ވާހަކަ

މިލްކުވާނެބާ

(19 ނޮވެމްބަރ 2024 އާ ގުޅޭ)

"އަޅުގަނޑަށް ވަރަށް ކަމުދޭ މިޔާ. އަޅުގަނޑު މިޔާއާ ވެސް ވާހަކަދެއްކިން. އޭނާ އެއްބަސްވީމާ އަޅުގަނޑު ކާފަ ގާތަށް މި ވާހަކަ ހިފައިގެން މިއައީ. ޢާއިލާއިން ނިންމާގޮތެއް ބުނާނަންކަން އަޅުގަނޑު މިޔާ ކައިރީ ބުނިން." އިޒީކިއަލް ބުންޏެވެ.

"އެހެންވީރު ގެންނަންވީނު މިގެއަށް. އިޒީކިއަލްގެ މަންމަ ކައިރީ އަހައިގެން ދުވަހެއް ހަމަޖައްސާ. ކާފަ މިހުރީ ތިބުނާ ކުއްޖާއާ ބައްދަލުކުރާން ތައްޔާރަށް." އާސިފް ބުންޏެވެ.

ލިބުނު އުފަލެއްގެ ސަބަބުން އިޒީކިއަލްއަށް އާސިފްގެ ގައިގާ ބައްދާލެވުނެވެ. އާސިފަށް ވެސް ލިބުނީ ސިހުމެކެވެ. ކުޑަކުޑައިރު ދުވަމުން އައިސް އާސިފްގެ އުނގަށް ވަދެ އުޅުނު އިޒީކިއަލް ޒުވާނަކަށްވުމުން މުޅީން ބަދަލުވީ އެވެ. ޢާއިލާއާ އޮތް ގާތްކަން ވެސް ދުރުވެގެން ދިޔައީ އެވެ. އެހެންނަމަވެސް މިއަދު އެތައް އަހަރަކަށް ފަހު އަނެއްކާ ވެސް އާސިފަށް އެއީ އޭނާގެ ކާފަ ދަރިފުޅުކަމުގެ އިޙްސާސް އިޒީކިއަލްގެ އެ ޢަމަލުން ކުރެވިއްޖެ އެވެ. އިޒީކިއަލްއަށް ހެޔޮ ބަދަލެއް އަތުވެއްޖެކަން އާސިފަށް ޤަބޫލުކުރެވުނެވެ.

ސަރިކާގެ ގާތަށް ހަލުވި ފިޔަވަޅުގައި އައި އިޒީކިއަލް ފެނުނުއިރު އެ ދަރިފުޅުގެ މޫނުމަތީގައިވި ހިނިތުންވުން ހުރިހާ ވާހަކައެއް މާކުރީން ބުނެދީފި އެވެ. އެ ހިނިތުންވުން ފެނި ސަރީކާގެ ހިތަށް ފިނިކަމެއް ލިބިގެންދިޔަ އެވެ.

"ކާފަ ޤަބޫލުވެއްޖެ. މަންމަ ބުނޭ މިޔާ ގެންނަންވީ ދުވަހެއް." ސަރީކާގެ ގާތުގައި ސޯފާގައި އިށީން ގޮތަށް އިޒީކިއަލް ވާހަކަދެއްކި އެވެ. ސަރީކާއަށް ހީނލެވުނެވެ. އިޒީކިއަލްގެ ކެތްތެރިކަމެއް ނެތްވަރު ފެނި އެވެ.

"ކިހިނެއްވީ މަންމާ." ސަރީކާގެ ހިނިއައީތީ އިޒީކިއަލްއަށް އަހާލެވުނެވެ.

"ކަމެއްނުވޭ. އިޒީކިއަލް ބުނެބަލަ އެ މަންޖެއަށް ފަސޭހަވާނެ ދުވަހަކާއި ގަޑިއެއް." ހިނިއައިސްފައި އިނދެ ސަރީކާ ބުންޏެވެ.

