ވާހަކަ

މިލްކުވާނެބާ

( 12 ޑިސެމްބަރ 2024 އާ ގުޅޭ )

"އަހަރެންނަށް ޚަބަރުވައްޗޭ." ސަލާމްކޮށްލަމުން މާޔާ ބުންޏެވެ. ބޯޖަހާލާފައި ރާހިން ހިނގައިގަތީ ޖެޓީއާ ދިމާއަށް ދިއުމަށެވެ. އިރުކޮޅަކު މަޑުކޮށްލާފައި މާޔާ އެނބުރި އިޒީކިއަލްގެ ގާތަށް އައެވެ.

"ރޫމަށް ދާން އެންމެން އެ އުޅެނީ" މާޔާގެ އަތުގައި ހިފާލަމުން އިޒީކިއަލް ބުންޏެވެ. ހައިކް އައިސް މާޔާގެ ގައިގާ ބައްދާލީ އެވަގުތެވެ.

"އެންމެއެންމެ ރީތީ މަންމަ." މާޔާގެ ކައިވެނި ހެދުމުގައި ފިރުމާލާފައި ހައިކް ބުންޏެވެ. ވަގުތުން މާޔާއަށް ހީނލެވުނެވެ. އަދި ލޯތްބާއެކު ހައިކް އުރާލައި އެކުއްޖާގެ މޫނުގައި މާޔާ ބޮސްދިނެވެ.

"ތި ރީތިކަމާއި ތި ހަށިގަނޑުގެ ނަސީބުވެރިޔަކީ އަހަރެން އިނގޭ." މަޑުމަޑުން މާޔާގެ ކަންފަތްދޮށުގައި އިޒީކިއަލް މިހެން ބުނެލާފައި ހައިކްގެ ކޮލުގައި ކޮއްޓާލި އެވެ. މާޔާ ރަކިވި އެވެ.

އެންމެންނާއެކީ މާޔާއާއި ހައިކް ގޮވައިގެން އިޒީކިއަލް ވެސް ކޮޓަރިތަކާ ދިމާއަށް އައެވެ. މަންމަގެ ކޮޓަރިއަށް ހައިކް ގޮވައިގެން ވަންނަން ދަމުން އިޒީކިއަލް އެދުނީ މާޔާ ކައިރީ ބޭރުގައި މަޑުކުރުމަށެވެ. އިޒީކިއަލްގެ އެ ހަރަކާތުން މާޔާ ސުވާލު އުފެދުނެވެ. ސަރީކާއާ ވާހަކައެއް ދައްކަން އިޒީކިއަލް ބޭނުންވަނީބާއޭ މާޔާގެ ހިތަށް އެވަގުތު އެރި އެވެ. އޭނާ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ އެވެ.

"ހިނގާ ދަމާ." އިޒީކިއަލް އެ ކޮޓަރިން ނުކުތް ގޮތަށް ބުންޏެވެ. ހައިރާންކަން ލިބިގެންދިއުމާއެކު މާޔާއަށް ހޯދާލެވުނެވެ.

"ހައިކް ކޮބާ؟." މާޔާ އަހާލި އެވެ.

"މަންމަ ކައިރީ ހުންނާނީ." އިޒީކިއަލް ބުންޏެވެ.

"އަހަރުންނާއެކީއެއްނޫންތަ ހުންނަނީ." މާޔާ ސުވާލު އުފެދުނެވެ. މީ އޭނާއަށް ކުރީން ނޭނގޭ ކަމެކެވެ.

"ކަމް ވިތް މީ." މާޔާގެ ބުރަކަށީގައި އަތް ޖައްސާލަމުން އިޒީކިއަލް ބުންޏެވެ. ދެމަފިރިން އެކުގައި ހިނގައިގަތެވެ. އެމީހުންގެ މަންޒިލް ތަފާތުކަން އިޒީކިއަލް ބުނެލި އެވެ. މާޔާ ގޮވައިގެން އިޒީކިއަލްގެ މިސްރާބު ހުރީ ޖެޓީއާ ދިމާއަށެވެ. އޭރު ޖެޓީ ދޮށުގައި ހިލްމީ މަޑުކޮށްގެން ހުއްޓެވެ. ޖެޓީއާ ކައިރިކޮށްފައި ލާންޗެއް އޮތެވެ.

