އަމީނީ މަގު

ވިއްސާރައިގެ ސަބަބުން އަމީނީ މަގުގެ މަސައްކަތް ހުއްޓިއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަމީނީ މަގުގެ މަސައްކަތް ހުއްޓިއްޖެ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނީ އަމީނީ މަގުގައި ހަދަމުންދާ ސަރަހައްދުގައި ވާރޭގެ ސަބަބުން ފެންބޮޑުވެ މަސައްކަތް ކުރެވެން ނެތް ކަމަށެވެ.

މި ސަރަހައްދަކީ ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް ރައްކާތެރި ނޫން ސަރަހައްދެއް ކަމުން އެ ސަރަހައްދަށް ނުވަނުމަށްވެސް އާރްޑީސީ އިން އިލްތިމާސް ކޮށްފައިެ އެވެ.

މާލެ ސަރަހައްދަށްވެސް ރެއާއި މިއަދު ބޯކޮށް ވާރޭ ވެހެމުންދާއިރު ހުޅުލެއަށް އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް 51.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި މިއަދު ހެނދުނު 8:00 ގެ ފަހުން ތިން ގަޑިއިރުގެ ތެރޭގައި ހުޅުލެއަށް 79.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެ އެވެ.

ވާރޭގެ ސަބަބުން ގެއްލުންވީ މީހުންނަށް އެމްއެންޑީއެފް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އަތޮޅުތަކަށްވެސް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތައްވެ އެހީތެރިކަން ފޮރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.