(10 ޑިސެމްބަރ 2024 އާ ގުޅޭ)
ސޯފާއިން ޖާހިދާ ތެދުވީ އަޖުލާގެ އަޑަށެވެ. އޭނާއަށް މައިގެއިން ނުކުމެވުނު އިރު ގޭޓުން އެތެރެއަށް ވަދެގެން އަންނަ މާޔާ ފެނިއްޖެ އެވެ. މާޔާއާއެކު އަރްހަމާއި އިޒީކިއަލް ހުއްޓެވެ. ގޯތީގެ އެކި ދިމާއަށް މާޔާގެ ނަޒަރު ދަތުރުކުރަމުން ދިޔަ އެވެ. ޖާހިދާ ނުކުމެ ގޯތިތެރޭގައި އެމީހުންނާ ކުރިމަތިވާނޭހެން ދެ އަތް އުރާލައިގެން ހުއްޓިއްޖެ އެވެ. އޭނާ އައިސްފައި ހުރި ރުޅިއާއި މާޔާއަށް ކުރާ ނަފުރަތު އެ މޫނުމަތިން ފޮރުވާކަށް ވެސް މަސައްކަތެއް ނުކެރެ އެވެ. ދެލޯ އަޅައިގެން މާޔާއަށް ބަލަން ހުރީ އެވެ. އޭނާގެ ތަންކޮޅެއް ފަހަތުގައި އެއްފަރާތެއްގައި އަޖުލާ މަޑުކޮށްލައިގެން ހުއްޓެވެ.
ޖާހިދާއާ ފުރަތަމަ ވާހަކަދެއްކީ އަރްޙަމެވެ. ކޯޓުން ނިންމީ ޖާހިދާއަށް މަޒީދުގެ ގެއިން އެއްވެސް ބައެއް ނުލިބޭނެކަމެވެ. މަޒީދު ނެތް ދުނިޔޭގައި އެ ގޭގެ ހައްޤުވެރި ފަރާތަކީ މަޒީދުގެ ދަރިފުޅުކަމެވެ. އަދި ހަޤީޤަތެއްނުވާ ލިޔުން ހުށަހެޅީތީ ބޮޑު އަދަދަކުން ޖާހިދާ ޖޫރިމަނާ ކުރި އެވެ.
"ދޮންތައާމެދު ބައްޕަ ކަންތައްކުރި ގޮތް ހަނދާންނެތުނީތަ؟." އަރްޙަމާ ދިމާއަށް ޖާހިދާ ހަޅޭލަވައިގަތުމުން މާޔާ ވާހަކަދެއްކި އެވެ.
"ބަދަލުގައި އަހަރެން ކަމެއްނުކޮށްތަ އުޅުނީ." ރައްދުދޭން ޖާހިދާ އަވަސްވި އެވެ.
"ބަދަލަކީ މީހަކު މަރާލުންތަ؟. ބައްޕަ މަރުވީ ކީއްވެކަން އެނގިއްޖެޔޭ. ދޮންތަ އިހަށް ވިސްނާލަބަލަ ތިމާ މީހާއަށް އަރައިގަނެވުނު ބޮޑު ކުށާމެދު. ތިމާ ހާލުގައި ޖެހުނު ދުވަހު އެހީތެރިވެދީން އަމިއްލަ ކޮއްކޮގެ ފުރާނައާ ކުޅެލިއިރު ހިތަކަށް އެއްޗެއް ނާރާތަ؟. ބިރެއް ވެސް ނުގަތްތަ؟. ހަލާލުނޫން އެއްޗަކުން ތިމާއަށް ފައިދާއެއް ކުރާނެތަ؟. ކޮންކަމަކާ ދޮންތަ ތިހާ ރުޅިއެއް ތި އަންނަނީ؟. ބައްޕަ ނެތް ދުނިޔެއްގައި ވެސް އަހަރެން ދުށީ ތީ އަހަރެންގެ ޢާއިލާކަމުގައި. ބައްޕައަށްފަހު ދެން އަހަރެންގެ ހުރިހާ ވެސް މީހަކީ ދޮންތައޭ. އެއްފަހަރު ވެސް މިގެއިން ދޮންތަ ނެރިލުމުގެ ވިސްނުމެއް އަހަރެންގެ ނެތް. އެކަމަކު އެއީ ކުރީން... މިހާރު އަހަރެންގެ ވިސްނުން ބަދަލުވެއްޖެ. އަހަރެންގެ މިހާރުނެތް ޢާއިލާއެއް. އަހަރެންނަށް ހެޔޮ އެދޭނެ މީހެއްނޫން ތީ." މާޔާ ހިތްހަމަނުޖެހި ހުރެ ވެސް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކު އެވެ.