"ކޮންތާކަށް މިދަނީ؟. ހައިކްނުލާތަ؟." މާޔާގެ ސުވާލުތައް ހައްތަހާވީ ގިނަ އެވެ.

އިޒީކިއަލް ވަކި އެއްޗެއް ނުބުންޏެވެ. މާޔާ ގޮވައިގެން ޖެޓީއާ ކައިރިކޮށްފައި އޮތް ލާންޗަށް އިޒީކިއަލް އެރި އެވެ. އެ ލާންޗަށް ހިލްމީ ވެސް އެރި އެވެ. އެންމެން އެރުމާއެކު ވަގުތުން ލާންޗު ނައްޓާލައިފި އެވެ.

"އައި ޑޯންޓް ލައިކް ދިސް." މާޔާ ގަޔާނުވިކަން ދައްކާލި އެވެ. އެއާއެކު އިހުނަށްވުރެ ވެސް އިޒީކިއަލްއާ ގާތަށް މާޔާ ދަމާލައި ގާތްކޮށްލައިފި އެވެ. އަދި މާޔާގެ ކަންފަތް ދޮށަށް އިޒީކިއަލް ގުދުވެލި އެވެ.

"މިދަނީ އަހަރެމެންގެ ފުރަތަމަ ރޭ ހޭދަކުރި މަންޒިލަށް. ހައިކް ބެހެއްޓީ މަންމަ ކައިރީ. ދެ ދުވަހަށް... މި ދެ ދުވަސް އަހަރެން އެކަންޏަށް މިޔާ ބޭނުން. މިރޭ ނިދަން ހިތަށް ވެސް ނާރުވައްޗޭ." އިޒީކިއަލް ބުންޏެވެ. އެ އަޑުގައި އެތައް ޖަޒުބާއެއް ވިއެވެ. މާޔާ ބަސްހުއްޓުނީ އެވެ. އިޒީކިއަލް އޭނާ އެ ގެންދަނީ ކޮންތާކަށްކަން މާޔާއަށް އެނގުނީ އެވެ. އެމީހުންގެ ކައިވެނީގެ ފުރަތަމަ ރޭގެ މަތިން މާޔާ ހަނދާންނެތޭނީ ކިހިނެއް ހެއްޔެވެ. އޭނާގެ ހުރިހާ އެއްޗެއް އެރޭ އިޒީކިއަލްއަށް ޤުރުބާންކުރި އެވެ.

"ލަދުންތަ ތީނީ." މާޔާ އަނގައިން ނުބުނެ ދުރު ބަލަން އިނުމުން އިޒީކިއަލް އަހާލި އެވެ. އެއާއެކު މާޔާ އެނބުރިލައި އިޒީކިއަލްގެ މޭގައި މޫނު ފޮރުވާލަމުން ބޯޖަހާލި އެވެ.

ލާންޗު އައިސް ދުރުގައި އަޅާފައި އތް ޔޮޓާ ކައިރިކޮށްލަންދެން އިޒީކިއަލްގެ އަތުގެތެރޭގައި މާޔާ އިނެވެ. ލާންޗުން ފައިބަން ދެ ޒުވާނުން ތެދުވީ އެކުއެކީ އެވެ. ދެމަފިރިން ޔޮޓަށް އެރުމުން ލާންޗުގައި ހިލްމީ އެނބުރި ދިޔައީ އެވެ.

ޔޮޓުން އިޒީކިއަލްއާއި މާޔާއާ ބައްދަލުކުރީ ކުރީން ވެސް އެމީހުންނާ އެ ޔޮޓުން ބައްދަލު ކުރި "ކުރޫ" މެންބަރުންނެވެ. އިޒީކިއަލްގެ ކޮޓަރި ތައްޔާރު ކުރެވިފައި ހުރިކަމާއި ރޭގަނޑުގެ ކެއުމެއް ބޭނުންވާތޯ އެތަނުން އެކަކު އިޒީކިއަލްއާ ގާތަށް ޖެހިލައި ސުވާލުކުރި އެވެ. އިޒީކިއަލް ބަލާލީ މާޔާއަށެވެ. އެއްޗެއް ކާން ބޭނުންތޯ އޭނާ ސުވާލުކޮށްލި އެވެ. ކައިވެނީގެ ޙަފުލާ ނިންމާފައި ދެމަފިރިން ވެސް ތިބީ ރިސޯޓުން ކައިގެން ކަމަށްވާތީ ކެއުމެއް ތައްޔާރު ކުރާކަށް އޭގެ ދެ މީހުން ވެސް ބޭނުމެއްނުވި އެވެ. ޔޮޓުގެ މައިޑެކުގައިވާ މާސްޓަރ ސުވީޓަށް މާޔާ ގޮވައިގެން އިޒީކިއަލް އައިސް ވަނެވެ. އެއާއެކު އެތައް ހަނދާނެއްގެ މަންޒަރުތައް މާޔާގެ ލޯ މައްޗަށް ސިފަވެގެން އައެވެ. އެތަނުގައިވާ އެއްވެސް އެއްޗަކަށް ބަދަލު އައިސްފައެއް ނުވެ އެވެ.