"ހައިކް ހުންނަ ވަގުތެއްގައި ގެނެސްގެން މަންމައަށް މިޔާއާ ބޭނުން ވާހަކައެއް ދެއްކޭނެތަ." އިޒީކިއަލް އަހާލި އެވެ.

"މަންމައަށް އެންމެ ރަނގަޅު. ސުވާލުތަކެއް ނުކުރިޔަސް އަޚްލާޤު ރަނގަޅު ކުއްޖެއްކަން ބުނަން އެނގޭނެ ފެނިލީމާ ވެސް. އިޒީކިއަލް އެކަމާ ނުވިސްނާ." ސަރީކާ ޤަބޫލުކުރާ ގޮތް ބުންޏެވެ.

"އެހެންވީރު މާދަމާ އިރުއޮއްސޭކަން ހާއިރު ކިހިނެއްވާނެ. އަޅުގަނޑު އޮފީހުން އަންނަމުން މިޔާ ގޮވައިގެން އަންނާނީ. ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން މިޔާ ކައިރީ މަންމަ ބުނައްޗޭ. އެހެންނޫނީ މާ އަވަހަށް އޭނާ ދާން އުޅެދާނެ. މިޔާ ވަރަށް އަވަހަށް ލަދުގަންނާނެ. ވަރަށް މަޑުމަޑުން ހުންނާނީ. މަންމަ މިޔާއާ ވާހަކަދައްކައްޗޭ. އޭނާއަކަށް ނުކެރޭނެ އަމިއްލައަށް ވާހަކަދައްކާކަށް." އިޒީކިއަލްގެ ދުލުން މިޔާ ސިފަކޮށްދޭ އަޑު އަހަން ސަރީކާ އިނީ އެއްވަރަކަށް ހިނިއައިސްފަ އެވެ. ފެންނަމުން ދަނީ ކުރީން ނުދެކޭ މަންޒަރެއް ވީމަ އެވެ. އެކަމުން ތަފާތު އުފާވެރިކަމެއް ސަރީކާއަށް ލިބެމުންދިޔަ އެވެ.

"މަންމަ ތި ހުރިހާ ކަމެއް ވެސް ކުރާނަމޭ. އިޒީކިއަލް ނުބުންޏަސް މަންމައަށް އެނގެޔޭ އިންނަން އުޅޭ ކުއްޖާ އަލަށް މިގެއަށް އަންނައިރު ލަދުންކަން ހުންނާނީ. ގުޅުން އުފައްދަން ޖެހޭނީ މަންމަމެންކަން." ދެންހެވޭ ބުނާ ފަދައަކުން އިޒީކިއަލްގެ ކޮނޑުގައި ފިރުމާލަމުން ސަރީކާ ވާހަކަދެއްކި އެވެ.

"ތޭންކްސް މަންމާ. ސީރިއަސްކޮށް... އައި ރިއަލީ މީން އިޓް." އިޒީކިއަލް މަޑުމަޑުން މިހެންބުނެ ސަރީކާއަށް ބަލާލި އެވެ. އެ ދެ ލޮލުން އޭނާއަށް މިޔާ މުހިންމުވަރު ސަރީކާ ދުށްޓެވެ. އޯގާތެރި ހިނިތުންވުމަކާއެކު ސަރީކާ ބޯޖަހާލަމުން ފިރުމާލީ އިޒީކިއަލްގެ މޫނުގަ އެވެ. ހާދަބޮޑު ބަދަލެއް އިޒީކިއަލްއަށް އަތުވެއްޖޭ ސަރީކާގެ ހިތް ބުނެލި އެވެ.