ގެއިން ނުކުތުމަށް ޖާހިދާއަށް ދިނީ އެންމެ ތިން ދުވަހުގެ މުހުލަތެވެ. ގޭގައި ހުރި މުދަލުން އެއްވެސް އެއްޗެއް ގެންދިއުމުގެ ހުއްދައެއް ނެތެވެ. އަދި ކުއްޔަށް ދޫކޮށްފައި ހުރި ބައިން ލިބޭ ފައިސާ ވެސް ދެން އޭނާއަށް ނުލިބޭނެ އެވެ. އެއީ ގޭގެ ވެރިފަރާތުގެ ހުއްދައެއްނެތި ޖާހިދާ ކޮށްފައި އޮތްކަމެއްވީމަ އެވެ. އިތުރަށް އޭނާއަށް އެ ގޭގެ މައްޗަށް ހިންގޭނެ ނުފޫޒެއްނެތެވެ. މިއަދު އަޖުލާއަކަށް ވެސް މާޔާއާ ދިމާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
މާޔާއާއެކު އަރްޙަމާއި އިޒީކިއަލް އެ ގޭގެ ހުރިހާ ދިމާއެއް ބެލި އެވެ. ތަނަށް އައިސްފައި ހުރި ބަދަލުތަކާއި ތަންހުރި ފެންވަރު އެމީހުން ބެލީ ތަނަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ ގަސްދުގަ އެވެ. އެމީހުން ބުނަންވީ އެއްޗެއް ބުނެ އަދި ކުރަން އައިކަމެއް ކޮށްފައި އެނބުރި އެގެއިން ނުކުތީ އެވެ. ތިންވަނައަށް ވާ ދުވަހު އަންނާނެކަން ހަނދާންކޮށްދީފަ އެވެ.
"ކުންފުނީގެ ކަންތައް ބަލާނީ ކޮންއިރަކުން." އިޒީކިއަލްގެ ކާރުގައި އޭނާއާއި އަރްޙަމާއެކު އިނދެ މާޔާ އަހާލި އެވެ.
"ދެން އޮތީ އެކަން. ކޯޓަށް މައްސަލަ ވައްދާފައި އޮންނާނީ. އެކަމަކު ހީވަނީ ތި މީހުންގެ ކައިވެނީގެ ފަހުންހެން މައްސަލަ ބަލަން ފެށޭވަރު ވާނީ. ޑޯންޓް ވޮރީ. ކުންފުނި ވެސް ލިބޭނެ." އަރްޙަމް ބުންޏެވެ. އޭނާއަށް ޔަޤީންނުވާނަމަ އެހެން ނުބުނާނެކަން އިޒީކިއަލްއަށް އެނގެ އެވެ.