"ޔޫ ޑޯންޓް ލައިކް އިޓް." މާޔާ ހުއްޓުން އަރާފައި ހުރި ގޮތް ފެނުމުން އިޒީކިއަލްއަށް އަހާލެވުނެވެ. މާޔާ ނޫނެކޭ ބުނުމަށް މަޑުމަޑުން ބޯ ހޫރާލީ އެވެ. އެއާއެކު އޭނާގެ އަތުގައި ހިފާލައިގެން އިޒީކިއަލް އައިސް އެނދު އަރިމަތީގައި ދެ މީހުން އިށީނެވެ.

"މިޔާ... އަހަރެން ހަނދާނެއްނުނެތޭ." އިރުކޮޅެއްގެ ހިމޭންކަމަށްފަހު އިޒީކިއަލް މަޑުމަޑުން ބުނެލި އެވެ. އެބުނި އެއްޗެއް ދޭހަނުވެގެން މާޔާ ބަލާލި އެވެ. އެހިނދު އިޒީކިއަލްއާ ނަޒަރު ސީދާވި އެވެ.

"އަހަރެން އެރެއާ މެދު ވަރަށް ވިސްނިން. ކައިވެނި ކުރީ މިޔާދެކެ ލޯބިންނެއްނޫން. އެކަމަކު ބަނޑުބޮޑުވާނީ މިޔާއާއެކު ގުޅުމެއް ބާއްވައިގެންކަން އެނގޭތީ... އެހެންވެ އަނބިމީހާއަށް ވިޔަސް ކައިރިވާންވީމާ އުނދަގޫ ގޮތެއްވެފައި ހުރީ. އަހަރެން އަންހެންކުއްޖަކަށް އެފަދަ ދެރައެއްނުދެން. އެކަހަލަ ގުޅުމަކަށް ފުރުޞަތު ލިބޭހާ ކްލޯޒެއް ނުވަން... މިޔާއާއެކު ސްލީޕްކޮށް ޕްރެގްކޮށްފައި ދޫކޮށްލަން ޖެހޭތީ އެކަމުގެ ގިލްޓް ވަރަށް ބޮޑަށް އޮތް. އެކަމަކު މިޔާއާއެކު ޔޮޓަށް އެރީއްސުރެ އަހަރެންނަށް ވެފައި ހުރި ގޮތެއް ނޭނގެ. މިޔާއަށް ބޭނުންވެ އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ވެސް ނުހުއްޓުވުނު. އަހަރެން ކައިވެނި ކުރި މަޤްޞަދު ވެސް ހަނދާންނެތުނު. މިޔާއާއެކު ހިތްހަމަޖައްސާލައި އުފާކޮށްލަން ބޭނުންވީ... މިޔާގެ ޖާދޫގައި އަހަރެން ޖެހުނީ." އިޒީކިއަލް ބުންޏެވެ. މާޔާއަށް ބުނަންވީ އެއްޗެއް ނޭނގުނެވެ. އޭނާ އިޒީކިއަލްގެ އަތްތިލައިގައި ދެ އަތުން ހިފާލައި ބާރުކޮށްލި އެވެ. މާޒީގެ އެ ހަނދާންތަކަކީ އަނިޔާއެއް ކަމުގައި މާޔާ ނުދެކެ އެވެ. އޭނާ އިޒީކިއަލްގެ ކޮނޑުގައި ބޯޖައްސާލައި ވާހަކަދައްކަން ފެށި އެވެ.