* * * * *

މާޔާ އައިސް އޮފީހަށް ވަނުމާއެކު އޭނާއާ ފުރަތަމަ ވެސް ބައްދަލުކުރީ ޝާހީނެވެ. ދުވަސްތަކަކަށްފަހު އެނބުރި މަސައްކަތަށް މާޔާ އައުމުން އޭނާ މަރުޙަބާ ކިޔެވެ. އޮފީހަށް ނުކުންނަކަން މާޔާ އޮތީ ޝާހީން ކައިރީ ބުނެފަ އެވެ. ހެނދުނުގެ ސަލާމް ބަދަލުކޮށްލަމުން މާޔާގެ ފަހަތުން އައިސް އޭނާއާއެކު ކެބިންއަށް ޝާހީން ވަނެވެ. އަތުގައި އޮތް ޓެބްލެޓަށް ބަލަމުން ދުވަހުގެ ތާވަލު ޝާހީން ކިޔައިދޭން ފެށި އެވެ. ޑިޕާޓްމެންޓްތަކުގެ ވެރީންގެ ބައްދަލުވުމެއް ނުވައެއް ޖަހާއިރު އޮތްއިރު އޭގެ ކުރީން މާޔާއާ ބައްދަލުކޮށްލަން ވެރިޔާ ބޭނުންވާކަން ޝާހީން ބުންޏެވެ. ކުރިޔަށް ހުރި ކަންކަން ޝާހީން ކިޔާދީ ނިމުމާއެކު މާޔާ ވަގުތުން ތެދުވީ ވެރިޔާގެ ކެބިންއަށް ދިއުމަށެވެ.

ހާމިދުގެ އެސިސްޓެންޓް އޭނާއަށް ގުޅާފައި މާޔާ އައިސް ހުރިކަން އަންގައިފި އެވެ. އެއާއެކު ކެބިންއަށް ވަންނަން މާޔާގެ ގާތުގައި ބުނެފި އެވެ. މާޔާ އައިސް ކެބިންގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ. މޭޒުދޮށުގައި އިން ހާމިދު ފެނުމުން ހެނދުނުގެ ސަލާމް ކޮށްލައިފި އެވެ.

"އިށީނދޭ." ހާމިދު ގޮނޑި ދައްކާލި އެވެ. އޭނާއަކީ ރާހިންގެ ދަށުން މާލޭގެ ކުންފުނި ބަލަހައްޓަން ބޯޑުން ކަނޑައަޅާފައި ހުރި އެންމެ އިސް ވެރިޔާ އެވެ.

"ކިހިނެއް މިހާރު؟. ފާއިތުވެ މިދިޔަ ދުވަސްކޮޅުތެރޭ މާޔާ ވަރަށް ގިނަ ކަންކަމާ ކުރިމަތިލައިފިކަން އެނގޭ. ހުރިހާކަމެއްގެ ހަޤީޤަތް ރާހިންގެ ފަރާތުން އޮތީ އެނގިފައި." ހާމިދު ވަރަށް ދިގުކޮށް ވާހަކަދެއްކި އެވެ. މާޔާ ކުރިމަތިލާން ޖެހުނު ކަންކަމާއެކު ވެސް އޭނާއާ ހަވާލު ކުރެވުނު ދެކުނުގެ ޕްރޮޖެކްޓް ނިމިގެންދިޔަލެއް ފުރިހަމަކަން ހާމިދު ފާހަގަކުރިޔެވެ. ޚާއްޞަކޮށް "ލުމިނަސް" ފަދަ ތަޖުރިބާކާރު މަޝްހޫރު ބޮޑު ކުންފުންޏަކުން އެލް.ސީ.އެލްއާއެކު ޕްރޮޖެކްޓްގައި ބައިވެރިވީ މާޔާގެ މަސައްކަތުން ކަމުގައި ހާމިދު ޤަބޫލުކުރެ އެވެ. އެކަމަށް ވެސް އޭނާ މާޔާއަށް ޝުކުރު އަދާކުރި އެވެ.