* * * * *
ހުކުރުވިލޭރެ އެވެ. ކުރުނބާ އައިލެންޑް ރިސޯޓް އޮތީ ކުލަބޮކިތަކުން ހުޅުދާންވެފަ އެވެ. ޙަފުލާތައް ބާއްވާ އެންމެ ބޮޑު މާލަން އޮތީ އިޒީކިއަލްއާއި މާޔާގެ ކައިވެންޏަށް އެންމެ ފުރިހަމައަށް ޒީނަތްތެރި ކުރެވިފަ އެވެ. އޭގެ އިތުރުން އަތިރިމަތީގައި މިއުޒިކު ޝޯއެއް ކުރިޔަށް ދިޔަ އެވެ. އާސިފްއަކީ މުޅި ރާއްޖެ ދަންނަ މޫނެކެވެ. ރިސޯޓުގެ ވެރިޔާގެ ފަރާތުން އާސިފަށް ދިން ހަދިޔާއެއްކަމުގައި އެތަނުގައި ބޭއްވޭ ކައިވެނީގެ ޙަފުލާ ވެއެވެ. ސަރުކާރުގެ މަތީ މަޤާމްތަކުގެ ވެރީންގެ އިތުރުން ވިޔަފާރީގެ ދުނިޔޭގައި މަޤުބޫލް އެތައް ބައެއް އެ ޙަފުލާގައި ބައިވެރިވުމަށް ވަނީ އައިސްފަ އެވެ.
ބޮޑު ހޯލުގައި މޭޒުތައް އަތުރާފައިވަނީ މެހެމާނުންނަށް ފަސޭހަކަމާއެކު ތިބެވޭނޭ ގޮތަށެވެ. އަދި ކައިވެނި ކުރެވޭ ދެބައިވެރީން އެމީހުންގެ މަޤާމުގައި ތިބޭއިރު ފެންނާނޭ ފަދަ ގޮތަކަށެވެ. ނުހަނު ފުރިހަމަ ތައްޔާރުކޮށްފައިވާ ތިރި ސްޓޭޖު އެވަގުތު ހުރީ ހުސްކޮށެވެ. އެހެންނަމަވެސް އެތަނާ އެންމެ ކައިރީ ހުރި މޭޒުގެ ދޮށުގައި ޢާއިލާއާއި ގާތް މީހުން އެއްވެފައި ތިއްބެވެ.
މާޔާ އިސްއުފުލައި ބަލާލި އެވެ. ވިހަން ތައްޔާރުވެފައިވާ ބޮޑު ބަނޑާއެކު ފައިނާނު ނުހަނު ގާތުން ފެންނަން ހުއްޓެވެ. މާޔާއާ ނަޒަރު ސީދާވެލި ހިނދު ފައިނާނު ބަދަލުކޮށްލީ އުފާވެރިކަމުގެ ފުޅާ ހިނިތުންވުމެކެވެ. މާޔާގެ ނަޒަރުގައި ފައިނާނުގެ ވައަތް ފަރާތުން ތަންކޮޅެއް ފަހަތުގައި ހުރި ރާހިން އަޅައިގަތެވެ. އޭނާ ލޯ މަރާލަމުން ލުއި ހިނިތުންވުމަކާއެކު ބޯޖަހާލި އެވެ. ހުރިހާކަމެއް ވެސް ރަނގަޅުވާނޭ ރާހިންގެ އެ ހަރަކާތުން ބުނެދިން ފަދަ އެވެ. މާޔާ ހިނިތުންވެލި އެވެ. އޭނާ ގުޅާލުމާއެކު ކައިވެނީގެ ޙަފުލާގައި ބައިވެރިވުމަށް ރާހިން ދެކޮޅެއް ނުހެދި އެވެ. އެ ހިތުގެ ސާފުކަމަށް މާޔާ އަބަދުވެސް ޝުކުރުވެރިވާނެ އެވެ. ދެން ޙަފުލާގައި މާޔާގެ ގާތް އެކަކުވެސް ނެތެވެ. އިޒީކިއަލްގެ ޢާއިލާއާ އެންމެ ގާތްކޮށް އުޅޭތަން ފެންނަނީ ޒާހިލްގެ ޢާއިލާ އެވެ. އެމީހުންގެ ކައިވެނީގެ ޙަފުލާގައި މާޔާ ބައިވެރިވީތީ އެ ޢާއިލާ އޭނާއަށް އެނގެ އެވެ.