"އިޒިކް އަހަރެން ދޫކޮށްލީ ވަގުތާއި އަހަރެން އިން ހާލަތާމެދު ކުޑަކޮށް ވެސް ވިސްނާނުލާ. އިމޯޝަނަލީ އަދި މެންޓަލީ ވެސް އަހަރެން އެވަގުތު ހުރީ ވަރަށް ބަލިކަށިވެފައި... އަހަރެން މަރުގެ ތުންފަތްމަތިން ސަލާމަތްކޮށްދިނީ ރާހިން. އަހަރެމެންގެ ގުޅުން ފެށުނީ އެހިސާބުން. އެރޭ ރާހިން އަހަރެން ސަލާމަތް ނުކުރިނަމަ އަހަރެން ދުނިޔެއަކު ނުހުންނާނެ. އިޒީކިއަލްއާ ދުވަހަކު ވެސް ބައްދަލެއްނުވީސް. އަހަރެންނަށް ހައިކް ހުރިކަމެއް ނުވެސް އެނގުނީސް. ރާހިން ޚާއްޞަވަނީ އެހެންވެ. އިޒިކް އެހީމެންނު އަހަރެން ދިޔައީ ކޮންތާކައްތޯ. އަހަރެން ދިޔައީ މަރުވާން. މި ފަސްގަނޑާ ވެސް ދުރަށް." މާޔާ ބުންޏެވެ.

"ވަޓް." އިޒީކިއަލް ލިބުނީ ނުހަނު ބޮޑު ސިހުމެކެވެ. މާޔާގެ ހާލު އެހިސާބަށް ހިނގައިދާނޭ އޭނާ ހިތަށް ވެސް ނާރަ އެވެ.

"ކީއްވެ؟." އިޒީކިއަލްއަށް ބުނެވުނެވެ. މާޔާއާ ދިމާއަށް އެނބުރި އޭނާގެ ދެކޮނޑުގައި އިޒީކިއަލްއަށް ހިފަހައްޓާލެވުނެވެ.

"ލޯބިވެވުނީ... ދަރިފުޅު ގެއްލި އިޒިކް ވެސް ގެއްލުނީ. އަހަރެން ހުރީ އިޒިކްއާ ހެދި މޮޔަވެފައި. އިޒިކް އަހަރެންނާ ދުރުކަމެއް ގެންގުޅެނީ ކީއްވެބާއޭ ހިތަށް އަރާ. ނިއު ޔޯކްގައި ހުރިއިރު އަހަރެންނަށް އެނގުނު އިޒިކްގެ ހަޔާތުގައި އެހެން އަންހެނަކު އެބަހުރިކަން. އެކަމާ ހިތްކުދިކުދިވެފައި ވަނިކޮށް ދަރިފުޅު ގެއްލުނީ. އަހަރެން އޯކޭ ވާނީ ކިހިނެއް؟." މާޔާއަށް ބުނެވުނެވެ.

"އެހާ ލޯބިވޭތަ؟." އިޒީކިއަލްއަށް އަހާލެވުނެވެ.

"ނޭނގޭތަ؟. ލޯބިނުވާނަމަ އަހަރެން އިޒިކްއާއެކު ކައިވެނީގެ ބޭރުން ގުޅުމެއް ނުބާއްވާނަން. ކިތައް ފަހަރު އިޒިކް އަހަރެންގެ ބޭނުންކުރީ." މާޔާ ބުންޏެވެ. ކުއްލިއަކަށް އިޒީކިއަލްގެ މޭގައި މާޔާ ގެނެސް ފޮރުވާލި އެވެ.

"އައި އޭމް ސޮރީ... ހުރިހާކަމަށް ސޮރީ." މާޔާގެ ގައިގާ ބާރަށް ބައްދާލަމުން އިޒީކިއަލް ބުންޏެވެ. މާޔާގެ ވާހަކަތަކުން އޭނާގެ ހިތުގައި ރިއްސާލި ފަދަ އެވެ. މާޔާއާ މެދު އޭނާގެ ޢަމަލުތައް ހައްދުފަހަނަ އަޅާފައިވީތީ މިއަދު އެކަމާ ދެރަވެ އެވެ. އޭނާއަށް އަމިއްލަ ކުށް އިޙްސާސް ކުރެވުނުތާ ދުވަސްތަކެއް ވެއްޖެ އެވެ.

