އެ ދެމަފިރިން އެދަނީ އެމީހުންގެ ދެވަނަ ދަރިފުޅު މި ދުނިޔެއަށް އުފަންވާނޭ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ހަޔާތުން ގެއްލުނު ހުރިހާ އެއްޗެއް އަނބުރާ ލިބުނުއިރު، އެ ލިބުނީ އެތައްގުނައެއް އިތުރުވެގެންނެވެ.
(ނިމުނީ)