"އިޓްސް ޓައިމް." މާޔާގެ ވައަތް ފަރާތުން މޭޒުދޮށުގައި އިން އިޒީކިއަލް މަޑުމަޑުން ބުނެލި އެވެ. އެހިނދު ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެލި އެވެ.
ގާޟީ ކައިވެނި ކޮށްދޭން ފެށި އެވެ. ހޯލުތެރެއަށް ވަގުތުން ހިމޭންކަން ވެރިވެއްޖެ އެވެ. އަމިއްލަ ފޯނުތަކުން ކައިވެނިކޮށްދޭ ވަގުތު ފޮޓޯ ނެގުން އޮތީ މަނާކޮށްފަ އެވެ. އެކަމަށް ޚާއްޞަ މީހުން ފޮޓޯނެގުމާއި ވީޑިއޯ ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.
މާޔާގެ ޚިޔާލުތައް މާޒީގެ ސަފްޙާ އުކަންފެށި އެވެ. އޭނާ އިޒީކިއަލްއާ ފުރަތަމަ ކައިވެނި ކުރިއިރުގެ ހަނދާންތަކެވެ. ހުދުކުލައިގެ އެހާމެ ފުރިހަމަ ކައިވެނި ހެދުމެއްގައި ބޮޑު ވަލީމާއެއް ބޭއްވުމުގެ ހުވަފެން އޭނާ އޭރު ދުށް ނަމަވެސް ހުރިހާކަމެއް ނިމިގެން ދިޔައީ މާޔާގެ އެއްވެސް އެދުމެއް ފުރިހަމަނުވެ އެވެ. މިއަދު ދެވަނަ ފަހަރަށް އިޒީކިއަލްއާ އޭނާ ކައިވެނި ކުރާއިރު ބޭނުންވީ ޢާއިލާގެ މެދުގައި ބޭއްވޭ ކުޑަ ވަލީމާއާއެކު ޙަފުލާ ނިންމާލާށެވެ. އެހެންނަމަވެސް އޭނާއަށް މަންމައަކާއި ކާފައެއްގެ އުންމީދުތައް ގެއްލުވާލަން ނުކެރުނީ އެވެ.
"އަނބި ޤަބޫލުކޮށްފިން." އިޒީކިއަލް ބުންޏެވެ.
ޚިޔާލުތަކުގެ ތެރެއިން ނުކުމެއް މާޔާ އިސްއުފުލައި އިޒީކިއަލްއަށް ބަލާލި އެވެ. އެ ދުލުން އެ ލަފުޒުތައް ބޭރުވީ ދެވަނަ ފަހަރަށް ވިޔަސް އެ އަޑު އަހަން އިން މާޔާގެ ހިތުގެ ވިންދު އަވަސްވެލީ ފުރަތަމަ ފަހަރަށް އެ ބަސްތައް އިވިލި ފަދައަކުންނެވެ. އިޒީކިއަލްގެ މޫނުން ވެސް އޭނާ ހިސާބަކަށް ޖެހިލުންވެފައި އިންކަން ފާޅުވެ އެވެ. އެތައް ލޯތަކެއް އޭނާއަށް އަމާޒުވެފައި ހުރީމާ ކަމަށް މާޔާ ޤަބޫލުކުރި އެވެ.