"އިޒިކް އަހަރެންދެކެ ލޯބިވޭތަ؟. މިފަހަރު އަހަރެންނަށް ނޭނގޭކަމެއް އަނެއްކާ އެބައޮތްތަ؟." މާޔާ އަހާލި އެވެ.

"ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ... ދުވަހަކުވެސް އެހެން މީހަކަށް މިޔާ ލިބޭން ނޭދޭވަރަށް ލޯބިވޭ. ތީ އަހަރެންގެ ހައްޤެއް... ހަމައެކަނި އަހަރެންގެ މިލްކެއް." އިޒީކިއަލް މިހެންބުނެ މާޔާގެ މޫނުގައި ދެ އަތުން ހިފައި ގާތްކޮށްލައިފި އެވެ. ނުވިސްނާ އިން މާޔާއަށް ލިބުނީ ސިހުމެކެވެ. އިޒީކިއަލްގެ ހޫނު ނޭވާއާ އޭނާގެ ނޭވާ ގުޅިލާމެހުނީ އެވެ.

* * * * *

ދެ ދުވަސް ފާއިތުވެގެން ދިޔައީ ނުހަނު އަވަހާއެވެ. އިޒީކިއަލްއާއި މާޔާ ދެމަފިރިންގެ ގޮތުގައި އިޒީކިއަލްގެ ޢާއިލާގެ ގާތަށް އެނބުރި އަތުވެއްޖެ އެވެ. ހައިކްއަށް ޗުއްޓީ ލިބުމުން އެކުއްޖާއާއި މާޔާ ގޮވައިގެން ދަތުރެއް ދާނަން ކަމަށް އިޒީކިއަލް ވަނީ ވަޢުދުވެފަ އެވެ. އެއީ އޭނާ މާޔާ ގޮވައިގެން ދެމީހުން އެކަނި ހޭދަކުރި ދެ ދުވަހުގެ ބަދަލެވެ.

ޢާއިލާގެ ތެރޭ މާޔާ ބީރައްޓެހިވެފައި އިންނާނޭ ފުރުޞަތެއް ސަރީކާ ނުދިނެވެ. އާސިފް ވެސް ހަމަ އެފަދަ އެވެ. ގޭތެރޭގައި ކުރާން ހުންނަ ގިނަ މަސައްކަތްތައް ކުރުމަށް ޓަކައި ގޭގައި މަސައްކަތު މީހުން އުޅެ އެވެ. އެހެންނަމަވެސް ސަރީކާ ބަދިގެއަށް ވަންނާތީ ފެނި އޭނާގެ ފަހަތުން މާޔާ ވެސް އާދެ އެވެ. މައިދައިތައަކަށްވިޔަސް މާޔާއަށް ސަރީކާގެ ފަރާތުން މަންމައެއްގެ އޯގާތެރިކަން އިޙްސާސް ކުރެވެ އެވެ. މާޔާއަށް އެ ގޭގެ އުސޫލުތަކާއި އެންމެންގެ ޠަބީޢަތް ނަގައިގަންނަން އުނދަގުލެއްނުވި އެވެ.

އިޒީކިއަލްއާއި މާޔާ މާލެ އައުމާއެކު މާޔާގެ ގެއިން ޖާހިދާ ނުކުމެއްޖެ ކަމުގެ ޚަބަރު އަރްޙަމް ދިނެވެ. އަދި މާޔާގެ ބައްޕަގެ ކުންފުނީގެ މައްސަލަ ބަލަން ފެށިކަމާއި އެކަން ކުރިޔަށް ދާގޮތުގެ ތަފްޞީލު ވެސް އޭނާ އެ ދެމަފިރިންނަށް ކިޔާދިނެވެ. ކުރިޔަށް ކަންކަން ކުރަންވީ ކިހިނެއްކަމުގެ ލަފާ އަރްޙަމް އެރުވި އެވެ. ވީ އެންމެ އަވަހަކަށް މައްސަލަ ނިންމަން އޭނާ މަސައްކަތް ކުރާނޭކަމުގެ ޔަޤީންކަން ދިނެވެ. އޭނާގެ ބަހަށް އިޒީކިއަލް ފުރިހަމައަށް އިތުބާރު ކުރެ އެވެ.