ހާމިދުގެ ކައިރިޔަށް އައިއިރު އޭނާ ދައްކާނީ ކޮންވާހަކައެއް ކަމެއް ނޭނގި މާޔާ އިނީ ހާސްކަމެއްގެ ތެރޭގަ އެވެ. އެ ހާސްކަން ފިލައިގެންދިޔައީ މާޔާގެ މަސައްކަތް ކުންފުނިން ބަލައިގެންފައިވާކަން ހާމިދުގެ ދުލުން އިވުނީމަ އެވެ. އެންމެބޮޑު ހައިރާންކަމެއް ލިބުނީ އިޒީކިއަލް އަމިއްލައަށް ހާމިދުއާ ބައްދަލުކޮށް ދެކުނުގެ ޕްރޮޖެކްޓްގައި ގޮސްހުއްޓައި ހިނގި "ސްކޭންޑަލް"ގައި މާޔާގެ ކުށެއްނެތްކަން ކިޔާދީފައި އޮތީމަ އެވެ. އެކަން ކުރީ ބައެއްގެ ރޭވުމެއްގެ ތެރެއިންކަމާއި އެކަމުގައި ބައިވެރިވި މީހުންގެ މައްސަލަ އިޒީކިއަލްގެ ކުންފުންޏާއި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ބަލަމުން ގެންދާކަމުގައި ވެސް ހާމިދު ކައިރީ އޮތީ ބުނެފަ އެވެ. އެއިން އެއްވެސް ވާހާކައެއް މާޔާ ކައިރީ އިޒީކިއަލް ނުބުނެ އެވެ. މިހުރިހާ ދުވަހު މާޔާ ޤަބޫލުކޮށްގެން ހުރީ އިޒީކިއަލް އަމިއްލަ ނަން ޚަރާބުވިޔަ ނުދިނުމަށް ޓަކައި އަޅާ ވެސް ނުލީ އެވެ.

އޮފީސް ގަޑި ނިމުމަކަށް އައިއިރު މާޔާގެ ދުވަސް ހޭދަވެގެން ދިޔައީ ހީނުކުރާހާ ރަނގަޅަށެވެ. އެނބުރި އޮފީހަށް ނުކުންނަން ނިންމި ނިންމުމާމެދު މާޔާ ހުރީ ހިތްހަމަޖެހިފަ އެވެ. އޭނާ އޮފީހުން ނުކުތްއިރު ފިރާޝް ހުރީ އޭނާގެ އިންތިޒާރުގައި އެވެ. އާދައިގެމަތިން ފިރާޝަށް ގުޅީ ޝާހީންކަން މާޔާއަށް އެނގެ އެވެ. ފިރާޝް ފެނުމުން ދެމެދުގައި ހިނިތުންވުމެއް ބަދަލުކޮށްލާފައި މާޔާ ކުރިޔަށް ހިނގަމުންދިޔައީ ކާރު އޮތް ހިސާބަށެވެ. މާޔާގެ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށި އެވެ. ފޯނުކޯލަށް ޖަވާބުދެމުން އޭނާގެ ކަންފަތުގައި ފޯނު ޖަހާލި އެވެ.

"ކޮންއިރަކުން ބަލާދާންވީ؟." މާޔާގެ ކަންފަތުގައި ޖެހުނީ އިޒީކިއަލްގެ އަޑެވެ.

"މި ނުކުތީ އޮފީހުން. ދެން ނުވާނެ ގިނައިރެއް. ރެޑީވެފަ ގުޅާނަން." މާޔާ މިހެންބުނެ ކާރުގެ ފަހަތު ސީޓަށް އަރައި އިށީނދެއްޖެ އެވެ. އޭނާ ފޯނުކޯލު ދިގުކުރާން ބޭނުންނުވީ އެވެ.