އެންމެން ތަހުނިޔާ ކިޔާ އަޑު ގަދަވި އެވެ. މޭޒު ދޮށުން އިޒީކިއަލްއާއި މާޔާ ތެދުވެ އެ މީހުންނަށް ޚާއްޞަ ކުރެވިފައި ހުރި ސްޓޭޖާ ދިމާއަށް އައެވެ. ސަރީކާގެ އަތުގައި ހިފަހައްޓާލައިގެން ކުޑަކުޑަ ހައިކް ހުއްޓެވެ. އެ ކުއްޖާގެ މޫނުމަތީގައިވާ ހިނިތުންވުން ފަނޑުނުވެ އެވެ. އެ ކުޑަ ސިކުނޑިއަށް ވިސްނިފައި އޮތީ އެ ޙަފުލާއަކީ އޭނާގެ މަންމަ ގެއަށް ގެންނަން ބޭއްވޭ ޙަފުލާއެއް ކަމެވެ. ދެން އަބަދުވެސް މަންމަ ހުންނާނީ ކައިރީގައިކަން އެނގޭތީ ހައިކްއަށް ލިބިފައިވަނީ ތަފާތު އުފަލެކެވެ. އިރުއިރުކޮޅާ މަންމަ ހުރިލެއް ރީތިކަމުން އެ ރީތިކަމަށް އެ ތުއްތު ބަހުރުވަމުން ތަޢުރީފުކޮށް ސަރީކާގެ ގާތުގައި ބުނެ އެވެ. އެތައް އަހަރުތަކަކަށްފަހު ޢާއިލާގެ މަސްލަހަތު ރަނގަޅުވެއްޖެކަން މިއަދު ފެންނަ މަންޒަރުން ސަރީކާއާއި އާސިފަށް ވެސް ޔަޤީންވެ އެވެ.
ރޭގަނޑު ދިހަގަޑި ބައިވަންދެން ޙަފުލާ ކުރިޔަށްދިޔަ އެވެ. އެރޭ އިޒީކިއަލްއާއި ޒާހިލްގެ ޢާއިލާ މަޑުކުރީ ރިސޯޓުގަ އެވެ. މާޔާއާއެކު އިޒީކިއަލް ވެސް އައީ ރާހިންއާ ބައްދަލުކުރާށެވެ. އޭރު ހޯލުގެ ބޭރުގައި ރާހިން މަޑުކޮށްލައިގެން ހުއްޓެވެ.
"ތެންކިޔު." ރާހިން ފެނުމުން އިޒީކިއަލް ސަލާމަށް އަތްދިއްކޮށްލައި ބުންޏެވެ.
"މާޔާގެ ހިތުގައި ނުޖައްސާނެކަމަށް ހީކުރަން." އިޒީކިއަލްގެ އަތުގައި ސަލާމަށް ހިފާލަމުން ރާހިން ބުންޏެވެ.
"ދެން އިރާދަކުރެއްވިއްޔާ އެކަހަލަ ކަމެއްނުވާނެ." އިޒީކިއަލް ބުންޏެވެ. އޭނާ މާޔާއަށް ޓަކައި ރާހިންއާ ދެކޮޅުވެރިކަމެއް ބާއްވަން ބޭނުންނުވާކަން ބުންޏެވެ. އިޒީކިއަލްގެ މި އިސްނެގުމާއެކު މާޔާ ނުހަނު އުފާވި އެވެ.
ރާހިން ގޮވައިގެން މާޔާ އައީ ފައިނާނުގެ ގާތަށެވެ. އޭގެ ދެ މީހުން އެކަކުއަނެކަކަށް ތަޢާރަފްކޮށްދިނެވެ. މާޔާގެ އެންމެ ގާތް ދެ މީހުންކަމާއި އަދި ޢާއިލާއަކީ ވެސް އެ ދެ މީހުންކަން އެކަކުއަނެކަކަށް އޮޅުންފިލުވައިދިނެވެ. ދެ މީހުންނަށް އެކަކުއަނެކެއްގެ ނަން މާޔާގެ ފުށުން އަޑުއިވިފައިވެ އެވެ. ބައްދަލުވީ އަދިކިރިޔާ އެވެ.
އިޒީކިއަލް ކައިރީ ބުނެލާފައި ރާހިންއާއެކު މާޔާ އެންމެންނާ ދުރުގައި އައިސް މަޑުކޮށްލި އެވެ. އަދި ރާހިން ކައިރީ ދެން އެނބުރި ދާނީތޯ މާޔާ އަހާލި އެވެ.
