ދުނިޔެ

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ޕޫޓިންއާ މަޝްވަރާކުރެއްވުމަށް ޒެލެންސްކީ ވިސްނަވަނީ

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ އެކު ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ޔުކްރޭންގެ ރައީސް ޒެލެންސްކީ ވިސްނަވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޒެލެންސްކީ ވިސްނަވަނީ އަންނަ އަހަރު މެދުޖެހުމުގެ ކުރިން ހަނގުރާމަ ހުއްޓާލުމަށެވެ. ރަޝިއާ އާއެކު ތާއަބަދަށް ހަނގުރާމަކުރުމަކީ ވާނެ ކަމެއް ނޫންކަން ޒެލެންސްކީއަށް މިހާރު ގަބޫލުކުރެއްވޭ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ޒެލެންސްކީގެ ވިސްނުން މިގޮތުގައި ބަދަލުކުރެއްވި ސަބަބެއް ކަމަށް ވަނީ އެމެރިކާގެ ވެރިކަމަށް ތައްޔާރަށް ހުންނެވި ޓްރަމްޕްގެ ފަރާތުން ކުރިމަތިވެވަޑައިގެންފާނެ ޕްރެޝަރެވެ.

އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުން ޑޮނަލްޑް ޓްރަމްޕް -- ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިންވެސް ޔުކްރޭން ހަނގުރާމަ ހުއްޓުވުވުމަށް ވަނީ ސަފީރުން ކަނޑައަޅުއްވައި މަޝްވަރާތައް ފައްޓަވާފަ އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވުމާއި ޣައްޒާގެ ގަތުލުއާންމު ހުއްޓުވުމަކީ ޓްރަމްޕް ރިޔާސީ ވައުދެކެވެ.

މި އަހަރު ނޮވެމްބަރު ފަހެއްގައި އެމެރިކާގައި އޮތް ރިޔާސީ ކެމްޕެއިން ދަތުރުތަކުގައި ވެސް ޓްރަމްޕް ވަނީ، ރައީސްކަން ލިބިވަޑައިގެންފި ނަމަ އެންމެ ފުރަތަމަ ކުރައްވާ ލިސްޓުގައި ޔުކްރޭން ހަނގުރާމަ ހުއްޓުވުން ހިމަނުއްވާފަ އެވެ.

އެމެރިކާގެ އިންތިޚާބީ ރައީސްގެ މަގާމަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ވަނީ ޒެލެންސްކީއާ ބައްދަލުކުރައްވާފަ އެވެ. އަދި ޔުކްރޭން ހަނގުރާމަ އަކީ ބުއްދިފިލާފައި ތިބި ބަޔަކު ކުރުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވުމުގެ ގޮތުން ދެން އެންމެ ބޮޑު އިސް ކަމެއް ދެއްވަނީ ރަޝިއާގެ ރައީސް ޕޫޓިންއާ ބައްދަލުކުރެއްވުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެއީ ވަރަށް އަވަހަށް ކުރައްވާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.