"ބައްޕަގެ ކުންފުނި ލިބުނީމާ މިޔާ ކިހިނެއް ގަސްދުކުރަނީ." އަރްޙަމް އެނބުރި ދިއުމުން އިޒީކިއަލް އަހާލީ މާޔާގެ ގާތުންނެވެ.

"އެތަނާ ހަވާލުވާން ހުންނާނީ އަހަރެން. އެކަމަކު އަހަރެންނަށް އެކަން ކުރެވޭނެބާއޭ ހިތަށް އަރަނީ. އަހަރެންގެ އެކަހަލަ ތަޖުރިބާއެއް ވެސް ނެތް. ބައްޕަގެ ވިޔަފާރިއަކީ ކުޑަ ވިޔަފާރިއެއްނޫން. އަހަރެން ވަޒީފާއަކަށް ނުކުތްތާ އަދި ގިނަ ދުވަހެއް ނުވޭ. ތަނެއް ހިންގާނޭ ގޮތުގެ އައިޑިއާއެއް ވެސް ނެތް." މާޔާ ތެދު ހާމަކުރި އެވެ.

"އަހަރެން މިހުރީނު... އަހަރެން ކިޔައިދޭނަން. އަނެއްކާ ކާފަ ވެސް އެ ހުރީ. މާޔާ ކަމަކާ މަޝްވަރާކޮށްލަން ބޭނުންވިޔަސް ކާފަ ކިޔައިދޭނެ. ވިޔަފާރީގެ އުކުޅުތައް ކާފައަށް އެނގޭނެ." އިޒީކިއަލް ބުންޏެވެ.

"ކިހިނެއްވާނެ ދެ ކުންފުނި އެއްކޮށްލަން. އިޒިކްގެ ވިޔަފާރި ވެސް ފުޅާވާނެ." މާޔާ ބުންޏެވެ.

"ނޫން. އެހެން ހަދާކަށް އަހަރެންނަށް އަދި ނުފެނޭ. މިޔާގެ ބައްޕަގެ ބުރަ މަސައްކަތް އެއީ. އަހަރެން ބޭނުމީ މިޔާ ވިޔަފާރީގެ ދުނިޔެއަށް ނެރެން. ކާމިޔާބު ވިޔަފާރިވެރިއަކަށް މިޔާ ވާން. އިންޑިޕެންޑެންޓް މީހަކަށްވުން. މިޔާއަށް ލިބޭ ކޮންމެ ކުރިއެރުމަކީ އަހަރެން އެކަމާ އުފާވާނޭ ކަމެއް. ފުރުޞަތު ލިބިފައި އޮއްވާ އެއްވެސް ފުރުޞަތެއް ނަގާލާކަށް ނުވާނެ." އިޒީކިއަލް ބުންޏެވެ. ފިރިމީހާގެ ތަނަވަސް ވިސްނުން އިވިފައި މާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.

"ކުންފުނި ބަނގުރޫޓުކޮށްނުލާ ދޮންތަ އެތަން ދޫކޮށްލަފާނޭހެން ހިޔެއްނުވޭ." ވިސްނަން އިނދެފައި މާޔާ ބުންޏެވެ.

"އެހެންވިޔަ އަރްޙަމް ނުދޭނެ. އާމިލްއަށް ޖެހޭނީ އޭނާ ކުރި ކަންތަކަށް އެއްބަސް ވެސް ވާން. އެކަމާ މިޔާ މާބޮޑަށް ނުވިސްނާ. އަރޭއަށް އިތުބާރު ކުރޭ." އިޒީކިއަލް މިހެން ބުނުމުން މާޔާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލި އެވެ.

* * * * *

ހަފްތާއެއް ފަހެވެ. އެނދުގައި ނިދިފައި ތިބި އިޒީކިއަލްއާއި މިޔާ ހޭލެއްވީ ދެ މީހުންގެ ރިންގުވަމުން ދިޔަ ފޯނެވެ. އެއްފަހަރާ ކަހަލަ ގޮތަކަށް ދެ މީހުން ފޯނު ނަގައި ހެލޯ އޭ ބުނެލި އެވެ. އެ ފޯނުކޯލާއެކު ދެ މީހުންނަށް އެކަކުއަނެކަކަށް ބަލާލެވުނީ އެއްފަހަރާ އެވެ.

(ނުނިމޭ)