މާޔާގެ ހާސްކަން އިތުރުވީ ގެއަށް އާދެވުނީމަ އެވެ. އިޒީކިއަލްގެ ޢާއިލާއާ ބައްދަލުކުރާން ދާއިރު އެއީ ކޮންކަހަލަ ބައެއްކަމެއް މާޔާއަށް ނޭނގެ އެވެ. އިޒީކިއަލްއާ ކައިވެނި ކުރިއިރު އޭނާގެ ޢާއިލާއެއް އޮތްކަމެއް ވެސް މާޔާ ނުދެނަހުއްޓެވެ. އިޒީކިއަލްގެ ހުރިހާކަމެއް ބަލަހައްޓާތީ މާޔާ ދުށީ ހިލްމީ އެވެ. ދިރިއުޅެމުން އިޒީކިއަލް އައީ އެކަންޏެވެ. އޭނާގެ ޢާއިލާއެއް ރަޙުމަތްތެރިއެއް މާޔާ އޭރު ނުދެކެ އެވެ. އޭރު އެ ކުރެވުނު ކައިވެންޏަކީ ދުނިޔެއަށް އިޒީކިއަލް ދައްކަން ބޭނުންވީ ކައިވެންޏެއް ނޫންކަން މާޔާއަށް އެނގުނީ މާފަހުންނެވެ.

"ހެލޯ." ރީތިވާ މޭޒުމަތިން ފޯނު ނަގައި ފޯނުކޯލަށް މާޔާ ޖަވާބުދިނެވެ.

"ކޮބާ ގެއަށް އައީތަ؟." ފައިނާން އަހާލި އެވެ.

"ހޫމް... ރެޑީވަނީ." މާޔާ ބުންޏެވެ.

"ހާސްވެފަ ދޯ ތިހުރީ. އަހަރެން ދަންތަ؟. ތިކޮޅަށް ދާން އަހަރެންނަށް އުނދަގުލެއްނުވާނެ." ފައިނާނު ބުންޏެވެ.

"ހާސްވޭ... އެކަމަކު އޯކޭ. ފަންނަ ރީތިކޮށް ގޭގަ އިނދެބާ. އަހަރެން ކިޔާދޭނަމޭ ހުރިހާ ވާހަކައެއް." މާޔާ ބުންޏެވެ.

"އަހަރެން ޒާހިލްގެ ފެމެލީއާ މީޓުކުރާން އުޅުނު ދުވަސް ހަނދާންވޭތަ؟. އެދުވަހު އަހަރެން ކައިރީ މިޔާ ހުރީމަ ހާދަ ފަސޭހަވިއޭ. އަހަރެން ރެޑީ ވެސް ކޮށްދިނީ މިޔާ. އަހަރެން ހުރީ ހާސްވެގެން ހަލާކުވެފައި... މިޔާގެ ވަގުތުގައި އަހަރެން ވެސް ހާދަ ބޭނުމޭ ކައިރީގައި ހުންނަން. އެކަމަކު މި މިޔާގަނޑު އުޅޭނީ އަބަދު ހުރިހާކަމެއް އެކަނި ކުރާން. ނިކަން އަހަރެން ބައިވެރިކޮށްބަލަ." ފައިނާނު ދެރަވާލާފައި ބުންޏެވެ.

"އެހެނެއްނޫނޭ ނާނު. އަހަރެން އެގެއަށް ގޮސްފައި އައިސް ގުޅާނަން. މިކޮޅަށް އަންނަން ރެޑީވެގެން ހުރޭ. އެގޮތް އޯކޭތަ؟." އެކުވެރިޔާގެ ހިތްހަމަޖެހުމަށް ޓަކައި މާޔާ ބުންޏެވެ.

"ޑަން... ގުޅާތި. ދެން ބުނަން. ރެޑީވެފައި އަހަރެންނަށް ސްނެޕްކުރާތި. މިޔާ ހުރިގޮތް ފުރަތަމަ ބަލަން ބޭނުމީ އަހަރެން." ފައިނާނު އަމުރެއްކޮށްލި އެވެ. މާޔާ ހީނލާފައި އެއްބަސްވި އެވެ.