"އާން. މިކޮޅަށް އައި ބޭނުން ފުދުނީނު." ރާހިން ބުންޏެވެ.
"ދެން އެހާ އަވަހަކަށް ނާންނާނަންތަ؟." މާޔާ އަހާލި އެވެ.
"ހަތަރު ވަރަކަށް މަސް ފަހުން މިކޮޅު އޮފީހަށް ޖައްސާލާނަން. މާޔާ... އަހަރެން ކައިވެނި ކުރަން މިއުޅެނީ." މަޑުޖެހުމަކާއެކު ރާހިން ބުންޏެވެ. މާޔާއަށް ލިބުނީ ސިހުމެކެވެ.
"ކޮންއިރަކުން؟." މާޔާއަށް އަހާލެވުނެވެ.
"އަންނަ މަހު. ސަލީންއާ އިންނަނީ." ރާހިން ބުންޏެވެ.
"ރާހިން ޤަބޫލުވެގެންތަ؟." މާޔާއަށް އަހާލެވުނެވެ.
"ހޫމް. އަހަރެން ވެސް މީހަކާ އިންނަން ބޭނުންވީ. ދިރިއުޅުމައިގެން ކުރިޔަށް ދިއުމެއްނު އޮތީ... ސަލީންއަކީ ރަނގަޅު ކުއްޖެއް. މަންމަމެން ޤަބޫލުކުއްޖެ. އަހަރެންނާ ސަލީންގެ ގުޅުން ވެސް ރަނގަޅު. އަހަރެން ބުނީ ސަލީންއާ އިންނަން ބޭނުންވާކަން." ރާހިން ބުންޏެވެ. އެހެންނަމަވެސް މާޔާގެ ހިތަށް އުނދަގޫވި އެވެ. ރާހިންގެ އެ ވާހަކަތަކުން އޭނާއާއި ސަލީންއާ ދެމެދު ލޯބި އުފެދިފައި ނެތްކަން އެނގޭތީ އެވެ. ސަލީންއަކީ ރާހިންގެ މަންމަގެ ހޮވުމެއްކަން ވެސް މާޔާއަށް އެނގެ އެވެ.
"އަހަރެންގެ ވެޑިންނަށް މާޔާ އަންނަންވާނެ. ދަޢުވަތު ފޮނުވާނަން." އެއްޗެކޭ ބުނަން ނޭނގިފައި މާޔާ ހުއްޓާ ރާހިން ވާހަކަދެއްކި އެވެ.
"ޔަޤީން ދާނަންކަން." މާޔާ ނިކަން އަވަހަށް ބުނެލި އެވެ.
"ދެން ދަނީ. އެންމެ ފަހު ގުރޫޕު އެ ނައްޓާލަނީ. މާޔާ އުފަލުގައި ހުރުން އަހަރެން އަބަދުވެސް އެދެނީ... ދަނީ އިނގޭ." މާޔާއާ ސަލާމްކޮށްލަން ރާހިން އަތްދިއްކޮށްލި އެވެ.
"އަހަރެންނަށް ޚަބަރުވައްޗޭ." ސަލާމްކޮށްލަމުން މާޔާ ބުންޏެވެ. ބޯޖަހާލާފައި ރާހިން ހިނގައިގަތީ ޖެޓީއާ ދިމާއަށް ދިއުމަށެވެ. އިރުކޮޅަކު މަޑުކޮށްލާފައި މާޔާ އެނބުރި އިޒީކިއަލްގެ ގާތަށް އައެވެ.
"ރޫމަށް ދާން އެންމެން އެ އުޅެނީ" މާޔާގެ އަތުގައި ހިފާލަމުން އިޒީކިއަލް ބުންޏެވެ. ހައިކް އައިސް މާޔާގެ ގައިގާ ބައްދާލީ އެވަގުތެވެ.
(ނުނިމޭ)