މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ.

ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ދަނީ މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ޕަންޕު ބަހައްޓާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކް، އައިޖީއެމްއެޗްގެ އިތުރުން ވިލިގިލީ ފެރީ ޓާމިނަލް އަދި ދިރާގު ސަރަހައްދު ހިމެނެ އެވެ.

ފެން ބޮޑުވުމުގެ ސަބަބުން އެއްގަމު ދަތުރުފަތުރު ކުރުމަށާއި ހިނގާ ބިނގާވެ އުޅުމަށް ދަތިވާ ވަރަށް ވަނީ ފެން ބޮޑުވެފަ އެވެ. ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަންނާތީ ވަނީ ވެލި ބަސްތާވެސް ޖައްސާފަ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް މިއަދު ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް ގަދަވާނެ އެވެ. އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

އުތުރުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު މެދުރާއްޖެތެރެ އާއި ދެކުނުގައި ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި އަށް ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.