* * * * *

ދުވާރާ ކައިރިކޮށްލާފައި އޮތް ކާރުގައި ލެނގިލައިގެން އިޒީކިއަލް ހުއްޓެވެ. ކަޅުފަޓުލޫނާއެކު ނޫކުލައިގެ އަތްދިގު ގަމީހުގައި އޭނާ ހީވަނީ އޮފީހުން ނުކުމެގެން އައިހެންނެވެ. ތަފާތަކީ ކަރުގައި ޓައިއެއް ނެތިފައި ދިގު އަތްކުރި މުލައްދަނޑި ފާޅުވާވަރަށް މައްޗަށް އޮޅާފައި އޮތުމެވެ. އޭނާގެ ހަށިގަނޑު ސީދާކޮށްލައި ދެފައި މައްޗަށް މީހާ ހުއްޓިލެވުނީ ކުރިމަތީ ހުރި އިމާރާތުގެ ތެރެއިން މާޔާ ނުކުމެގެން އަންނަތަން ފެނިފަ އެވެ. އިޒީކިއަލްގެ ހިތުގެ ވިންދު އަވަސްވެލި އެވެ. ދަތިކަމެއްނެތި ލަމުންދިޔަ ނޭވާއަށް މަޑުޖެހުމެއް އައެވެ. މާޔާ ފެންނަނީ ވަރަށް ވެސް އާދައިގެކޮށެވެ. މަޑު ޑެނިމް ފޮތީގެ އަތްކުރު، ކަށިމައްޗަށް އަރާވަރުގެ ހެދުމެއްގައި އޭނާގެ ރީތި ބައްޓަން ފާޅުވެ އެވެ. އަތްދަބަސް ހިފާލައިގެން މެދުމިނުގެ އުސް ފައިވާނުގައި މާޔާ ފަރިކޮށް ހިނގާލާފައި އައެވެ. އޭނާގެ މޫނުމަތީން ފެންނަނީ ތާޒާކަމެވެ. މޭކަޕްކޮށްފައި ހުރިއިރު ވެސް އެ މޫނުން އެކަން ފާޅެއްނުވެ އެވެ. ތުންފަތުގެ އަސްލުކުލަ ނުގެއްލޭނެ ފަދަ ގްލޮސްއެއް ބޭނުންކޮށްފައި ހުރިއިރު އިޒީކިއަލްގެ ނަޒަރު އެ ތުންފަތަށް ހުއްޓޭން ގިނައިރެއް ނުނެގި އެވެ. މާޔާ ގާތްވާންވާއިރަށް އިޒީކިއަލް އިސްއޮބާލައި ފުންނޭވާއެއް ދޫކޮށްލީ ނަފްސަށް ވެރިވެގެންދިޔަ އިޙްސާސްތަކުން މިނިވަންވެލުމަށެވެ. އެހެންނޫނީ އޭނާގެ ކެތްތެރިކަން ގެއްލިދާނޭ ހީވަނީ އެވެ. މާޔާ ގަޔާނުވާނޭ މިންވަރަށް އޭނާއާ ގާތްވެވިދާނޭތީ އިޒީކިއަލް ޖެހިލުންވަނީ އެވެ.

އަނގައިން ބުނުމެއްނެތި ކާރުގެ ކުރީ ސީޓުގެ ދޮރުފަތް އިޒީކިއަލް ހުޅުވާލި އެވެ. މާޔާއަށް އަރަންކަން އިޝާރާތް އެކުރަނީ އެނގޭތީ އޭނާ ވެސް ބަހެއް ނުކިޔާ ކާރަށް އެރީ އެވެ. ދޮރުފަތް ލައްޕާލާފައި އިޒީކިއަލް ގޮސް ކާރުގެ އަނެއްފަރާތުން ޑްރައިވަރު ސީޓުގައި ހަމަޖެހިލައިފި އެވެ. އެހެންނަމަވެސް އޭނާއަށް ކާރު ދުއްވައެއް ނުލެވުނެވެ. ހުންގާނު ބުރުގައި ދެ އަތުން ހިފަހައްޓާލި ގޮތަށް އޭނާއަށް އިނދެވުނީ އެވެ.

"ކިހިނެއްވީ؟." އިޒީކިއަލް ހަރަކާތެއްނުކޮށް އިނުމުން މާޔާއަށް އަހާލެވުނެވެ.

"އައި ކާންޓް ވެއިޓް." މާޔާއަށް ބަލާލުމެއްނެތި އިޒީކިއަލް ބުނެލި އެވެ. އެ ބުނި އެއްޗެއް ދޭހަނުވެފައި އިންހެން މާޔާއަށް ބަލަން އިނދެވުނީ އެވެ. އެއާއެކު އިޒީކިއަލްގެ މޫނު އެނބުރި މާޔާއާ ނަޒަރު ސީދާކޮށްލައިފި އެވެ.

"އަހަރެންގެ މީހަކަށް މިޔާ ހަދަން." އިޒީކިއަލް ބުންޏެވެ. އެއާއެކު މާޔާއަށް ފަހުމްވެއްޖެ އެވެ. އޭނާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވި އެވެ. އެ ހިނިތުންވުން ފޮރުވާލަން އިސްޖަހާލި ހިނދު މާޔާގެ ކޯތާފަތުގައި ހިފާލައި އެ މޫނު އިޒީކިއަލްއާ ދިމާއަށް އުފުލާލައިފި އެވެ.

"ބިއުޓިފުލް." އިޒީކިއަލްގެ ބުނެލީ ނުހަނު މަޑުންނެވެ. އޭނާގެ ބޮޑުވައި އިނގިލީގެ ބީހުން މާޔާގެ ކޯތާފަތަށް އިޙްސާސް ކުރެވެމުން ދިޔަ އެވެ. މާޔާގެ ހިތް އަވަސްވެގެން އައީ އިޚްތިޔާރަކާއި ނުލަ އެވެ. ދެ ކޯތާފަތަށް ހޫނުކަމެއްގެ އިޙްސާސް ކުރެވި މަޑު ރަތްކަމެއް އެ މޫނަށް ވެރިވެލި އެވެ. އިޒީކިއަލްގެ ތުންފަތް ދެމިލި އެވެ.

"ލަހެއްނުވޭތަ." އިޒީކިއަލްގެ އަތް އަވަސްއަވަހަށް މޫނާ ދުރުކޮށްލަމުން މާޔާ ބުންޏެވެ. އިޒީކިއަލްގެ ހިނިތުންވުން ފުޅާވެލި އެވެ. މާޔާގެ ފުށުން ލަދުވެތިކަން ފާޅުވާތީ އެވެ. އޭނާ އިތުރަށް އެއްޗެއް ނުބުނެ ކާރު ދުއްވާލައިފި އެވެ.

ބޭރުން ކިތަންމެ އާދައިގެ ގޮތަކަށް ފެނުނަސް ގޭތެރެއަށް ވަނުމުން ގޭގެ ޙައިބަތު މާޔާއަށް ފެނިގެންދިޔަ އެވެ. މާޔާގެ ވައަތްތިލައިގައި ހިފާލަމުން އިޒީކިއަލް ކުރިޔަށް ދަމާލި އެވެ. އޭނާއާއެކު އަންނާށޭ ބުނެލި އެވެ. ހާމަފެންޑާގައި އެންމެން އެބަތިބިކަމުގައި އިޒީކިއަލް ބުންޏެވެ. އޭނާގެ ދިގު ފިޔަވަޅުތަކާއި އެއްހަމަ ކުރުމަށް މާޔާ ކުޑަކޮށް ދުވެލާފައި އައެވެ.

(ނުނިމޭ)